އިންސާނުން ހަނދަށް ދިޔަކަމަށް ގިނަ ދިވެހީން ގަބޫލެއް ނުކުރެއެވެ. މިހެން މި ދެންނެވީ އާންމުކޮށް އިވޭ ވާހަކަތަކާއި އަޅުގަނޑު މި އަހަރު ކިޔަވައިދިން ބައެއް ކުލާސްތަކުގެ ދަރިވަރުންގެ މެދުގައި ހެދި ކުޑަކުޑަ ސާވޭއަކަށް ވެސް ފަހުގައެވެ. މި ސާވޭގައި އުމުރުން 30 އަހަރާއި 50 އަހަރާ ދެމެދުގެ 50 މީހުންނާ ސުވާލުކުރުމުން ހަނދަށް ދިޔަކަމަށް ޤަބޫލުކުރާ ކަމަށް ބުނީ އެންމެ ތިން މީހުންނެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 250 މީހުންނާ ސުވާލުކުރުމުން ހަނދަށް ދިޔަ ކަމަށް ގަބޫލުކުރާ ކަމަށް ބުނީ އެންމެ ދެ ޒުވާނުންނެވެ.
މި ފަރާތްތަކާ ވާހަކަ ދައްކާލުމުން އެނގުނީ އިންސާނުން ހަނދަށް ކުރި ދަތުރުތަކާ ބެހޭ ސައްހަ މަޢުލޫމާތު ގިނަ މީހުންނަށް ލިބިފައިނު ވާކަމާއި، ގިނަ މީހުންނަށް ގަބޫލުކުރެވެނީ އެއީ ކޮން ބައެއްކަން ވަންހަނާކޮށް ފޮރުވިގެން ތިބެގެން ތަފާތު ކޮންސްޕިރަސީ ތިއަރީތަކުގެ މައްޗަށް ލިޔެފައިވާ ލިޔުންތަކާއި ދައްކާ ވާހަކަތައް ކަމެވެ. އޭގެ ބައެއް ވާހަކަތައް ބިނާކޮށްފައިވަނީ އެޑިޓްކޮށްފައިވާ ފޮޓޯތަކާއި ހަނދަށް ދިއުމުގެ ކުރިން ތަމްރީނު ހޯދި ސަރަހައްދުގައި ނަގާފައިވާ ފޮޓޯއާ އަދި ފަހުން ހަނދަށް ދިޔަ ފަރާތްތަކުން ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެންނެވެ.
އިންސާނުން ހަނދަށް ފުރަތަމަ ކުރި ދަތުރާ ބެހޭގޮތުން ވާހަކަ ދައްކާލުމުން އާންމުކޮށް ގިނަ ބަޔަކު އެއް ސުވާލެއް ކުރިއެވެ. އެއީ އޭރު އިންސާނުން ހަނދަށް ގޮސްފައި އޭގެ ފަހުން އެއްވެސް މީހަކު ހަނދަށް ނުދަނީ ކީއްވެތޯ ކުރި ސުވާލެވެ. އެކަމަކު އެންމެ ފުރަތަމަ އިންސާނުން ހަނދަށް ކުރި ދަތުރަށްފަހު އޭގެ ފަހުން 10 މީހުން ހަނދަށް ގޮސްފައިވާކަން އެ މީހުންނަކަށް ނޭނގެއެވެ. އަދި ބައެއް މީހުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ހަނދަށް ގޮސްފައިވާ ކަމެއް ވެސް ނޭނގެއެވެ. ދެން މައުލޫއަށް ދަމާ ހިނގާށެވެ.
ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ ބޮޑު ދެ ބާރުގެ ދެމެދުގައި ފެށުނީ "ފިނި ހަނގުރާމަ" އެވެ. އެމެރިކާއާއި ރޫސީވިލާތުން އެއްބަޔަކަށްވުރެ އަނެއް ބަޔަކު މޮޅުކަމަށާއި ބާރުގަދަ ކަމަށް ދިޔައީ ދައުވާ ކުރަމުންނެވެ. އެއީ، އެ ދެ ޤައުމުން ތަފާތު ދާއިރާތަކުގައި އެއް ބަޔަކަށްވުރެ އަނެއް ބަޔަކު ކުރިއަރާފައިވާކަން ދުނިޔެއަށް ދައްކަން އުޅުނު ދުވަސްވަރެވެ. އެ މަސައްކަތްތަކުގެ ތެރެއިން ވާދަވެރި ޖައްވީ ރޭހެއް ފެށިގެން ދިޔައެވެ.

