"މަގުމަތީގައި އެއްވެފައި ތިބި ބަޔަކު އިންތިޒާރު ކުރަމުންދިޔައީ 21 ނަންބަރު ބަސް އައުމަށެވެ. އެމީހުން މި އިންތިޒާރުގައި ތިއްބާ ދުރުން ބަހެއް އަންނަތަން ފެނިއްޖެއެވެ. އަދި އެންމެން އެބަހާ ދިމާއަށް ދުއްވައިގަތެވެ. ބަހުގެ ނަންބަރަށް ރަނގަޅަށް ބަލާލައިފައި އެކަކު ބުންޏެވެ. "މިއީ 12 ނަންބަރު ބަހެވެ. އަނެކަކު ހުރެލާފައި ބުންޏެވެ. އެ 12 ނަންބަރު، 21 ނަންބަރަށް ހަދާލާށެވެ. އަދި ބަހަށް އަރައިގެން ދަތުރުކުރާށެވެ."
"ދެވަނަ މީހާ މި ކުރީ ސަމާސާއެއްކަން ސާފުކޮށް އެނގެއެވެ. ކިލާ މަށިކޮޅަކުން ބަހުގައި ބޭނުން ނަންބަރެއް ޖަހާލައިގެން، އެ ބަހަށްއަރާ އޭނާ ދަތުރުކުރަން ބޭނުންވާ ތަނަކަށް ދެވޭނެ ކަމަށް ހީކޮށް ދަތުރުކުރަން ފެށުމަކީ އެއްވެސް މީހަކު ކުރާނެ ކަމެއްނޫނެވެ. މިއީ ހަމައެކަނި ހިސާބުގެ ތަފާތުކަމެއް ނޫނެވެ. ޙަޤީޤަތުގެވެސް ތަފާތުވުމެކެވެ. މި ޙަޤީޤަތް، ހިސާބުގެ އަދަދު ބަދަލުކޮށްލުމުން، ބަދަލުވެގެންނެއް ނުދާނެއެވެ. މިކަމަކީ ކޮންމެ މީހަކަށްމެ އެމީހެއްގެ އަމިއްލަ ޒާތީ މައްސަލަތަކުގައި ވަރަށް ސާފުކޮށް އެނގިފައި އޮންނަ ކަމެކެވެ. ނަމަވެސް އަޖާއިބުވެ ހައިރާންވާންޖެހޭ ކަމަކީ ގައުމުތަކަށް މަގުދައްކާ ލީޑަރުން ގައުމީ މައްސަލަތައް ހައްލުކުރަން ކުރިމަތި ލައްވާއިރު މިސާފު ޙަޤީޤަތް ހަނދާން ނައްތާލައްވާކަމެވެ. މިގޮތަށް ހަދާލައްވާއިރު، ލީޑަރުން ހީކުރައްވަނީ ރީތި ނަމެއްގައި ކަންތައް ކުރުމުން ބޭނުންވާ ޙަޤީޤީ މަގުސަދު ހާސިލުވާނޭ ކަމަށެވެ. ނަމަވެސް ބޭނުންވާ ޙަޤީޤީ މަގުސަދު ހާސިލުވުން އޮތީ މި އަމަލީ ދުނިޔޭގައި ޙަޤީޤީ ސިފައެއްގައި ވާހަކަތަކާއި އަމަލުތައް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުންނެވެ."
މިއީ އިންޑިޔާގެ އިލްމުވެރި މުފައްކިރެއް ކަމަށްވާ މައުލާނާ ވަހީދުއްދީނުޚާނުގެ ބަސްކޮޅެކެވެ. މި ބަސްކޮޅު މަތިން ހަނދާން ކުރުވާ އެކިއެކި ވާހަކަ ދޭތެރެ ދޭތެރެއިން އިވެއެވެ. ވެރިކަންކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމެވެ. އެ ނިޒާމުގެ ގެނައުމުން ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ހިނގައިދާނެ ކަމުގެ ވާހަކައެވެ. އާދެ، ބާރަ އެކާވީހަށް ހަދައިލައިގެ ބޭނުންވާ މަންޒިލަށް ދިޔުމަށްޓަކައި ދަތުރުކުރުން ފަދަ ކަމެކެވެ.
މި ބާވަތުގެ އެންމެ ފަހުގެ ވާހަކައަކީ، ރާއްޖޭގެ ބަހަކީ އިނގިރޭސި ބަސް ކަމަށް ހަދައިފި ނަމަ، މާ ހަލުވިކަމާއެކު ތަރައްގީވެ، ކުރިއަރައިދާނޭ ކަމަށް މަޖުލީހުގެ މެންބަރަކު ބުނި ވާހަކައެކެވެ. މިއީ ވެސް ހަމަ ބާރަ އެކާވީހަށް ހަދާލައިގެން، އެކާވީސް ނަމްބަރު ބަހުގެ މަންޒިލަށް ދަތުރުކުރުން ފަދަ ވާހަކައެކެވެ. އެހެންވަނީ ކިހިނެއް ވެގެން ހެއްޔެވެ؟

ގައުމުތައް ކުރިއަރައި ތަރައްގީވުން ބިނާވަނީ ވަކި ބަހެއްގެ މައްޗަށް ނޫނެވެ. ތަފާތު ބަސްބަހުން ވާހަކަ ދައްކާ ގައުމުތައް ތަރައްގީވެ ކުރިއަރައިފައި ވެއެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުންނާއި، ފަރަންސޭސި ބަހުން ވާހަކަ ދައްކާ މީހުންނާއި އިސްޕޭނު ބަހުން ވާހަކަ ދައްކާ މީހުންނާއި ޖަރުމަނު ބަހުން ވާހަކަ ދައްކާ މީހުންނާއި ޖަޕާނު ބަހުން ވާހަކަދައްކާ މީހުންނާއި ރޫސީ ބަހުން ވާހަކަ ދައްކާ މީހުންނާއި އަދި ޗައިނާ ބަހުން ވާހަކަ ދައްކާ މީހުން ވެސް ހިމެނެއެވެ.
މިއިން ކޮންމެ ގައުމަކީ ވެސް ކޮންމެ ވެސް އިރެއްގައި ތަރައްގީ ނުވެ އޮތް ގައުމުގައުމެވެ. މިސާލަކަށް 20 ވަނަ ގަރުނު ފެށުނު އިރު ޗައިނާ އޮތީ ތަރެއްގީގެ މަގުގައި ވަރަށް ވެސް ފަހަތުގައެވެ. ހަމަ އެހެންމެ، އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލައިފި ނަމަ، ރަޝިޔާ ވެސް އޮތީ އޭރުގެ ޔޫރަޕުގެ ގައުމުތަކާ އަޅާ ބަލާއިރު، ތަރައްގީގެ މަގުގައި ފަހަތުގައެވެ. ހަމަ އެހެންމެ އަދުގެ އިސްޕޭނުގެ، މި ޒަމާނުގެ، ތަރައްގީގެ މަސައްކަތް ފެށި، ތަރައްގީވެފައިވާ ގައުމުތަކާ ފިޔަވަޅު ހަމަކޮށްލެވުނީ 20ވަނަ ގަރުނުގެ މެދެއްހާ ހިސާބުގައެވެ.
ދުނިޔޭގައި އިސްޕޭނު ބަހުން ވާހަކަ ދައްކާ ވަރަށް ގިނަ ގައުމުތައް އެބަ އޮތެވެ. އުތުރު އެމެރިކާގައްޔާއި ދެކުނު އެމެރިކާގައި ވެސް މެއެވެ. މިއިން އެއްވެސް ގައުމަކީ، އިސްޕޭނު ފަދައިން ކުރިއަރައި ތަރައްގީވެފައިވާ ގައުމެއް ކަމަށް ނުބެލެވެއެވެ. އިސްޕޭނު ބަހުން ވާހަކަ ދެއްކި ކަމުގައި ވިޔަސް ވެހެވެ. މިސާލަކަށް ދެކުނު އެމެރިކާގައި އިސްޕޭނު ބަހުން ވާހަކަ ދައްކާ ގައުމަކަށް ބަލާލާށެވެ. ދެކުނު އެމެރިކާގެ ދެތިން ގައުމެއް ފިޔަވައި ހުރިހާ ގައުމެއްގެ ވެސް މައިގަނޑު ބަހަކީ އިސްޕޭނު ބަހެވެ. މިއިން އެނގެނީ ތަންތަން ކުރިއަރައި ތަރައްގީވެދިޔުން ގުޅިފައި އޮންނަނީ ބަސްބަހާ ނޫން ކަމެވެ.
އެހެން ކަމަށްވާއިރު، ތަންތަން ކުރިއަރައި ތަރައްގީވެދަނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ކުރުކޮށް ނަމަވެސް، މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނެލާނަމެވެ. މިކަން ގުޅެނީ އެންމެ ފުރަތަމަ ވިސްނައި ފިކުރުކުރުމާއެވެ. ތަނުގެ އިލްމީ ސަގާފަތާއެވެ. މީހުންގެ ވިސްނުމާއި ފިކުރު ކުރުން، ކުރިއަރަމުންދާ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެބައެއްގެ ލިޔުމާއި ކިޔުންތެރިކަން ކުރިއެރުމެވެ. ލިޔުމާއި ކިޔުންތެރިކަމުގެ ތެރެއިން، މައްސަލަތައް ހުށަހަޅާލެވި، އެކަންކަން ހައްލުކުރުމުގެ އާ ފިކުރުތަކާއި ޚިޔާލާތުތައް އިލްމީ ސިފައެއްގައި ނެރެވި، ބަހުސުކުރެވިގެންނެވެ. މިކަން ކުރެވެން ފެށުމުން، އިލްމީ ސަގާފަތެއް އުފެދި، ބަސް ވެސް ކުރިއަރާނެއެވެ. ސަބަބަކީ ލިޔުންތެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި، މަފްހޫމުތަކަށް ބަސްތައް ހަދަން، އެކަން ކުރާން މަޖުބޫރު ވާނެތީއެވެ. އަމިއްލަ އިލްމީ ވިސްނުމަކާއި ފިކުރު ނެތް ނަމަ، ވާހަކަ ދައްކަމުންދާ ބަސް ބަދަލުކޮށްލުމަކުން އިލްމުވެރިކަން ލިބި، ތަރައްގީއެއް ނުވެވޭނެއެވެ. ތަރައްގީވުން ހަމައެކަނި ގުޅެނީ ބަހާ ކަމަށްވާ ނަމަ، މެކްސިކޯއާއި ހޮންޑޫރަސްއާއި ނިކަރާގުއާ ފަދަ އިސްޕޭނު ބަހުން ވާހަކަދައްކާ ގައުމުތައް އޮންނާނީ އިސްޕޭނު ފަދައިން ތަރައްގީވެ ކުރިއަރާފައެވެ.
ތަންތަން ތަރައްގީވެ ކުރިއަރައި ދިޔުމަށް ދެން އޮތީ މަސައްކަތްތެރިކަމެވެ. އެކި ސިނާއަތްތައް އުފައްދައި ކުރިއެރުވުމެވެ. އެކިއެކި ސިނާއަތްތައް އުފެއްދޭނީ ކިހިނެއްތޯ ހޯދައި ބަލައި، އެކަން ކުރަން އޮންނަ މަގުން އެކަން ކުރުމެވެ. އެކަންކަން ކުރުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ މީހުން އުފެއްދުމެވެ. އަދި، މިފަދަ ސިނާއަތްތައް އުފައްދައި، އޭގެ ޒަރިއްޔާއިން ތަނުގެ މީހުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނޭ ގޮތް ވުމެވެ.
ތަރައްގީގެ މަސައްކަތާ ކުރިމަތިލާއިރު، މިހުރިހާ ކަމެއްގެ ކުރިން ކުރަން ޖެހޭ ކަމެއް އޮވެއެވެ. ތަރައްގީއަކީ ކޮބައިކަމާއި ތަރައްގީގެ އަމާޒު ކަނޑައެޅުމެވެ. ތަރައްގީގެ އަމާޒަކީ ފަހަރެއްގައި ވެސް އިމްރާނީ މަސައްކަތެއް ނޫނެވެ. އިސްކޫލުތަކާއި ހޮސްޕިޓާތައް އެޅުމެއް ނޫނެވެ. އެއާޕޯޓުތަކާއި ބުރިޖުތައް އެޅުމެއް ވެސް ނޫނެވެ. އެކަންކަމީ ޝައްކެއް ނެތް ގޮތުގައި ތަރައްގީގެ އަމާޒާ ގުޅޭ ކަންކަމެވެ.

ތަރައްގީގެ އަމާޒަކީ އިންސާނާއެވެ. ގައުމުގެ ރައްޔިތުންނެވެ. ތަރައްގީއަކީ ރައްޔިތުންނަށް ފަސޭހަކަމާއި ތަނަވަސްކަމާ އެކު ދިރިއުޅެވޭނޭ ގޮތް ހެދުމެވެ. ތަރައްގީގެ މި މާނައާއި މި އަމާޒު ރަނގަޅަށް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ތަރައްގީގެ މަގުގައި ދެން ކުރެވޭ ހުރިހާ ކަމެއް ވެސް ގުޅެނީ މި މައިގަނޑު އަމާޒާއެވެ. ތަރައްގީގެ މަގުގައި ކުރެވޭ އިމްރާނީ މަސައްކަތްތަކަކީ، ތަރައްގީގެ އަމާޒުކަމުގައިވާ ތަނުގެ ހުރިހާ ރައްޔިތުންނަށް، އެމީހުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ޚިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތަކެކެވެ.
ހަގީގީ ތަރައްގީއެއްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނީ، މިނަންގަތް ގޮތަށް ތަރައްގީގެ އަމާޒު ކަނޑައެޅި، ތަރައްގީއަކީ ކޮބައިކަން ދެނެގަނެގެންނެވެ. އެއަށް ފަހު، އިލްމީ އަފުރާދުންތަކެއް އުފައްދައި، މަސައްކަތައް ކުރެވިގެންނެވެ. މިކަމަކީ ހަމަ ހުރެލާފައި ވާހަކަ ދައްކާ ބަސް ބަދަލުކޮށްލުމަކުންވާ އޮންނަ ކަމެއް ނޫނެވެ. އެކަން އެ ގޮތަށް ކުރެވޭ ނަމަ، ދުނިޔޭގައި ތަރައްގީ ނުވެ އޮތް ގައުމެއް ނޯންނާނެއެވެ. ކޮންމެ ބައެއްވެސް، ތަރައްގީވެފައި އޮންނަ ގައުމެއްގެ ބަހުން ވާހަކަ ދައްކަން ފެށުމުން އެބައެއް ވެސް ތަރައްގީވި ކަމުގައި ބެލެވޭނެތީއެވެ!
އަދި އެއް ސުއާލުކޮށްލާނަމެވެ. ބަސް ބަދަލުކޮށްލުމުން، ތަރައްގީއަށް ހުރަސްއަޅާ މައްސަލަތައް ހައްލުވެގެންދޭ ހެއްޔެވެ؟ ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަ މަންޒަރުތައް ބުނަނީ މުޖުތަމައުގައި ކެންސަރެއްހެން އަށަގަނެ ފެތުރިފައިވާ ފަސާދައާއި ވައްކަމާއި މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް ހައްލުވުން ގުޅެނީ ބަހަކާ ނޫން ކަމެވެ. މިސާލަކަށް އިންޑިޔާއަށް ބަލާލަބަލާށެވެ! އިނގިރޭސި ބަހަކީ އެތަނުގައި ރަސްމީ އެއް ބަހެވެ. އަނެއް ބަހަކީ ހިންދީ ބަހެވެ. ނަމަވެސް، ހިންދީ ބަހަށް ވުރެ ބޮޑަށް ބަހަވީ ގޮތުން އިންޑިޔާގައި މީހުން އެއްބަޔަކަށް ހަދަނީ އިނގިރޭސި ބަހެވެ.
އެ މީހުންނަށް 1947ގައި މިނިވަންކަން ލިބުނީއްސުރެން ވެސް ކަން އޮތީ މިފަދަ ގޮތަކަށެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ފަސާދަ ބޮޑު ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. ހަމަ އެހެންމެ ދުނިޔޭގެ ރޭޕުގެ މައްސަލަތައް، އާދެ އަންހެނުންގެ އިއްފަތް ފޭރުމުގެ މައްސަލަތައް، އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. މީގެ އިތުރުން ފަގީރުކަމާއި އަދި މުއްސަނދިންނާއި ފަގީރުންގެ ދެމެދުގެ ތަފާތުކަން ބޮޑު ގައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނެއެވެ. މިފަދަ ކަންކަން ހައްލުވުން ގުޅެނީ ވާހަކަ ދައްކާ ބަހާ ނަމަ، އިންޑިޔާގައި ކަންތައް އޮތީކީ މިނަންގަތް ސިފައެއްގައެއް ނޫނެވެ.
ދެން އަނެއްކާ ވެސް، މައުލާނާ ވަހީދުއްދީނުގެ ވާހަކަ ކޮޅެއް ލިޔެލާނަމެވެ. "މީސްމީހުންނަށް ތަފާތު ދަރަޖަތަކާއި މަގާމުތައް ލިބެނީ އެމީސްމީހުންގެ ކިބައިގައި ހުންނަ ހާއްސަ މޮޅު ކަންކަމަކާ ލަޔާގަތަށް ބެލެވިގެންނެވެ. މިއީ ކަން އޮންނަންވީ ޙަޤީޤީ ގޮތް ކަމަށް ވިޔަސް، މަގާމާއި ދަރަޖަތައް ދިނުމުގައި ޒާތީ އެހެން ބާވަތެއްގެ ކަންތައްތަކަކަށް ބެލެވިގެން ކަންތައް ކުރާއިރު، އެއީ އެންމެ ރަނގަޅު މޮޅު ގޮތް ކަމަށް ހީކޮށްލައިގެން އުޅޭތަންވެސް ފެނެއެވެ. ނަމަވެސް އެއީ ތެދު ޙަޤީޤަތަކަށް ވާނެތޯއެވެ؟ އަދި އިގްތިސާދީބާރުގެ މައްޗަށް ބިނާވެގެން، ގައުމުތަކަށް ކާމިޔާބީއާއި ނާކާމިޔާބީ ލިބުން އެއީ ޙަޤީޤަތުގައި ކަންވާންވީ ގޮތް ކަމަށް ހިމެނިފައިވާއިރު، މިދެންނެވި ބާރުނެތި، އިގްތިސާދީ ތަރައްގީއަށްޓަކައި، އަޅުގަނޑުމެން ހަމައެކަނި އިހުތިޖާޖުތައްކޮށް މުޒާހަރާގެ ޕޯސްޓަރުތައް ބަހައްޓައިގެން ކަންތައްކުރަމުން ދިޔަޔަސް ޙަޤީޤީ ކާމިޔާބީއެއް ނުލިބޭނެއެވެ."
އާދެ، ކަންކަން ހައްލުކުރަން ބޭނުން ނަމަ، އެކަން ކުރަން އޮންނަ މަގު ޚިޔާރުކުރަން ޖެހެއެވެ. އެންމެ ފުރަތަމަ އެކަން ކުރަން ބޭނުންވުމެވެ. އެކަމުގެ ގާބިލުކަން ލިބިގެންވާ މީހުންނާ އެކަން ހަވާލުކުރުމެވެ. ތަންދޮރު ދަންނަ، ކަންކަމުގެ ހަގީގަތް އެނގޭ، ނުވަތަ އެކަން ހޯދުމުގެ ގާބިލުކަން ހުރި މީސްމީހުން މަޖުލީހަށާއި މަސްއޫލުވެރި މަގާމުތަކަށް ގެނައުމެވެ. އެކަން ކުރަން ބޭނުމޭ ކިޔާފައި އެކަން ވާން އޮތީ ވާހަކަ ދައްކާ ބަސް ބަދަލުކޮށްގެންނޭ ނޫނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުންނޭ ބުނުމުން އެއީ ހަގީގަތަކަށް ނުވާނެއެވެ. އިންޑިޔާގެ މިސާލުން ފެނި އެނގެން އޮތް ފަދައިންނެވެ.
އަދިވެސް މައުލާނާ ވަހީދުއްދީނުގެ ވާހަކަ ކޮޅު ކުރިއަށް ގެންދާނަމެވެ.
