Support Us

ކޮލަމް ކޯދު: އަނތްބެއްގެ ވަސިއްޔަތް

ބަލި އެނދުގައި އޮތް އަނބިމީހާ އޭނާގެ ފިރިމީހާ ކުރެން އެއް ދުވަހު އެއްސެވެ. "އަހަރެން މަރުވެއްޖެ ނަމަ، ކިހާ ދުވަހެއް ވަންދެން އެހެން މީހަކާ ނީނދެ ހުންނާނަން ހެއްޔެވެ؟"

ޖަވާބުގައި ފިރިމީހާ ބުންޏެވެ: "ކަލާގެ ގަބުރުގެ ފަސްގަނޑު ހިކެންދެން، އެހެން މީހަކާ ނީނދެ، އަހަރެން ހުންނާނަމެވެ."

ދެން، އަނބިމީހާ ބުންޏެވެ. "ވަރަށް ވެސް ރަނގަޅެވެ. ތި ބުނި ފަދައިން ހުރުމަށް ވައުދު ވެދާނަން ހެއްޔެވެ؟"

ފިރިމީހާ: "އާނއެކެވެ. އެ ގޮތުގައި ހުރުމަށް އަހަރެން ވައުދުވަމެވެ."

ދެން، ދުވަސްކޮޅެއް ފަހުން، އަނބި މީހާ ނިޔާވިއެވެ. އަދި، ކޮންމެ ދުވަހަކު ހެނދުނު މާއިރާ، އަންހެން މީހާގެ މަގުބަރާއަށް ފިރިމީހާ ޒިޔާރަތް ކުރެއެވެ. މި ގޮތުގައި ޒިޔާރަތް ކުރުމުގައި އަހަރެއް ވީއިރު ވެސް، ފިރިމީހާއަށް ފާހަގަކުރެވުނީ އަންހެން މީހާގެ މަގުބަރާގެ ފަސްގަނޑު ތެތްކަމެވެ. އެއްގޮތަކަށް ވެސް އެ ފަސްގަނޑު ހިކޭ ތަނެއް ނާންނަކަމެވެ.

ދެން، އެއް ދުވަހަކު، އޭނާގެ އާދައިގެ މަތިން، ހެނދުނު އަންހެނުންގެ މަގުބަރާއަށް ޒިޔާރަތް ކުރެވޭ ގޮތެއް ނުވިއެވެ. އެހެންވެ، އެ ދުވަހު، ހަވީރު އަންހެނުންގެ މަގުބަރާއަށް ޒިޔާރަތް ކުރަން ދިޔައެވެ. އެ ދުވަހު އަންހެނުންގެ އަޚު ވެސް ފެން ބާލިދީއެއް ހިފައިގެން އަންހެނުންގެ މަގުބަރާއަށް ޒިޔާރަތްކުރަން ގޮސް ހުއްޓެވެ.

ދެން، ފިރިމީހާ އޭނާގެ ޅިޔަނު ކުރެން އެއްސެވެ. "ފެން ބާލިދީއެއް ހިފައިގެން މިތާ ތިކުރަނީ ކޮންކަމެއް ހެއްޔެވެ؟"

ޖަވާބުގައި ޅިޔަނު ބުންޏެވެ. އަހަރެންގެ އުޚުތު ނިޔާވުމުގެ ކުރިން އަހަންނަށް ކޮށްފައި އޮތް ވަސިއްޔަތެއް ފުރިހަމަ ކުރަނީއެވެ. އުޚުތު އަހަރެންގެ ކިބައިން އެދުނީ ކޮންމެ ދުވަހަކު ވެސް، އުޚުތުގެ މަގުބަރާގެ މައްޗަށް ފެންބާާލިދީއެއް އަޅައި މަގުބަރާގެ ފަސްގަނޑު ތެތްކޮށް ބޭއްވުމަށެވެ!"

ގާނޫނުގެ އަތް ދިގުވާ ފަދައިން، އަނބިމީހާގެ އަތް ވެސް ވަރަށް ވެސް ދިގެވެ! ތަފާތަކީ ގާނޫނުގެ އަތް ދަށުނެވެ، ގާނޫނަށް ފިލައިގެން އުޅެވިދާނެއެވެ. ނަމަވެސް، އަންހެނުންނަށް ފިލައިގެނެއް ނޫޅެވޭނެއެވެ!

(ތަރުޖަމާއެއް)