Support Us

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް: އަލްފާތިޙާ ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް-1

ސޫރަތުގެ ނަން

އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ’– އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ 'މުގައްދިމާ’އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. ސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މިސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނާލެވިފައި ވެއެވެ. ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ބިސްމި އަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ.

ނަމާދުގައި، މާތް ﷲއަށް ހަމްދު ސަނާ ދަންނަވައި ތަކުރާރުކޮށް ކިޔޭ ސޫރަތަކަށް ވުމުން، މިސޫރަތަށް 'އައްސަބްޢުލް މަޘާނީ’ގެ (ތަކުރާރުކޮށް ކިޔޭ ހަތް [އާޔަތު]ގެ) ނަމުން ނަންދެވިފައި ވެއެވެ. އަދި މިނޫން އެހެން ނަންނަން ވެސް މިސޫރަތަށް ކިޔެއެވެ. 'އުއްމުލް ގުރްއާން’އެވެ. ކީރިތި ޤުރުއާނުގެ މައި ސޫރަތެވެ ނުވަތަ ޖައުހަރެވެ. މިސޫރަތުގައި ކީރިތި ޤުރުއާނުގެ އަސާސީ އުގަންނައިދިނުންތައް އެކުލެވިގެންވާތީއެވެ. މާތްﷲގެ އެއްކައުވަންތަކަމުގެ ވާހަކައެވެ. އެކަލާނގެއީ މުޅި ކައުނާއި އެ ކައުނުގައި ލެއްވިގެން ވާހާ އެއްޗެއް އުފެއްދެވި، އަދި އެ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެ ކަމުގެ ވާހަކައެވެ. އަދި، ދުނިޔަވީ ހަޔާތް ނިމުމަކަށް އައިސް އެހެން ހަޔާތެއް، އާދެ، އާޚިރަތް ދުވަހާއި އުޚުރަވީ ހަޔާތެއް، އޮންނާނޭ ކަމުގެ އިޝާރަތް ކުރެވިފައިވާ ވާހަކައެވެ. އެދުވަހުން ކޮންމެ މީހަކު ވެސް، އެމީހަކު ދުނިޔަވީ ހަޔާތުގައި ކުރި ކަންތައްތަކާއި ބެހޭގޮތުން، ޖަވާބުދާރީ ކުރެވޭނޭ ކަމުގެ ވާހަކައެވެ. އެކަންކަމާ ބެހޭގޮތުން، ކޮންމެ މީހަކާ ވެސް ސުއާލުކުރެވި ހިސާބު ބެއްލެވޭނޭ ކަމުގެ ވާހަކައެވެ.

އަލްފާތިޙާ ސޫރަތް ބާވާލެއްވުނު ތާރީޚު

ކީރިތި ޤުރްއާނުގެ ސޫރަތްތަކާއި އާޔަތްތައް ބާވާލެއްވުނު ތާރީޚު، މައިގަނޑު ގޮތެއްގައި ދެ ދައުރަކަށް ބަހާލެވެއެވެ. ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ބާވާލެއްވުނީ، ކީރީތި ރަސޫލާ، މައްކާގައި، އިސްލާމީ ދައުވަތުގެ މަސައްކަތް ފައްޓަވައިގެން، ކުރިއަށް ގެންދެވި ދުވަސްވަރުގައެވެ. އާދެ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީގެ އަހަރުތަކުގައެވެ. އެހެންވެ، ތާރީޚީ ގޮތުން، މިސޫރަތްތައް ސިފަކުރެވެނީ މައްކީ ސޫރަތްތަކުގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ އަނެއްބައި ސޫރަތްތައް ބާވާލެއްވުނީ، ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހުގައެވެ. އިސްލާމީ ދައުލަތެއް މަދީނާގައި ގާއިމު ކުރައްވައި، ދައުވަތުގެ މަސައްކަތް މަދީނާގައި ހުންނަވައިގެން ކުރެއްވި ދުވަސްވަރު ގައެވެ. އެހެންވެ، ތާރީޚީ ގޮތުން، މި ދައުރުގައި ބާވާލެއްވުނު ސޫރަތްތައް ސިފަކުރެވެނީ މަދަނީ ސޫރަތްތަކުގެ ގޮތުގައެވެ.

ކީރިތި ޤުރްއާނުގެ މައްކީ ދައުރާއި މަދަނީ ދައުރުގެ ސޫރަތްތައް، ތާރީޚީ ގޮތުން، އިތުރަށް ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އެއިން ކޮންމެ ދައުރެއްގެ ކުރީކޮޅާއި މެދާއި އަދި ފަހުކޮޅަށެވެ. މިވެނި ސޫރަތަކީ، ތާރީޚީ ގޮތުން ބަލާއިރު މައްކީ ނޫނީ މަދަނީ ދައުރުގެ ކުރީ ކޮޅުގައި، ނުވަތަ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައި، ބާވާލެއްވުނު ސޫރަތެއް ކަމުގައި ބުނެ ކަނޑައަޅާލެވެއެވެ.

މިގޮތުން، ސޫރަތްތަކުގެ ތާރީޚު ކަނޑައަޅާލުން ވަރަށް މުހިއްމެވެ. އެއީ ވަކި ސޫރަތެއް ނުވަތަ ވަކި އާޔަތެއް ބާވާލެއްވުނު ދުވަސްވަރާއި، އެދުވަސްވަރު މުސްލިމުންގެ ތެރޭގައި ހިނގަމުންދިޔަ ކަންތައްތަކާއި އަދި އެމީހުންނާ ކުރިމަތިވި މައްސަލަތަކާއި އެސޫރަތް ނުވަތަ އާޔަތް ގުޅޭ ގޮތް ބަލައި، މިފަދަ މައްސަލަތަކަށް، އެސޫރަތުން ނުވަތަ އާޔަތުން، ހައްލު ހޯދައިދެވިފައިވަނީ ކިހިނެއްތޯ ދެނެގަތުމަށްޓަކައެވެ.

ގިނަ މުފައްސިރުން ދެކިލައްވާ ގޮތުގައި، އަލްފާތިހާ ސޫރަތަކީ މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ މައްކާގައި އިސްލާމީ ދައުވަތައިގެން މަސައްކަތްޕުޅު ފެއްޓެވި ދުވަސްވަރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު ސޫރަތެކެވެ. މިސޫރަތް ދެވަނަ ފަހަރަށް މަދީނާގައި ބާވާލެއްވުނު ކަމަށްވެސް ބުނެވެއެވެ. އަލްފާތިޙާއަކީ މުޅި ސޫރަތް އެއްކޮށް ބާވާލެއްވުނު ފުރަތަމަ ސޫރަތެވެ. މިސޫރަތުގެ ކުރީން ބާވާލެއްވުނީ ޢަލަޤު، މުއްޒައްމިލު، އަދި މުއްދައްޘިރު، މި ތިން ސޫރަތުން ކުރެ ކޮންމެ ސޫރަތެއްގެ ވެސް ބަޔެކެވެ.

އަލްފާތިޙާ ސިފަކުރެވެނީ މާތްﷲގެ ޙަޟުރަތުގައި ދެންނެވޭ ދުއާއެއްގެ ގޮތުގައެވެ. މާތްﷲ ކިބަފުޅަށް ހަމްދު ކިޔައި ޝުކުރުއަދާކޮށް އެކަލާނގެއަށް ހައްގު ޘަނާއާއި ތައުރީފުގެ ބަސްތަކުން ތަމްޖީދުކޮށް، އަދަބު އިހުތިރާމު އަދާކުރުމަށް ފަހު، ތެދުމަގު– މާތް ﷲ އަށް އީމާންވެ، ހެވާ ނުބައި ވަކިކޮށް އަދި ހެޔޮ ގޮތް ޚިޔާރުކޮށް، ރިވެތި އަޚުލާގެއްގެ މަތީ ދެމިހުރެ ހަޔާތް ވެއަތުކޮށްލާނޭ މަގު- ދެއްކެވުމަށް އެކަލާނގެ ޙަޟުރަތުގައި އެދި، ދެންނެވޭ ދެންނެވުމެއްގެ ގޮތުގައެވެ. އަލްފާތިޙާގެ މި މާނައަށް ރިއާޔަތް ކޮށްލުމުން މިސޫރަތާއި ވިދިގެން އޮތް ބަޤަރާ ސޫރަތާއި އަދި ކީރިތި ޤުރުއާނުގެ އެހެން ސޫރަތްތަކާއި ގުޅޭ ގޮތް ސާފުވެއެވެ. ބަޤަރާ ސޫރަތް ފެށުމުގައި ކީރިތި ޤުރުއާނަކީ މާތްﷲއަށް އީމާންވާ މީހުންނަށް އޮތް ތެދުމަގު ބަޔާންކޮށްދީ އަންގައިދޭ ފޮތެއްކަމުގައި ނަންގަނެވި އެދުއާގެ އިޖާބަ ދެވިފައިވެއެވެ. އަދި ހަމަ އެހެންމެ، ނަމާދުގައި މުސްލިމުން މި ސޫރަތް ތަކުރާރުކޮށް ކިޔަވަނީ ކީއްވެގެންކަން ވެސް އަލްފާތިޙާ ސޫރަތުގެ މާނައަށް ބަލައިލުމުން އެނގެއެވެ. ނަމާދުކުރުމުގެ މައިގަޑު ބޭނުމަކީ މުއުމިނާ އާއި މާތްﷲއާއި ގުޅުވައިދީ، އަބަދުމެ ތެދުމަގު ހޯދަން މަސައްކަތްކޮށް، އެމަގުގައި ސާބިތުވެހުރުމުގެ ތައުފީގުދެއްވުމަށް އެދި މާތްﷲ ހަޟުރަތުގައި ދެންނެވުމެކެވެ.

ސޫރަތުގެ މާނައިގެ ތަރުޖަމާ

1 بسم الله الرحمن الرحيم ރަހުމަތްވަންތަ (އެންމެންގެ މައްޗަށް) ރަހުމަތް ލައްވާ (މާތް) ﷲގެ އިސްމުފުޅު (ނަންގަނެ، އެކަމުން ބަރަކާތް ލިބުންއެދި ފަށަމެވެ).

2 الحمد لله رب العالمين ހުރިހާ ހަމްދެއް– ތައުރީފާއި ޝުކުރެއް- ހައްގުވަނީ (ހަމައެކަނި މާތް)ﷲއަށެވެ. ޢާލަމްތަކުގެ ވެރި (މާތްﷲއަށެވެ).

3 الرحمن الرحيم ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ (މާތްﷲއަށެވެ).

4 مالك يوم الدين ޖަޒާ (ދިނުމު)ގެ ދުވަހުގެ (ޔައުނީ ގިޔާމަތް ދުވަހުގެ)ވެރި (މާތް ﷲއަށެވެ).

5 إياك نعبد وإياك نستعين އަޅަމެން އަޅުކަންކުރަނީ (ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގި އެދެނީ (ވެސް ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅުންވެ.

6 اهدنا الصراط المستقيم އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!

7 صراط الذين أنعمت عليهم އެބޭކަލުންގެ މައްޗަށް، އިނބަރަސްކަލާނގެ ނިޢުމަތްލެއްވި ބޭކަލުންގެ މަގެވެ.

غير المغضوب عليهم އެމީހުންގެ މައްޗަށް ކޯފާލެއްވުނު މީހުންގެ (މަގެއް) ނޫނެވެ.

ولا الضالين އަދި މަގުފުރެދިގެންދިޔަ މީހުންގެ (މަގެއް ވެސް) ނުމެނޫން މެއެވެ.

ތަރުޖަމާގެ މައްޗަށް އަވަސްކަޅިއެއް

  • الرحمنއާއި الرحيم އަކީ މާތް ﷲގެ ސިފަފުޅުތަކުގެ ތެރެއިން ދެ ސިފަފުޅެވެ. الرحمنއާއި الرحيم މި ދެލަފުޒު ވެސް އުފެދިފައިވަނީ رحمة، މިމަސްދަރުންނެވެ. رحمة ގެ މާނައަކީ އޯގާތެރިކަމެވެ. ހެޔޮކަމާއި އިހުސާންތެރިކަމެވެ. الرحمن ސިފަކޮށްދެނީ މާތް ﷲގެ ޒާތުފުޅެވެ. އޯގާތެރިކަމަކީ އެކަލާގެ ޒާތުފުޅާ ގުޅޭ ސިފަފުޅެކެވެ. މިލަފުޒުގެ މާނަ ދިވެހިން ލިއުމުގައި 'ރަހުމަތްވަންތަ' މިހެން ލިޔެވިފައިވަނީ އެހެންވެއެވެ. الرحيم ގުޅެނީ މާތްﷲގެ އަފްއާލުތަކާއެވެ. އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކާއެވެ. އެކަލާނގެއީ ނިއުމަތްތަކާއި ހެޔޮ ގޮތްތައް ހުރިހާ އަޅުތަކުންނަށް މިންވަރުކުރައްވާ ރަސްކަލާނގެއެވެ. މިލަފުޒުގެ މާނާ ދިވެހިން ލިއުމުގައި 'ރަހުމަތްލައްވާ' ލިޔެވިފައިވަނީ މިހެންވެއެވެ. މާތްﷲއީ އެކަލާނގެ ވޮޑިގެންވުމުގައި ރަހުމަތްވަންތަ އަދި، ކަންތައްތައް މިންވަރުކުރެއްވުމުގައި، އެންމެހައި އަޅުތަކުންނަށް ރަހުމަތްލައްވައި ހެޔޮ ގޮތްތައް މެދުވެރިކުރައްވާ، ރަސްކަލާނގެއެވެ.
  • ބިސްމި އަކީ ކޮންމެ ސޫރަތެއްގައި ހިމެނޭ އާޔަތެއްތޯ ނުވަތަ ނޫންތޯ އާއި މެދު މުސްލިމު އިލްމުވެރީން ބަހުސު ކުރައްވައިފައިވެއެވެ. ހުރިހާ އިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ތައުބާ ސޫރަތް ފެށުމުގައި ބިސްމިއެއް ނުހިމެނެއެވެ. ނަމަވެސް އެހެން ސޫރަތްތައް ފެށުމުގައިވާ ބިސްމިއާއި މެދު އިލްމުވެރީންގެ ހިޔާލު ތަފާތުވެފައިވެއެވެ. އިމާމު އަބޫހަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމިއަކީ ސޫރަތެއް ފެށުން ފާހަގަކުރުމުގެ ގޮތުން ބާވާލެއްވިފައިވާ، ނަމަވެސް ސޫރަތުގައި ނުހިމެނޭ ވަކި އާޔަތެކެވެ. އެހެންވެ، ނަމާދުގައި ހަނަފީން ބިސްމި ކިޔަނީ ސިއްރުންނެވެ. އިމާމު ޝާފިޢީގެ ރައުޔުގައި ބިސްމިއަކީ އަލްހަމްދު އާއި އަދި އެހެނިހެން ސޫރަތްތަކުގައިވެސް ހިމެނޭ އާޔަތެކެވެ. އެހެންވެ ޝާފިޢީން ނަމާދުގައި ބިސްމި ކިޔަނީ އަޑުހަރުކޮށެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި ބިސްމިޔަކީ އަލްހަމްދު ސޫރަތުގައި ހިމެނޭ، ނަމަވެސް އެހެންސޫރަތްތަކުގައި ނުހިމެނޭ ވަކި އާޔަތެކެވެ. މިމައްސަލައާއި ބެހޭ އިތުރު ތަފްސިލު ފަހުން ގެނެވޭނެއެވެ.
