Support Us

ކޮލަމް ކޯދު: ރޯދަމަހުގެ ވާހަކަ- ދުއާ ކުރުމާއި ތަގުދީރުގެ ނިޔާއާ ބެހޭ ވާހަކަކޮޅެއް

ދަރިވަރު:

މާތްރަސްކަލާނގެ ގަލަން ޚަލްގުކުރައްވައި، އުފައްދަވައި އަދި އެ ގަލަމަށް ވަހީކުރެއްވިއެވެ. ގިޔާމަތާ ހަމައަށް ދާންދެން ވާން ހުރި ހުރިހާ ކަމެއްގެ ވާހަކަ ލިޔާށެވެ! ދެން (އެކަންތައްތަކުގެ ވާހަކަ ގަލަން ލިޔުނެވެ.) އަދި ގަލަމުގެ ދެލި ހިކި، ފަތްފުށްތައް އުފުލި (މާތް ރަސްކަލާނގެ ހަޒުރަތަށް ގެންދެވި، ސިއްކަ ޖެހުނެވެ.) ދެން، އުމަރުގެފާނު ވިދާޅުވި ވާހަކަ އަޅުގަނޑުމެންނާ ހަމައަށް އައެވެ. 'އިބަރަސްކަލާނގެ ހަޒުރަތުގައި އަޅާއަކީ އަބާއްޖަވެރިއެއް ކަމުގައި އިނބަ ލިޔުއްވައިފައިވާ ނަމަ، އިބަރަސްކަލާނގެ ކުޅަދުންވަންތަކަން މެދުވެރިކުރައްވައި އަޅާއަށް އެ ގޮތް މެދުވެރިވުން ފުއްސަވައި ނެތިކޮށްލަދެއްވާށެވެ! އަދި، އިބަރަސްކަލާނގެ ހަޒުރަތުގައި އަޅާއަކީ ބާއްޖަވެރިއެއް ކަމުގައި ލިޔުއްވައި ސިއްކަޖައްސަވައިދެއްވާށެވެ!'

މިވާހަކަކޮޅު ކިއާލުމުން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުއާލަކީ، މީހަކަށް ކަނޑައެޅި، ލިޔެވި، ތަގުދީރުކުރެވިފައިވާ ގޮތް ބަދަލުވެދާނެ ހެއްޔެވެ؟

މުދައްރިސު:

"ކޮއިފުޅާއެވެ! ކޮއިފުޅަށް ނޭނގެނީ ހެއްޔެވެ؟ މުއުމިނާގެ ދުއާ، އޭނާގެ ތަގުދީރާ ހަނގުރާމަކުރެއެވެ. ދެން، އެ ދުއާގެ ބާރުގައްޔާއި އަދި، ހުއްޓާނުލައި މުއުމިނާ އެ ދުއާ ކުރާކުރުމުންނާއި އަދި އެ ދުއާ މެދުވެރިކޮށް މާތްރަސްކަލާނގެ އަށް ދަންނަވާ ދެންނެވުން ވަނީ ތަގުދީރުކުރެވިގެން، މީހެއްގެ މައްޗަށް ހިންގާލެވުން ކައިރިވެފައިވާ ތަގުދީރުކުރުންތައް ނެތިކޮށްލާ ހަތިޔާރަކަށެވެ."

"ކޮއިފުޅާއެވެ!

އެހެންވެ، ގިނަގިނައިން ދުއާކޮށް، މާތްﷲގެ ހަޒުރަތުގައި ރޮއެ ހަދާ އަޅުވެރިޔާގެ ކަރުނަތަކަށްޓަކައި، އެކަރުނަތަކުގެ ވެރިޔާގެ ދުއާ އިޖާބަކޮށްދެއްވާތޯ އަރުޝީގެ މަލާއިކަތް ބޭކަލުން ވެސް ގޮވާލައްވަމުން ގެންދަވައެވެ. ތަގުދީރުގެ ކަންކަން ވެސް ހިނގަނީ މާތްރަސްކަލާނގެ އިރާދަފުޅުންނެވެ. އަދި، ދުއާގެ ކަންކަން ވެސް ހިނގަނީ މާތްރަސްކަލާނގެ އިރާދަފުޅުގެ މަތިންނެވެ. އެހެންވެ، ދުއާކޮށް، ކޮއިފުޅަށް ދަތި ގޮތްތައް މެދުވެރިކުރުވަފާނޭ ތަގުދީރަކާ ދުރަށް ގޮސް، ކޮއިފުޅަށް ހެޔޮ ގޮތް މެދުވެރިކުރައްވާ ތަގުދީރާ ދިމާއަށް، ދުވާށެވެ!"

