Support Us

މަރުހޫމް މޫމިނާ އަލިދީދީ އާއި މުހައްމަދު ޝާކިރު

ލޯބިވާ މަންމަ އާއި ބައްޕައަށް ހެޔޮ ދުޢާކުރަމުން…

އެދުވަހު އަހަރެންގެ ގައިގައި އެއްވެސް އާރެއް ބާރެއް ނެތެވެ. މީހެއްގެ އެހީއާ ނުލައި އޮތް ތަނުން ފުށުންވެސް ޖެހިނުލެވެއެވެ. ހިނގަން ކީއްކުރަންހެއްޔެވެ؟ އަމިއްލަ ހާލަތައިގެން އިށީނދެވެސް ނުލެވެއެވެ. ހަރު އެއްޗެއް ކާން ކީއްކުރަންހެއްޔެވެ؟ ދިޔާ އެއްޗެއްވެސް ބޯލެވެނީ މީހަކު އަނގައިގައި ޖައްސައިދިނިއްޔާއެވެ. މީހެއްގެ އެހީއާ ނުލައި އޮތް ތަނުން އެހެން ތަނަކަށް އެކަނި ނުދެވޭ ހާލު، ވާހަކަވެސް ނުދެއްކެއެވެ. ތާހިރުވެލައި އުނު އޮރިޔާން ނިވާކޮށްލެވެނީވެސް މީހަކު ކޮށްދިނިއްޔާއެވެ. އެއީ އެ ދުވަހުގެ އަހަރެންގެ ހާލަތެވެ.

އެ ދުވަހު އަހަރެންގެ ހަޔާތަށް ﷲގެ ދީލަތިވަންތަކަމާ އެކު ދެ މަދަދުދާރުން ފޮނުއްވިއެވެ. އަހަރެންގެ ހުރިހާ ޒަރޫރީ ބޭނުންތައް އެ ދެ މާތް އިންސާނުން ފުއްދައިދިނެވެ. ރޭގަނޑުގެ ނިދި ނަގާލައިފައި އަހަރެންގެ ހިދުމަތުގައި ތިބުމާއި ދުވާލުވެސް އަހަރެންގެ ހާލު ބަލައި، ބޭނުންވާ ކަންތައްތައް އެއްވެސް ޝަކުވާ ކުރުމެެއް ނެތި ފުއްދައިދެމުން ގެންދިޔައެވެ. އަހަރެންގެ އެ ދުވަހުގެ ހާލަތު ބަދަލުކޮށްލަދިނީ އެ ދެ މާތް އިންސާނުންނެވެ. އަހަރެންގެ އަމިއްލަ ހާލަތައިގެން އުޅެވޭވަރު ކޮށްދިނެވެ. އަހަރެން އަމިއްލައަށް އިށީނދެ އިނުމަށާއި ކޮޅަށް ހުރުމަށާއި ކުރިން މީހެއްގެ އެހީއާ ނުލައި ނުކުރެވުނު ހުރިހާ ކަމެއް އަހަރެންނަށް އަމިއްލައަށް ކުރެވޭވަރު ކޮށްދިނެވެ. ލިޔެކިޔުމަށާއި އަޅުކަން ކުރުމަށް އެހީތެރިވެދިނެވެ. ކާންބޯންދީ އަންނައުނު ހޯދައިދިނެވެ. ބޯހިޔާވަހިކަންވެސް ދިނެވެ. އެއްވެސް އުޖޫރައަކާ ނުލައެވެ. އަދި އޭގެ އަގު ފަހުން އަނބުރާ އަދާކުރާ ގޮތަކަށް ނޫނެވެ. ލޯތްބާއި އަޅާލުމާއި އިހުސާންތެރިކަމާ އެކުއެވެ.

މިއަދު މި ވާހަކަ ލިޔާއިރު އެ ދެ މާތް އިންސާނުން ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އެނބުރި އައުމެއްނެތެވެ. އެ ދެ މީހުން އަހަރެންނާ ވަކިވެދިއުމަކީ މި ހިތަށް އޭގެ އަސަރު އިންތިހާއަށް ކުރުވި، ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. އަހަރެންނަށް ހުރިހާކަމެއް ދަސްކޮށްދީ އަހަރެންގެ ދެފައިމައްޗަށް ތެދުވި ދުވަހު އެ ދެ މާތް އިންސާނުން އަހަންނާ ވަކިވެދިޔައީއެވެ. އެ ދެ މީހުންނަށް ހިދުމަތެއް ކޮށްލާނެ ފުރުސަތުވެސް ނުލިބި ދިޔައީއެވެ. މިއަދު އަހަރެން ދިރި މިހުރީ އެ ދުވަހު އެ ދެ މާތް އިންސާނުން ފޫހިކަމެއް، ޝަކުވާއެއް ނެތި އަހަންނަށް ކޮށްދިން ހިދުމަތުގެ ސަބަބުންނެވެ. އެއީ އޭގެ އަގު އަހަންނަށް އަދާކުރެވޭ ވަރަށް ވުރެ މާ މާތް އަގުބޮޑު ހިދުމަތެކެވެ. މި ދުނިޔޭގައި ހުރި ހުރިހާ ޖަވާހިރެއް އެއްފަރާތަށް އަޅާ އަނެއް ފަރާތަށް އެ ދެ މީހުން އަހަރެންނަށް ކޮށްދިން ޚިދުމަތްތައް އަޅައިފިނަމަ ބުރަވާނީ އެ ދެ މީހުން އަހަންނަށް ކޮށްދިން ޚިދުމަތުގެ އަގެވެ. އެއީކީ އަހަރެންނަށް އަގުކުރެވޭނޭ ޚިދުމަތެއް ނޫނެވެ.

އާނއެކެވެ. އެއީ އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕައެވެ. މިއަދު އެމަންމަ އާއި ބައްޕަވަނީ މި ދުނިޔެއަށް އަލްވަދާޢު ކިޔައިފައެވެ. ތާއަބަދަށް ވަކިވެ ގޮސްފައެވެ. ލޯބިވާ ބައްޕަ އަށާއި މަންމަ އަށް ބުނެލަން އޮތީ ލޯބިވާ މަންމާ އެވެ. ލޯބިވާ ބައްޕާއެވެ. މިއަދު އަހަންނަށް މަންމަ އަށާއި ބައްޕައަށް ދެވޭނެ އެއްޗަކީ ހެޔޮ ދުޢާއެވެ. ސަދަގާތެވެ. ލޯބިވާ މަންމަ އާއި ބައްޕަ ވަކިވެ ދިޔައިއްސުރެ މަންމަ އަށާއި ބައްޕައަށް އަހަރެން ހެޔޮ ދުޢާކޮށްދެމެވެ. ކޮންމެ ފަރުލު ނަމާދެއްގައެވެ. ތަހުއްޖުދު ނަމާދާއި އެހެނިހެން ސުންނަތް ނަމާދުގައެވެ. ޤުރުއާން ކިޔަވާ އިރުގައެވެ.

ލޯބިވާ މަންމާ އެވެ. ލޯބިވާ ބައްޕާއެވެ. މިއަދު އަހަރެން ބޭނުންވަނީ އަހަރެންގެ ދުޢާގެ ސަބަބުން ﷲގެ ހަޒުރަތުގައި ލޯބިވާ މަންމަ އާއި ބައްޕަގެ ދަރަޖަ އުފުލެމުން ދިއުމެވެ. އިންޝާ ﷲ އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ލޯބިވާ މަންމަ އާއި ބައްޕައަށް އަބަދުވެސް ފޫހިކަމެއް ނެތި ދުޢާ ކޮށްދޭނަމެވެ. އަހަރެން، އާރެއް ބާރެއް ނެތް ކުޑަ ކުއްޖެއް ކަމުގައި ވީހިނދު ލޯބިވާ މަންމަ އާއި ބައްޕަ އަހަރެން ބެލި ފަދައިންނެވެ.

ޔާﷲ، މިއަޅާ އާރެއް ބާރެއް ނެތް، ކުޑަކުއްޖެއް ކަމުގައި ވީހިނދު ބަލާބޮޑުކުރި ފަދައިން، ނިކަމެތި އަޅާގެ މަންމަ އާއި ބައްޕައަށް އިބަ ﷲގެ ތަނަވަސް ރަހުމަތުން ހެޔޮ ރަހުމަތްލައްވައި، މިއަޅާގެ މަންމަ އާއި ބައްޕަގެ ކަށްވަޅު ތަނަވަސްކުރައްވާ، ސުވަރުގޭގެ ފެތުރެއްވެވުމަކުން ނިކަމެތި އަޅާގެ މަންމައާއި ބައްޕަގެ ކަށްވަޅު ފަތުރައްވަވައި ކަށްވަޅުގެ ފިތުނައިންނާއި، އަނދިރިކަމުންނާއި އެކަނިވެރިކަމުންނާއި ބިރުވެރިކަމުންނާއި އަޒާބުން ރައްކައުތެރިކުރައްވާ ސަލާމަތް ކުރައްވައި ކުށްތައް އަފޫކުރައްވާ، ނަރަކައިގެ ގަދަފަދަ އަޒާބުން ސަލާމަތް ކުރައްވާ، ސުވަރުގޭގެ ދާއިމީ ނިއުނަތް މަންމަ އަށާއި ބައްޕައަށް މިންވަރު ކުރައްވާ، މަހުޝަރު ކުރައްވާއިރު ސާބިތުކަން ދެއްވާ، އަމަލުތަކުގެ ފޮތް ކަނާއަތަށް ދެއްވާ، ލުއި ބެއްލެވުމަކުން އެއުރެންގެ ހިސާބު ބައްލަވާ، އަރުޝީގެ ހިޔާވަހިކަމުގައި ލައްވާ، ސިރާތުމަގު ލުއި ފަސޭހަކަމާ އެކު ހުރަސްކުރުމުގެ ތައުފީޤު ދެއްވާ، ނިމުމެއް ނެތް ނިއުމަތްތަކުން ފުރިފައިވާ ޖަންނަތުލް ފިރުދައުސްގައި ނިކަމެތި އަޅާގެ މަންމަ އާއި ބައްޕަ ލައްވާދޭނވެ. އާމީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *