އަހަރެއް ފެށޭއިރަށް ހަދާ އިސްލާމީ ކަލަންޑަރުތައް ތައްޔާރުކުރަނީ ފަލަކީ ގޮތުން ހަނދުމަސް ފެށޭ ދުވަސް ފަލަކީ ޙިސާބުން ޔަޤީންކޮށްފައެވެ.
އެހެން އެކަން ހުރިނަމަވެސް، ރޯދަޔާއި ޢީދާއި ޙައްްޖުމަސް ފަދަ ޚާއްޞަ މުނާސަބާތަކަށް ބަލާ ހަނދުގެ ވާހަކަ ރާއްޖެއާއި އިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ނޫސްތަކުގައްޔާއި ތަފާތު ވަސީލަތް ތަކުގައި ލިޔެ ޢާންމުންނާ ހަމަޔަށް ފޯރުކުރުމަކީ އާދެއެކެވެ. އޭގެ ސަބަބުން އެފަދަ ޚާއްޞަ މުނާސަބަތުތަކަށް ތައްޔާރުވުމުގެ ރޫޙު ވެސް އާލާވެއެވެ. ހަނދާބެހޭ ފުރިހަމަ މަޢުލޫމާތުން ޔަޤީންކަން ޢާންމުންނަށް ލީބޭ ކަމަށްޓަކައެވެ.
ރޯދަޔާއި ޢީދަށް ހަނދު ބަލާރޭ ހަނދު ފެންނާނެކަން ނުވަތަ ނޫންކަން އިތުބާރާއެކު ކުރިޔާލައި ޢާންމުންނަށް ލިބުމުން އެފަދަ މުނާސަބަތު ތަކާ އިތުބާރާ އެކު ބައްދަލު ކުރެވޭތީއެވެ. އެގޮތުން އަންނަ ޝައްވާލުމަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިޠްރު ޢީދު ދުވަސް ކަށަވަރު ކުރުމަށްޓަކައި ފުރަތަމަ ކުރާން އޮންނަ ކަމަކީ ހަނދުމަހުގެ 29 ވަނަ ދުވަހު، ޢަރުޟާއި ޠޫލުގެ ގޮތުން އެބަޔަކު ތިބޭ ޕޮޒިޝަނަށް އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރޭތޯ ނުވަތަ ނުހުރޭތޯ ފަލަކީ ޙިސާބުން ބަލައި ޔަޤީން ކުރުމެވެ.
އެހެނީ ހަނދުގެ ހުޅެވި ލޮލަށް ފެންނާނީ އިރު އޮއްސުމުގެ ފަހުން ހަނދު ފެންމަތީގައި ހުންނަ ރޭރޭގައި މޫސުން ތަންދޭނަމަ ކަމަށްވާތީ، ހަނދުބަލާން ބޭނުންވާ ބަޔަކަށް ހަނދު ބެލުމަށް ފަސޭހަވާނީ، ހަނދު ފެންމަތީގައި ހުންނަ ނަމަ ހުންނަ އުސްމިން (އަލްޓިޓިޔު) ދަރަޖަ ދަގީގުން ބަޔާން ވުމާއެކު، ހަނދު ހުންނަ މިޞްރާބު (އެޒިމުތު) ވެސް ބަޔާންވެ އެނގިފައި އޮތުމުން ކަމަށް ވާތީއެވެ. އަދި އެފަދަ ދުވަސްދުވަހު އިރު އޮއްސުމުގެ ފަހުން ހަނދު ފިޔަވައި އެއްވެސް ގުރަހައެއް އުދަރެހުގައި ހުންނަ ނަމަ އޭގެ ތަފްޞީލު ވެސް ބަޔާންވެ އެނގިފައި އޮތުމަކީ، ޓެލެސްކޯޕު ބޭނުންކުރާ ފަރާތްތަކަށް އޮންނަ ވަރަށް މުހިންމު މަޢުލޫމާތެއް ކަމުގައި ވެއެވެ.
އެ ސަބަބުތަކަށްޓައި ފަލަކީ ޙިސާބުން އެކަން ބަލާއިރު މި ރޯދަމަހު 29 ވަނަ ދުވަހު މާލެއަށް 18:11 ގައި 287 ދަރަޖަވީ މިޞްރާބަށް އިރު އޮއްސޭ ވަގުތުގެ 17 މިނެޓް ކުރިން 17:55 ގައި 284 ދަރަޖަވީ މިޞްރާބަށް ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް %100 ޔަޤީންވެ އެނގޭން އޮވެއެވެ.
އަދި އެދުވަހު އިރު އޮއްސުމުގެ ފަހުން ހުޅަނގު ފަރާތު އުދަރެހުގައި 18:27 ގައި 333 ދަރަޖަވީ މިޞްރާބަށް އޮއްސޭ ޔޫރޭނަސް އާއި 19:32 ގައި 313 ދަރަޖަވީ މިޞްރާބަށް އޮއްސޭ ޢަޠާރިދު (މާކިޔުރީ) ފިޔަވައި އެހެން އެއްވެސް ގުރަހައެެއް ހުޅަނގު އުދަރެހުން ފެންމަތީގައެއް ނުހުންނަ ކަންވެސް އެނގޭން އޮވެއެވެ.
އެހެންކަމުން މި ރަމަޟާން މަހަކީ 30 ދުވަސް ފުރިހަމަވާ ރޯދަ މަހެއްކަން، ފަލަކީ ގޮތުން ޝައްކެއް އުފެދޭނެ އެއްވެސް ސަބަބެއް ނެތެވެ. އަދި މި ރޯދަމަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމުގެ ފަހުން ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ނުފެންނާނެ ކަމާއި ރާއްޖޭގެ ހުރިހައި ހިސާބަކަށް ވެސް އިރަށް ވުރެން ކުރީން އެދުވަހު ހަނދު އޮއްސޭކަން ވެސް ފަލަކީ ޙިސާބުން ކަށަވަރަށް އެނގޭން އޮވެއެވެ.
އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ތުރާކުނަށާއި ހުޅަނގުން މަކުނުދޫގެ ތަފާތު ކުޑަ ސިކުންތު ކޮޅެއްގައި ހުރި ތަފާތެއް ފިޔަވައި އިރަށް ވުރެން 17 މިނެޓް ކުރިން ހަނދު އޮއްސޭކަން އެނގޭން އޮވެއެވެ. އަދި އައްޑޫ ހިތަދޫއަށް ވެސް މާލެއާ ހުރި ތަފާތު ސިކުންތު ކޮޅެއް ފިޔަވައި އިރަށްވުރެން 16 މިނެޓް ކުރިން ހަނދު އޮއްސޭކަން ކަށަވަރަށް އެނގޭން އޮވެއެވެ.
އަދި ރާއްޖޭގެ އުތުރުން އެންމެ ކައިރީގައި އޮންނަ އަވައްޓެރި މަލިކަށް ވެސް އިރަށް ވުރެ 17 މިނެޓް ކުރިން ހަނދު އޮއްސޭކަން އެނގޭން އޮވެއެވެ.
އެފަދައިން އިސްލާމީ ގައުމުތަކުން އެންމެ އިރުމަތީގައި އޮންނަ އިންޑޮނޭޝިއާގެ ޖަކާޓާއަށް އިރަށް ވުރެ 19 މިނެޓް ކުރިން ހަނދު އޮއްސޭކަމާއި، ސަޢުދީ ޢަރަބިއްޔާގެ މައްކާއާއި ޖިއްދާއަށް ވެސް ސިކުންތުކޮޅެއްގެ ތަފާތު ފިޔަވައި އިރަށްވުރެ 15 މިނެޓް ކުރިން ހަނދު އޮއްސޭކަމާއި، އަދި މޮރޮކޯގެ ކަސަބުލަންކާއަށް ވެސް އިރަށް ވުރެ 10 މިނެޓް ކުރިން ހަނދު އޮއްސޭކަން އެއްވެސް ޝައްކުކަމެއް ނެތި ކަށަވަރަށް އެނގޭން އޮވެއެވެ.
އެހެން އެކަން ހުރެފައި ރޯދަމަސް ނިމުމުގައި އެެއްއުއި ވަނީ އިސަބަ ރާހީގެ (ޘައުރު ބުރުޖު/ ޓޯރަސް ސައިން)ގެ ބުރުނު ނަކަތުގެ 10 ދަރަޖަ 5 ދަގީގާ އިރާ ހަނދު އަރައި ހަމަވާ ވަގުތުގައިކަމާއި، އެކަން ހިނގަނީ މި ރޯދަމަހު 30 ވިލޭރޭ (ނުވަތަ 1 މޭ) ގެ 01:26 ގައިކަން ވެސް އެނގޭން އޮވެއެވެ.
އެހުރިހައި ކަމެއް އެހެން ހުރުމުން މޭ 1 ވަނަ ދުވަހަކީ މި ރޯދަމަހުގެ 30 ވަނަ ދުވަސް ކަމުގައިވެ، ފިޠްރުޢީދު ދުވަހަކީ، މޭ 2 ވާ ހޯމަ ދުވަސްކަމުގައި މިފަހަރު ވާނެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކަލަންޑަރުގައި ވެސް އޮތީ މިއަހަރުގެ ފިޠްރު ޢީދު ދުވަހަކީ މޭމަހުގެ 2 ވަނަ ދުވަސް ކަމުގައި ކަމުން ރާއްޖޭގެ ކަލަންޑަރާ އެއްގޮތަށް މިފަހަރު ފިޠްރުޢީދު ދުވަސް ދިމާވާނެއެވެ.