  • މިސޫރަތުގެ ދެވަނަ އާޔަތުން ފެށިގެން ހަތަރުވަނާ އާޔަތުގެ ނިޔަލަށް ވަނީ އެއް ޖުމްލައެވެ. الحمد لله [(ހުރިހާ) ހަމްދު– ތައުރީފާއި ޝުކުރު– ހައްގުވަނީ (ހަމައެކަނިމާތް)ﷲއަށެވެ] މި ޖުމްލައެވެ. ދެން ހިމެނޭ އިބާރާތްތަކަކީ މިޖުމްލައިގައި ހިމެނޭ، މާތްﷲގެ އިސްމުފުޅަށް ނިސްބަތްވާ، ނަންއިތުރުތަކެކެވެ. މިނަންއިތުރުތައް ދިވެހިބަހަށް ގެނައުމުގައި ވަކި ޖުމްލަތަކެއްގެ ސިފައިގައި ނުގެނެސްވަނީ މިހެންވެގެންނެވެ. މިސާލަކަށް رب العالمينގެ ތަރުޖަމާގައި 'އެއީ އާލަމްތަކުގެ ވެރި މާތް ރަސްކަލާނގެއެވެ، މިހެން ލިޔުމުގެ ބަދަލުގައި 'ޢާލަމްތަކުގެވެރި (މާތްﷲއަށެވެ)' މިހެންލިޔެފައިވަނީ މި ސަބަބަށްޓަކައެވެ. ކީރިތި ޤުރްއާނުގެ އަސްލު އިބާރާތުގެ މާނައާ އެއްގޮތް ކުރުމުގެ ގޮތުންނެވެ. ދެވަނަ އާޔަތުން ފެށިގެން ހަތަރުވަނަ އާޔަތުގެ ނިޔަލަށް ޖުމްލައިގެ ބައިތައް ވަކިނުކޮށް އެކީއެކައްޗަކަށް އެ އާޔަތްތަކުގެ ތަރުޖަމާގައި މިހެން ލިޔެލެވިދާނެއެވެ. "ހުރިހާ ހަމްދެއް– ތައުރީފާއި ޝުކުރެއް- (ހަމައެކަނި ހައްގު)ވަނީ ޢާލަމްތަކުގެ ވެރި، ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ، ޖަޒާ (ދިނުމު)ގެ ދުވަހުގެ ވެރި (މާތް) ﷲއަށެވެ".
  • އަލްޙަމްދު މިލަފުޒުގައި ހިމެނޭ 'އަލް’– އަރަބި ބަހުގައި އާއްމު ނަން ޚާއްސަކުރުމަށް ބޭނުންކުރެވޭ ދެ އަކުރު– އިޝާރަތްކުރަނީ ބާވަތަށެވެ. ޙަމްދުގެ ކުރިއަށް 'އަލް' އިތުރުކުރުމުން އެނަން ޚާއްސަކުރެވި ޙަމްދު ކުރުން ހައްގުވާ ހުރިހާ ސިފަޔަކާއި ކަމެއް ހިމެނުމަށެވެ. އަލްޙަމްދު، މިލަފުޒު ތަރުޖަމާ ކުރުމުގައި 'ހުރިހާ' އިތުރުކުރެވިފައިވަނީ މިކަން ދޭހަކޮށްދިނުމުގެ ގޮތުންނެވެ.
  • ربގެ ލަފުޒީ މާނައަކީ ވެރިޔާއެވެ. އަރަބި ބަހުގައި ގޭގެ ވެރިމީހާއަށް رب البيت (ގޭގެ ސާހިބު މީހާ) އޭ ކިޔެއެވެ. އޭނާއަކީ ގޭގެ ހުރިހާ ކަމެއް ބަލަހައްޓާ މީހާކަމަށް ވާތީއެވެ. އާއިލާގެ މެމްބަރުންގެ ހުރިހާ ކަމެއް– ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމާއި ބޯހިޔާވެހި ކޮށްދިނުމާއި، ބަލިވީމާ ބެލުން- މިކަންކަންކުރާ މީހާ ކަމަށް ވާތީއެވެ. العالمين 'އާލަމްތައް' އިޝާރަތް ކުރަނީ މާތްﷲ ފިޔަވައި ވުޖޫދުގައިވާ ހުރިހާ އެއްޗަކަށެވެ. އިންސާނުންނާއި ޖަނަވާރުންނެވެ.

މަލާއިކަތުންނާއި ޖިންނީނެވެ. މިއިން ކޮންމެ ގިންތިއަކީ އާލަމެކެވެ. މާތްﷲއީ މިހުރިހާ އާލަމްތަކެއްގެ، އާދެ، މަޚުލޫގުތަކުންގެ ވެރި ރަސްކަލާނގެއެވެ. ނެތުމުގެ ތެރެއިން އެ މަޚްލޫގުތަކުން އުފައްދަވައި އެ އެއްޗިއްސަށް ދިރުންދެއްވި ރަސްކަލާނގެއެވެ. އެ މަޚްލޫގުންނަށް ރިޒުގާއި ނިއުމަތްތައް ދެއްވައި އެ އެންމެންގެ ކަންތައްތައް ބަލަހައްޓަވައި ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

  • إياك نعبد އާއި وإياك نستعين މި ދެޖުމްލައިގެ ތަރުތީބުވަނީ ވަކި ސަބަބަކަށްޓަކައި އިސްފަސް ކުރެވިފައެވެ. އާންމު ގޮތެއްގައި އަރަބި ބަހުގައި ކަމަކުން ފެށޭ ޖުމްލަ އޮންނަ ތަރުތީބަކީ 'ކަން’، ކަންކުރާ، 'ކަންރައްދުވާ' މިތަރުތީބުންނެވެ. މި ދެ ޖުމްލައިގައި 'ކަންރައްދުވާ' ކަމުގައިވާ إياك (އިބަ[ރަސްކަލާނގެ]) ވަނީ ކުރިއަށް ގެނެވި އިސްކުރެވިފައެވެ. އަޅުކަންކުރުމާއި ވާގިއެދުން، ކަންރައްދުވާ ފަރާތަށް – މާތް ﷲއަށް – ޚާއްސަ ކުރުމުގެ ބޭނުމުގައެވެ. މިއާޔަތުގެ މާނަ ތަރުޖަމާކުރުމުގައި 'ހަމައެކަނި' އިތުރުކުރެވިފައިވަނީ މި މާނަ ދޭހަ ކޮށްދިނުމަށްޓަކައެވެ.

ސޫރަތް ބިނާވެފައިވާ ގޮތް

އަލްފާތިހާ ސޫރަތުގެ އާޔަތްތައް ތިންބަޔަކަށް ބަހާލެވިދާނެއެވެ. އެއްމެފުރަތަމަ ބިސްމިއެވެ. މާތްﷲގެ އިސްމުފުޅު ނަންގެނެ، ބަރަކާތް ލިބުން އަދައިގެން، މިސޫރަތް ކިޔަވާން ފެށުމެވެ. ދެވަނަބައި އެކުލެވެނީ ދެވަނަ އާޔަތުންފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ވަނީ މާތްﷲގެ ރަސްކަންފުޅު ދެނެގަތުމާއި، އެކަލާނގެ ކިބަފުޅަށް އަދަބު އިހުތިރާމު އަދާކޮށް، އެކަލާނގެއަށް ހައްގުވެގެންވާ ގޮތުގައި އެކަލާނގެ ރަސްކަންފުޅަށް ގަދަރު ބެހެއްޓުގެ ވާހަކައެވެ. ދެން، ފަސްވަނަ އާޔަތުގައި ނަންގަނެވިފައިވަނީ، މިތަސައްވުރާއި ގުޅޭ، އެ ކަލާނގެއާއި އަޅުތަކުންނާއި ދެމެދު އޮންނަންވާ، ގުޅުމުގެ ވާހަކައެވެ. މިއަށް ފަހު، ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކައެވެ. 'ތެދުމަގު' ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި، މުއުމިނާ ދަންނަވާ، ދުއާގެ ވާހަކައެވެ. އަދި މި ތެދުމަގަކީ ކޮން މަގެއްކަމުގެ ވާހަކައެވެ.

(އިރާދަކުރެއްވިއްޔާ، ދެން އަންނަ ބައެއްގައި އަލްފާތިޙާގެ ތަފްސީރުގެ މައްޗަށް ބަލާލެވޭނެއެވެ.)

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *