Support Us

ކޮލަމް ކޯދު: އަންހެނާއަށް ބޭއިންސާފުވެރިވެފައިވާ ވުމެއް

އަރަބި ބަހުގައި ފަސް މަގާމެއްގައި އަންހެނާއަށް ބޭ އިންސާފުވެރިވެފައިވާ ކަމަށް ބުނެވެއެވެ.

  1. ފިރިހެނާ ދިރި ހުރިކަމަށް ވަންޏާ އޭނާ ސިފަކުރެވެނީ حَيّ އޭ ބުނެއެވެ. ނަމަވެސް އަންހެނާ ދިރިހުރި ނަމަ އޭނާ ވަނީ حَيّة އަކަށެވެ. ހަރުފައަކަށެވެ!
  2. ފިރިހެނާ ބުނާ ބުނުމުގައްޔާއި ދައްކާ ވާހަކައިގެ ރަނގަޅު، ހެޔޮ ގޮތް ބުނެދެވިއްޖެ ނަމަ އެކަން ސިފަކޮށް ބުނަނީ އޭނާ مصيب ވީ ކަމެވެ. ނަމަވެސް، ހަމަ މިފަދައިން އަންހެނަކު ކަންތައް ކޮށްފި ނަމަ އޭނާ ވަނީ مصيبة އަކަށެވެ. އާދެ، މުސީބާތަކަށެވެ!
  3. މައްސަލަތައް ބަލައި ފައިސަލާ ކުރުމުގެ މަގާމަކަށް ފިރިހެނަކު އިސް ކުރެވިއްޖެ ނަމަ، އޭނާ ވަނީ قاضي އަކަށެވެ. ނަމަވެސް އެފަދަ މަގާމަކަށް އަންހެނަކު އިސްކުރެވިއްޖެ ނަމަ، އެކަނބުލޭގެ ވަނީ قاضية އަކަށެވެ. ބޮޑުވެގެންވާ މުސީބަތަކަށެވެ. އެފަދަ މުސީބަތެއް މީހަކަށް ލައިގެންފި ނަމަ، އެމީހާ قاضية ކޮށްލާއެވެ. އާދެ، އެމީހާގެ ދުވަސް ދުއްވާލައެވެ!
  4. ފިރިހެނަކަށް ހޮބީއެއް އޮވެ، އެކަމުގެ މަސައްކަތް ކުރާ ނަމަ އޭނާ ވަނީ هاوي އަކަށެވެ. ނަމަވެސް، އަންހެނަކު އެފަދަ ކަމެއް ކުރާ ނަމަ، އޭނާ ސިފަކުރެވެނީ هاوية އެކޭ ބުނެއެވެ. هاوية އަކީ ހެއްޔެވެ؟ القارعة ސޫރަތުގައި ސިފަކުރެވިފައިވާ ފަދައިން، ވަރުގަދަ އަލިފާންގަނޑެއް އަންދައި ގަދަ ހޫނަކުން ހޫނުކުރެވޭ ނަރަކައަކަށެވެ!
  5. ފިރިހެނަކު ޕާލިމަންޓެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އޭނާއަކީ މީސަތަކުން ތަމްސީލުކުރާ نائب އެކެވެ. ނަމަވެސް އަންހެނަކު އެފަދަ މަގާމަކަށް ހޮވިއްޖެ ނަމަ އެކަނބުލޭގެ ވަނީ نائبة އަކަށެވެ. މީސްތަކުންނަށް ލައިގަންނަ މުސީބާތަކަށެވެ!

[ނޯޓު: މިތާނގައި ފާހަގަކޮށްލަން ބޭނުންވަނީ އަރަބި ބަހުގައި އަންހެން ނަމަކަށް ބަދަލުކޮށްލަން އަކުރުކޮޅު ތާ (ة) ބޭނުންކުރާ ކުރުމުން، އުފެދޭ ލަފްޒުގައި، ބައެއް ފަހަރު، ގަސްދުކުރާ މާނަ ނޫން އެހެން މާނައެއް ވެސް އެކުލެވިފައި އޮވެދާނޭ ކަމެވެ!]

  • (ތަރުޖަމާއެއް/ އަރަބި ބަސް ދަސްކުރާ ކުދިންނަށް)