ހޮސްޕިޓަލްގައި ވިހައިގެން އަންހެނުން އެނދުމަތިކުރެވިފައިވާ ވޯޑުގެ ތެރެއިން އަންހެނަކު ރޯ އަޑުއިވެއެވެ. "ދެން ކެތެއްނުވާނޭ މަންމާއޭ، ބޭހެއްދޭށޭ" ގޮވާ އަޑެވެ. ކައިރީގައި ތިބި މީހުން "ހިތްވަރުކުރާށޭ، ތިހާ ފިނޑިވީމާ ކަމަކު ނުދާނޭ" ކިޔާ އަޑު އިވެމުންދިޔައެވެ. ނަމަވެސް މެދުކެނޑުމެއްނެތި އަންހެނާ ގިސްލަމުން "ވަރަށް ތަދުވޭ" ކިޔާ ވޭނަށް ގޮވަމުންދެއެވެ.
ހިތަށް ކެތްނުވެ ނަރުސް ކައިރީގައި އެއީ ކިހިނެއްވާ ކަމެއްތޯ އަހާލުމުން "އަލަތު ދަރިފުޅޭ، ސިޒޭރިއަން ހަދައިގެން ނެގީއޭ، ފީބަޑި މަންޖެޔެކޭ" ބުނެލިއެވެ.
އަހަރުތަކެއް ކުރިން ހަމަ އެވޭން ތަހައްމަލުކޮށްފައި ވުމުން ނަރުހަށް ބުނެލީމެވެ. އެކުއްޖާ އެރޮނީ ފިނޑިކަމުންނެއް ނޫނެވެ. އެ ވޭން އިހްސާސް ކުރެވޭނީ އެވޭން ތަހައްމަލު ކުރާ މީހަކަށެވެ.
ތެދެކެވެ. ވިހެއުމަށްވުރެ ސިޒޭރިއަންގެ ވޭން މާ ބޮޑެވެ. އޮޕަރޭޝަންކޮށްގެން ނެރެ ފާއިތުވަމުންދާ ކޮންމެ ސިކުންތަކާ އެކު އިންޖެކްޝަންގެ އަސަރު ނެތެމުންދާ ވަރަކަށް ހަށިގަނޑު ކުދިކުދިވާ ކަހަލައެވެ. އިށީންނަން، އޮޝޯންނަން ނޭނގި، އަދި ތެދުވެ ހިނގާލުމަކީ ކޮންމެ ނާރެއް ބުރިވެ ކުދިކުދިވުމުން އަޅާ ފަދަ ވޭން މުޅި ހަށިގަނޑުގައި އަޅަމުންދާކަން އިޙްސާސްކޮޮށްދޭ ކަމެކެވެ.
އެކި އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހުންނާނީ އެކި ވަރަށް ކަމުން ވޭން ތަހައްމަލުކުރެވޭނީވެސް އެކި މިންވަރަށެވެ. ނަމަވެސް ހިތާމައަކީ އާއިލާއި ހުދު ސިއްޙީ ހިދުމަތްތެރިންގެ މަލާމާތުގެ ބަސްތަކެވެ.
"ފިނޑީއޭ، ކެތްތެރިކަމެއް ނެތޭ، ތެދުވެ ހަދާލީމާ ރަނގަޅުވާނޭ، މިވެނި މީހަކުވެސް ސިޒޭރިއަން ހެދީއޭ ތިހެނެއް ނޫޅޭ" ފަދަ ބަހުގެ ހަމަލާތަކުން ކުދިކުދިކޮށްލަނީ ޒުވާން މަންމަގެ ހިތެވެ.
ދަރިފުޅަށްޓަކައި ކިތަންމެ ހިތްވަރުކުރި ނަމަވެސް އޮޕަރޭޝަންކޮށް ހޭދަވާ ފުރަތަމަ ދުވަސްތަކަކީ އަންހެނެއްގެ ހަޔާތުގައި ދުލަކުން ބުނެވޭނެ އަދި ގަލަމަކުން ބަޔާންކޮށްދެވޭނެ ވޭނެއްނޫނެވެ. ނަމަވެސް ހިތާމައަކީ ވިހެއުމުގެ ވޭން ތަހައްމަލުކުރާ މީހާގެ ވޭނާއި އޮޕަރޭޝަންކޮށްގެން ދަރިފުޅު ވިހާ މީހާއާ އަޅާކިޔާލެވޭ ކަމެވެ. އެތައް އިރެއްވަންދެން ވިހެއުމުގެ ވޭނުގައި އުޅުމަށްފަހު ސިއްހީ ކޮންމެވެސް ސަބަބަކަށްޓަކއި ކުރާ މި އޮޕަރޭޝަން މަންމަގެ ބޮލުގައި އަޅުވާލެވެނީ "ފިނޑިކަމުން" ކުރަންޖެހުނު ކަމެއްގެ ގޮތުގައެވެ.
ގުދުރަތީ ގޮތުން ވިހެއުމަކީ ﷲގެ ރަޙްމަތްފުޅުން އެންމެ ރައްކާތެރި، ހަށިގަނޑަށް ލުއިފަސޭހަ ގޮތް ނަމަވެސް އަދުގެ ޒަމާނީ ވަސީލަތްތަކާއެކު ދެމައިންގެ ފުރާނަ ސަލާމަތަށްޓަކައި ކުރާ މި އޮޕަރޭޝަނަކީވެސް އަދައިގެ ކުޑަކަމެއް ނޫނެވެ. ހިތާމައަކީ އޮޕަރޭޝަނަށްފަހު ފާއިތުވާ ކޮންމެ ދުވަހަކާއެކު "ފިނޑި" މިބަސް އަންހެނާއަށް، އޭނާގެ އެންމެ ލޯބިވާ މީހުން ރައްދުކޮށްލާކަމެވެ.
ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަށް އެންމެ ބޭނުންޖެހޭ ވަގުތު އިވޭ ބަސްތަކުން ނިކަމެތިކޮށްލަނީ ހިތާއި ނަފްސެވެ. ކޮންމެ މަޔަކީވެސް ވަރަށް ހިތްވަރު ގަދަ، ކެތްތެރި މަންމައެކެވެ. ނަމަވެސް ތަފާތަކީ މުޖްތަމައު އެކަން މާނަކުރާގޮތެވެ.



advertisment