ރޯދަމަސް ހުސްވާކަމުގެ އިޙްސާސް ތަކުން ހިތްމޮޅިވަނީ
ހޯދަމުން ދަރުމައިގެ ދާ މޫސުން ވަދާޢުން ވަކިވަނީ
ދަރުމަތައް ގިނަގުނަ ވެގެން ދެއްވާ ތަފާތު އެހެން މަހާ
ބަރުވެގެން މީޒާނުގައި ދާ ވަގުތުތައް ފާއިތުވަނީ
ދޫނުކޮށް އެއްރޭ ތަރާވީސް ކުރެވެމުންދާ ހުއްޓުމުން
ހޫނުގިންޏެއް ޖިސްމުގައި އަސަރުން ހިނގާތީ ދެރަވަނީ
ދަމުނަމާދުގެ މާތްކަމަށް އެދި ތަންމަތީން ނިދި ދޫމެކޮށް
ކަމުގެމަތިވެރިކަން އަދައިގެން ކުޅަ ޢިބާދަތު ވަކިވަނީ
ނިކަމެތީން ހައިހޫނުގައިވާ ޙާލު އިޙުސާސް ވާގޮތަށް
މިކަމުގައި ލެއްވެވި ފިލާވަޅު ދަސްވި ހިނދުކޮޅު ވަކިވަނީ
ހާސް ރެއާ އެއްފަދަ ރެއެއް ހެޔޮކަމުގެ އެކުވީ ހޯދުމާ
ފާސްވެގެން ރައްޔާނު ދޮރުކޮޅު ޚާއްޞަވާ މަސް ވަކިވަނީ
