...

Support Us

ކޮލަމް ކޯދު: މި އީދުގައި އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ.

ތިރީގައި އެވަނީ އީދާ ގުޅޭ ލަވައަކާއި އެ ލަވައިގެ ތަރުޖަމާއެކެވެ. އީދަކީ އުފާވެރި މުނާސިބަތެކެވެ. ނަމަވެސް މިފަހަރު ހުށަހަޅާ މިލެވެނީ ހިތާމަވެރި ލަވައެކެވެ. އީދާ ގުޅޭ ހިތާމަވެރި ލަވައެކެވެ. އީދުގެ އުފާ ފާޅުކުރަމުންދާއިރު އެކި ސަބަބުތަކަކާ ހުރެ، އީދުގެ އުފަލުގައި ބައިވެރިނުވެވޭ މީހުން ވެސް ތިބެއެވެ. ގާތް މީހަކު މަރުވެ، ނެތި ދިޔުމުމުގެ ސަބަބުންނެވެ. ނުވަތަ ގާތް މީހަކު ކައިރީގައި ނެތުމުގެ ސަބަބުންނެވެ. އަދި މިނޫންވެސް އެހެން ސަބަބުތަކަށްޓަކައި ވެސް މެއެވެ.

މި ލަވައިގެ ކިޔައިދެނީ، ތިމާ އެންމެ އެދޭ މީހާ ތިމާ ގާތުގައި ނެތުމުން އީދުގެ އުފަލުގައި ބައިވެރިނުވެވުނު މީހެއްގެ ވާހަކައެވެ. އާދެ، އީދުގެ އުފާ ފާޅުކުރެވެމުންދާ އިރު، އޭނާ ގާތުގައި އޭނާގެ ލޯބިވެރިޔާ ނެތުމުން، އުފާވެރިކަމުގެ ހަނދު އީދުގައި ނޭރި މީހެއްގެ ވާހަކައެވެ.

މި ލަވައަކީ 1958ގައި ނިކުތް ސޯހނީ މަހިވާލްގެ ލަވައެކެވެ. ލަވަ ކިއާފައި ވަނީ ރަފީއުއާއި ލަތާއެވެ. އީދު ކޭ ދިން ތެރޭ ބިން ހައި ޕީހކާ، (ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ،) މި ލަވައެވެ. މި ލަވައިގެ މާނަ ދެނެގަތުން ފަސޭހަވެދިޔުމަށްޓަކައި ފިލްމުގެ ވާހަކައިގެ މައްޗަށް އަލިއަޅުވާލަން ޖެހެއެވެ.

ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ސޯހނީ އާއި މަހިވާލުގެ ލޯބީގެ އަފުސާނާގެ މައްޗަށެވެ. މިވާހަކައަކީ ޝީރީން ފަރުހާދު، ހީރު ރާންޖްހ، ރޯމިޔޯ ޖޫލިއެޓް ފަދަ ލޯބީގެ މައުސާވީ (ޓްރެޖަޑީގެ) ވާހަކައެކެވެ. ދެ މީހަކަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، އެ ލޯބި ހާސިލުވެ، ކައިވެންޏާ ހަމައަށް ނުދެވެނީސް ދެމީހުން ނިމިދިޔަ ވާހަކައެކެވެ.

މި ވާހަކައި ބަތަލާއަކީ ސޯހނީއެވެ. ސޯހނީއަކީ، މި ނަމުގެ މާނަ– ރީތި އަންހެނާ– ދޭހަކޮށްދޭ ފަދައިން، ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ބައްޕައަކީ މުށިވާރެކެވެ. މުށިން، ގެ ކަންވާރު، އެބަހީ، ގޭގައި ބޭނުންކުރާ، މުށީގެ ޖާޑި، ރުނބާ، ދޯރު ފަދަ ތަކެތި، ހަދާ މީހެކެވެ. ސޯހނީ، އޭނާގެ ބައްޕަގެ މަސައްކަތުގައި، އެހީވެދީ ހަދައެވެ. ސޯހނީގެ މަސައްކަތަކީ ބައްޕަ ހަދާ ކަންވާރުތަކުގައި ކުރެހުން އަޅައި ޖަރީކުރުމުވެ.

އެއް ދުވަހަކު މެދު އޭޝިޔާގެ ދަތުރުވެރިންގެ ބަޔަކު ސޯހނީމެންގެ އަވަށަށް އައެވެ. އަދި އޭގެ ތެރެއިން ވިޔަފާރި ވެރިޔަކު ސޯހނީގެ ބައްޕަގެ ގެއަށް ޒިޔާރަތްކުރިއެވެ. މުށީގެ ކަންވާރެއް ގަތުމުގެ ބޭނުމުގައެވެ. ދެން، ރުނބައެއް ޖަރީކުރަން އިން ސޯހނީއާ ދިމާއަށް، އޭނާގެ ކަޅި ހުއްޓުނެވެ. އަދި، އެ ރުނބާ އޭނާ ގަތެވެ. އެއަށް ފަހު، ކޮންމެ ދުވަހަކު ވެސް، ކޮންމެވެސް ބަހަނާއެއް ދައްކާފައި، ސޯހނީމެންގެ ގެއަށް މި ވިޔަފާރިވެރިޔާ ޒިޔާރަތްކުރެއެވެ. ސޯހނީ ދެކިލާހިތުންނެވެ. މިކަން ސޯނީއަށް ވެސް ފާހަގަވިއެވެ. އަދި ސޯހނީވެސް އޭނާއާ ގަޔާވެވި، އޭނާ އައުމުގެ ވަގުތަށް އިންތިޒާރުކުރެވެން ފެށުނެވެ. ދެން، ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. އެންމެ ފަހުން، ވިޔަފާރިވެރިޔާގެ ވިޔަފާރި ޖަމާއަތް ފުރާ ވަގުތު އައިސް ޖެހުމުން، އެބައި މީހުން ފޮނުވާލައިފައި ސޯހނީގެ އަވަށުގައި މަޑުކުރަން، ވިޔަފާރިވެރިޔާ ނިންމިއެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، މީނާގެ އަތްމަތި ނުތަނަވަސް ވުމުން ސޯނީގެ ބައްޕަ މީނާއަށް 'މަހިވާލުކަން’– ބެހެންސު (ބަފަލޯ) ގެންގުޅޭ މީހެއްގެ ވަޒީފާ- ދިނެވެ.

ސޯހނީގެ ބައްޕައަށް މަހިވާލު އާއި ސޯހނީގެ ލޯބީގެ ގުޅުން އެނގުމުން އެ ދެމީހުން ދުރުކުރުވަން ނިންމިއެވެ. އެގޮތުން ސޯހނީ އެހެން މީހަކާ ދެވިއެވެ. މި ކަމުގެ ހިތާމައިގައި މަހިވާލު ނިންމީ ސޯހނީ އުޅޭ ސޯހނީ ފިރިމީހާގެ ގޭގެ ކައިރީގައި އޮންނަ ކޯރެއްގެ އަނެއް ފަރާތުގައި، ޖިފުޓިގަނޑެއް އަޅައިގެން، އެތަނުގައި އުޅުމަށެވެ. އަދި ސިއްރު ގޮތެއްގައި، ސޯހނީ، އޭނާގެ ލޯބިވެރިޔާ މަހިވާލާއި، ބައްދަލުކުރަމުން ދިޔައެވެ. މުށީގެ ރުނބައެއް ބޮޔަކަށް ހަދައިގެން، އޭގެ އެހީގައި ކޯރު ހުރަސްކޮށް އޭނާ ކައިރިއަށް ގޮހެވެ. މަހިވާލުގެ އަތްމަތި ދަތިވެ، ސޯހނީ އައުމުން، މެހެމާނުދާރީ އަދާކުރުމުގެ ގޮތުން ސޯހނީއަށް އެއްޗެއް ދިއްކޮށްނުލެވޭނޭ ހިސާބަށް، މަހިވާލުގެ ފަގީރުކަން ދިޔައެވެ. ދެން، އޭނާގެ ފައިން މަސްކަފައި ފިހެފައި، މަހިވާލު ސޯހނީއަށް ކާންދިނެވެ. ރޭނގަޑުގެ އަނދިރީގައި ފަނޑު ބައްތިއެއްގެ އަލީގައެވެ. އެހެންވެ، އެކަމެއް ސޯހނީއަކަށް ނޭނގެއެވެ.

އެންމެފަހުން، ސޯހނީ، އޭނާގެ ލޯބިވެރިޔާއާ ސިއްރު ގޮތެއްގައި ބައްދަލުކުރާކަން، ސޯހނީގެ ފަހަރިއަށް އެނގުނެވެ. އަދި ސޯހނީ ބޮޔެއްގެ ގޮތުގައި ބޭނުންކުރާ ރުނބާ ފޮރުވާފައި އޮއްވާ ފެނިގެން، އޭގެ ބަދަލުގައި، ރަނގަޅަށް ނުފިހެވި އޮތް ރުނބައެއް ބޭއްވިއެވެ. ދެން، ސޯހިނީއަށް އޭގެ ހަގީގަތް ނޭނގި، ފަހަރި ބޭއްވި ރުނބާ ހިފައިގެން ކޯރު ހުރަސްކުރަން އުޅުނެވެ. އަދި ކޯރުގެ މެދުތެރެއިން ރުނބާ ހަލާކުވެ ސޯހނީ ގެނބެން ދިމާވިއެވެ. އެވަގުތު އެހީއަށް އެދި، ކޯރުގެ އަނެއް ފަރާތުގައި ހުރި މަހިވާލަށް ގޮވިއެވެ. މަހިވާލު ކޮރު ޖަހަމުން ސޯހނީ ސަލާމަތް ކުރުމަށްޓަކައި ކޯރަށް އެރި ފަތައިގަތެވެ. ނަމަވެސް ސޯހނީއާ ހަމައަށް ދެވުނުއިރު، އޭނާގެ ފައިގެ ޒަޚަމުގެ ސަބަބުން، އޭނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެ، ގައިގެ ވަރު ދެރަވެފައެވެ. އެންމެ ފަހުން ސޯހނީއާއި މަހިވާލު، އެކަކު އަނެކަކުގެ އުރުގައި ތިބެ ދެމީހުން އެކުގައި، ކޯރުތެރަށް ގެނބި، މަރުވެ ދިޔައީއެވެ.

އާދެ، ކުރިން ވެސް ބުނެވިދިޔަ ފަދައިން ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މިވާހަކައިގެ މައްޗަށެވެ. ފިލްމުގައި ވާހަކައަށް ބަދަލުގެނެވިފައި ވަނީ ކިހާ ވަރަކަށްކަން އޮޅުން ފިލުވޭނޭ ގޮތެއް އަޅުގަނޑަކަށް ނުވިއެވެ. އެހެންވީމާ އެއާ ދޭތެރޭ އެއްޗެއް ބުނެވޭކަށް ނެތެވެ. އެނގޭ ހާ ވެސް އެއްޗަކީ، މި ލަވަ، އާދެ، އީދު ކޭ ދިން ތެރޭ ބިން ހައި ޕީހކާ ކިޔެނީ ސޯހނީއާއި މަހިވާލުގެ ގުޅުމަށް ހުރަސް އެޅިފައިވަނިކޮށް ކަމެވެ. އަދި، މިދުވަސްވަރު، އީދު އަންނަކަމާއި މަހިވާލަކީ މުސްލިމެއް ކަމުން، އީދު ފާހަގަ ކުރެވެމުން ދާއިރު، އީދުގެ އެއްވެސް އުފަލެއް މަހީވާލަށް ނުލިބޭ ކަމެވެ. އެއީ އޭނާގެ ލޯބިވެރިޔާއާ އޭނާ ވަކިވާން ޖެހިފައި ވުމުންނެވެ. އީދު ދުވަހު، ގާތް ތިމާގެ މީހުންނާ އަދި ރައްޓެހިންނާއި ބައްދަލުކޮށް ސަލާންކޮށް ހަދަމުންދާއިރު އެ ދެމީހުންނަށް އޮތީ ގޭގެ އެކި ތަންތަނުގައި ތިބެ އެކަކު އަނެކަކު މަތިން ހަނދާންކޮށް ރުއިމެވެ. އެހެން ވުމުން، އެކަކު އަނެކަކާއި ބައްދަލުވެ، އެކަކު އަނެކަކު ދުށުމުން މަހުރޫމުވެފައި ވުމުން، އެ މީހުންގެ އުފާވެރިކަމުގެ އިރެއް އީދު ދުވަހަކު ނާރައެވެ. އެ ދެ މީހުންގެ ހިތުގެ ހިތާމަތައް ފިލައި، އީދުގެ އުފާލިބެން އަންނަނީ އެކަކު އަނެކަކާއި ބައްދަލުވެވި ގެންނެވެ. އެހެންވެ، ލަވައިގައި މަހިވާލު ސޯހނީއަށް ގޮވާލައި ބުނަނީ އޭނާ ކައިރިއަށް އަވަހަށް އައުމަށެވެ. އީދުގެ އުފާ ލިބިގަތުމަށްޓަކައެވެ.

އާދެ، މި ލަވައިން ފޯރުކޮށްދެވޭ މެސެޖާއި މެދު ސުއާލުކޮށްލަން ޖެހެއެވެ. އީދުގެ އުފާ ފާޅުކުރަމުން ދާއިރު، ހިތާމަކުރާ ބަޔަކުވެސް އުޅެފާނެކަމެވެ. ކުރިންވެސް ލިޔެވުނު ފަދައިން، އެކިއެކި ސަބަބުތަކަކާ ހުރެއެވެ. އެމީހުންގެ މާލީ ހާލަތުގެ ސަބަބުންނެވެ. އީދުގެ ކެއުމެއް ކައްކާލާނެ މިންވަރުވެސް ނެތުމުންނެވެ. އަދި، އެމީހުންގެ ކުދިންނަށް، އީދުގެ ހެދުމެއްވެސް ހޯދައިދެވޭނޭ ގޮތެއް ނެތިފައިވާ މީހުންނެވެ. މީގެ އިތުރުން، ރޯދަމަހު ވެސް، އެމީހުންގެ ގާތް މީހަކާއި އަބަދުގެ އަބަދަށް ވަކިވާންޖެހި، ހިތާމަކުރަން ޖެހިފައިވާ މީހުންނެވެ. މިލަވައިން ލިބޭ އެއް މެސެޖަކީ އީދުގެ އުފާ ފާޅުކުރަމުން ދާއިރު މިފަދަ ހިތާމަވެރި ހާލަތްތަކުގައި އުޅެންޖެހިފައިވާ މީހުން މަތިން، އީދު ދުވަހު ހަނދާންކުރުމެވެ. އަދި އެމީހުންގެ ހިތާމައިގައި ބައިވެރިވެ އެމީހަކަށް ވެވުނު ވަރަކުން، ވެވުނު ގޮތަކުން، މިފަދަ މީސްމީހުންގެ ހިތާމަތަކަށް ތަސައްލީއެއްދީ އެ މީހުންގެ ހިތާމަތައް ލުއިކޮށްލަދެވޭތޯ މަސައްކަތްކުރުމެވެ. ރިވެތި ގޮތުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަ ދީގެންނެވެ. ހިއްވަރުދެނިވި ހެޔޮބަހެއް ބުނެލައިގެންނެވެ. އެމީހުންގެ ހިތުގެ ބަރުކަން މި އީދުގައި ލުއިވެދިޔުމަށްޓަކައެވެ.

އާދެ، ދެން މި ލަވަ، އޭގެ ދިވެހި ތަރުޖަމާއަކާއި އެކު ހުށަހަޅާލަމެވެ.

(ފ)

އީދު ކޭ ދިން ސަބް މިލޭނގޭ

އަޕުނެ އަޕުނެ ޔާރު ސޭ

އީދު ދުވަހު އެންމެނާވެސް ބައްދަލުވާނެއެވެ.

ގާތް އަމިއްލަ ރައްޓެހި މީސްމީހުންނާއެވެ.

(އ)

ހަމް ގަލޭ މިލް މިލް ކެ ރޯޔޭނގޭ ދަރޯދީވާރު ސޭ

(ގާތް މީހުންނާއި ބައްދަލުކޮށް) އަހަރުމެން ކަރާކަރު ޖައްސައި ސަލާންކޮށްކޮށްފައި އުޅޭއިރު (ކަލާ މަތިން ހަނދާންކޮށް) ގޭގެ އެކިތަންތަނުގައި އިނދެ ރޯނަމެވެ.

(ފ)

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ އާޖާ އާޖާ ކެ ދިން ހައި ޚުޝީކާ

ހަމް އަކޭލޭ އައުރު ޔެ މޭލޭ އީދު ހައި އައުރު ތެރީ ޔާދު ހައި

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ. އަވަހަށް އަންނާށެވެ! އުފާކުރުމުގެ މިދުވަހުއެވެ.

(އެހެނީ އީދުގެ އުފާ ފާޅުކުރުމުގެ) މި އެއްވުމުގައި އަހަރެން މިވަނީ ހަމަ އެކަންޏެވެ.

އީދު އަތުވެއްޖެއެވެ. (ނަމަވެސް) އަހަރެން މިވަނީ (ހަމަ އެކަނިމާއެކަނި،) ކަލާގެ ހަނދާންތަކާއި އެކުގައެވެ.

(އ)

ޗާނދު ނިކުލާ ނަ މޭރީ ޚުޝީކާ އީދު ކައިސީ ޖޯ ޣަމް ހޯ ކިސީކާ

މައި ޤަފަސު މޭ ޣަމް ކެ ބަސް މޭ ޒިންދަގީ މޭރީ ބަރުބާދު ހައި

(މި އީދުގައި) އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން މިވަނީ ކޮށްޓެއްގެ ތެރޭގައި (ބަންދުވެފަ)އެވެ. ހިތާމައިގެ (ކޮށްޓެއްގެ ތެރޭގަ)އެވެ. (ކަލާ ނެތުމުން) އަހަރެންގެ ހަޔާތް މިވަނީ މުޅިން ބަރުބާދުވެފައެވެ.

(ފ)

އީދު މިލްޖާ ކެ ދިލް ކާ މިޓޭ ޣަމް ޖާނެ އަގުލޭ ބަރަސް ހޯ ނަހޯ ހަމް

ކުޗްހ ބަހރޯސާ ނެހީ ޒިންދަގީ ކާ އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ …

(ކަލާ އައިސް) އަހަންނަށް އީދު(ގެ އުފާ) ލިބި އަހަރެންގެ ހިތުގެ ހިތާމަތައް ފިލައިދިޔަދޭށެވެ. އެހެނީ، އަންނަ އަހަރު (އީދު އަންނައިރު) އަހަންނަށް (ދިރި)ހުރެވޭނޭ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. ހަޔާތުގައި އެމީހެއްގެ މައްޗަށް ބަރޯސާކުރާނޭ އެކަކުވެސް މިހާރަކު އަހަރެންގެ ނެތެވެ.

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ …

(އ)

އީދު ހައި އައުރު މަޖުބޫރިޔާނ ހައި ކިޔާ ކަރޫން ޔާރު ސޭ ދޫރިޔާނ ހައި

އާޖު ދިން ހައި ބަޅީ ބޭކަސީ ކާ އީދު ކައިސީ ޖޯ ޣަމް ހޯ ކިސީކާ

ޗާނދު ނިކުލާ ނަ މޭރީ ޚުޝީކާ މައި ޤަފަސު މޭ ޣަމް ކެ ބަސް މޭ ޒިންދަގީ މޭރީ ބަރުބާދު ހައި

އީދު އައީ ހަދާނެގޮތް ހުސްވެ (އަހަރެން ނިކަމެތި)ވެފައި ވަނިކޮށެވެ. ދެން އަހަންނަށް ކުރެވެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން މިވަނީ (އަހަރެންގެ ލޯބިވެރި) ރަހުމަތްތެރިޔާއާ މާ ދުރުގައެވެ

މިއަދު އަހަރެން މިވަނީ އެހީތެރި ކަމެއް ފޯރުކޮށްލަދޭނޭ މީހަކުނެތި ވަރަށްވެސް ނިކަމެތިވެފައެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

(މި އީދުގައި) އަހަންނަކަށް އުފާވެރިކަމުގެ ހަނދެއް ނާރައެވެ. މިފަދަ ހިތާމަވެރި ހާލަތެއްގައިވާ މީހަކަށް އީދު އަންނާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން މިވަނީ ކޮށްޓެއްގެ ތެރޭގައި (ބަންދުވެފަ)އެވެ. ހިތާމައިގެ (ކޮށްޓެއްގެ ތެރޭގަ)އެވެ. (ކަލާ ނެތުމުން) އަހަރެންގެ ހަޔާތް މިވަނީ މުޅިން ބަރުބާދުވެފައެވެ.

(އ/ފ)

އީދު ކާ ދިން ތެރޭ ބިން ހައި ޕީހކާ އާޖާ އާޖާ ކެ ދިން ހައި ޚުޝީކާ

ހަމް އަކޭލޭ އައުރު ޔެ މޭލޭ އީދު ހައި އައުރު ތެރީ ޔާދު ހައި

ކަލާ ނެތުމުން، އީދު ދުވަސް ހާދަ ފަޅެވެ. އަވަހަށް އަންނާށެވެ! އުފާކުރުމުގެ މިދުވަހުއެވެ. (އެހެނީ އީދުގެ އުފާ ފާޅުކުރުމުގެ) މި އެއްވުމުގައި އަހަރެން މިވަނީ ހަމަ އެކަންޏެވެ.

އީދު އަތުވެއްޖެއެވެ. (ނަމަވެސް) އަހަރެން މިވަނީ (އެކަނި، ހަމަ) ކަލާގެ ހަނދާންތަކާ އެކުގައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.