ވަހާ ކުލަ ރީތި ފަރި މާތައް ފޮޅިއްޖޭ ހާ އުފާ ކުރަމުން
ތަހާނީއާ ފިޠްރު ޢީދުގެ ދުޢާތައް ހެޔޮ އަރިސް ކުރަމުން
އިރުގެ ދޯދިން އުޖާލާކޮށް އުޑާބިން ރޯޝަނީ ކުރަމުން
ދިރުން އުންމީދުގައި އުފެދޭ ޝުޢޫރުން ހިތްތަކާ ކުޅެމުން
ވިލާތައް ސާފު ހުދުކުލައިން މަތީގައި ސާލު ފަތުރުވަމުން
ހިލާލު އުފަން ހަނދުންވި ހިނދުން އުފާވެރި ޢީދަކަށް އެދެމުން
އިލާހީ ރަޙްމަތާ މަދަދުން ލިބުނު ޒާދުން ދިރުން ލިބުމުން
ވިލާއިން ވެހުނު މީރުފެނާ ޣިޛާޔަށް ގިނަ ޝުކުރު ކުރަމުން
ގޮވާހައި ދޫނި ރާގުތަކަށް ފިލާނޭހައި އެއިން ކެއުމުން
ގޮވާމާ އޮއްޓަރާ މޭވާ މުޅިން ފައްކާވި ފޯރުވަމުން
ވަހުން ފިނިފެންމަލުގެ ހިތްފަހި ފަޒާގައި ރޯޅިނަލަ ޖެހެމުން
ގަހުން މާމަލުގެ ފިޔަތަށްވެރި ފެތުރި މުޅިބިން ޖަރީކުރަމުން
އިލާހަށް ޙަމްދު ތަޢުރީފާ ސަނާ ތަކްބީރު ގިނަ ކުރަމުން
ފިލާވަޅު މޫސުމުން ދިންހައި ހިފައިގެން ސީދަލަށް ހިނގަމުން
