...

Support Us

ކޮލަމް ކަލާވެހި: ޢީދުގެ ތަހުނިޔާޔާއެކު ޤައުމުގެ ދަރިޔަކަށް 

އޭ އަހަރެންގެ ލޯބިވާ ވަޠަނުގެ ދަރިޔާއެވެ! އަހަރެންގެ ޒުވާން ޢުމުރުގެ ހިތްވަރާއި ހިންމަތާއި މިންނަތުގެ ބޮޑު ބައި އެ ޤައުމަކަށްޓަކައި ހޭދަކުރި ލޮބުވެތި ޤައުމުގެ ދަރިފުޅާއެވެ! ބަދަލުގައި މާއްދީގޮތުން އެއްވެސް ބަޔަކު އެއްވެސް އެއްޗެއް ނުދިނަސް، އެންމެ ކުޑަމިނުން ޝުކުރިއްޔާއޭ ނުބުންޏަސް އެޔަށް ނުބަލައި އެތައް ކަމެއް ހިލޭސާބަހަށް ކޮށްދިން ވަޠަނުގެ އަހުލުވެރި ދަރިޔާއެވެ! އެވަގުތަކު އަދާކުރަމުން ގެންދިޔަ ރަސްމީ ވަޒީފާގެ ގަޑިތަކާއި މަސްއޫލިއްޔަތުތައް ވީ އެންމެ ރަނގަޅަކަށް އަދާކުރުމަށްފަހު، ދެން ލިބުނު ހުސްގަޑިތައް ތަފާތު އެކި ދާއިރާތަކުގައި ހިތުލޯތްބަށްޓަކައި މުޅީން ހިލޭ، ދަރުމަޔަށް ޚިދުމަތްކޮށްދިން ހަންހާރަވެތި ޤައުމުގެ މާދަމާގެ މުސްތަޤްބަލުގެ އުންމީދާއެވެ! ހިތުގެ އެންމެ ފުންމިނުން ހެޔޮއެދުމާއި، ވަފާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު މި ލޮބުވެތި ވަޠަނުގެ ތިޔަ އަގުހުރި ދަރިފުޅަށް މި ބަރަކާތްތެރި ޢީދުގެ އެންމެހައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމެވެ.

އޭ އަހަރެންގެ ލޯބިވާ ޤައުމުގެ މުސްތަޤްބަލުގެ އުންމީދުގެ ހުޅުކޮޅާއެވެ! ޤައުމުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރީންނާއި ފުޤަރާއިންގެ ތެރޭގައި ހިމެނޭ ކުދިބޮޑު އެންމެންނަކީ ޢަދްލުއިންޞާފާއި މުސާވާތުގެ ފޮނި މޭވާއިން ހަމަހަމަކަމާއެކު ކާން ލިބޭ ބަޔަކަށް ހެދުމަށްޓަކައި، އަދި ޤައުމީ ސަލާމަތާއި ސިޔާދަތާއި އިސްތިޤްލާލު މުސްތަޤްބަލަށްޓަކައި ދެމެހެއްޓުމުގެ މި މުހިންމު އެއް ބަހާ ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި ހުރިކަމާއި، އަދި މިހައިރުވެސް ހެދެމުންދާކަން އަހަރެންނަށްވެސް އެނގެއެވެ. އަދި ހަމައެޔާއެކު، އެފަދަ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދަން ހޭދަކުރާ ގިނަގުނަ ވަގުތާއި މާލީ މަޞާރީފުގެ ބޮޑުމިނާ އެއްވަރަށް އެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ  އަސާސީ ބޭނުންތައް ހިފުމުގައި އަދިވެސް ފަސްނުޖެހި ޤައުމު ކުރިޔަށްދާނޭކަމުގެ އުންމީދަކީ ނިކަމެތި މި ރައްޔިތު މީހާ ދަރިފުޅަށް މިފޮނުވާ ހެޔޮއެދުމާއެކު ފޮނުވާ އެއްޗެކެވެ. ހެދިފައި ހުރި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ކަމޭހިތުމުގައި ހަރުކުލައިގެ ރަށްވެހީންނާއި ’ބޮޑުފާރުން ބޭރުގެ ކެނައިން‘ އެއް ހަމައެއްގައި ތިބުމާއި ބޭތިއްބުމުގައި ހަމަހަމަވުމާއި، ޤާނޫނާއި ޤަވާއިދުގެ ޙިމާޔަތް ލިބިގަތުމާއި ޖަވާބުދާރީވުމުގައި ބަހާއި ޢަމަލުން ބައިވެރިވުމުގައި މުދާވެރި މަހުޖަނުންނާއި ސިޔާސީ ހުނަރުވެރީން ފައިހަމަކޮށް ހިނގުމުގެ މުސްތަޤުބަލެއް ފެންނަން އޮތުންވެސް މި ހެޔޮއެދުމާއި ތަހުނިޔާޔާއެކު ދަރިފުޅު އަތުގައި ގިނަދުވަހަށް ބާއްވަން ފޮނުވަމެވެ.

ޤައުމެއްގެ ތަޢުލީމީ ނިޒާމަކީ އެ ޤައުމެއްގެ ތަނަވަސްކަމުގެ އަހުލުވެރީންނަށް ކަންކަން އުޖޫރަޔަށް ކޮށްދޭން ތިބޭނޭ ނޯކަރުންނަށް  ކޮންމެހެން ބޭނުންވާނޭ މަޢުލޫމާތާއި ހުނަރުތައް ލިއްބައިދިނުމުގެ ވަޞީލަތަކަށް އެކަނި ވެއްޖެތާކު ރައްޔިތުންގެ މެދުގައި ދެމިއޮންނަން ޖެހޭ މަޞްލަޙަތު މާކަ ގިނަ ދުވަހަކު ދެމި ނޯންނާނޭކަން ގިނަ ބަޔަކަށް އެނގޭ ދުނިޔެއެއްގައި އަހަރުމެންގެ ޤައުމު މިއޮތީ ހެޔޮމަގުގަޔޭ  މީހުން ބުނާ އަޑު އަހަރެންނަށް އިވެއެވެ. ދަރީންނަށް ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ވިސްނުން ފޯރުކޮށްދިނުމާއެކު، މުޖުތަމަޢެއް ދުޅަހެއުކަމާއި ބަދަހިކަންމަތީ ދެމެހެއްޓުމަށް ބޭނުންވާނޭ ތަރުބިއްޔަތުވެސް އެ ދަރީންނަށް ދީދީ އޮންނަ ނިޒާމެއް އޭގައި އެކުލެވިގެން ވާން ޖެހޭކަންވެސް އެންމެން އަދި ދަނެއެވެ. ދެން އަހަރެން މިބުނި މަގުން ރާއްޖޭގެ ތަޢުލީމީ މަންހަޖާއި ނިޒާމު ހަލާކުނުވެ ދެމިއޮތުމާމެދު ކުރެވޭ އުންމީދާއި ހެއު ދުޢާވެސް ހަމަ މިބުނި ތަހުނިޔާޔާ އެކު ވަރަށް އުފަލާއެކު ތިޔަ ދަރިފުޅަށް ފޮނުވަމެވެ.

ޤައުމެއްގެ އެންމެންގެ ތަފާތު އެކިކަންކަމާއި، ޤައުމުގެ އެތެރޭގެ ތަފާތު އެކި މަޞްލަޙަތުތަކާއި، ޤައުމުގެ ނަމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު ބާއްވަންޖެހޭ ގުޅުންތައް ދެމެހެއްޓުންފަދަ ކަންކަން ކުރާން ތިބޭ އިސް ވެރީންނަކީ އެބައިމީހުންގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކޮށްކޮށް ތިބޭ ބައެއްކަން ކަށަވަރެވެ. އަދި އެކަމުގައި އިސްކޮށް ހިމެނެނީ އަދި ހިމަނާންވާނީ ހަމަ އެންމެންގެ މަޞްލަޙަތުކަން ފިސާރި ރަނގަޅަށް ދަންނަ ބަޔަކު މި ޤައުމުގެ ސިޔާސީ މައިދާނުގައި އެބަތިބިކަން ހަމަ އެބައިމީހުންގެ ދޫތަކުން އަބަދުމެ އެހުންނަނީ އިވިއިވި މެއެވެ. މިއީވެސް އަހަރުމެންގެ މިޤައުމަށް ލިބިފައިވާ ނުހަނު ބޮޑު ނަސީބެއްކަން ދަނެގެން، މިޒަމާނެކޭ ދެން އަންނަންއޮތް ޒަމާނެކޭ ތަފާތުނުކޮށް، ޤައުމުގެ އިދާރީ މައި ހިންގުމުގައި ތިބި އެންމެންވެސް ފައިހަމަކޮށް ހިނގާނޭ ކަމުގެ ހުވަފެނަކަށްވުރެ ހަރުދަނާ އުންމީދެއްވެސް މިހެއުއެދުމާއެކު ވަރަށް ހިތްހަމަޖެހިގެން ހުރެ ފޮނުވަމެވެ.

ދަރިފުޅާއެވެ! ޤައުމެއް ތަރައްޤީވެ ކުރިއެރުމަކީ ހަމައެކަނި ފައިސާޔާއި ޢިމާރާތްތަކުން މިނައިލެވޭ އެއްޗެއްކަމަށް ދެކޭ ބަޔަކުވެސް މިދުނިޔޭގައި އެބަހަރަ އުޅެތެވެ. އެފަދަ މީސްމީހުން އުޅޭ ތަންތަނުގައި، ވާރޭވެހިއްޖިއްޔައި މަގުތައް މަތީގައި ފެންބޮޑުވާނެއެވެ. އަދި އެފަދައިން ވެހޭ ދުވަސްދުވަހު މުއްސަނދި މީހާ ދުއްވައިފައިދާ އަގުބޮޑުކާރުން ދެފަރާތަށް ނަގައިފައި އެހުންނަ ކިސަޑުފެނުގެ ދެފިޔައިން ނިކަމެތި ފަޤީރުން ފެންވަރުވަމުން ދާނެއެވެ. ފޯރާ މީހާ ހަދަމުންދާ ބިޔަ ޢިމާރާތްތަކުން ފައިބާހާ ގުންގުރޭޓަކާއި، ވެއްޔަކާއި، ސިމެންތިޔަކާއި، ދަގަނޑު ބުރިބުރިޔާއި، ދެންވެސް އެހެން ހުންނަ ފާޑުފާޑުގެ އެއްޗިހި ޖެހިގެން ހުރި ނިކަމެތި ސޮރުގެ ފުރާޅަށް ރެޔާއިދުވާލު އެޅެމުން ދާނެއެވެ. މަގުހިނގާ ޅަދަރިމައިންގެ ބޮލަށް ފައިބާނެއެވެ. އަދި މިފަދަ ކަންކަން ބަލައި، ހުއްޓުވައި، ފިޔަވަޅު އަޅައި، މިކަހަލަ ކަންކަން ކުރުމުގައި މާނަހުރި ސިފައެއް ހުއްޓަސް، އަދި ނެތަސް، އެފަދަ ކަންކަން ހިނގުމަކީ އާދަޔަކަށް ވެއްޖެ ޤައުމަކީ އެޤައުމެއްގައި އެކަކު އަނެކަކާ އަޅައިލުން ޢަމުދުން ނެތް، އެކަކު އަނެކަކުގެ މަޞްލަޙަތަށް ކުޑަވެސް އިޙްތިރާމެއް ނެތް ޤައުމުތަކުގެ ލަދުވެތި ގިންތީގައި ހިމެނިއްޖެ ޤައުމެކެވެ. އެކި ވަކި ފަރުދުންގެ ދުވަހު މަސައްކަތުގެ ތެރޭގައްޔާއި ގެވެހި ދިރިއުޅުމުގެ ތެރެއިން އުފެދޭ ކުންޏާއި، ކުރާ މަސައްކަތާއި ދުއްވާ ސަވާރީން އަރާ ދުންތަކާއި ވިހަ ގޭހާއި އިވޭ އަޑުފައްގަނޑުން ސަލާމަތްވުމަކީ ފަރުދީ ޒިންމާޔަކަށް ވެއްޖެ ޤައުމެކެވެ. އަހަރުމެންގެ މި އެއްބައިވަންތަ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ޤައުމުގެ މުސަތަޤުބަލް އެގޮތްމަތީ ދެމިއޮތުމުގެ އުންމީދަކީވެސް މިއަދު މިފޮނުވާ ތަހުނިޔާޔާއެކު ދަރިފުޅު އެޔާމެދު ވިސްނައިލާން ފޮނުވާ އެއްޗެކެވެ.

ދަރިފުޅާ އަޅު ބުނެބަލާށެވެ! މިޤައުމު ތަރައްޤީ ޤައުމަކަށް ހެދި އިސްރަށްވެހީން މިއަދު ކޮބައިހެވެ؟ އަމިއްލަ އަންބޮނޑިޔަށްވުރެ ޤައުމުގެ ކުރިއެރުން އިސްކޮށް، ޤައުމަށް ޚިދުމަތްކުރުމުގައި ޢުމުރުގެ ޒުވާން ދުވަސްވަރާއި ދެވަންފުރާ ހޭދަކޮށްލި ޚިދުމަތްތެރީން ލޯބޯކޮށިވެ، ގައިބާރު ދެރަވެ، މުސްކުޅިވީދުވަހު އަނގަޔާއި އަތާ ދިމާކުރާން މަގުމައްޗަށް ދަމާކަނޑަން މިޤައުމަކު ހަމަ ދޫކޮށެއް ނުލެވޭ ނޫންހެއްޔެވެ؟ އެކިވަކި ދެރަ މީހުންނާއި މޮޅު ބޭފުޅުންގެ އަގުހުރި ބޭފުޅުން ތަފާތު ނުކޮށް، މަސައްކަތާއި ޚިދުމަތް ކުރުމުގައި ތިރީހަކަށް ސާޅީހަކަށް އަހަރުދުވަސް ދުއްވައިލި ހަމަ ކޮންމެ މީހަކީ އަލުން ދެން ވަޒީފާގަނޑެއް ނުލިބޭ ފަންސަވަންނަ އަހަރަށް އަޅައިގަތުމުން އިންސާފުވެރި ރިޓަޔާމަންޓަކާ އެކު އަބުރުވެރިކަމާއެކު މުޖުތަމަޢުގައި ދިރިއުޅޭ މީހުން ނޫންހެއްޔެވެ؟ ބަލަ އެއީ މަސައްކަތްކުރިއިރު މުސާރަދީފައި ތިބި މީހުންނޭ، މިހައިރު ދެން ބޮލުރޮދި ކެނޑުނީމައި އަހަރުމެންނަށް ބަލަދު އަރަނީހެއްޔެކޭ އެމީހުންނާ ދިމާޔަކަށް ހަމަ ނުގޮވާ ނޫންހެއްޔެވެ؟ ނުގޮވައެވެ! އަހަރުމެންނަކީ އެޔަށްވުރެ މާ ތަހުޒީބު، މާ ތަރައްޤީ ބަޔަކީމެވެ. މިހައިރު އެންމެނަށް ދުނިޔޭގެ މަގުދައްކާން ޒިންމާދާރު ގޮނޑިތަކުގައި ތިބި މީހުން އިސްރަށްވެހީންނަށް ވާ ދުވަހު، މިހައިރުގެ ބައެއް އިސްރަށްވެހީންނަށް މިލިބޭ މޭވާ ފޮނިކަމާއެކު އެމީހުންނަށްވެސް ލިއްބައި ދިިނުމުގެ މަޤްޞަދުގައި ނަމަވެސް، އަހަރުމެން މިހައިރު މިގެންގުޅޭ ތަރައްޤީއާއި ތަހުޒީބުގައި އެންމެން ދެމިތިބުމުގެ އުންމީދުވެސް، ފޮނި ހަލުވާޔެއްހެން ސާފު ރަންވަރަނގު ކަރުދާސްކޮޅަކަށް ލައިފައި މިތަހުނިޔާޔާއެކު ދަރިފުޅަށް ފޮނުވަމެވެ.

ދަރިފުޅާއެވެ! އުފާކުރާށެވެ. މިއީ ޢީދުގެ ދުވަސްތަކެވެ. ރޯދަމަހުގެ ކެއިންބުއިމަށް ޚަރަދުކޮށްފައި، ދެންވެސް އަދާކުރާންޖެހޭ މުހިންމު ވާޖިބުތައް އަދާކޮށްފައި، ކިރިޔާ އެތިކޮޅެއް ބާކީވިޔަސް އަމިއްލަ ރަށް ދޫކޮށް އެހެން ރަށަކަށް  ގޮސްލުމުގެ އުފާ ޙާޟިލްކުރާން އެންމެންވެސް ބޭނުންވާ ދުވަސްވަރެވެ. އަހަރެންގެ މިތަހުނިޔާ ނިންމައިލާނީ، އެގޮތަށް އެ ގޮސްލާގޮސްލުމަކީ ވަގުތީ ގޮސްލުމަކަށް ވުމުގެގޮތުގައި ދެމިއޮތުމުގެ އުންމީދުވެސް ދަރިފުޅުމެންނާ ޙަވާލުކުރަމުންނެވެ. އެ ގޮސްލާގޮސްލުމަކީ އިޚްތިޔާރީ ގޮސްލުމަކަށް ވެފައި އޮންނާނޭކަމުގެ އުންމީދުވެސް ދަރިފުޅުމެންނާ ޙަވާލުކުރަމުންނެވެ.

ދަރިފުޅާ ނިކަން ވިސްނާ! ފަރި ފަރިހި ކިޔައިނުދިނަސް

ޙުރުމަތާ އެކީ އުޅެމާ ތުރުބަތުލް އުންމު ދިރުވަން

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.