މިއީ ބައިމަދު އާބާދީތަކަށް ނިސްބަތްވާ ބަސްތައް އުވެމުން ނެތެމުންދާއިރު ފަހުގެ މަރުހަލާތަކުގައި ފެންނަ ބައެއް ކަންކަމެވެ. ދިވެހިބަސް އުވިގެން ނެތިގެން ހިނގައިދާނެ ހެއްޔެވެ؟ އެކަމަކު…
- ދިވެހީންގެ މާދަރީ ބަހަކީ ދިވެހިބަހެވެ. އެކަމަކު މިއަދު ބޮޑެތިވަމުން އަންނަ ޖީލުގެ ކުދިން އެބަހާ ބީރެއްޓެއްސެވެ. އެ ކުދިން ވިސްނާ ފިކުރު ކުރަނީ ވެސް އިނގިރޭސިބަހުންނެވެ.
- ދިވެހިބަހަކީ ޒަމާނަށް ނޭކަށޭނަ، ކުރިއަށް ދިއުމުގައި ބޭނުމެއް ނުހިފޭނެ، ޓެކްނޮލޮޖީއާ ފައިހަމަ ނުކުރެވޭނެ ބަހެއް ކަމަށް އަދުގެ ޒުވާން ޖީލު ގަބޫލުކުރެއެވެ.
- ދިވެހިބަހުގައި އަމިއްލަ އަކުރެއް އޮތުމަކީ ބަހަށް ލިބޭ މުއްސަނދި ކަމަކަށް ވިޔަސް ތާނައިން ރީތިކޮށް ލިޔަން ނޭނގޭ، ލިޔާ ލިޔުމުގައި އަކުރު އެޅުމުގެ ހަމަތައް ނުދަނެ ތިބެ ސްކޫލު ދައުރު ނިންމާ ދަރިވަރުންތަކެއް އެބަ ފެނެއެވެ.
- ބަހުގެ މުއްސަނދިކަމެއް ކަމަށް ބެލެވުނު ބަހުގެ ދަރަޖަތައް ބޭނުންކޮށްގެން ވާހަކަ ދައްކަން ނޭނގޭތީ އެ ދަރަޖަތަކަކީ ކަމުދާ އެއްޗަކަށް ބައެއް މީހުންނަށް ނުވެއެވެ. ދަރަޖަތައް ބޭނުންކުރުމަކީ ހަމަހަމަކަމާއިއިދިކީލި، ތަފާތުކުރުމެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނެންފަށައިފިއެވެ.
- ބޭރު ލަފުޒުތައް، ޚާއްޞަކޮށް ޢަރަބި ލަފުޒުތައް ލިޔުމަށް އުފެއްދި ތިކިޖެހި ތާނަ ބޭނުން ކުރަން ނޭނގޭތީ ތިކިޖެހިތާނަ ގަބޫލުކުރާކަށް އެއް ބަޔަކު ބޭނުމެއް ނުވެއެވެ. ރަނގަޅަށް ތިކިޖެހި ތާނަ ބޭނުންކުރަން ދަންނަ މީހުނަށް ވެސް ތިކިޖެހިތާނައަކީ ކުރީގައި ބަހުގެ އާލިމުން ހައްދަވާފައިވާ ގޯހެއްކަ މަށް ގަބޫލުކުރެވެން ފަށައިފިއެވެ.
- ބޭރު ބަސްބަހުން ދިވެހިބަހަށް ވަދެ ދިވެހިވާ ލަފުޒުތައް ވެސް ދިވެހިގޮތަށް ބޭނުންކުރާކަށް އެއްބަޔަކު ބޭނުމެއް ނުވެއެވެ. ތާނައިން ލިޔެފައި އޮތަސް ބޭރު ބަސްތައް ގިނަކަމުން އެ ބަސްބަހަށް ނުފަރިތަ ދިވެއްސަކަށް އެ އެއްޗެއް ފަހުމުކޮށް ދެނެގަންނަން ދައްޗެވެ.
- ދިވެހިބަހުން ވާހަކަ ދައްކާން ދިވެހީން ލަދުގަންނަން ފަށައިފިއެވެ. އެ މީހެއް އިލުމީ ގާބިލުކަން އެހެން މީހުންނަށް ދެއްކޭނީ ބޭރުގެ ބަސްތައް ބޭނުންކުރާ މިންވަރު އިތުރުކުރި ވަރަކުންކަން ހީވާން ފަށައިފިއެވެ. ބައެއް ޖުމުލަތަކުގައި ދިވެހި ލަފުޒުތަކަށްވުރެ ބޭރު ލަފުޒުތައް ގިނަވެއްޖެއެވެ. ލަފުޒުތައް ގުޅުވާލަން ބޭނުންކުރަން ނޫނީ ދިވެހި ލަފުޒެއް ބައެއް މީހުން ބޭނުމެއް ނުކުރެއެވެ.
- ރަސްމީ އަދި ނުރަސްމީ ލިޔެކިޔުންތަކުގައި ބޭރު ބަސްބަހުގެ ނުފޫޒު ގަދަކޮށްފިއެވެ. ބޭރު ބަސްބަހާއި ލަފުޒުތަކާއި ނަންތައް ބޭނުންކުރެވެނީ ކޮންމެހެން ބޭނުންކުރަން ޖެހިގެންނެއް ނޫނެވެ.
- ބަހުގައި ހުރި ތަފާތު ބަހުރުވަތަކާމެދު އިހުމާލުވެ ބަހުރުވަތަކަށް ކުޑައިމިސްކޮށްލެވިއްޖެއެވެ. ބަހުރުވަތައް ދިރުވާ އާލާކުރުމަށް ކުރެވޭ ކަންކަން މަދެވެ.
- ތަންތަނަށް ބޭރު ބަސްބަހުން ނަން ކިޔުން ރީތިވެއްޖެއެވެ. އެ ތަންތަނުގެ ނަންފިލާގަނޑުތަކުގައި ތާނަ އަކުރުން އެ ނަމެއް ޖެހީމާ އެވީ ދިވެހި ނަމަކަަށް ކަމަށް ހީވާން ފަށައިފިއެވެ.
- ދިވެހީންނަށް ކިޔަމުންއައި ދިވެހި ނަންތައް ގާތްގަނޑަކަށް އުވި ހިނގައްޖެއެވެ.
- ބަހާމެދު ވިސްނައި ފިކުރު ހިންގައި ބަހަށް ޚިދުމަތްކުރާ ދުވަހަކީ ހަމައެކަނި ބަހުގެ ދުވަހަށް ވެގެންދަނީއެވެ. ބަސް ހިމާޔަތްކޮށް ރައްކާތެރިކޮށް ކުރިއެރުވުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއެއްކަން ހަނދުމަނެތި، އެކަމަށް ހެދޭ ވުޒާރާތަކާއި މުއައްސަސާތަކާއި ގާނޫނުތަކުގެ ބޮލުގައި އެކަންކަން އެޅުވެނީއެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment