ބަހާއި އަދި ބަހުގެ މާނައާ މެދު ދިވެހިން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. 'ބަހަކީ އިޝާރާތެކެވެ. މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައެވެ.'
މީގައި ބުނެފައި ވަނީ ވަރަށް ވެސް ތެދު ހަގީގަތެކެވެ. ބަހަކީ އިޝާރަތެކެވެ. ރަމްޒެކެވެ. މާނައަކީ، ބަހެއް ބުނެ އެއިން އިޝާރަތްކުރަނީ މާނައަކަށެވެ. މިސާލަކަށް ފޮތް- މިއީ ބަހެކެވެ. ލަފްޒެކެވެ. މިއިން އިޝާރަތް ކުރަނީ އެ ލަފްޒުން ދޭހަވާ މާނައަށެވެ.
ބައެއް ލަފްޒުތަކަކީ އޭގެ މާނަ ސާފު ލަފްޒުތަކެވެ. ޚާއްސަ ގޮތެއްގެ ހިއްސީ، ޚައްސަ ލަފްޒުލަފްޒެވެ. މާނައަކީ ހިއްސުތަކުން އޭގެ މާނަ ދެނެގަނެވޭ، އަދި އޭގައި ގިނަބައިތަކެއް އެކުނުލެވޭ ލަފްޒުލަފްޒެވެ.
ނަމަވެސް އަނެއްބައި ލަފްޒުލަފްޒާއި ޖުމްލަތަކަކީ އެކި ގޮތްގޮތަށް މާނަ ކުރެވިދާނޭ ލަފްޒުލަފްޒާއި ޖުމްލަޖުމްލައެވެ. މީގެ މިސާލެއްގެ ގޮތުން މި ހަދީސުގެ މައްޗަށް ނަޒަރު ހިންގާލާށެވެ. صوموا لرؤيتكم وأفطروا لرؤيتكم. މި ހަދީސްގައި އޮތް رؤيتكم (ކަލޭމެންނަށް ފެނުމުން)، ދެ ގޮތަކަށް މާނަކުރެވިދާނެއެވެ. ހަމަ ލޮލަށް ފެންނަ ފެނުމާއި ހިތަށް ފެންނަ ފެނުމެވެ. މި 'ފެނުން' ދެ ގޮތަށް މާނަކުރެވޭތީ މި ހަދީސްވެސް ދެގޮތަށް މާނަކުރެވެއެވެ. އެއްގޮތަކީ ކަލޭމެން ރޯދަ ހިފަން ފަށަންވާނީ ކަލޭމެންގެ ލޮލަށް ރަމަޟާން މަހުގެ ހުޅެވި ހަނދު ފެނުމުންނެވެ. އަދި ކަލޭމެން ރޯދަ ހިފުން ދޫކޮށްލައި އީދު ފާހަގަކުރާނީ ޝައްވާލު މަހުގެ ހުޅެވި ހަނދު ފެނުމުންނެވެ.
މިނަންގަތް ފެނުމަކީ 'ހިތުގެ ފެނުމެއްގެ' ގޮތުގައި މާނަކުރާ މީހުން، ހިސާބު އިލްމުގެ މައްޗަށް ބަލައި، ހަނދު ފެނުން ކަނޑައަޅާލައެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުން ވަނީ މި ދެގޮތުން ކުރެ ރަނގަޅު ގޮތަކީ ކޮބައި ކަމެއް ނޫނެވެ. ލަފްޒުލަފްޒު ބައެއް ފަހަރު ތަފާތުކޮށް މާނަކުރެވޭ ކަމާއި އަދި އެކަމާ ވިދިގެން އެ ލަފްޒު ބޭނުންކުރެވިފައި އޮންނަ ޖުމްލަ ޖުމްލަ މާނަކުރުމުގައި ތަފާތު އަންނަކަން ފާހަގަކޮށްލުމެވެ.
މާނަކުރުމުގެ މި ތަފާތުތައް ޅެން ބަހުރުވައިގައި ވަކިން ބޮޑަށް ފާހަގަކުރެވެއެވެ. މިކަން ސާފުވެދިޔުމަށްޓަކަައި ޅެން ބައިތެއްގެ މައްޗަށް އަވަސް ކަޅިއެއް އެެއްލަމާ ހެއްޔެވެ؟
ރަބީއެއް ނުމެ ދެކޭ ގަސް ވެސް ފަޅާ ހެދެޔޭ މި ދުނިޔޭގައި
އަބީރުގެ ފޮނިކަމެއް ދުވަހަކު ލިބުން ނުމެވާ ނަސީބެއްގައި
މި ޅެން ބައިތުގައި ޝާއިރު އެ ބުނަނީ ކީކޭބާވައެވެ؟ ޝާއިރު އެ ބުނަނީ ބައެއް ކަހަލަ ގަސްގަހާ ބެހޭ ވާހަކައެއް ކަމަށް މީހަކު ބުނެފާނެއެވެ. އެ ގަސްގަސް، ރަބީއު މޫސުން ނުދެކި، ފިނި ރޯޅިއެއްގެ ވައި އެ ގަސްގަހުގެ ފަތްތަކުގައި ބީހި ވެސް ނުލާ ގަސްގަސް ހެދި، ނެތިދާ ވާހަކައެވެ.
އަނެކަކު މިހެން ވެސް ބުނެފާނެއެވެ. ޅެންވެރިޔާ މި ބައިތުގައި ގަސް ބޭނުންކޮށްފައި ވަނީ މަޖާޒީ މާނައެއްގައެެވެ. އެއިން އިޝާރަތް ކުރަނީ އިންސާނަކަށެވެ. އަދި ރަބީއުގެ މާނައަކީ މިތާނގައި ހިތްހަމަޖެހުމާއި އުފަލެވެ. ލައްޒަތާއި އަރާމެވެ. މީގެ އިތުރުން އަބީރު އިޝާރަތް ކުރަނީ ލޯތްބަށެވެ. ދެން، މި މާނަތައް ހިތުގައި ބާއްވާލައިގެން ޅެން ބައިތު މާނަކޮށްފައި އޭނާ ބުނެފާނެއެވެ. މި ޅެން ބައިތުގައި ޝާއިރު އެ ބުނަނީ ލޯބީގެ މީރުކަން، ލިބުން އެ މީހެއްގެ ނަސީބުގައި ލިޔެވިފައި ނެތް މީހުން ވެސް މިދުނިޔޭގައި އުޅެފައި ދެއެވެ. މިހެންނެވެ. އަދިވެސް އޭނާ ބުނެފާނެއެވެ. ޅެން ބައިތުގައި ޝާއިރު އެ ދައްކަނީ އޭނާގެ އަމިއްލަ ހަޔާތުގެ ތަޖުރިބާގެ ވާހަކައެވެ.
އާދެ، މިއީ ހައްތަހާ ވެސް މާނަކުރުމެވެ. މިކަމުގެ އެންމެ ފަހުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ކާކަށް ހެއްޔެވެ؟ ޚުދް ޝާއިރަށެވެ. އެހެންވުމުން، މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައި ފޮރުވިފައޭ ބުނެވެނީއެވެ.

އާދެ، މި ދުވަސްވަރަކީ ޕޯސްޓަރުގެ ދުވަސްވަރެއްތާއެވެ. މަތީގައި އެވާ ޕޯސްޓަރުގަައި އެވަނީ އަރަބި ބަސްކޮޅަކާއި އޭގެ ތަރުޖަމާއެވެ. އަދި މީގެ އިތުރުން އެ ބަސްކޮޅުގެ މާނަކޮށްލުމެއް ވެސް މެއެވެ! މާނައިގެ ހަގީގަތް އޮންނާނީ ބަސް ބުނި މީހާގެ ބަނޑުގައިކަން ހަނދާންކޮށްލުން މުހިއްމެވެ!

One Response
ގެރިއަށް އަޅުކަންކުރާ ގުރޫޕް އައުޓް ( ؟ )
ﷲ ގެ ދީނަށް ހަޖޫޖަހާ މުޝްރިކުން އައުޓް ( ؟ )
މިރާއްޖޭގެ ބިމަށް ވެރިވެގަންނަންއުޅޭ ބޭރުގެ ޖަމާޢަތް އައުޓް ( ؟ )