Support Us

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް: އަލްފާތިޙާ ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް- 2

ސޫރަތުގެ ތަފްސީރު

ބިސްމިއަށް ފަހު، އަލްފާތިހާ ސޫރުގެ ދެވަނަ އާޔަތުގައި ވަނީ الحمد لله މިހެންނެވެ. މި އާޔަތުގައި އިރުޝާދު ދެވިފައިވަނީ މާތްﷲގެ ކިބަފުޅަށް ހަމްދުކުރުމަށެވެ. އަލްޙަމްދު އަކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔޭނަމެކެވެ. ޝުކުރު އަދާ ކުރަނީ އިހުސާންތެރިކަމަކާ ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެ ނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެއަޑީން ޝުކުރު އަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާ ގުޅޭ ގޮތުންނެވެ. މީހެއްގެ ކިބައިގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ހުރެއްޖެ ނަމަ، ނުވަތަ ހިއްވަރާއި ކެރުން އެމީހަކަށް ލިބިގެންވީ ނަމަ، އެކަންކަމަށް ތައުރީފުގެ ބަސްތައް ކިޔައި އިއްވެއެވެ. އަދި ހަމަ އެހެންމެ މޮޅު ކާމިޔާބީއެއް ހާސިލުކުރުމުން ވެސް، އެކަމާ ވިދިގެން އެމީހަކަށް ތައުރީފުކުރެވެއެވެ. ހަމްދު ހުރީ މާތް ﷲގެ ކިބަފުޅަށޭ ބުނެވޭބަހުގެ މާނައަކީ ހުރިހާ ރިވެތި ސިފަތަކާއި މޮޅުކަމެއް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެންވުމާއި އަދި އެހެނިހެން މަޚުލޫގުންނަށް ލިބިފައިވާ މިފަދަ ކަންކަމުގެ އަސްލަކީ އެކަލާނގެ ކަމަށް ހިތުގެ އަޑީން ގަބޫލުކޮށް ދުލުން އިގުރާރުވުމެވެ. އެކަލާނގެ ކިބަފުޅަށް ޙަމްދު ކުރުން ދޭހަކޮށްދެނީ އެކަލާނގެ މަތިވެރިކަމަށް އެއްބަސްވެ އިއުތިރާފުވެ، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާ ވުމެވެ. ނެތުމުގެ ތެރޭން ތިމަންނަ ވުޖޫދަށް ގެންނަވައި ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަޖައްސަވައިދެއްވި ކަމަށްޓަކައެވެ. ތިމާއަށް ތެދުމަގު ދައްކަވައި، ތިމާގެ ހަޔާތް ބާއްޖަވެރިކުރުމުގެ މަގުތައް ފަހި ކޮށްދެއްވިކަމަށްޓަކައެވެ. އަދި މިނޫން ވެސް، އަދަދު ނުކުރެވޭ އެތައް އެތައް ނިއުމަތްތަކެއް، އުފަލާއި ހިތްހަމަޖެހުންތަކެއް، މެދުވެރި ކޮށްދެއްވި ކަމަށްޓަކައެވެ.

އެކަލާނގެ ކިބަފުޅަށް ހަމްދުކުރުމުގެ އިރުޝާދަށްފަހު، ދެން، އެކަލާނގެ ޢަޡަމަތްތެރިކަން، އާދެ، އިންތިހާއީ މަތިވެރިކަން، ސިފަކޮށްދެވިފައި ވެއެވެ. އެކަމުގެ ތަސައްވުރެއް. އިންސާނާގެ ހިތަށް ކޮންމެވެސް ވަރަކަށް ނަމަވެސް، ލިބިދޭތޯއެވެ. އަދި އެކަލާނގެއަށް ހައްގުވާ އަދަބާއި އިހުތިރާމު އަދާކޮށް، ގަދަރު ބެހެއްޓުމަށްޓަކައެވެ. މިގޮތުން މާތްﷲގެ ޒާތުފުޅުގެ ހަގީގަތުގެ މައްޗަށް އަލިއަޅުވާލެވިފައި ވެއެވެ. އެންމެ ފުރަތަމަ މާތް ﷲއީ رب العالمين ކަން، އާލަމްތަކުގެވެރި ރަސްކަލާނގެކަން، ބަޔާން ކޮށްދެވިފައި ވެއެވެ. އެކަލާނގެއީ އެންމެހައި މަޚްލޫގުން ޚަލްގުކޮށް، އުފައްދަވައި އެ މަޚުލޫގުންގެ ކަންތައްތައް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެއަށްފަހު، މާތްﷲއީ الرحمن الرحيم ވަންތަ ރަސްކަލާނގެކަން، ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ ރަސްކަލާނގެކަން ބަޔާންކޮށްދެވިފައިވެއެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲގެ ޒާތުފުޅުގެ ހަގީގަތް ބަޔާން ކުރުމުގެގޮތުން އެތައް ސިފަފުޅުތަކެއް ނަންގަނެވިފައިވާއިރު، ރަހުމަތުގެ ސިފަފުޅު އެންމެ ފުރަތަމަ ސޫރަތުގައި ނަންގަނެވިފައި އޮތީ ކީއްވެގެންކަން ފާހަގަކޮށްލަންޖެހެއެވެ. އެކަމުގެ ހިކުމަތުގެ މައްޗަށް ވިސްނައި ފިކުރުކޮށްލުން މުހިއްމެވެ. މި އާޔަތުންނާއި އަދި މިނޫންވެސް އެހެން ބައެއް އާޔަތްތަކުން ރަހުމަތުގެ ސިފަފުޅަކީ މާތްﷲގެ އެންމެ މުހިއްމު އެއް ސިފަފުޅުކަން ދޭހަވެއެވެ. الرحمن ސިފަކޮށްދެނީ އެކަލާނގެ ޒާތުފުޅެވެ. އެކަލާނގެއީ، އެންމެ ފުރަތަމަ ވެސް، ރަހުމަތުގެ ރަސްކަލާނގެކަމެވެ. އެއްވެސް ހާލަތެއްގައި އެކަލާނގެ އެއްވެސް މަޚުލޫގަކަށް އަނިޔާވެ ވޮޑިގެންނުވެއެވެ. ރަހުމަތުގެ ސިފަޔަކީ މާތްﷲ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް، އަމިއްލަފުޅަށް، ވާޖިބު ކުރައްވައިފައިވާ ކަމެކެވެ. "…ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް ރަހުމަތް ލާޒިމުކުރައްވައިފައެވެ…" (އަލްއަންޢާމް 54) މިއާޔަތުގައި އައިސްފައިވާ ފަދައިންނެވެ. މީހަކު އެކަލާނގެއަށް ނުކިޔަމަންތެރިވެ، އުރެދުނުކަމުގައި ވިޔަސް، އެކަލާނގެ ރަހުމުތުގެ ދޮރުވަނީ އަބަދުވެސްވަނީ އޭނާއަށްޓަކައި ހުޅުވިފައެވެ. އެކަލާނގެ އަޅުތަކުންނަށް، އަދި ވަކިން ޚާއްސަކޮށް، ފާފަތަކަށް އަރައިގަނެ، ތިމާމެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ އަޅުތަކުންނަށް އެކަލާނގެ އަންގަވަނީ "…(މާތް) ﷲގެ ރަހުމަތާއި މެދު މާޔޫސްވެ އުއްމީދު ކަނޑާނުލުމަށެވެ. (އެހެނީ،) އަޅުތަކުންގެ ހުރިހާ ފާފައެއް ވެސް، ހަމަ އެއްކޮށް، މާތްﷲ ފުއްސަވާލައްވަތެވެ." (އައްޒުމަރު 53) މިއާޔަތުގައި ބަޔާންވެގެންވާ ފަދައިންނެވެ.

ކުރިން، ބިސްމީގެ މާނައިގެ މައްޗަށް ބަލާލިއިރު، ނަންގަނެވުނު ފަދައިން، الرحيم ގުޅެނީ މާތްﷲގެ އަފްއާލުތަކާއެވެ. އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކާއެވެ. އެކަލާނގެއީ ނިއުމަތްތަކާއި ހެޔޮ ގޮތްތައް ހުރިހާ އަޅުތަކުންނަށް މިންވަރުކުރައްވާ ރަސްކަލާނގެއެވެ.

އެކަލާނގެ ޒާތުފުޅާ ބެހޭ މުހިއްމު ސިފަފުޅެއް ނަންގަނެވިދިޔުމަށް ފަހު، އެކަލާނގެ ޒާތުފުޅު އިތުރަށް ބަޔާންކޮށްދިނުމުގެ ގޮތުން، ތިންވަނައަށް، ނަންގެނެވިފައިވަނީ އެކަލާނގެއީ مالك يوم الدين ކަމެވެ. ޖަޒާދިނުމުގެ ދުވަސް، އާދެ، ގިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެ ކަމެވެ. يوم الدين މި އިބާރާތުގައި ގިނަ މާނަތައެއް އެކުލެވިގެންވެއެވެ. ދުނިޔަވީ ހަޔާތަކީ ނިމުމެއް އޮތް ހަޔާތެއް ކަމެވެ. ހުރިހާ އިންސާނުން ވެސް، މަރުވެ، މި ދުނިޔެ ދޫކޮށްދާންޖެހޭނޭ ކަމެވެ. މާތްﷲ ފިޔަވައި، ވުޖޫދުގައިވާ އެހެން ހުރިހާ އެއްޗެއް ވެސް ނެތިދާނޭ ކަމެވެ. އަދި އެއަށްފަހު، އަލުން ދިރުއްވައި އެމީހުންގެ ދުނިޔަވީ އަމަލުތަކާއި މެދު، އެމީހުންނާ ސުއާލުކުރެވޭނޭ ކަމެވެ. ކޮންމެ މީހެއްގެ ވެސް އަމަލުތަކުގެ މައްޗަށް ބިނާކޮށް، ހިސާބުބެއްލެވި، އެމީހަކަށް ހައްގުވާ ޖަޒާ ދެވޭނޭ ކަމެވެ. ރަނގަޅު ގޮތުގައި ކަންތައްތައްކުރި މީހުންނަށް ހެޔޮ ޖަޒާ ދެވޭނޭ ކަމެވެ. އެމީހުންގެ ހަޔާތް، ކުށްފާފަތައް ކުރުންމަތީ ވޭތުކޮށްލި މީހުން ވެސް، އެ މީހުން ކުރިކަމެއްގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނޭ ކަމެވެ. އެ މީހުންގެ ފާފަތައް ފުއްސެވުމަށް މާތްﷲ އިރާދަކުރައްވައިފި ނަމަ، އެ މީހުންގެ ފާފަފުއްސަވައި، ނޫން ނަމަ، އެމީހުންނަށް ވެސް ހައްގުވާ ޖަޒާދެވޭނޭ ކަމެވެ.

مالك ކިޔުމުގައި ސައްހަ ދެ ގޮތެއް ވާރިދުވެފައިވެއެވެ. 'މާލިކި' (ވެރިޔާ) އާއި 'މަލިކި' (ރަސްގެފާނު) މި ދެ ގޮތެވެ. މި ދެ ގޮތްވެސް އިޝާރާތް ކުރަނީ އެއް މާނައަކަށެވެ. ގިޔާމަތް ދުވަހު، ހުރިހާ ބާރަކާއި އިޚުތިޔާރެއް– މަތީގައި ދެންމެ ނަންގަނެވުނު ހިސާބު ބެއްލެވުމާއި، އަފޫކުރެއްވުމާއި ޖަޒާދެއްވުންފަދަ ހުރިހާ ކަމެއްގެ ބާރާއި އިޚުތިޔާރު- ލިބިގެންވަނީ ހަމައެކަނި މާތް ﷲއަށް ކަމަށެވެ.

މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް އިންސާނާގެ ހިތަށް އެކަލާނގެ ރަސްކަންފުޅުގެ ތަސައްވުރެއް ހުށަހާޅާލުމަށް ފަހު، ދެން ނަންގަނެވިފައި ވަނީ، މި ތަސައްވުރުގެ މައްޗަށް ބިނާވާ، އެ ކަލާނގެއާއި އެކަލާނގެ އަޅުތަކުންނާ ދެމެދު އޮންނަންވާ ގުޅުމުގެ ވާހަކައެވެ. މިގުޅުމަށް އިޝާރާތްކުރެވިފައިވަނީ إياك نعبد وإياك نستعين މިއާޔަތުގައެވެ. އަޅުކަންކުރުން އޮންނަންޖެހޭނީ ހަމައެކަނި މާތްﷲގެ ކިބަފުޅަށް ކަމަށެވެ. އަދި ވާގިއެދުން ވެސް އޮންނަންޖެހޭނީ ހަމައެކަނި މާތްﷲގެ ޙަޟުރަތުން ކަމަށެވެ. މިއާޔަތުގައިވާ މުހިއްމު ދެ ލަފުޒު ކަމުގައިވާ އަޅުކަންކުރުމާއި (نعبد) ވާގިއެދުމުގެ (نستعين) މާނައިގެ މައްޗަށް އިތުރަށްބަލައިލަމާތޯއެވެ. މިއާޔަތް ރަގަޅަށް ވިސްނި ފަހުމުވޭތޯއެވެ.

'نعبد' (އަޅަމެން އަޅުކަން ކުރަނީ) އައިސްފައިވަނީ 'عبادة' (އަޅުކަންކުރުން) މި މަސްދަރުންނެވެ. އަޅުކަން ކުރުމުގެ މާނައިގައި މައިގަނޑު ދެކަމެއް އެކުލެވިގެން ވެއެވެ. ފުރަތަމަ ކަމަކީ ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. ދެވަނަކަމަކީ ތައުޡީމު އަދާކުރުމެވެ. ތިމަންމެން އަޅުކަން ކުރަނީ މާތްﷲގެ ކިބަފުޅަށޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ ކިބަފުޅަށް ތިމާގެ އަމިއްލަ ނަފްސު ތަސްލީމުކޮށް، ދީލުވާލައި، ކިޔަމަން ކުރުވުމެވެ. މިކިޔަމަން ކުރުން ފާޅުކޮށް، ދައްކުވައިލެވެނީ އަމިއްލަ ނަފްސު، ނުރަގަޅު ކަންތައްތައް ކުރުމުން ދުރުހެލިކުރުވައި، ހެޔޮކަންތައްތައް ކުރުންމަތީ ދަމަހައްޓުވައި ގެންނެވެ. އެކަލާނގެ ހައިބަތާއި މަތިވެރިކަން ހިތަށްގެނެސް، ތަޢުޡީމު އަދާކުރާ ހާލުގައެވެ. މިގޮތުގެ މަތިން، މާތްﷲގެ ކިބަފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ކުރެވެނީ ކިހެނެއްތޯ އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން ބޭނުންތެރިއެވެ.

އާދެ، ނަމާދަކީ އަޅުކަމުގެ ރަސްމެކެވެ. ހަރަކާތްތަކާކައި ކިޔުންތަކެއްގެ މައްޗަށް އެކުލެވިފައިވާ، ބޭރުފުށުގެ އަޅުކަމުގެ އަމަލެކެވެ. މިއަޅުކަން ކުރުމަށް ބާރުއަޅައި، މިއަޅުކަމުގެ މަގުސަދަކީ ކޮބައިކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެއެވެ. އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައެވެ. ނަމާދުގެ މުހިއްމުކަމާއި މިއަޅުކަމުގެ ހަގީގީ މަގުސަދާއި ބޭނުމަކީ ކޮބައިކަން މުއުމިނުންނަށް ހަނދާންކޮށް ދިނުމުގެ ގޮތުން، އެންމެ އިހުއްސުރެން، މުސްލިމު މުޖުތަމައުތަކުގައި، ކޮންމެ ހުކުރު ދުވަހަކު، ހުކުރުގެ ފަހު ޚުތުބާގައި ކިޔޭ މިއާޔަތު ގައެވެ. "…وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر…."، "…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުން ފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް އަމަލުތަކުންނާއި، (އިންސާނާގެ ސަލާމަތް ބުއްދި، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުން މެރުމާއި ވައްކަން ކުރުމާއި، ފޭރުން ފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަ ކުރުން އެއީ (ނަމާދު ކުރުމުގެ މަގުސަދުތަކުގެ ތެރެއިން) އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ…."، މިއާޔަތުގައެވެ.

މިއާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، ނަމާދުގެ އެންމެ ފުރަތަމަ ބޭނުމަކީ މުއުމިނާ، އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާ ގުޅުވާލަދިނުމެވެ. އޭނާއަކީ މާތްﷲއަށް އީމާންވާ މީހެއްކަން، އޭނާގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، މިކަން އޭނާގެ ނަފްސުގައި އަށަގަންނުވައި ދެމެހެއްޓުމެވެ. މިއާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ކަމެވެ)، މިއިބާރަތުން ދޭހަވާ ފަދައިންނެވެ.

މީގެ އިތުރުން، މިދެންނެވި ގުޅުމުމުގެ ބޭނުމެއް އޮތްކަމާއި، އަދި އެބޭނުމަކީ ކޮބައިކަން ވެސް ހަމަ އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވެއެވެ. މިގުޅުމަކީ މާނަ ހުރި ގުޅުމަކަށް ހަދައިލުމަށް ޓަކައެވެ. އެކަމަށް އިޝާރަތް ކުރެވިފައިވަނީ މިއާޔަތުގެ إن الصلاة تنهى عن الفحشاء والمنكر މިބައިގައެވެ. ނަމާދަކީ ޒިނޭ ފަދަ ހަޑިހުތުރުކަން ބޮޑު ވެގެންވާ ފާފަތައް ކުރުމުންނާއި، މީހުން މެރުމާއި، އަދި އެނޫންވެސް އެފަދަ ބޮޑެތި ކުށްތައް ކުރުމުން، ނަމާދުކުރާ މީހާ ދުރުހެލި ކުރުމަށް އެހީވެދޭ ކަމެއްކަން ބަޔާންކޮށްދެމުންނެވެ. އާދެ، ނަމާދު ވާންޖެހޭނީ ފާފަވެރި އަމަލުތަކުންނާއި ނުރަނގަޅު ކަންތައްތައް ކުރުމުން އަމިއްލަ ނަފްސު ދުރުހެލި ކުރުވާ ކަމެއްކަމަށެވެ. އަދި، ނަމާދު ކުރާމީހާއަށް، އެފަދަ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލި ނުވެވޭ ނަމަ، އޭނާ، ނަމާދުކޮށް، މާތްﷲއާއި އޭނާއާއި ދެމެދު އުފައްދަން ބޭނުންވާ ގުޅުން ވާނީ މާނައެއް ނެތް ގުޅުމަކަށެވެ. އެކަން ކަމުން ދުރުނުވެވިއްޖެ ނަމަ، ނަމާދުވާނީ އެއްވެސް ފައިދާއެއް ނެތް ގޮތުގައި ކުރެވޭ މާނައެއް ނެތް ހަރަކާތްތަކަކާއި ކިޔޭ ކިޔުންތަކަކަށެވެ. ނަމާދު ފަދަ އަޅުކަންކަމުގެ މިދެންނެވި މަގުސަދު ހާސިލު ނުކުރެވޭނަމަ، އެފަދަ އަޅުކަންކަމުން، ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން އޮންނަނީ ނުލިބިފައެވެ. މިކަމަށް އިޝާރަތް ކުރައްވައި، މަލިންގޭ ހުސައިންދީދީ މިއާޔަތުގެ ތަފްސީރުގައި ލިއުއްވި ވާހަކަ ކޮޅެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 އާޔަތް ތަފްސީރު ކުރައްވަމުން، އޭނާ ލިޔުއްވައިފައިވެއެވެ.

"… އެންމެހައި ހަޑި މުޑުދާރު ކަންތައްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހިވޮޑިގެން ނުވާ އެންމެހައި ކަންތައްތަކުން، މީހާ ދުރުވެގަތުމަށް ނަމާދު އެއީ ނުހަނު ބޮޑު ޛަރީޢާ އެކެވެ [ވަސީލަތެކެވެ]. ނަމާދު ގާއިމުކޮށް އުޅޭ މީހަކަށް، ނަމާދު ފެންނާނީ، ހެޔޮކަންތަކަށް ތިމާއަށް އަމުރުކުރާ ތަނާއި އަދި ނުބައި ކަންތައްތަކުން ނަހީ ކުރާތަނެވެ. ނަމާދުކުރާ މީހާއަށް ތިމާގެ ނަމާދުގެ ޛަރީޢާއިން ނުބައި ކަންތަކުން ދުރުވެ ނުގަނެވިއްޖެ ނަމަ، އެމީހަކު ދާހުރީ ކީރިތި ﷲއާއި ނުހަނު ބޮޑަށް ދުރުވަމުން ދުރުވަމުންނެވެ. ތިމާ ކުރާ ނަމާދު، ފާފަތަކުންނާއި، އަދި ނުބައި ކަންތައްތަކުން، ތިމާ ދުރު ނުކޮށްފި ނަމަ، ﷲގެ ހަޟްރަތުގައި އެމީހާގެ ނަމާދު ޤަބޫލު ނުވާހުއްޓެވެ. މިފަދައިން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލާ ކުރައްވާފައިވާ ޙަދީޘްފުޅެއް، އިބްނު އަބީ ޙާތިމްގައި ރިވާވެގެން ވެއެވެ. އަދި މިނޫން ވެސް މިކަމާއި މެދުގައި ރިވާވެގެންވާ ރަސޫލާގެ ޙަދީޘްފުޅުތައް ގިނަގުނައެވެ." (މަލިންގޭ ހުސައިންދީދީ ލިޔުއްވި ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު، ދެވަނަބައިގެ ތިންވަނަ ޖިލްދުގެ 651 ވަނަ ސަފުހާ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *