...

Support Us

ކޮލަމް މާޒީ: އަޑުގަދަކުރާއިން އިއްވަނީ ކޮންމެ ވެސް އެހެން މީހެއްގެ އަޑެވެ.

އަޑުގަދަކުރާ (ލައުޑް ސްޕީކަރ) އިން އިވޭ އަޑަކީ އެ އިސްޕީކަރުގެ އަޑެއް ނޫނެވެ. އެއީ މީހަކު އިއްވާ އަޑެއް، ގަދަކޮށްދޭން ބޭނުންކުރާ އާލަތެކެވެ. އެއިން އެ އިވެނީ ކޮންމެވެސް މީހެއްގެ އަޑެވެ. ވީމާ، އަޅުގަނޑުމެން ހިތްހަމަނުޖެހޭ އަޑެއް އެ އިސްޕީކަރަކުން އިވޭ ކޮންމެ ހިނދަކު އެ އިސްޕީކަރެއް ކުށްވެރިއެއް ނުކުރަމުއެވެ. ހަމަ މި ފަދައިން މުޖުތަމަޢުގެ ރައުޔާ އަދި ޤައުމިއްޔަތާ ޚިލާފު ވާހަކައެއް މީހެއްގެ ފުށުން އިވުމުން އެއީ ހަމައެކަނި އޭނާގެ އަމިއްލަ ރައުޔު ކަމަށް ބަލައިގެން ކަމަކު ނުދާނެއެވެ. އެއަށްވުރެ ފުންކޮށް އެކަމާ މެދު ވިސްނާން ޖެހޭނެއެވެ. އަދި އެ މީހަކީ ބަޔަކު ތަމްސީލުކޮށްދޭ ނުވަތަ ވަކި ބަޔެއްގެ ފިކުރު ފަތުރާން މަސައްކަތްކުރާ މީހެއް ކަމުގައިވާ ނަމަ މި ކަމާ ވިސްނާން ޖެހޭ ދަރަޖަ އިތުރުވާނެއެވެ.

ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކުގެ ތެރޭގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ތާރީޚާއި ސަގާފަތާއި ދިވެހިބަސް ހިމެނެއެވެ. ދިވެހި ގައުމު ފުނޑުފުނޑުކޮށްލާން މަސައްކަތްކުރާ މީހުން، ޤައުމުގެ ދުޝްމަނުން އެކި ގޮތްގޮތުން މި ބަހާތަކަށް ޙަމަލާދެއެވެ. އެކި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެކި މީސްމީހުން ލައްވައެވެ. ބޭނުމަކީ ޤައުމިއްޔަތާ މެދު މީހުންގެ ހިތުގައި ޝައްކު އުފެއްދުމެވެ. މީސްތަކުންގެ ހިތްތަކުން ޤައުމީ ރޫޙު ނައްތައިލުމެވެ.

މި ގޮތުގެ މަތީން އިސްލާމް ދީނަށް ތައުހީނުކޮށް އިސްލާމް ދީނަށް ފާޑުކިޔައި ތަފާތު ޕޯސްޓްތައް މީސްމީޑިއާގައި ޢާންމުކުރެއެވެ. އެކިއެކި ޖަމުޢިއްޔާތަކުން ތަފާތު ރިޕޯޓްތައް ނެރެ ޝާއިޢުކުރެއެވެ. ޤައުމީ އަބްޠާލުންގެ ޖިހާދާމެދު ތަފާތު ސުވާލުތައް އުފައްދައި އެ ފަދަ އަބްޠާލުންނަށް ބަދުބަސް ރައްދުކުރެއެވެ. އަދި ޚާއްޞަކޮށް ޢަލިރަސްގެފާނާއި ބޮޑުތަކުރުފާނުގެ ޖިހާދަށް މަލާމާތްކޮށް ނުބައި ދޮގު ތުހުމަތުތައް އަޅުވައެވެ. އަދި އަޅުގަނޑުމެންގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ޙާދިސާ ކަމުގައި ދިވެހީން އިސްލާމް ދީނަށް އެނބުރުމުގައި ސަބަބުވެރިވެވަޑައިގަތް ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތްކޮށް އެއްވެސް ސާބިތު ނުހިފޭ ދޮގުތައް ހަދައި ޤަޛުފުގެ ތުހުމަތާއި މީހުން މެރުމުގެ ކުށުގެ ތުހުމަތު އަޅުވައި އެ ރަދުންނަށް ދިވެހީން ކުރާ ޤަދަރަށް އުނިކަން ގެންނާން މަސައްކަތްކޮށްފައި ވެއެވެ.

ދާދިފަހުން އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވީ ދިވެހިބަސް ދޫކޮށް ދިވެހި ރާއްޖޭގެ ޤައުމީ ބަހަކީ އިނގިރޭސިބަސްކަމަށް ހަދައިލެވިއްޖިއްޔާ ތަރައްޤީގެ ދުވެލި އަވަސްވާނެ ކަމަށް ބުނެ އެއްވެސް ޢިލްމީ ބުރަދަނެއް ނެތް ވާހަކަތަކެކެވެ. މި ކަމާ ގުޅިގެން އެ ބަސް އިއްވާން އިސްވި މީހާގެ މައްޗަށް ނަފުރަތުގެ ބަސްތައް ރައްދުކުރަމުން ގޮސްފައިވެއެވެ.

ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް މި ފަދައިން ޙަމަލާ ދިނުގެ މައިގަނޑު ދެ ބޭނުމެއް ވެއެވެ. އެއް ބޭނުމަކީ، އެ ކަންކަމަށް ދިވެހީންގެ އިޙުސާސާއި ޖަޒުބާތު ހުންނަ ގޮތާއި އެ މީހުން އެ ކަންކަމަށް އިޖާބަދޭ ގޮތް ދެނެގަތުމެވެ. އަނެއް ބޭނުމަކީ ޤައުމިއްޔަތުގެ މި ބަހާތަކާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދައި ޤައުމީ ރޫޙު މަރައިލުމެވެ. އަދި މި ބާވަތުގެ ވާހަކަތައް އިވިއިވި ރައްޔިތުންގެ ކަންފަތްތައް އެއްގޯސްކޮށް އެއީ އެއްވެސް ކަމެއްކަމަށް ނުބަލާ ހިސާބަށް ރައްޔިތުންގެ ކަންފަތްތަކާއި ވިސްނުން ހޭނުވުމެވެ.

ކުރީން ދެންނެވި ދެ ބަހާ ކަމަށްވާ އިސްލާމް ދީނާއި ދިވެހި ތާރީޚުގައި ހިމެނޭ ޤައުމީ އަބްޠާލުންގެ މައްޗަށް މީގެ ކުރީން އެކި ލިޔުންތަކުގައި އަޅުގަނޑު ވާހަކަދައްކައިފައި ވާނެއެވެ. އެހެންކަމުން މިއަދު އަޅުގަނޑު ހަމައެކަނި ބަލައިލާނީ ދިވެހިބަހާ ދޭތެރޭ އެ އިއްވި އިހާނާތުގެ ބަސްތަކާމެދުގައެވެ.

ދިވެހިބަހަކީ ބަސްތަކުގެ އެންމެ ފަޚުރުވެރި ޢާއިލާއިން އައިސް ދިވެހީންނަށް ފޯރައިފައިވާ މުއްސަނދި ބަހެކެވެ. ކުޑަކުޑަ އާބާދީއެއް އޮތް މި ޤައުމުގެ ރައްޔިތުން އެތައް ހާސް އަހަރެއް ވަންދެން މި ބަސް ދަމަހައްޓައި ތަރައްޤީކުރަމުން މިއަދާ ހަމައަށް އައިސްފައިވެއެވެ. އަދި ދިވެހި ސަގާފަތުގައި ހިމެނޭ ޢިލްމާއި ފަންނުތައް މި ޖީލާ ހަމައަށް ގެނެސްދީފައިވަނީ ދިވެހިބަހުގެ ވާޞިޠާއިންނެވެ. އަދި ދިވެހިބަހަކީ އެ ބަހަކަށް އަމިއްލަ އަކުރެއް ލިބިފައިވާ މަދު ބަސްތަކުތަކުގެ ތެރޭގައި ހމެނޭ ފަޚުރުވެރި ބަހެކެވެ. މިއީ ދިވެހި ޤައުމިއްޔަތުގެ ފަޚުރެކެވެ. ޚާއްޞަކޮށް ދިވެހިބަސް ލިޔާން ބޭނުންކުރާ އަކުރަކީ ދިވެހި ކާބަފައިން އަމިއްލައަށް އުފެއްދި ފަޚުރުވެރި އަކުރެކެވެ. އެހެންކަމުން ދިވެހި ބަހާއި ތާނައަކުރަކީ ދިވެހި ކާބަފައިން މިއަދުގެ ޖީލަށް ވާރުތަކޮށްދީފައިވާ ވަރަށް އަގުބޮޑު އެހައި އަގުހުރި ތަރިކައެކެވެ. ދިވެހީންނާ ޙަވާލުކޮށްފައިވާ ވަރަށް މަތިވެރި އަމާނާތެކެވެ. އެހެންކަމުން ދިވެހިބަހާ ނުލައި ދިވެހި ޤައުމިއްޔަތެއް ނޯންނާނެއެވެ. އެ ބަޔެއްގެ މާދަރީބަހާ ނުލައި އެއްވެސް ބަޔެއްގެ ޤައުމިއްޔަތެއް ބަދައްސެއް ނުވާނެއެވެ. ދިވެހީން މިއަދާ ހަމައަށް ދެކެފައިވާ ހުރިހާ ތަރައްޤީއެއް ލިބިގަތީ ދިވެހިބަހާއެކީގައެވެ.

ފިކުރުކޮށްލައްވާށެވެ! ހީބުރޫ ބަހަކީ ނޭވާހޮޅިއަށް އެޅިފައި ހަމަ އެކަނި ފައްޅީގައި ތަންމަތީގައި އޮތް ބަހެކެވެ. ނަމަވެސް އިސްރާއީލޭ ކިޔާ ދައުލަތެއް އުފެއްދުމަށް ފަހު، އެ ދައުލަތުގެ ޤައުމިއްޔަތު އާލާކުރުމަށް ޓަކައި ޙީބްރޫބަހަށް އަލުން ދިރުންދީ އެ ބަސް ތަރައްޤީކުރީ އެ ބައިމީހުންގެ ޤައުމީ ލޯބީގައެވެ. އެހެންކަމުން ދިވެހިބަހާ ނުލައި ދިވެހި ޤައުމިއްޔަތެއް ނޯންނާނެކަން ދަންނާން ޖެހޭނެއެވެ.

މި ބާވަތުގެ ކަންކަން މުޖުތަމަޢަށް މަޑުމަޑުން، ކުޑަކުޑަކޮށް ތައާރަފުކުރަމުން މި ގެންދަނީ ރައްޔިތުންގެ ހިތްތަކުން ޤައުމިއްޔަތުގެ ލޯބި ކުޑަކޮށް ޤައުމިއްޔަތު ފުނޑުފުނޑުކޮށްލުމުގެ ބޭނުމުގައެވެ. މިއީ ދުރާލައި ރޭވިގެން ޤައުމުގެ ދުޝްމަނުންގެ އެހީތެރިކަމާއި މަދަދާއެކު ހިންގޭ ޖަރީމާއެކެވެ. އެ ބާވަތުގެ އަޑުތަކާއި ލިޔުންތައް ވަކި ބަޔެއްގެ ވަކި މީހެއްގެ ފުށުން ތިލަވެގެން އަޔަސް އެއީ ފޮރުވިފައިވާ އެހެން ބަޔެއްގެ މަސައްކަތެވެ. އަޅުގަނޑުމެންނާ ހަމައަށް މި ބާވަތުގެ ކަންކަން މި ތިލަކުރަނީ މާއްދިއްޔަތަށް ހެއްލިފައިވާ ކުލީ މީހުން މެދުވެރިކޮށް އެ މީހުން ލައްވައެވެ. ޤައުމިއްޔަތުގެ މުހިންމު ކަމާއި ޤައުމީ ލޯތްބަކީ ކޮން އެއްޗެއްކަން ނުދަންނަ މީހުން މެދުވެރިކޮށްގެންނެވެ. އެއީ ހަގީގަތުގައި އެ މީހުންގެ އަމިއްލަ ޚިޔާލެއް ނޫނެވެ. އެ މީހުންނަކީ ކުއްޔަށް ހޯދައިފާ އަޑުގަދަކުރާތަކެކެވެ. ނުވަތަ ކުލީ ގަލަންތަކެކެވެ. ވީމާ، މި ކަންކަމާމެދު އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ފުޅާކޮށް ވިސްނައި މި ފަދަ ކަންކަމަށް ޚަބަރުދާރުވާން އެބަޖެހެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.