Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ވިއްކާ ކާރެއްގެ ވާހަކަ

ހުވަފަތްވެފައިވާ އަންހެނެއްގެ ގޭ ކުރިމަތީގައި ވިއްކާ ބޯޑެއް ޖަހައިފައި ކާރެއް ބާއްވާފައި އޮތެވެ. ކާރަކީ އަގު ބޮޑު، މާސިޑީޒް ބެންޒް ކާރެކެވެ. ނަމަވެސް ކާރުގައި ހަރުކޮށްފައި ހުރި ވިއްކާ ބޯޑުގައި ކާރު ވިއްކަނީ އެއްމެ ޑޮލަރަކަށް ކަމުގައި ލިޔެފައި އޮތެވެ.

އެއްމެ ޑޮލަރަކަށް ކާރު ވިއްކަން އޮތްތަން ފެނުމުން، އެއްބަޔަކަށް ހީވީ އެކާރު ހަލާކުވެފައި އޮތުމުން ކުޑަ އަގަކަށް، ކާރުގެ ވެރިމީހާ ކާރު ދޫކޮށްލަނީ ކަމަށެވެ. އަނެއް ބަޔަކު ހީކުރީ އެއީ ކާރުގެ ވެރި މީހާ ސަމާސާކޮށްލުމުގެ ގޮތުން ޖަހާލާފައި އޮތް އަގެއް ކަމަށެވެ. އެހެނީ އެހާ އަގު ބޮޑު ކާރެއް އެއްމެ ޑޮލަރަކަށް ވިއްކާލަފާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ.

ކޮންމެ އަކަސް، އެ ގޭ ދޮށުން ދިޔަ މީހަކު، ނިންމީ ކާރުގެ ޚަބަރު ބަލާލައިފައި އެއް ޑޮލަރަށް ކާރު ގަންނަން ލިބޭ ކަމަށް ވެއްޖިއްޔާ ކާރު ގަތުމަށެވެ. ދެން، އެ ގޭގެ ރަނގަބީލު ޖަހާލިއެވެ. ދެން، މެދު އުމުރުގެ އަންނަކު ނިކުތުމުން އޭނައަށް ސަލާން ގޮވާލާފައި، ކާރު ގަންނަން ބޭނުންވާ ވާހަކަ ބުންޏެވެ. އަދި، ކާރުގެ ހަގީގީ އަގަކީ ކޮބާތޯ ވެސް އޭނާ އެ އަންހެން މީހާ ކުރެން ސުއާލުކުރިއެވެ.

ދެން، އަންހެން މީހާ ބުންޏެވެ. "ކާރުގެ އަގު ކާރުގައި ހުރި ބޯޑުގައި އެއޮތީއެވެ. އޭގައި އޮތް ފަދައިން ކާރު ވިއްކަނީ އެއްމެ ޑޮލަރަކަށެވެ. ދެން، ކާރު ބަލާލުމަށް ފަހު، ކާރު ގަންނަން އުޅޭ މީހާއަށް ކާރަކީ އެއްވެސް އައިބެއް ނެތް، ހަމަ ރަނގަޅު ކާރެއްކަން އެނގުނެވެ. އަދި، އެއް ޑޮލަރު ދީފައި ކާރު ގަތެވެ.

ކާރު ގަތުމުގެ ހުރިހާ ރަސްމީ ލިޔުންތަކެއްގެ ކަންތައްތައް ނިންމާލުމަށް ފަހު، ކާރު ގަތް މީހާ އަންހެން މީހާއާ ސުއާލުކޮށްލިއެވެ. "މިކާރަކީ ހަމަ ރަނގަޅު ކާރެއް ނޫން ހެއްޔެވެ؟ އެހެން ކަމަށްވާއިރު، އެއް ޑޮލަރަށް ކާރު ވިއްކާލަނީ ކީއްވެ ހެއްޔެވެ؟"

އެ ސުއާލުގެ ޖަވާބުގައި އަންހެން މީހާ ބުންޏެވެ. "އެ ކާރަކީ މަރުވެފައިވާ އަހަރެންގެ ފިރިމީހާގެ އަގު ބޮޑު ކާރެކެވެ. އޭނާ ވަސިއްޔަތް ކޮށްފައި އޮތީ، އޭނާގެ މި ކާރު ވިއްކާލާފައި އޭނާ ހިތާވެގެން އުޅުނު އޭނާގެ އަންހެން ސެކެޓަރީއަށް ކާރުގެ އަގު ދިނުމަށެވެ! އެހެންވެ، އަހަރެން ނިންމީ އެއް ޑޮލަރަށް ކާރު ވިއްކާލާފައި، އެ ފައިސާ އެ އަންހެން ސެކެޓެރީއާ ހަވާލުކުރުމަށެވެ!"