Support Us

ކޮލަމް ކޯދު: ނެޕޯލިޔަންގެ ބުއްދިވެރި އިތުރު ބަސްކޮޅެއް

ނެޕޯލިޔަން ބޮނަޕާޓަކީ ފަރަންސޭސި ވިލާތުގެ ސިޔާސީ އަދި އަސްކަރީ ލީޑަރެކެވެ. ފަރަންސޭސި ވިލާތުގެ ވެރިކަމަށް ނެޕޯލިޔަން އިސްކުރީ 1799 ގައެވެ. އަދި، ފަހުން، 1804 ފެށިގެން 1814 ވަނަ އަހަރާ ހަމައަށް، ފުރާންސުގެ އެމްޕަރާގެ ލަގަބު ލިބިގަނެ، އެ ނަމުގައި ވެރިކަންކުރިއެވެ. އަދި 1814ގައި އޭނާ ވެރިކަމުން ދުރުކުރެވުނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށް 1815 ވަނަ އަހަރު އޭނާ އެނބުރި ވެރިކަމަށް އައެވެ. ހަމަ އެ އަހަރު އޭނާ ވެރިކަމުން ދުރުކޮށް ސެންޓު ހެލީނާއޭ ކިޔުނު ރަށަށް އޭނާ އަރުވާލައި، އެތަނުގައި އޭނާ ނިމިދިޔައެވެ.

ތިރީގައި އެވަނީ ނެޕޯލިޔަންއަށް ނިސްބަތް ކުރެވޭ ބުއްދިވެރި ބަސްކޮޅެކެވެ.

  1. ކާމިޔާބު ލިބެނީ، އޭނާ އެދޭ ކަމެއް ހާސިލުކުރުމުގެ މަސައްކަތްކުރުމުގައި ވަރުބަލިކަމެއް، ދޫދިނުމެއް ނެތި އަބަދު ދެމިހުންނަ މީހާއަށެވެ.
  2. ހަގީގީ އިންސާނަކު އެއްވެސް މީހަކަށް ނަފުރަތެއް ނުކުރާނެއެވެ.
  3. ވަރުބަލިވެފައިވާ ހަށިގަނޑަކަށް ލިބޭނޭ އެންމެ މޮޅު ޝިފާއަކީ ހަމަހިމޭންވެފައި އޮންނަ ސިކުނޑިއެއް އޮތުމެވެ.
  4. އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހެނީ ކާމިޔާބު ލިބޭ ވަގުތުގައެވެ.
  5. ތަޚުތަކީ މަޚުމަލީ މަޚްމަލީ ފޮތިކޮޅެއް އެޅިފައިވާ ގޮނޑިއެކެވެ.
  6. އިނބަގެ ދަގަނޑު އަތަށް މަޚްމަލީ އަންގިއެއް ލައްވާށެވެ.
  7. ފުރާންސުގެ ރަސްގެފާނުގެ ތާޖުކޮޅު ބިން މައްޗަށް ވެއްޓިފައި ވަނިކޮށް އަހަންނަށް ފެނުނެވެ. ދެން، އަހަރެންގެ ކަނޑިން އެ ތާޖުކޮޅު އަހަރެން ނެގީއެވެ.
  8. ވޭނީ ހިތާމަތައް އުފުލުމަށްޓަކައި، މަރުވުމަށް ބޭނުންވާ ހިއްވަރަށް ވުރެ، މާ ބޮޑު ހިއްވަރެއް ބޭނުންވެއެވެ.
  9. މި ދުނިޔޭގައި، ސިޔާސީ ގޮތުން ކާމިޔާބު ހޯދަން އެދޭ ނަމަ، ހުރިހާ ކަމެއް ކުރާނެ ކަމަށް ވައުދުވާންވެފައި އެއިން އެއްވެސް ކަމެއް ނުކުރަންވީއެވެ.
  10. އަހަރެން ފެށީ ހުރިހާ ނުބައިކަމެއް ވެސް ވެދާނެކަމަށް ގަބޫލުކުރަމުންނެވެ.
  11. ނުރައްކަލާ ކުރިމަތިލުމުގައި އުފާވެރިކަން ވެސް ވެއެވެ.
  12. އަންހެނެއްގެ ހިތް ފަތަހަކުރަން އެދޭ ނަމަ، އެކަނބުލޭގެ ހެއްވާލަން ޖެހެއެވެ.
  13. އެ މީހުންގެ އަމިއްލަ އަސްކަރިއްޔާއަށް ޚަރަދުކޮށް ކާންދޭން ބޭނުން ނުވާ މީހުންނަށް ދާދި އަވަހަށް، ބޭރުގެ އަސްކަރިއްޔާއަކަށް ކާންދީ ޚަރަދުކުރަން ޖެހޭނެއެވެ.
  14. އަހަންނަށް ފާޑުކިޔައި އިހާނަތްތެރިވާ މީހުންނަށް އަހަރެން މާފުކުރުމުން، އަބަދުވެސް އެމީހުންނަށް ވުރެ މަތީ ދަރަޖައެއްގައި އަހަރެންގެ ނަފްސު ބެހެއްޓޭނެއެވެ.
  15. މީހުން ކޮންޓުރޯލު ކުރުމަށް އެމީހުންގެ ކަރުގައި އަޅުވާނެ ދެ ވާގަނޑެއް ވެއެވެ. ފުރަތަމަ ވާގަނޑަކީ ޒާތީ އަމިއްލަ ފައިދާކުރުމުގެ ވާގަނޑެވެ. ދެވަނަ ވާގަނޑަކީ ފައިސާގެ ވާގަނޑެވެ.
  16. ސިންގާއަކަށް ނޫނީ ހިޔަޅަށް އަހަންނަށް ވެވިދާނެއެވެ. މީހުން ގެންގުޅުމުގެ ސިއްރަކީ އެމީނުންގެ ކައިރީގައި ސިންގާއަކަށް ވާނީ ކޮން ވަގުތެއްގައި ކަމާއި ހިޔަޅަކަށް ވާނީ ކޮން ވަގުތެއް ކަމުގައި އެނގުމެވެ.
  17. އާންމު ގޮތެއްގައި ހަނގުރާމަތައް ކާމިޔާބު ކުރަނީ އާދައިގެ ފައުޖީންނެވެ. ނަމަވެސް އެކަމުގެ ހުރިހާ މޮޅެއް ނަގަނީ ފައުޖުތަކުގެ ޖެނެރަލުންނެވެ.
  18. ނޫސްވެރިންނަކީ ގަލަމަކުން މަގުތައް ކުނިކަހާ މީހުންނެވެ.
  19. އެހެން މީހުންގެ މޮޔަކަން އަހަރުމެންނަކީ މޮޅު ބައެއް ކަމުގައެއް ނުހަދައެވެ.
  20. ކުރިއަރަމުން މައްޗަށް ދާއިރު، މަޑުޖައްސާލެވިދާނެއެވެ. ނަމަވެސް ތިރިއަށް ވެއްޓެމުން ދާއިރު، މަޑުޖައްސާލާނޭ ފުރުސަތެއް ނުލިބެއެވެ.
  21. ފައިސާގެ ބޭނުންތެރިކަން އޮންނަނީ ފައިސާ ހޯދައި މިލްކުރުމުގައެއް ނޫނެވެ. ހެޔޮ ގޮތުގައި އެ ފައިސާ ޚަރަދުކުރަން އެނގުމުގައެވެ.
  22. ފޮތް ކިޔާ ޖަމާއަތެއްގެ މީހުން އަހަންނަށް ދައްކާށެވެ. އޭރުން ދުނިޔެ ގުޑުވާލި މީހުން އަހަރެން ދައްކާނަމެވެ.
  23. ތާރީޚަކީ، [ވަރަށް ގިނަ ފަހަރު] އެންމެން އެއާ މެދު އެއްބަސްވެވިފައިވާ ދޮގުތަކެކެވެ!
  24. ގޮތް ކަނޑައަޅާލުމުގެ ކުޅަދާނަކަމަށް ވުރެ ލިބިގަންނަން އުނދަގޫ އަދި އެހެންވެ، އޭގެ އަގު މަތި ހުނަރެއް ނުވެއެވެ.
  25. ތާރީޚު ލިޔެވެނީ ހަނގުރާމައިގައި ކާމިޔަބު ހޯދާ މީހުންގެ ގަލުމުންނެވެ.
  26. އޭގެ ފަހަތަށް، ހިތާމައެއް ދޫކޮށްލަން ނުޖެހޭ ހަމައެކަނި ކާމިޔާބީއަކީ ޖަހާލަތުގެ މައްޗަށް ހޯދާ ކާމިޔާބެވެ.
  27. ވައުދު ފުއްދަން އެންމެ މޮޅު ގޮތަކީ ވައުދު ނުވުމެވެ.
  28. މީހުންނަށް ހިއްވަރުދީ ކަންކަން ކުރުވުމަށް ބާރުއަޅައިދޭ ދެކަމެއް ވެއެވެ. ބިރު ހީވުމާއި އަމިއްލަ ފައިދާ ލިބުން އެދުމެވެ.
  29. މީސްމީހުންގެ ކިބައިގައި ހުންނަ ރަނގަޅުކަން މެދުވެރިކޮށް އެމީހުންގެ މައްޗަށް އަމުރު ހިންގާލުމަށް ވުރެ ބޮޑަށް މީހުންގެ ކިބައިގައި ހުންނަ ނުބައިކަން މެދުވެރިކޮށް އެމީހުންގެ މައްޗަށް އަމުރު ހިންގާލަން ފަސޭހަވެއެވެ.
  30. މީހަކަށް ލިބިފައިވާ ކުޅަދާނަކަމެއްގެ ބޭނުންކުރުމުގެ ފުރުސަތެއް ނެތް ނަމަ، އެ ކުޅަދާނަކަމެއްގެ މާ ބޮޑު ބޭނުމެއް ނެތެވެ.