Support Us

ޒުރިއަލް: ނާސާ އިން ޖައްވަށް ދާ އުޅަނދު، ޑިސްކަވަރީގެ ކުޅޭކުޅޭ ބޯޓެއް ހިފައިގެން...  -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

އުމުރުން 8 އަހަރުގެ ޒުރިއަލް: ސައިންޓިސްޓަކަށްވުމުގެ އުންމީދުގައި! ސަބަބަކީ މިއީ

އުމުރަކީ އަށް އަހަރެވެ. ކިޔަވަނީ އިއްޒުއްދީން ސްކޫލްގެ ގްރޭޑް ދޭއްގައެވެ. އެކަމަކު އޭނާގެ ކޮޓަރިތެރެ ޒީނަތްތެރި ކުރެވިފައި ވަނީ މުޅިން ތަފާތު ގޮތަކަށެވެ. ފެންނަނީ ޖައްވީ އަދި ސައިންސާ ގުޅޭ އެކިއެކި ފޮތްތަކާއި ކުރެހުންތަކާއި ސާމާނެވެ.

އެއީ މުހައްމަދު ޒުރިއަލް ޒަމީލެވެ. ކުރިން ދިޓީވީ އާއި ވީޓީވީގައި އިނގިރޭސި ޚަބަރު ކިޔައި، ޕްރޮގްރާމްތައް ހުށަހެޅި އައިޝަތު ތަޝްކީލް (ތައްކި) އާއި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ އިބްރާހިމް ޒަމީލް އަހުމަދުގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ހިނިތުންވެ ހުރެ، ޒުރިއަލް ހިފައިގެން އެހެރީ އޭނާގެ ހުވަފެންތަކާއި މުސްތަގުބަލުގެ އުންމީދާ ގުޅޭ އެއްޗެކެވެ. އެއީ އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ޖައްވަށްދާ އުޅަނދު، ޑިސްކަވަރީގެ ކުޅޭކުޅޭ ބޯޓެކެވެ. އޭނާގެ އެންމެ ބޮޑު އެކުވެރިއަކީ އެއީއެވެ.

"ޒުރިއަލް ބޭނުންވަނީ ސައިންޓިސްޓަކަށް ވާން. އެއީ ބޮޑުވީމާ ވަރަށް މޮޅެތި އެއްޗެތި ހަދަން ދަސްވާނެ. އެކި ކަހަލަ އެކްސްޕެރިމަންޓުތައް ހަދަން ދަސްކޮށްގެން،" ޒުރިއަލް އެހެން ބުނެފައި، ސައިފަތް ޕެކެޓެއް (ޓީބޭގު) އަކާއި ކަތުރަކާއި ފޮއިލްކޮޅަކާއި ލައިޓަރެއް ގެނެސް މޭޒުމަތީގައި ބާއްވައިފައި، "ބޭބެ ބަލަން އިންނާށޭ" ބުންޏެވެ.

ޒުރިއަލް އޭނާގެ ބައްޕަ ޒަމީލާއި މަންމަ ތައްކި އާއި މާމަ ޒަރީނާއާއެކު  -ފޮޓޯ: ތައްކި/އެފް.ބީ

ސައިންސްގެ ދާއިރާއަށް ޒުރިއަލް ޝައުގުވެރިވެ، ލޯބިޖެހި، ތަފާތު އެކްސްޕެރިމަންޓްތައް ހަދައި، އެ ދާއިރާއިން ކުރިއަށްދާން މިހާ ޅައުމުރުގައި ޝައުގުވެރިވީ ކީއްވެހެއްޔެވެ؟ ޖަވާބު ވަރަށް ކުރެވެ: މަންމައެވެ. ތައްކިއެވެ. އެކަން ގޮސް އެއްކޮޅުން ގުޅެނީ ކޮވިޑްގެ އާލަމީ ވަބާއާއެވެ.

ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ސްކޫލްތަކާއި އޮފީސްތަކާއި ފިހަރާތަކާއި ހޮޓާތައް ބަންދުވެ، ގެއިން ބޭރަށް ނުނުކުމެވި، މުޅި ރާއްޖެ ފުރަބަންދު ވެގެން ދިއުމަކީ ތައްކިގެ ކުޑަ އާއިލާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެނުވި ސަބަބަކަށެވެ. އެކަމަކު އެއީ އެދެވޭ ހެޔޮ ބަދަލުތަކެކެވެ. ޒުރިއަލްއާއެކު އޭނާ ކުރި އުނގެނުމާއި އުނގަންނައިދިނުމުގެ ދަތުރަކީ ކާމިޔާބު ދަތުރެކެވެ.

ޒުރިއަލް އާއި އޭނާގެ މަންމަ ތައްކި މޫދުގައި… ފޮޓޯ: ތައްކި/ އެފް.ބީ

"ކޮވިޑްތެރޭގައި ޒުރިއަލް ގޭގައި އެކަނި ތާށިވެފައި ހުންނަން ޖެހުންވީ އަޅުގަނޑަށް ވަރަށް އުނދަގޫވި ކަމަކަށް. ސްކޫލްތައް ބަންދުކުރަން ޖެހުމުން، އަދި ފަހުން އޮންލައިން ކުލާސްތައް ފެށި، ކިޔެވުމަށް ޓަކައި ސްކްރީން ކުރިމަތީ ވަރަށް ގިނަ ވަގުތު ޒުރިއަލް ހޭދަކުރަން ޖެހުނު. އޮންލައިން ކްލާސްތަކަށް ވަނުމަށާއި، ފިލާވަޅާ ގުޅޭ ވީޑިއޯތައް ބެލުމަށާއި، ހޯމްވޯކްތައް ހެދުމަށް އައިޕެޑް ހިފައިގެން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނު. އަޅުގަނޑު އެންމެ ކަންބޮޑުވީ މިކަމުގެ ސަބަބުން ޒުރިއަލްގެ އަޚުލާޤަށާއި މޫޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަކަން ފާހަގަވި ހިސާބުން،" ތައްކި ކިޔައިދިނެވެ.

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

"އެހެންވެ މި ކަމާ ބެހޭގޮތުން ހަދައިފައިވާ ބައެއް ދިރާސާތައް އަޅުގަނޑު ކިޔަން ފެށީ. އާލަމީ ވަބާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިންނަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ފޮތްކިޔުމާއި އިންޓަރެކްޓިވް ލާރނިންގ އިން އެހީތެރިވެދޭ މިންވަރު އަޅުގަނޑަށް މޭރުންވި. ނަތީޖާއެއްގެ ގޮތުން ޒުރިއަލްއަށް ބޭނުންވާ ބައެއް ފޮތްތައް ގަތުމަށް 2020 ވަނަ އަހަރު އަޅުގަނޑު ސަމާލުކަން ދިނިން،" ތައްކި ކިޔައިދިނެވެ. "ފޮތްކިޔުމަށް ޒުރިއަލްގެ ހުރި ޝައުގުވެރިކަން ފެނިފައި އަޅުގަނޑު ވަރަށް ހައިރާންވި. ވަރަށް ޝައުޤުވެރި، ތަފާތު ސުވާލުތައް އޭނާ ކުރަން ފެށި. އޭގެތެރެއިން ވަރަށް ގިނަ ސުވާލުތަކަކީ، ހީވެސް ނުކުރާ ކަހަލަ އަދި އަޅުގަނޑު އަމިއްލައަށް ޖަވާބު ދޭން ވެސް ނޭނގޭ ސުވާލުތަކެއް."

އެހެންވެ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރީން ދެމައިން އެއްކޮށް އެއް އިނގިރޭސި އަދި އެއް ދިވެހި ވާހަކަ ކިޔާން އާދަކުރިއެވެ. ދުވަސްތައް ފާއިތުވާ ވަރަކަށް ޒުރިއަލް ފޮތްކިޔުން އާދައަކަށްވެއްޖެއެވެ. ދެމައިން އެކުގައި ފޮތް ކިޔާވަރަކަށް، ޒުރިއަލްގެ ކިޔުންތެރިކަމުގެ ހުނަރާއި ބަސްކޮށާރާއި ވާހަކަދެއްކުމުގެ ހުނަރުވެސް ރަނގަޅުވާކަން ތައްކިއަށް ފާހަގަކުރެވުނެވެ.

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

"ކޮންސެޕްޓްތައް ދަސްކޮށްދިނުމަށް ކުޅިވަރުގެ ތެރެއިން ފިލާވަޅުތައް ދަސްކޮށްދީ ޒުރިއަލް އާއެކު އެކިއެކި ތަފާތު އެކްޓިވިޓީތައް ކުރިއަށް ގެންދަންފެށީ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެންމެ ގިނައިން ބޭނުންކުރީ ގޭގައި ފަސޭހައިން ލިބެން ހުންނަ ތަކެތި. ފުޅީގެ މަތިގަނޑު، ކްލޭ ނުވަތަ ހުސް ފުޅި ފަދަ ތަކެތި. އެކްޓިވިޓީތައް ހަދަން ފެށުމުން ފާހަގަކުރެވުނީ ހިސާބު އިލްމަށް ޒުރިއަލްގެ ޝައުޤުވެރިކަން ހުރި މިންވަރު."

ތައްކި ފާހަގަ ކުރި ގޮތުގައި ޒުރިއަލް ގާތުގައި މިއަދު ކިޔަވާނީ ކޮން އެއްޗެއްތޯ ސުވާލުކޮށްފިނަމަ "އޭނާގެ ޖަވާބަކީ އަބަދުވެސް ހިސާބު! ހިސާބު!" އެވެ.

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

"ޒުރިއަލްއާ އެކު އަޅުގަނޑު އެންމެ ފަހުން ކުރަން ފެށި މަސައްކަތަކީ އާދަކޮށް ސައިންސްގެ އެކްސްޕެރިމެންޓްތައް ހެދުން. ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް ޒުރިއަލްއާ އެކު ސައިންސްގެ އެކްސްޕެރިމެންޓް ހަދަން. ނަމަވެސް އަޅުގަނޑަކީ ސައިންސް ބެކްގްރައުންޑްގެ މީހަކަށް ނުވާތީ، ޞައްޚަ މަޢުލޫމާތު ހޯދުމަށް ޓަކައި އިތުބާރު ކުރެވޭ ވަރަށް ގިނަ މަސްދަރުތައް ކިޔަން ޖެހޭތީ ވަރަށް ޗެލެންޖިން ކަމަކަށްވި،" އެމެރިކާގެ މިނެސޯޓާ ޔުނިވަރސިޓީން ހިއުމަން ރިސޯސަސް އެންޑް އިންޑަސްޓަރިއަލް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހަދައިފައިވާ ތައްކި ބުންޏެވެ. "އެކްސްޕެރިމެންޓް ހެދުމުގައި އިސްކަންދެނީ ގިނައިން ގޭގައި ލިބެން ހުންނަ މެޓީރިއަލްސް، ނުވަތަ ގަންނަން ޖެހުނު ކަމުގައިވިޔަސް، ބޮޑު ޚަރަދެއް ނުހިނގާ އެއްޗެހި ބޭނުންކޮށްގެން ހަދާ އެކްސްޕެރިމެންޓްތަކަށް."

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

ތައްކި ބުނި ގޮތުގައި މާ އުނދަގޫ އެކްސްޕެރިމެންޓްތަކެއް ނުވަތަ ތައްޔާރުވާން ގިނަ ވަގުތު ނަގާ އެކްސްޕެރިމެންޓްތަކެއް ޒުރިއަލް ލައްވާ ނުހައްދައެވެ. މި އެކްސްޕެރިމެންޓްތައް ހެދުން ވެގެން ދިޔައީ ވަރަށް ކާމިޔާބު ކަމަކަށެވެ.

"ޒުރިއަލްގެ ޝައުޤުވެރިކަން އަނެއްކާވެސް މިތާނގައި ފާހަގަވެގެން ދިޔައީ، ވަރަށް ގިނަ ސުވާލުތައްކޮށް، ސައިންސްގެ ރޮނގުން އޭނާގެ ޝައުޤުވެރިކަން ހުރި މިންވަރު ހާމަވެގެންދިޔަކަން. މި އެކްސްޕެރިމެންޓްތަކުގެ ފަހަތުގައި ހުރި ހުރިހާ ޓެކްނިކަލް ކޮންސެޕްޓްތަކެއް ތަފްޞީލުކޮށް އަޅުގަނޑު ޒުރިއަލް އަށް ކިޔައެއްނުދެން. އޭގެ ބަދަލުގައި އަޅުގަނޑު ބެލީ ޒުރިއަލްގެ ޝައުޤުވެރިކަން އުފައްދައި، އޭނާއަށް ހިތްވަރުދެވޭތޯ."

ތައްކިގެ ދެމައިންގެ މި މަސައްކަތްތައް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭނާ ހިއްސާކުރަމުން ދިޔައެވެ.

"އެއް ދުވަހަކު އަޅުގަނޑުގެ ރަޙްމަތްތެރިޔަކު ލަފާދިނީ މި ޕޯސްޓްތައް ޢާންމުކުރުމަށް. އެހެންކަމުން އިންސްޓަގްރާމްގައި ޕަބްލިކް އެކައުންޓެއް ހެދުމުގެ ޚިޔާލު ލިބުނީ. އެގޮތުން 26 ނޮވެންބަރު 2021 ގައި "ދަސްކުރަމާ" ނަމުގައި އަޅުގަނޑު ޚާއްސަ ޕޭޖެއް އިންސްޓަގްރާމްގައި ހެދީ."

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

ތައްކި ފާހަގަކުރި ގޮތުގައި "ދަސްކުރަމާ"ގެ މައިގަނޑު މަގުސަދަކީ އޭނާ ހޯދި މަޢުލޫމާތާއި އުފެދުނު ޚިޔާލުތައް އެހެން ބެލެނިވެރިންނާއި މުދައްރިސުންނާ ޙިއްޞާކުރުމެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ސަބަބުން ކުދިން މާޔޫސްނުވެ، ފަސޭހައިން އުނގެނުމުގެ ތަޖުރިބާތައް ކުރެވުން. އަދި ކުޅިވަރުގެ ތެރެއިން ކިޔަވައިދިނުމަކީ ތަންފީޒު ކުރުމަށް މާގިނަ ވަގުތެއް ނުވަތަ މާބޮޑު ޚަރަދެއް ނުހިނގާ ކަމެއްކަން ހާމަކޮށްދިނުން."

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

ވިލާ ކޮލެޖްގެ ލެކްޗަރަރ/ ކޯޑިނޭޓަރަކަށް، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގޭގައި ސައިންސްގެ އެކްސްޕެރިމަންޓްތައް ދިރާސާކޮށް ޒުރިއަލް އަށް ވަގުތު ދިނުމަކީ ތައްކި އަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ދަރިފުޅުގެ މުސްތަގުބަލަށްޓަކައި އޭނާ އެކަން ކުރަން ބޭނުންވިއެވެ.

"އެންމެ ބޮޑު ގޮންޖެހުމަކަށް މިހާރުވެސް ކުރިމަތިވަނީ ވަޒީފާ އަދާކުރަމުން މިފަދަ ހަރަކާތްތަކަށް ވަގުތު ހޯދުން. އެހެންވެ ކުރިއަށް އޮތް ހަފްތާގެ ކަންކަން ވަރަށް ފަރުވާތެރިކަމާ އެކު އަޅުގަނޑު ރާވާލަނީ. އެކަމަކު މިހާރު ޔޫޓިއުބުން ވީޑިއޯތައް ހޯދައި ހަދަން ބޭނުން ވަނީ ކޮން އެކްސްޕެރިމެންޓްތަކެއްކަން ނިންމަނީ ވެސް ޒުރިއަލް."

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

ތައްކި އެންމެ އުފާވަނީ އޭނާ ކުރާ މަސައްކަތުން، އޭނާގެ ދަރިފުޅު ފަދައިން އެހެން ކުދީންނަށް ވެސް ހިތްވަރު ލިބޭތީއެވެ.

"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތް ބަލައިގަނެ އެކަމަށް ތަޢުރީފުކޮށް މީހުން ފޮނުވާ މެސެޖްތައް. އެ ހެޔޮ ބަސްތަކުގެ ސަބަބުން "ދަސްކުރަމާ" ޕޭޖުގެ މަގްސަދު ކިތަންމެހާ ވެސް ބޮޑަކަށް ހާސިލްވޭ،" ތައްކި ބުންޏެވެ.

"އަޅުގަނގެ އުއްމީދަކީ އިތުރު ކުދިން "STEAM" (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާރޓް، މެތްސް) އަށް ޝައުގުވެރިވުން. އަދި އިތުރު ބެލެނިވެރިން މިފަދަ އެކްސްޕެރިމެންޓްތައް ކުރުމަށް ދަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރުން،" ތައްކި ބުންޏެވެ.

 

View this post on Instagram

 

A post shared by CuriousZ (@dhaskurama)

މިފަދަ ކަންކަމަށް ޝައުގުވެރިވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް އުފާވެރި ޚަބަރެއް ވެސް ތައްކި ދިނެވެ.

"ބޮޑު އޯޑިއަންސަކާ ހަމައަށް އައުމަށް ޓަކައި ރާއްޖޭގެ ޗެނަލަކާ ގުޅިގެން، ޓީ.ވީ ޝޯއެއް އުފެއްދުމަށްޓަކައި އަޅުގަނޑު މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކުރާ މަސައްކަތާއި ޕޭޖްގެ މަސައްކަތް ކުރިއަށް ގެންދާނަން."

ޕީ.އެޗް.ޑީ އަށް ކިޔަވަންދާން ތައްޔާރުވާ ތައްކި ގަބޫލްކުރާ ގޮތުގައި ޢިލްމު އުނގެނުމުގެ އެންމެ މުހިންމު ބޭނުމަކީ އުނގެނޭ ޢިލްމެއް އެހެން މީހުންނާ ޙިއްޞާކުރުމެވެ. އޭގެން އެހެން މީހުންނަށް ފައިދާ ކުރުމެވެ.

ޒުރިއަލްއަށް ސައިންސްގެ އެކިއެކި ކަންކަން ދަސްކޮށްދިނުމަށް ތައްކި ޝައުގުވެރިކުރުވި ހަގީގީ ސަބަބު ފެންނަ ދެ ފޮޓޯއަކީ މިއީއެވެ.

އެމެރިކާގައި ކިޔަވަން ހުރިއިރު، ހިއުސްޓަން ސްޕޭސް ސްޓޭޝަނަށް 2017 ގައި ތައްކި ކުރި ޒިޔާރާތެއްގައި… -ފޮޓޯ: ތައްކި/ އެފް.ބީ

"އޭރު ޒުރިއަލްގެ އުމުރުން ދެ އަހަރާއި ބައި. އެތަނުން ފެނުނު ކުރީ ޒަމާނުގެ ރޮކެޓްތަކާއި ސްޕޭސްއަށް ދާ މީހުން ތަމްރީނުކުރާ ތަނާއި ޒަމާނީ ޓެކްނޯލޮޖީ ބޭނުންކުރާ ގޮތް އެ ދުވަހު ވަރަށް ކައިރިން ފެނުނު. އެ ދުވަހު ހިތަށް އެރި ޒުރިއަލް ސައިންސްގެ ދާއިރާއަށޭ ވައްދާނީ. ވަރަށް ފުރުސަތު ބޮޑު ދާއިރާއެކޭ މިއީ ޓެކްނޯލޮޖީ ކުރިއަރަމުން އަންނަ ޒަމާނެއްގައި،" ތައްކި ބުންޏެވެ.

ތައްކި ބުނިގޮތުގައި ޒުރިއަލް ކުޅެން ގެންގުޅޭ ނާސާގެ "ޑިސްކަވަރީ" ބޯޓަކީވެސް އެ ދަތުރުގެ ހަނދާނެކެވެ.

ޒުރިއަލް ސައިން އެކްސްޕެރިމަންޓް ހަދަނީ… -ފޮޓޯ: އަދިވެސް

ޒުރިއަލް ގެނައި ޓީބޭގުގެ ކޮޅު ކަތުރުން ކަނޑާލިއެވެ. އަދި ތައްޓަކަށް ސައިފަތްކޮޅު އަޅާލައިފައި އޭގެ އުރަ ހުޅުވާލައިފައި ފޮއިލްކޮޅު މަތީގައި ބެހެއްޓިއެވެ.

"ބޭބެއަށް ކެރޭނެތަ ލައިޓަރު އަޅަން؟ ކުޑަކުދިން ލައިޓަރު އަޅާކަށް ނުވާނެ. ބޭބެއަށް ކެރެންޏާ މީގައި ބޭބެ ރޯކޮށްލާ!" ލައިޓަރު ދީފައި ޒުރިއަލް ބުންޏެވެ. ދެން އެ އުރައިގެ ކޮޅުގައި އަޅުގަނޑު ރޯކޮށްލައިފީމެވެ.

ރޯކޮށްލުމާއެކު، ދުލިފަށެއް ކަހަލަ އެ އުރަ އަނދަން ފަށައިފިއެވެ. އަނދައި ހުލިވާން ކައިރިވުމާއެކު އޭތި މަޑުމަޑުން މައްޗަށް އަރަން ފެށިއެވެ. ސީލިންގާ ހަމައަށް ގޮސްފައި އެއްކޮށް ނިވުމުން އަނެއްކާ ވެސް ތިރިޔަށް ފައިބާ މޭޒުމައްޗަށް ވެއްޓުނެވެ. އަޅުގަނޑު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މިއީ ރޮކެޓަށް ވެސް ވާ ގޮތް،" ޒުރިއަލް ފަޚުރުވެރިވެލާފައި ބުންޏެވެ.

ރޯވެފައިވާ ކަރުދާސްކޮޅު ރޮކެޓެއްހެން މައްޗަށް އަރައިގެންދިޔަ ވަގުތު ޒުރިއަލްގެ މޫނުމަތިން ފެނިގެންދިޔައީ އުފަލާއި އުންމީދާއި އިތުބާރެވެ. އެއީ މި އުމުރުން ފެށިގެން ޝައުގުވެރިކަމާއެކު އޭނާ ކުރަމުން އަންނަ އެކިއެކި ސައިންސީ ދިރާސާތަކަށްފަހު، ކުރިމަގުގައި މޮޅު ސައިންސްވެރިއަކަށް ވުމަށް ދެކޭ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުމުގެ ހިނިތުންވުމާއި އުންމީދާއި އިތުބާރެއްކަން ޔަގީނެވެ.

ޒުރިއަލް (ކ) ސައިން އެކްސްޕެރިމަންޓް ހަދަން ތައްޔާރުވެފައި… -ފޮޓޯ: އަދިވެސް

އަޅުގަނޑަށްވުރެ ކުރިން ތައްކި އަތްތިލަބަޑި ޖަހަންފެށިއެވެ. އަޅުގަނޑަށް ހަމަ އިނދެވުނީއެވެ. ހައިރާންވެފައެވެ.

  • މި ލިއުމަށް އެހީތެރިވީ: މުހައްމަދު އަސްލަމް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1611
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ޒަންބެ އަދި ތައްކި ތިކުރާ ބުރަމަސައްކަތުގައި ބަރަކާތް ލައްވާށި..
    އިންޝާﷲ ހަމަ ޔަގީނުން ވެސް ތިދެމަފިރިން ތިކޮށްދޭ ގައުމީ ޙިދުމަތް ޒޫރިޔަލްގެ ކިބައިން މިގައުމުން ފެންނާނެ ކަމުގެ ޔަގީންކަމާއި އުންމީދުގައި ފަހުރުވެރި ކަމާއެކު ބްރޯ ހުރިން..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *