Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ސިޔާސީ އިލްމީ ތަޖުރިބާއެއްގެ ވާހަކަ

ބައެއް ސިޔާސީވެރިންގެ ބޮލަށް އެންމެ އުނދަގޫވާ އެއް ވާހަކައަކަށް ވެފައި މިހާރު އޮތީ އެމީހުންނަކީ ތަންދޮރު ނުދަންނަ މީހުން ކަމުގައި ފާހަގަކޮށް ނޫސްތަކުގައި ލިޔެ އަދި ސައި ހޮޓާތަކުގައި މީސްތަކުން އެކަމަށް ހަޖޫކިޔައި ވާހަކަ ދެއްކާތީއެވެ. އެފަދަ މީހުން ބުނާ ވާހަކައަކީ މިފަދަ ސިޔާސީ ވެރިންނަކީ އެމީހުންގެ ލަޚްލާގީޑަރުން (ޑެމޯގަގުން)، އެއްޗެއް ބުނާއިރަށް، އެކަމަށް ތާއީދުކޮށް އެ ޑަރުންގެ ލީޑަރުތަސްބީހަ ކިޔުމެވެ. ދުވާލަށް ރޭނގަނޑޭ ބުންޏަސް، މާމުއި އެއީ ހިތި އެއްޗެކޭ ބުންޏަސް، މިކަންވެސް ދިފާއުކޮށް ވާހަކަދައްކާނެޔޯ ކިޔާ ކިޔުންތަކެވެ. މީގެ އެންމެ ފަހުގެ މިސާލަކަށް ފެނުނީ މިފަދަ ޑަރަކު، ޗައިނާއިން އުޅެނީ ރާއްޖޭގައި އޮތް ނަމޫނާ ޑިމޮކުރަސީ ނައްތާލުމުގެ ދަންތުރައެއްގައި ޖައްސަން ކަމަށް ބުނި ބުނަމަށް ބައެއް ސިޔާސީ ވެރިން އަތްޖެހުމެވެ. އެމީހުން އަމިއްލައަށް އެކުލަވާލި ޑިމޮކުރަސީގެ އުސޫލާ ޚިލާފަށް، އެމީހުންގެ ސަރުކާރާ ވެސް ދެކޮޅަށް، ވެރިކަމާ ކުރިމަތިލުމަކީ ޑިމޮކުރަސީ އުވާލުން ކަމުގައި އެފަދަ ޑަރުންނާއި އެމީހުންގެ ސަންގުތަކަށް އެކަމެއް ނުފެނެއެވެ.

އެފަދައިން ވާހަކަދައްކައި އުޅޭނެ ސަބަބު ވެސް އެބައޮތްކަން ވެސް ބައެއް ސިޔާސީވެރިން ދަނެއެވެ. އެމީހުން އެމީހުންގެ 'މަގުބޫލުކަން ހޯދީކީ' ސިޔާސާތުގެ ދަނޑުގައި ފައިދާކުރުވަނިވި ސިޔާސަތުތަކެއް ހުށަހަޅައިގެން ނޫނެވެ. އެއްބަޔަކު، މީހުންނާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައި، މީސްތަކުންގެ މަގުބޫލުކަން ހޯދިއިރު، އަނެއް ބަޔަކުގެ އިލްމުވެރިކަމާއި ސިޔާސީ ތަޖުރިބާ ހޯދީ ކުޅިވަރުކުޅޭ ދަނޑުތަކުގައެވެ. އެމީހުންގެ މަދަރުސާއަކަށް ވެސް، އަދި ޔުނިވަރސިޓީއަކަށް ވެސްވީ އެ ތަންތަނެވެ. ދެން، ބައެއް ފަހަރު، ޖަލުތަކުގައި ބަންދުވެ، އެތަންތަނުގެ ޕުރޮފެސަރުންގެ ކިބައިންނާއި އުސްތާޒުންގެ ލެކްޗަރުތައް އަޑުއަހައި ކިޔަވާ ކިޔެވުންތަކުން ވެސް ސިޔާސީ ފިލާވަޅުތައް ހޯދި މީހުން ވެސް އުޅެއެވެ.

ކޮންމެއަކަސް، ބައެއް ސިޔާސީވެރިންގެ ނާގާބިލުކަމާއި އެމީހުން ފުރަމުން ގެންދާ ސިޔާސީ މަގާމުތަކަކީ އެމީހުންނާ އެކަށީގެން ނުވާ މަގާމުތަކެއް ކަމުގެ ވާހަކައިގެ އަޑުގަދަވެ، އެކަން އާންމުވަމުންދާތީ މިފަދަ ސިޔާސީ ވެރިޔަކު މިއީ އެކަން އޮތް ގޮތް ނޫންކަން ސާބިތުކޮށްދޭން ބޭނުން ވެގެން، އިލްމީ ތަޖުރިބާތައް ކުރާ ކަމާއި އަދި އެމީހުންގެ ވާހަކަތައް ބިނާވަނީ އެ ފަދަ ތަޖުރިބާތަކުގެ އަލީގައި ކަމުގައި ސާބިތުކޮށްދިނުމުގެ ގޮތުން، ސިޔާސީ މަޖުލިހެއްގައި މިނަންގަންނަ ވާހަކަ ކިިޔައިދިނެވެ.

"އަޅުގަނޑަކީ ދޫނި ގެންގުޅޭ މީހެކެވެ. ދޫންޏަކީ ވަރަށް ވެސް ވިސްނުން ތޫނު އެއްޗެއްކަމާއި އަދި، ކޮންމެ ވެސް ވަރަކަށް އިންސާނުން ކިޔާ އެއްޗެހި ދޫންޏަށް އެނގޭކަން އަޅުގަނޑު ސާބިތުކޮށްދީފީމެވެ. އެއްދުވަހު އަޅުގަނޑު ގެންގުޅޭ ދޫނިތަކުގެ ތެރެއިން ދޫންޏެއް ގެނެސް މޭޒުމަތީ ބައިންދާފައި، އަޅުގަނޑު އެޔަށް ބާރަށް ގޮވާލީމެވެ. 'ޝޫ، ޝޫ، ޝޫ' އޭ ކިޔައި އަޑުލައްވާލާފައެވެ. ދެން، ހަމަ އިސާހިތަކު ދޫނި ވެސް ގޮވާލާފައި އުދުހިގެން އައެވެ. ދެވަނަ ދުވަހު ވެސް ހަމަ އެބާވަތުގެ ދޫންޏެއް ގެނައީމެވެ. މިފަހަރު، ދޫނީގެ ދެ ފިޔަގަނޑު ކޮށާލީމެވެ. ދެން، މޭޒުމަތީ ބައިންދާފައި ހަމަ ކުރީ ދުވަހެކޭ ވެސް އެއްފަދައިން ވަރަށް ބާރަށް 'ޝޫ، ޝޫ، ޝޫ' އޭ ކިޔައި އަޅުގަނޑު ގޮވާލީމެވެ. ނަމަވެސް މިފަހަރަކު ދޫނި އުދައްސައެއް ނުގަނެއެވެ. މިކަން ދެތިން ފަހަރު މަތިން ތަޖުރިބާކުރީމެވެ. ފިޔަގަނޑު ކޮށާލާފައި ގޮވާލުމުން ދޫނި ހިމޭނުން އިނދެއެވެ. ދެން، އަޅުގަނޑުގެ ސައެންސީ ތަޖުރިބާތައް ލިޔާ ނޯޓު ފޮތުގައި ނޯޓުކޮށްލީމެވެ. 'ދޫނި، ދޫނީގެ ފިޔަގަނޑު ކޮށާލީމައި ދޫނިދޫންޏަކަށް އެއްގޮތަކަށް ވެސް އަޑެއް ނީވޭނެއެވެ! މިއީ އަދި މިހާ ތަނަށް އެކަކަށް ވެސް ހޯދިފައިނުވާ ކަމެކެވެ!"