"ކޮއިފުޅާއެވެ!

"ދެލި ފަދަ ކަޅު ހިތާމަވެރި ދުވަސްތަކެއްގެ ތެރެއިން ނިކުމެ، އަލިކަމާއި ރައުނަގީ އުފާވެރިކަމުގެ ދުވަސްތަކެއްގެ ތެރެއަށް ވަންނަން ދުވެ ދާނީ ކިހިނެއް ހެއްޔެވެ؟"

"އެކަން ކުރެވޭނީ، ދުވާލުގެ ވަގުތުތަކުގައްޔާއި އަދި ރޭނގަނޑުގެ ދަންގަޑީގެ ހަމަހިމޭން ވަގުތުތަކުގައި ވެސް ކޮއިފުޅުގެ ދެކަކުލަށް ސަޖިދައިގައި އޮންނަން ދަސްކޮށްދީ، އެކަމަށް ދެކަކޫ ހާނުވައިގެންނެވެ."

"ކޮއިފުޅާއެވެ!

"ނިކަން ވިސާނާލަބާލާށެވެ! ވައިގަދަވެ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ކޮއިފުޅު ވަށައިގެންވާ ހުރިހާ އެއްޗެއް ގަދަ ވައި އައިސް އުކާލާނޫން ހެއްޔެވެ؟ ކޮއިފުޅުގެ ގޭގެ ފުރާޅުވެސް ވައްޓާލާ ނޫން ހެއްޔެވެ؟ އެއީ ވަޔަށް އެގޮތަށް ކަންތައް ކުރުމަށް އަމުރުކުރެވިފައިވާތީއެވެ. ނަމަވެސް، ފަހުން، އަނެއްކާ ވެސް ހުރިހާ ކަމެއް ހަމަޖެހި ތަރުތީބު ވެގެންދޭ ނޫން ހެއްޔެވެ؟"

"ކޮއިފުޅާއެވެ!

"ކޮއިފުޅު ސަޖިދައިގައި އޮވެ ހުއްޓާނުލައި އަބަދު ކުރުމުންދާ ދުއާ، ދުވަހުން ދުވަހަކަށް، އޭގެ ބާރު ގަދަވަމުން ދެއެވެ. ފާރުތައް ރޭނި، އުސް އިމާރާތެއް ބިނާކުރެވެމުންދާ ހެންނެވެ. އަދި، އެ ބިނާ ފުރިހަމަވެ، ދަރިފުޅުގެ ދުއާ އިޖާބަކުރެވޭ ހިނދު، ދަރިފުޅުގެ ހިތާމައިގެ ފުން މާނޭވާތައް ދިޔައީ ކޮންތާކަށް ކަން ވަރަށް ސާފުކޮށް އެނގި ފެނިގެންދާނެއެވެ."

"ކޮއިފުޅާއެވެ!

"އެހެންވެ، މުދައްރިސުގެ މި ވާހަކަ ކަނުލައި އަޑުއަހާށެވެ! އަދި އެވާހަކަ ޔަގީންކޮށް ކަށަވަރުކުރާށެވެ. ގަލުމުގެ ލިޔުމުގައި ތަގުދީރުގެ ކަންތައް ކޮންމެ ގޮތަކަށް ލިޔެވިފައި އޮތަސް، ވައިގަދަވެ، ހުރިހާ އެއްޗެއް އުކާލެވިގެންދިޔުމަށް ފަހު، ކަންތައްތައް އަލުން ތަރުތީބުވާ ފަދައިން، ދުއާގެ ސަބަބުން މުއުމިނާގެ ތަގުދީރުގެ ކަންކަން ވެސް އަލުން ތަރުތީބުވެގެން ދެއެވެ. އެހެންވެ، ތިމާގެ ކިބައިގައި ހުރި ކަންނެތްކަމާއި ނުކުރޭކަން، ތަގުދީރުގެ ނިޔާއޭ ކިޔައި، ތަގުދީރާއި މިންވަރުފުޅާ ހަވާލުކޮށްފައި ނުހުރެ، ކުރަން ބޭނުންވާ ކަންކަން ކުރުމަށްޓަކައި އަތުރުކުރި އޮޅާލައިގެން ނިކުމެ، ކެެރިގެން އެކަން ކުރުމާ ކުރިމަތިލާށެވެ! އަދި، އެކަންކަން ހަގީގަތަކަށް ހަދާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އަޅާށެވެ. އަދި، އެކަމަށް ވާގި އެދި ދުއާކުރަމުން ވެސް ގެންދާށެވެ! އިރާދަކުރެއްވިއްޔާ އެކަން ހަގީގަތަކަށް ވެގެންދާނެއެވެ. މި ވާހަކަ އެހެން އިބާރާތަކުން ޅެންވެރިޔާ ވިދާޅުވެފައި އޮވެއެވެ:

إِذا الشَّعْبُ يوماً أرادَ الحياةَ فلا بُدَّ أنْ يَسْتَجيبَ القدرْ

ގައުމެއް [ނޫނީ ފަރުދެއް ވިޔަސް] ދިރިހުރުން ބޭނުންވެއްޖެ ހިނދެއްގައި

އެކަމަށް ތަގުދީރު އިޖާބަދީ ތަން ދޭން ޖެހެއެވެ.

ولا بُدَّ للَّيْلِ أنْ ينجلي ولا بُدَّ للقيدِ أن يَنْكَسِرْ

[ކަޅުފޮއި] ރޭގަނޑުގެ އަނދިރިކަން ވެސް ނެތި ދާންޖެހޭ ފަދައިންނެވެ.

[ގައުމުގެ ނޫނީ ފަރުދުންގެ] ގައިގައި އެޅިފައިވާ ކަސްތަޅުތައް ވެސް މުގުރި ހަލާކުވެ، ނެތި ދާންޖެހޭ ފަދައިންނެވެ."

މަތީގައި ނަންގަނެވި ދިޔަ، ދަރިވަރާއި މުދައްރިސާ ދެމެދު ހިނގައިދިޔަ ހިވާރުގެ މައްޗަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟ ދަރިވަރުގެ ސުއާލާއި އެ ސުއާލަށް މުދައްރިސު ދެއްވި ޖަވާބުގެ މައްޗަށެވެ. އާދެ، ގަޟާ ގަދަރު މައްސަލައިގެ މައްޗަށެވެ. މި މައްސަލައިގެ ވާހަކަތަކުގެ އަސްލު ގުޅެނީ ދެ ކަމަކާއެވެ. އިންސާނުންނަށް ލިބިފައި އޮންނަ މިނިވަން އިރާދާއާއި (ފްރީ ވިލްއާއި) މާތްރަސްކަލާނގެ ލާހުދޫދީ ދެނެވޮޑިގަތުމާއި (އޮމްނިސައަންޓް) މި ދެ ކަންތައް ފުށުނާރާ ގޮތަކަށް ގުޅުވާލުމުގެ މައްސަލައާއެވެ.

އިންސާނުންނަށް ފުރިހަމަ އިރާދާއެއް، މިނިވަން އިޚުތިޔާރުކުރުމެއް، ލިބިފައި އޮތްކަމާ މެދު ޝައްކެއް ނެތެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ތަޖުރިބާއެވެ. ކޮންމެ މީހަކަށް ވެސް، އޭނާ ކަންކަން ކުރަނީ އޭނާއަށް ލިބިފައި އޮންނަ މިނިވަަން އިޚުތިޔާރެއްގެ ދަށުންކަން އެނގޭނެއެވެ. ކައިބޮއި އުޅުމާއި ކަންތައް ކުރަނީ އޭނާގެ އިޚުތިޔާރުގެ މަތިންނެވެ. އަޅުކަން ކުރުމާއި ނުކުރުން ބިނާވަނީ އޭނާގެ އިޚުތިޔާރުގެ މައްޗަށެވެ. ރަނގަޅު ގޮތުގައި އުޅުމާއި ނޫޅުން ވެސް ބިނާވަނީ ހަމަ އޭނާގެ އިޚްތިޔާރުގެ މައްޗަށެވެ. އެހެންވެ، އަމިއްލަ އިޚުތިޔާރެއް ނެތި، މާނައަކީ، ގަދަކަމުން، މަޖުބޫރުކޮށްގެން، ކުރާ ކަމަކާ ދޭތެރޭ މަސްއޫލުވާކަށް ނުޖެހެވެ.

ދެން އޮތީ މާތްރަސްކަލާނގެ ލާމަހުދޫދީ ދެނެވޮޑިގެން ވުމެވެ. އާދެ، ހުދޫދެއް ނެތް، އެކަލާނގެ ދެނެވޮޑިގެން ވުމެވެ. އިންސާނާގެ އަމަލުތައް އުފަންވުމުގެ ކުރިން، އެކަލާނގެ ދެނެވޮޑިގެން ވެއެވެ. މީގެ މާނައަކީ އިންސާނާ ކުރާ ކަންކަން އޭނާ ކުރަނީ އެކަންކަން ކުރުމަށް މާތްރަސްކަލާގެ މަޖުބޫރުކުރައްވާތީ ހެއްޔެވެ؟ ފަހަރެއްގައި ވެސް އެހެންނެއް ނޫނެވެ! މިކަން ވިސްނި ދިޔުމަށްޓަކައި، ފުރިހަމަ ނޫނަސް މިކަމުގެ މިސާލެއްގެ މައްޗަށް ނަޒަރު ހިންގާލެވިދާނެއެވެ. ކުރިއަށް މޫސުން އޮންނަ ގޮތް ލަފާކޮށް، އެކަމުގެ ވާހަކަ ބުނަން އިންސާނުންނަށް އެނގުމުގެ މާނައަކީ މޫސުން ވަކި ގޮތަކަށް އޮތުމަށް އިންސާނުންނަށް ބާރުފޯރުވެނީ ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ފަހަރެއްގައި ވެސް އެހެންނެއް ނުވާނެއެވެ! އެކަމާ ބެހޭ ސަބަބަތައް ހޯދައި އެކަމުގެ މައްޗަށް ބިނާކޮށް މޫސުން ލަފާކުރަން އެނގެނީއެވެ.

މި މަގާމުގައި މާތްރަސްކަލާނގެ ލާމަހްދޫދީ ދެނެވޮޑިގަތުމުގެ އިތުރުން، އެކަލާނގެ ފުރިހަމަ އަދުލުވެރިކަމުގެ މަތިން ވެސް ހަނދާންކޮށްލަން ޖެހެއެވެ. ހުރިހާ ކަމެއް ދެނެވޮޑިތުން، އެކަލާނގެ އަދުލުވެރިކަން ނަފީވާ ގޮތަށް މާނަ ކުރެވިއްޖެ ނަމަ، އެ މާނަކުރުން ސައްހަވާނޭ ކަމަކަށް ނުބެލެވޭނެއެވެ. އިންސާނުންނަށް މަޖުބޫރުކުރުވައިގެން ކަންތައް ކުރެވި، ދެން، އެމީހުންގެ އަމަލުތަކުގެ މައްޗަށް ހިސާބު ބެލެވި، އޭނައަށް ޖަޒާ ދިނުންވާނީ އަދުލުވެރިކަމުގެ ދާއިރާއިން ބޭރުގައިވާ ކަމަކަށެވެ. އެހެންވެ، ގަޟާ ގަދަރުގެ މައްސަލައާ މެދު ވިސްނައި އެމައްސަލަ މާނަކުރާއިރު މާނަ ކުރަންވާނީ އެކަލާނގެ އަދުލުވެރިކަން ވެސް ނަފީނުވާ ގޮތަކަށެވެ. މުދައްރިސުގެ އޮޅުން ފިލުވައިދެއްވުމުގެ މައްޗަށް ބަލައިލުމުން މިކަން ދޭހަވެއެވެ.

މުދައްރިސު އޮޅުންފިލުވައިދެއްވި ގޮތުގައި، އިންސާނާގެ ކުރިމަގުގެ ތަގުދީރު، ކުރިމަގުގައިކަން އޮންނަން ބޭނުންވާ ގޮތް، ކަނޑައެޅުމުގެ ބާރު އޭނައަށް ލިބިގެންވެއެވެ. މުދައްރިސުގެ އިބާރާތުން ނަމަ، 'ދުއާގެ ބާރުން، ތަގުދީރުގެ ނުރަނގަޅު ގޮތް، ތަގުދީރުގެ ރަނގަޅު ގޮތަށް ބަދަލުކޮށް ފުރޮޅާލެވިދާނެއެވެ.' މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ދުއާ ކުރުމުން، އެމީހަކު ބޭނުންވާ ކަންކަމުގެ މަގުފަހިވެ، އެމަގުން ހިނގުމުގެ ހިއްވަރު އޭނާއަށް ލިބި، އޭނާ ބޭނުންވާ ކަންކަން ހާސިލުވާ ގޮތް ވުމެވެ. އާދެ، ޅެންވެރިޔާ ވިދާޅުވެފައި އޮތް ފަދައިން، އެންމެ ފުރަތަމަ ހަޔާތަކަށް، އެބަހީ ރަނގަޅު ދިރިއުޅުމަކަށް، އިންސާނާ އެދުންވެރިވެ، އެކަމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. ދެން، އޭނާގެ 'ހެޔޮ މިންވަރުފުޅު' އޭނާ އެދޭ، އޭނާ ބޭނުންވާ، ގޮތަށް ތަގުދީރުގެ ކަންތައް އަލުން ތަރުތީބުވެ، ހަމަޖެހިގެންދެއެވެ.

އާދެ، މި ވާހަކައިގެ ޚުލާސާއަކީ ކޮބައިހެއްޔެވެ؟ ތަގުދީރަކީ ފަހަރެއްގައި ވެސް މުއުމިނާ ކުރިއަށް ދިޔުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ. އެއީ ވަރަށް ވެސް އީޖާބީ، އާދެ، ފައްސި ގަބޫލުކުރުމެކެވެ. ކަމެއްގައި ފޭލިވުމުން، އެކަމުގައި މާޔޫސްވެދިޔަ ނުދިނުމަށް އެހީވާ އިއުތިގާދެކެވެ. މިހެން ކަންތައް ކުރެވުނު ނަމަ، ނުވަތަ އެހެން ކަންތައް ކުރެވުނު ނަމަ، މިހެން ނުވީހޭ ކިޔައި ވަގުތުތައް ބޭކާރު ނުކޮށް، ވެދިޔަކަމަކީ އެކަމަށް ބަދަލެއް ނުގެނޭވޭނޭ ކަމެއްކަން ދެނެގަތުމަށް އެހީވެދޭ އިއުތިގާދެކެވެ. އަދި، ކާމިޔާބުނުވެ ދިޔަކަމުން އިބުރަތް ލިބިގަނެ، ކުރިމަގުގައި ކާމިޔާބުގެ އައްސޭރިޔަށް ދިޔުމަށްޓަކައި ހިއްވަރު ލިބިގަތުމަށް އެހީވެދޭ އިއުތިގާދެކެވެ. މުދައްރިސު އޭނާގެ ދަރިވަރު ގާތު ބުނުއްވި ފަދައިންނެވެ. މާޒީވެ ދިޔަ 'ނުރަނގަޅު މިންވަރުފުޅުން' ކުރިމަގުގައި އަދި ފޮރުވިފައި އޮތް، ރަނގަޅު މިންވަރު ފުޅާ ހަމައަށް ވާސިލުވުމަށް އެހީވެދޭ ގަބޫލުކުރުމެކެވެ.