އެ ރޭހުގައި 12 އޭޕްރީލް 1961ގައި ފުރަތަމަ ފަހަރަށް އިންސާނަކު ޖައްވަށް ފޮނުވުމުގެ ރެކޯޑް ރޫސީވިލާތުން މުގުރާލިއެވެ. މިއީ އެމެރިކާއިން ދުށް ގޮތުގައި އެ ޤައުމުގެ ޤައުމީ ފަޚުރާއި ޝަރަފަށް އަދި ޝާނާއި ޝައުކަތަށް ލިބުނު ވަރަށް ބޮޑު ހުތުރެކެވެ. ޖައްވީ ރޭހުގައި ރޫސީވިލާތަށްވުރެ ކުރިއަށް ދިއުމަކީ ޤައުމީ މަސްލަހަތެއް ކަމަށް އެމެރިކާއިން ދެކިގެން މަސައްކަތް ފެށިއެވެ. އެމެރިކާގެ އޭރުގެ ރައީސް ޖޯން.އެފް ކެނެޑީ 1962 ވަނަ އަހަރު ނިންމެވީ އެންމެ ފުރަތަމަ އިންސާނަކު ހަނދަށް ފޮނުވާ ޤައުމަކަށް އެމެރިކާ ހެދުމަށެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އިންސާނަކު ހަނދަށް ފޮނުވުމަށް ފެށި މަޝްރޫޢަކީ އެކަމުގެ ތެރޭގައި އެތައް ބަޔަކު މަރުވެފައިވާ ވަރަށް ހިތްދަތި ތަޖުރިބާތަކެއްގެ ތެރެއިން ހޯދި ކާމިޔާބެކެވެ. ހަނދަށް ދިއުމަށް ކުރި މަސައްކަތުގައި އެއް މަހެއްގެ ތެރޭގައި ވެސް ހަތް މީހުން މަރުވިއެވެ. ޤައުމީ ރޫޙުގައި ހިންގި މި މަޝްރޫޢުގައި ބައިވެރިވި ގިނަ މީހުންނަކީ އެ މީހުންގެ ފުރާނަ ޤުރުބާންކުރަން ޖެހުނަސް ހެޔޮކަމަށް މި މަޝްރޫޢާ ގުޅިގެން މަސައްކަތްކުރި ބައެކެވެ.
ހަނދަށް ދިއުމަށް ކުރި މަސައްކަތުގެ ތެރެއިން އުފެއްދި ސެޓާން ފަހެއްގެ ރޮކެޓަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ބިޔަ ރޮކެޓެވެ. އެޕޯލޯ 11 ދުނިޔޭގެ ބިމުން އުދުއްސާލީ 16 ޖުލައި 1969 ގައި އެ ބިޔަ ރޮކެޓްގެ ބާރުގައެވެ. އެމެރިކާގެ ތިން އެސްޓްރޮނޯޓުން ކަމަށްވާ ނީލް އާމްސްޓްރޯންގާއި، ބަޒް އަލްޑްރިންއާއި މައިކަލް ކޮލިންސް ތިބި އެޕޯލޯ 11 ދުނިޔޭގެ އޯބިޓަށް ގެންދިޔުމަށް ނެގީ އެންމެ 11 މިނިޓެވެ. މިޝަން ކޮމާންޑަރަކީ ނީލް އާމްސްޓްރޯންގެވެ. އެޕޯލޯ 11ގެ ޕައިލެޓަކީ މައިކަލް ކޮލިންސްއެވެ. ހަނދަށް ތިރިކުރި އުޅަނދުގެ ޕައިލެޓަކީ ބަޒް އަލްޑްރިންނެވެ. އެޕޯލޯ 11އަށް ހަނދުގެ އޯބިޓަށް ވަދެވުނީ ދުނިޔެއިން ނައްޓާލިތާ ހަތަރު ދުވަސްފަހުންނެވެ. އެއީ 20 ޖުލައި 1969 އެވެ.
އެޕޯލޯ 11 އިން ހަނދަށް ދިއުމަށް ބޭނުންކުރީ "އީގަލް" ކިޔާ އުޅަނދެކެވެ. އެ އުޅަނދުގައި ހަނދަށް ދިޔައީ ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިންނެވެ. މައިކަލް ކޮލިންސް އެޕޯލޯ 11 ގައި މަޑުކުރީއެވެ.

ހަނދަށް ދިޔަ ދެ މީހުންގެ ތެރެއިން ހަނދުގައި ފުރަތަމަ ފައި ބީއްސާލި އިންސާނަކަށްވީ ނީލް އާމްސްޓްރޯންގެވެ. ބަޒް އަލްޑްރިން ހަނދަށް ފޭބީ އޭގެ 20 މިނިޓް ފަހުންނެވެ. މި މަންޒަރުތައް ނާސާއިން ވަގުތުން ޓީވީތަކުން ދުރަށް ފޮނުވިއެވެ. އެމެރިކާގެ އެކި ތަންތަނުގައި ސްކްރީން ބަހައްޓައިގެން ބަލާހެދިއެވެ. އޭރު އަދި ދިވެހިރާއްޖޭގައި ޓީވީގެ ޚިދުމަތެއް ނުފެށެއެވެ.
އިންސާނުން ފުރަތަމަ ހަނދަށް ދިޔައިރު އެ މީހުންނަށް އެނބުރި އާދެވިދާނެކަމުގެ އޮތީ 50 އިންސައްތަ ޔަގީންކަމެކެވެ. ވުމާއެކު އެމެރިކާގެ އޭރުގެ ރައީސް ރިޗަޑް ނިކްސަން ދެއްވާނެ ތަޢުޒިޔާގެ މެސެޖު އޮތީ ލިޔެ ތައްޔާރު ކުރައްވާފައެވެ. އެ ދުވަސްވަރު ރައީސްގެ ރަސްމީ ބަޔާންތަކާއި ތަގުރީރުތައް ލިޔުއްވި ވިލިއަމް ސޭފާ ތައްޔާރު ކުރެއްވި ތައުޒިޔާގެ މެސެޖު ރައީސް ނިކްސަން ވިދާޅުވާން ޖެހިވަޑައިނުގަތީ ހަމަ ކިރިޔާއެވެ. އެއީ އީގަލްސްގައި ހަނދުން ނައްޓާލުމުގައި މައްސަލައެއް ކުރިމަތިވުމުންނެވެ. އެ މައްސަލަ ފަހުން ހައްލުކުރީއެވެ.
ހަނދަށް އެންމެ ފުރަތަމަ ދިޔަ ދެ އެސްޓްރޮނޯޓުން ހަނދުގައި 23 ގަޑިއިރު ހޭދަކުރިއެވެ. އޭގެ ތެރެއިން ހަނދުގެ ބިމުގައި އެ މީހުން ހިނގީ ދެގަޑިއިރެއްހާއިރެވެ. މި ދަތުރުގައި ހަނދުގެ ބިމުން ހިލައާއި ވެލީގެ 22 ކިލޯގެ ސާމްޕަލް ބިމަށް ގެނައެވެ.
ހަނދުގައި ފުރަތަމަ ހިނގި ދެ އެސްޓްރޮނޯޓުން އީގަލްސްގައި އެޕޯލޯ 11 އަށް ދިއުމަށްފަހު ތިން އެސްޓްރޮނޯޓުން ދުނިޔެއަށް އެނބުރި އައީ 1969 ޖުލައި 24 ވަނަ ދުވަހުއެވެ. އެ އުޅަނދު ޖެއްސީ ޕެސިފިކް ކަނޑަށެވެ. އެއަށްފަހު އެ ތިން އެސްޓްރޮނޯޓުން 21 ދުވަހު އެހެން މީހުންނާ އެކަހެރިކުރުމަށް ކަރަންޓީނުކުރިއެވެ.

އެ ތާރީޚީ ދަތުރަށްފަހު ވެސް އެޕޯލޯއިން ހަނދަށް ފަސް ދަތުރެއް އިންސާނުންނާއެކު ކުރިއެވެ. މިހާތަނަށް 12 މީހަކު ހަނދަށް ގޮސްފައިވެއެވެ. އޭގެތެރެއިން ތިން މީހަކު ދެފަހަރަށް ހަނދަށް ގޮސްފައިވެއެވެ. ހަނދުގައި އެންމެ ފަހުން ހިނގި މީހަކީ 1972 ވަނަ އަހަރު ހަނދަށްދިޔަ ޔޫޖީން ސާނަން އެވެ. އޭނާ ދެފަހަރަށް ހަނދަށް ދިޔައިރު އެންމެފަހުން ހަނދަށް ދިޔައީ އެޕޯލޯ 17ގެ ކޮމާންޑަރެއްގެ ގޮތުގައެވެ. އޭނާ ވަނީ ހަނދުގައި ވެހިކަލް ވެސް ދުއްވާފައެވެ.
އިންސާނުން ހަނދަށް ދިޔަ ކަމާމެދު ޝައްކު އުފައްދައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި ތަފާތު ކޮންސްޕިރަސީ ތިއަރީތައް މީސްމީހުން އުފައްދާފައިވެއެވެ. އަދި އެ ވާހަކަތައް މުޖުތަމަޢުތަކުގައި ފަތުރަމުންދެއެވެ. ނަމަވެސް އެމެރިކާއާ ޖައްވީ ރޭހުގައި ވާދަކުރި ރޫސީވިލާތުން އެމެރިކާގެ އެސްޓްރޮނޯޓުންނަށް ހަނދަށް ނުދެވޭ ކަމަކަށް ނުބުނެއެވެ. އަދި ހަނދުން ގެނެސްފައިވާ ހިލައާއި ވެލި ތަހުލީލުކުރާ ސައިންސްވެރިން އެއްބަސްވާ ގޮތުގައި އެއީ ދުނިޔޭގެ ބިމުގެ ތަކެއްޗެއް ނޫނެވެ. ހަނދަށް ފަހުން ކުރި ދަތުރުތަކާއެކު 400 ކިލޯއަށްވުރެ ބަރުދަން ހުރި ހިލައާއި ވެއްޔާއި ހިރަފުސް ދުނިޔެއަށް ގެނެސްފައިވެއެވެ. މިހާތަނަށް އައިއިރު ހަނދަށް އިންސާނުން ކުރި ފުރަތަމަ ދަތުރު، ދުނިޔޭގެ އެއްވެސް ޤައުމެއްގެ ރަސްމީ ޖައްވީ އިދާރާއަކުން ދޮގެއްނުކުރެއެވެ. އެކަމަކު އެކަން ބައެއް ދިވެހީންނަށް އަދިވެސް ގަބޫލްނުކުރެވެނީ ކީއްވެބާވައެވެ؟
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment
3 Responses
ދޮގެއް. ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް އެއީ ދޮގެއް. ހަނދުގައި އެމެރިކާނުން ބޭނުންކުރިކަމަށް ބުނާ ދިދައަށް އެކަނި ބެއްޔަސް އެމެރިކާއިން ހަދަނީ ދޮގުކަން އެނގޭނެ. އެންމެ ފުރަތަމަ ހަނދަށް ދާނީ ޗައިނާއިން. ބޭ ޫނޫނޫނޫނޫނޫނ
ކިހާވަރެއްް ލިބިގެންް ލިޔެފަަ އިންް ވާހަކަަ އެއްތޯޯ. ޑިސްއިންފޮމޭޝަންް އަކީީ އެމެރިކާާގެެ އެންމެ ބޮޑުު ގާބިލުކަންް.
ނޫސްވެރިންް މިކަންކަންް ދަސްް ކުރަންނ ޖެހޭޭ.
އެންމެެ ސުވާލެއްް؟
އެހާާ އަލިގަދަަ ފްލަޑްް ލައިޓްް އެއްް ހާދަަ ދުރުގަަ އެންމެެ ކުދަމިނުންް 20ފޫޓުު އުސްް މިނުގަައިި ހުރެގެންް ނޫނީީ މިގޮތަށްް ލައިޓްް ކާސްޓްް ވެދާނެބާާ.