Support Us

ކޮލަމް: ދިނަށަ

އުޑުމަތީގެ ރީތި މަންޒަރެއް

މިރޭ ފަތިސް ވަގުތަކީ އިރުމަތީ އުދަރެހުން ރީތި މަނަޒަރެއް ފެންނަ ރެއެކެވެ. ގުރަހަތައް ތަރުތީބުން ސަފަކަށް ފެންނާތީއެވެ. ގުރަހަތައް އުދަވެފައި ހުންނާނީ މި ލިޔާ ތަރުތީބުންނެވެ.

އެންމެ އުހުގައި ފެންނަން ހުންނާނީ ކުންބަ ރާހީގެ 10 ދަރަޖައިގައި ހަނދެވެ. ދެން އެ ރާހީގެ 23 ދަރަޖައިގައި ޒުޙަލެވެ. ދެން މީންޏަ ރާހީގެ 6 ދަރަޖައިގައި މިއްރީޚެވެ. ދެން މީންޏަ ރާހީގެ 20 ދަރަޖައިގައި ޒުހުރަތެވެ. ދެން މީންޏަ ރާހީގެ 26 ދަރަޖައިގައި މުސްތަރީއެވެ.

ހަނދަށްވުރެން މަތީގައި މަކަރަ ރާހީގެ 28 ދަރަޖައިގައި ޕުލޫޓޯ ހުރި ފަދައިން މީންޏަ ރާހީގެ 24 ދަރަޖައިގައި ޒުހުރަތާއި މުސްތަރީއާއި ދެމެދުގައި ނެޕްޗޫން ހުރިނަމަވެސް އަދި ހަމަ ލޮލަށް އެ ދެ ގުރަހަ ނުފެނުނަސް ޓެލެސްކޯޕުން ބަލާނަމަ މި ހުރިހައި ހުރަހަތަށް އެއްސަފަކަށް އުދަވެފައި ހުރި ރީތި މަންޒަރު މިރޭ (24 އޭޕްރީލް ވަނަ އާދީއްތަވިލޭރޭ) ފަތިސް ދަންމަތީގައި މުޅި ރާއްޖެއަށް ފެންނާނެއެވެ.

މިގޮތަށް ގިނަ ޕްލެނެޓްތަކެއް ސަފަކަށް ރޭގަނޑަކު އުދަވެގެން ފެންނާނީ ވަރަށް މަދުންނެވެ.

އަދި މާދަމާ ހެނދުނު 6:37 ގައި ޔޫރޭނަސް އުދަވެފައި ހެނދުނު 7:09 ގައި ޢަޠާރިދު ވެސް އުދަވާތީ، މާދަމާ އަކީ ހެނދުނު 7:09 ގެ ފަހުން މެންދުރު 11:55 އާ ދެމެދު އަހަރުމެންގެ އިރު ވަށައިގެން ދައުރުވާ ހުރިހައި ގުރަހައެއް އުދަވެފައި ހުންނަ ދުވަހެކެވެ.

އެހެން ދިމާވެފައި އެވަނީ މި ދުވަސްވަރު ކަރުކަށަ ރާހިން ފެށިގެން ކުންބަ ރާއްސާ ދެމެދުގައި މި 5 ރާހީގައި ހުރިހައި ގުރަހައެއް ޖަމާވެފައި ވާތީއެވެ.

މިރޭ އުޑުމަތި ބަނަވެފައި ނެތަތީ ބަލައިލުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހައި ރަށަކަށް ވެސް ލިބޭނެއެވެ.