ނިޢުމަތާ ހެޔޮދަރުމަޔާ އެކުގައި މިއައި މާތް މައްސަރުން
ނިޢުމަތުގެ ދޮރުކޮޅުތަކުން ވަންނަން އަދައި މާތް މައްސަރުން
ނަފްސު ޠާހިރު ކޮށް ތިމާ ކުށްފާފައިން ތައުބާ ވެގެން
ޣަފްލަތުން ހޭލާށެވީ އެދި ރަޙްމަތަށް މާތް މައްސަރުން
މާތް މިދީނުގެ ސާފު ސީދާ ތެދުމަގުން ކުރިއަށް ދަމުން
މާތް އިލާހަށް ދަންނަވައި ލިބުމަށް އަދައި ފެން ކައުޘަރުން
ލައިލަތުލްޤަދްރީގެ ހެޔޮކަން ދެއްވުމަށް އެދި އަޅަމެނަށް
ހައި ނުކޮށް މާތްހަޟުރަތުން އެދި ދަންނަވަމެ މާތް މައްސަރުން
ފަހުދިހައިގައި ރަޙުމަތަށް އެދި އެންމެހާ އުޚުތުން އަޚުން
މަޙުޝަރުގެ މައިދާން އަމާންވޭތޯ މި އައި މާތް މައްސަރުން
ޔާއިލާހީ ދެއްވަވާނދޭ ރުއްސެވުން ހެޔޮރަހްމަތާ
ދާއިމަށް ލައްވާށި ނޫރެއް ހިތްތަކަށް މާތް މައްސަރުން