"މިއަދުގެ ދުނިޔެއަކީ ވާހަކަ ދެއްކުމާއި ބަޔާންތައް ނެރުމުގައިވެސް މުޅިން އައު ގޮތްތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. މިކަން މިހެން އޮތުމާއެކު، ލިޔެކިޔުމާއި ބަހުގެގޮތުން ތަރައްގީވެފައިވާ ބަޔަކަށްވުމަށްޓަކައި އަޅުގަނޑުމެން ކުރަން އުޅޭ ކަމަކީ އަޅުގަނޑުމެންގެ މުސްކުޅި ކުތުބުޚާނާގެ ނަންބޯޑު ބަދަލުކޮށްލުމެވެ. މޮޅަށް ރީތިކޮށް ނަންބޯޑު ހަދާ ފަންނާނަކު ލައްވާ ރީތިކޮށް 'އައުދައުރު’، މިނަމުގައި ނަންބޯޑެއް ހަދައި، އެ ކުތުބުޚާނާގައި ބެހެއްޓުމުން އަޅުގަނޑުމެންގެ ޚިޔާލުތައް ވެސް އައުވެ ތަރައްގީވެގެންދާނޭ ކަމަށް ހީކޮށްގެންނެވެ. …އަދި ދެބަސްވުންތަކާއި ޝަކުވާތަކުން ފުރިފައިވާ މުޖުތަމައެއްގައި އެކަންކަން އުފެދުމުގެ ޙަޤީޤީ ސަބަބުތަކެއް އޮއްވައި ރީތި ވާހަކަތަކާއި މޮޅު ތަގުރީރުތަކެއްގެ ޖާދޫއަކުން ހުރިހާ ކަމެއް ރަނގަޅު ކޮށްލެވިދާނެ ކަމަށް އަޅުގަނޑުމެން ހީކުރިޔަސް އެއީ ޙަޤީޤަތަކަށް ނުހެދޭނެއެވެ. އެބައެއްގެ ތެރޭގައި ތައުލީމާއި އިގުތިސާދީ ކަންތައްތަކާއި އަދި އެންމެންގެ މެދުގައި އޮންނަންވީ އެކުވެރިކަމާއި އެއްބާރުލުން ހުރިހާ ރޮނގަކުން ބަލާއިރު އެންމެ ދަށް ފެންވަރަކަށް އޮތް ތަނެއްގައި ޖަލްސާތަކާ މުއުތަމަރުތަކުގެ ޒަރީއާއިން ގައުމުގެ މުސްތަގުބަލު އުޖާލާކޮށްލެވިއްޖެ ކަމަށް އަޑު އުފުލައި ހަޅޭލެވިޔަސް އެއީ ޙަޤީޤަތެއް ކަމަށް ނުހެދޭނެއެވެ. ތިމާމެންގެ އަމިއްލަ ނަފްސު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ބާރު ނެތް ބަޔަކު ދެކޮޅުވެރި ދުޝްމަނުންނަށް ގެއްލުންދިނުމުގެ މަސައްކަތް ކޮށްގެން އިއްޒަތްތެރި ދިރިއުޅުމެއް ހޯދިދާނެ ކަމަށް ހީކޮށް ވާހަކަދައްކާ އުޅުނަސް އެއީވެސް ޙަޤީޤތަކަށް ހެދޭނޭ ކަމެއްނޫނެވެ. މިބާވަތުގެ ހުރިހާ ކަމަކީވެސް، ކުރީން ބުނެވިދިޔަ ދަތުރުކުރާ ބަހުގައި އޮތް 12 ވަނަ ނަންބަރު 21 ނަންބަރަށް ބަދަލުކޮށްގެން، ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރު ކުރެވިދާނެ ކަމަށް ހިޔާލުކޮށްލައިގެން އުޅުން ކަހަލަ ކަމެކެވެ."
އާދެ، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވެ ގައުމު ތަރައްގީވުން ވާހަކަ ދައްކާ ބަހާ ނުވަތަ ވެރިކަމުގެ ނިޒާމާ ގުޅުވުމަކީ ވެސް ހަމަ، މައުލާނާ ވަހީދުއްދީނު އެ ވިދާޅުވި ފަދަ "ދަތުރުކުރާ ބަހުގައި އޮތް 12 ނަންބަރު 21 ނަންބަރަށް ބަދަލުކޮށްގެން، ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރުކުރެވިދާނެ ކަމަށް ހިޔާލުކޮށްލައިގެން އުޅުން ކަހަލަ ކަމެކެވެ. ގައުމަށް މަގުދައްކަން ތިބި، ލީޑަރުންގެ ލަގަބު އަޅުވައިގެން އުޅޭ މީހުން، މިފަދަ ގޮތެއްގައި ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟ ކަންކަމުގެ ގާބިލުކަން ނެތުމުން، ތަރައްގީއާއި ވާހަކަ ދައްކާ ބަހާ ގުޅުވާލައިފައި، އެ ކިޔާ އެއްޗެއްގެ ހަގީގަތުގެ މައްޗަށް ބެލުމެއް ނެތި، ވާހަކަ ދައްކާތީއެވެ. ހަގީގަތުގައި ވެސް ކަންކަން ކޮށް، ކަންކަން ހަގީގަތަކަށް ހަދާލަން ބޭނުން ނަމަ، އެކަން ކުރެވިދާނެއެވެ. އެކަން ކުރާނީ ކިހިނެއްކަން، އަނެއްކާވެސް މައުލާނާ ވަހީދުއްދީނުގެ ލިޔުމުން ބަލާލާށެވެ.
"މިހާރުގެ މި ދުނިޔެއަކީ ހާސިލުކުރަން ބޭނުންވާ ކޮންމެ އެއްޗެއް ހާސިލު ކުރެވެން އޮތް ޒަމާނެކެވެ. އަދި އެފަދަ ކަންތައް ނުވެވޭ ގޮތަށް ވެސް އޮތް ޒަމާނެކެވެ. ކޮންމެ ކަމެއް ނުވަތަ ކޮންމެ އެއްޗެއް ވިޔަސް ހާސިލު ކުރުމަށްޓަކައި ޒަރޫރަތްތެރިވާ ސަބަބުތައް ފުރިހަމަ ކުރެވިއްޖެ ނަމަ އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރެވޭނެއެވެ. ރޭގަނޑަށްފަހު ދުވާލު އަންނަ ފަދަ ގުދުރަތީ ހަމައަކުންނެވެ. ނަމަވެސް ތަބީއީ ގޮތުން ކަނޑައެޅި ހަމަޖެހިފައިވާ އުސޫލުތަކުން އެއްކިބާވެ، އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންކަންތައް ފުރިހަމަ ނުކޮށް އެކަމެއް ނުވަތަ އެއްޗެއް ހާސުލުކުރުމަށް އުޅެފިނަމަ ފުރަތަމަ ދެންނެވި ގޮތުގައި ކާމިޔާބީ ލިބުން ޔަގީންކުރެވޭ ފަދައިން ދެވަނަ ގޮތުގައި ނާކާމިޔާބީއަކީ ޔަގީންކަމެކެވެ."
އާދެ، ގައުމު ތަރައްގީކުރުމާއި އަދި ގައުމުގެ މައްސަލަތަކަށް ހައްލު ހޯދުން، އަސާސީ ގޮތެއްގައި، ގުޅެނީކީ ވާހަކަދައްކާ ބަސް ބަދަލުކުރުމަކާ ނޫނެވެ. މިކަންކަން ކުރެވޭނީ، ބޭކާރު، އެ ވާހަކަތަކުގައި އެއްވެސް މާނައެއް ނެތް ހޮޅި ވާހަކަ ނުދައްކައި، ކަންކުރުމަށް އަޒުމް ކަނޑައަޅައި އެކަންކަން ކުރަން އޮންނަ މަގުން ހިނގުމުންނެވެ. ތަރައްގީއަކީ ކޮބައިކަމާއި ތަރައްގީގެ އަމާޒަކީ ކޮބައިކަން ދެނެގަނެ، އިލްމުވެރިކަމާއި މަސައްކަތްތެރިކަމުގެ ޒަރިއްޔާއިންނެވެ.

One Response
ކަނދުކޮހުންނާއި ނޫސްތަކުގެ ހެޑްލައިނަށް އަރަން އުޅޭ މީސްމީހުން ލައިގެން ގައމު ދާނީ ފަހަތަށް