Support Us

ކޮލަމް މާޒީ: ދީމިޤްރާޠީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ހަންޏެއް ނުކުރެވޭނެއެވެ.

މިއަދު ވެސް ރަސްގެފާނުގެ ޤަރާރުތަކަކީ އެ ޤައުމެއްގެ ޤާނޫނުކަމުގައި ބަލާ ޤައުމުތައް އެބަހުއްޓެވެ. ނަމަވެސް އެފަދަ ޤައުމުތަކުގައި އޮންނަނީ އަމިއްލަ ރަސްކަމެވެ. އެއީ ދީމިޤުރާޠީ ޖުމުހޫރިއްޔަތެއްގެ ނިޒާމުން ހިންގާ ގައުމުތަކެއް ނޫނެވެ. މި ސަގާފަތް ދީމިޤުރާޠީ ޖުމްހޫރިއްޔަތެއް ހިންގާ ޤައުމެއްގައި ދިރުވާން އުޅުމަކީ ދީމުޤުރާޠިއްޔަތާ ދެކޮޅަށް، ފަހަތަށް އެޅޭ ޚުދުމުޚުތާޜު ފިޔަވަޅެކެވެ.

ދިވެހިރާއްޖެ 1932 ވަނަ އަހަރުން ފެށިގެން ދީމިޤުރާޠިއްޔަތަކަށް ފެށި ދަތުރުގައި ތިންބާރު ވަކިވެފައި އޮތް ނިޒާމެއް، 2008 ވަނަ އަހަރު، ރާއްޖޭގައި ޤާއިމުކުރެވުނެވެ. މި ނިޒާމުގެ ދަށުން ވަރަށް ފުރިހަމައަށް ރައްޔިތުންނަށް އެތައް ބައިވަރު ޙައްޤުތަކެއް ކަށަވަރުކޮށްދީފައިވާ ޤާނޫނުއަސާސީއެއް ފާސްކުރެވުނެވެ. ފަންސާސް އެތައް ހައްގަކާއި މިނިވަންކަން "އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ގާނޫނުއަސާސީ ކަށަވަރުކޮށް"ދިނެވެ. ރައްޔިތުންނަށް އެ މީހުންގެ މަސްއޫލިއްޔަތު ހަނދާން ނެތޭހާ ވަރަށް ޙައްޤުތަކުގެ ވާހަކަދައްކައި އެ ޙައްޤުތައް ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ދެވުނެވެ. މި ޤާނޫނުއަސާސީގެ ދަށުން ދީފައިވާ "އެއްވެސް ޙައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް ވަރެއް ހިފެހެއްޓޭނީ މި ޤާނޫނު އަސާސީއާ ތަޢާރުޒުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫންނަކުން"ކަމަށް އެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިގައި ޞަރީޙަކޮށް ބަޔާންކޮށްފައި އޮވެއެވެ. އަދި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއްގައި މި ފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް"ކަމަށް ވެސް ހަމަ އެ މާއްދާގައި ބަޔާންކޮށްފައި އޮވެއެވެ.

މި ދެންނެވި ޤާނޫނުއަސާސީގެ ދަށުން ފުލުހުން ޢަމަލުކުރާންޖެހޭ ޤާނޫނެއް ކަމުގައިވާ ޤާނޫނު ނަންބަރު:2008/5 (ފުލުހުންގެ ޤާނޫނު) ފާސްކޮށް ޢަމަލުކުރާން ފެށުނެވެ. މި ޤާނޫނު ފުރިހަމަ ނޫންކަމަށް ބުނެ 2020 ވަނަ އަހަރު އެހެން ޤާނޫނެއް ފާސްކުރެއްވިއެވެ. އެއީ ޤާނޫނު ނަންބަރު:2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)އެވެ. ފަހުން މި ފާސްކުރެއްވި ޤާނޫނަށް ޢަމަލުކުރާން ފެށުމާއެކު ކުރީން އޮތް، "ފުލުހުންގެ ޤާނޫނު" އުވުނީކަމަށް "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު"ގެ 135 ވަނަ މާއްދާގައި ބަޔާންކުރައްވައިފައިވެއެވެ. މި ޤާނޫނު ފާސްވުމާއެކު މި ޤާނޫނުގެ ފުރިހަމަ ކަމުގެ މައްޗަށް "ބޮޑުން" ވާހަކަދައްކަވައި މި ޤާނޫނު އިޝްތިހާރުކުރެއްވިއެވެ. އަދި މި ޤާނޫނުގެ ދަށުން ބޯޑެއް އުފައްދަވައި ސިޔާސީ ފިކުރުގެ އެތައް ބަޔަކު އެ ބޯޑަށް އައްޔަންކުރެއްވިއެވެ.

މި ޤާނޫނަކީ ފުރިހަމަ ޤާނޫނެއް ނޫން ކަމަށް މި ދިޔަ ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުން މި ވަނީ ނުސީދާކޮށް އިޢުތިރާފުވެފައެވެ. އެހެނީ އެ ޤާނޫނު ނުފުދޭތީ އެ ޤާނޫނާއި އެހެން ޤާނޫނުތަކާއި ޤާނޫނު އަސާސީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިވަނީ "ބާރު" ހިންގަވައިލައްވައިފައެވެ. ނަމަވެސް އެއީ ޤާނޫނީ ބާރެއް ނޫނެވެ. އެއީ ޣައިރު ދުސްތޫރީ ބާރެކެވެ. ޚުދުމުޚުތާރު އަދި މާއްދީ ގޮށްމުށުގެ ބާރެކެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވިޔަސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ނުވަތަ މިނިވަންކަމެއް ހަނިކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަން ޤާނޫނުއަސާސީން ވަރަށް ސާފުކޮށް އެ އޮތީ ފެންނާށެވެ.

އާދޭހެވެ! މިއަދު އަޅުގަނޑު މި އުޅެނީ، ރައީސުލްޖުމްހޫރިއްޔާ ލައްވައި ސޮއިކުރުއްވައިގެން ކަމަށް ބުނެ މި ދިޔަ ބުރާސްފަތި ދުވަހު ޢާންމުވެ، އަދި އެ ޤަރާރަކަށް ޢަމަލުކުރަނީ ކަމަށް ބުނެ ޣައިރުޤާނޫނީ ޢަމަލުތަކެއް ފުލުހުންލައްވައި ހިންގުވި "ޤަރާރު"ގައި ހުރި ބައެއް ވާހަކަތަކާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލާށެވެ. މި ވާހަކަ މި ދަންނަވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތީން އަޅުގަނޑުގެ ބުއްދިއަށް ފެންނަ ގޮތަށެވެ.

މި ދެންނެވި ޤަރާރުގައި "އިންޑިއާ މިލިޓަރީ އައުޓް" ނުވަތަ އިންޑިއާގެ އަސްކަރީން ދިވެހި ޤައުމުން ބޭރުކުރާން ދިވެހި ސަރުކާރަށް ގޮވައިލައި ހިންގާ (IndiaOut#) ޙަރަކާތަކީ ނުވަތަ ކެންޕޭނަކީ "އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނެއް" ކަމަށް ބަޔާންކޮށް އިތުރުފުޅު (ދޮގު) ހައްދަވައިފައިވެއެވެ. އެހެނީ ހަގީގަތުގައި "އިންޑިއާ މިލިޓަރީ އައުޓު" ކެމްޕޭނު ހިންގުން ޖާއިޒުވާ އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. އެތައް ބައިވަރު ސަބަބުތަކެކެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

މިއަދު ދިވެހިރާއްޖޭގެ ހުރިހާ ބާރެއް އޮތީ އިންޑިއާގެ މުށުތެރޭގައެވެ. ދިވެހިރާއްޖެއަށް އިޤުތިޞާދީ ގޮތުން ފައިދާއެއް ވެދާނެ ހުރިހާ ކަމެއް އޮތީ އެ މީހުންގެ ކޮންޓްރޯލްގެ ދަށުގައެވެ. ރާއްޖެއަށް އެތެރެވާ/ބޭރުވާ ހުރިހާ މުދަލެއްގެ މަޢުލޫމާތެއް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބެއެވެ. ރާއްޖޭގައި ހިނގާ ޙަރަކާތްތަކުގެ މައުލޫމާތު ރާއްޖޭގެ އެކި ދިމަދިމާގައި ހަރުކޮށްފައި ހުރި ރާޑަރުތަކުން  އިންޑިއާއަށް ލިބެއެވެ. ރާއްޖޭގެ ކަނޑާއި ކަނޑުއަޑީގެ ހުރިހައި ސިއްރުތަކަކާއި އިޤުތިޞާދީ ހުރިހާ މަޢުލޫމާތެއް ކޮންޓްރޯލްކޮށް އެ ތަކެތި ނީލަންކިޔައިގެން ލިބޭ މާއްދީ ބޮޑު ނަފާއިން ކުޑަ މިންވަރެއް ހިއްސާ ކޮށްލާން މި ރާއްޖޭގައި ރަސްމިއްޔާތު ވެސް ބާއްވަނީއެވެ. ހައިރާނުން ހައިރާނެވެ. "ޓެކްނީޝަނުން"ގެ ނަމުގައްޔާއި އެހެނިހެން ނަންނަމުގައި ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިންނާއި ޖާސޫސުންގެ މަޢުލޫމާތު ސަރުކާރަކަށް ވެސް ނޭނގޭހާ ގިނަވެއްޖެއެވެ. ދީބުލުމާސީ އިމްތިޔާޒާއެކު އެ މީހުން ރާއްޖެއަށް އެތެރެކުރާ އެތައް ބައިވަރު ތަކެއްޗެއް އަޅައިފައިހުންނަ ބަރު ފޮށިތައް ދިވެހި ސިފައިންގެ ކޮނޑުތަކުން ބާލުވަނީއެވެ. ރާއްޖޭގައި ހިންގާންޖެހޭ މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކަށް ދަރަނި ނަގާނެ ގޮތާއި އެ މަސައްކަތް ހަވާލުކުރާނެ ކުންފުނިތަކާއި މަސައްކަތް ނިމުނީމާ އެ ތަންތަން ބޭނުންކުރާނެ މީހުންނާއި ބޭނުންކުރާނެ ގޮތް އެނގެނީ އިންޑިއާއަށެވެ. އެކަންކަން ކަނޑައެޅުމުގެ ބާރެއް ދިވެހި ސަރުކާރަކަށް ނެތެވެ. ނަމަވެސް މި ތަންތަން ހަދާން ނަގާ ދަރަނި ފައިސާ އަދާކުރާންޖެހެނީ ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިންނެވެ. މިއީ ސިއްރުކޮށްފައި ވިޔަސް އެންމެންނަށް އެނގޭ ހަގީގަތްތަކެވެ.

ޤާނޫނުއަސާސީއިން ކަނޑައަޅުއްވައިފައިވާ ޙައްގުތައް، ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޣައިރު ދުސްތޫރީ ޤަރާރަކުން ނިގުޅައިގަނެ ފުލުހުން ލައްވައި ރައްޔިތުން އެ ބައި މީހުންގެ އަމިއްލަ ގެދޮރުގައި ފާޅުކޮށްފައި ހުރި ޝުޢޫރުތައް ތަޙައްމަލު ނުކުރެއްވިގެން ގޯތި ގެދޮރުގެ ޙުރުމަތް ކަނޑުއްވައިލެއްވީ، އިންޑިއާ ސިފައިން ބާލާށޭ ގޮވާންޖެހޭ އެއްވެސް ޖާއިޒު ސަބަބެއް ނެތްކަމަށް ވިދާޅުވެއެވެ. ނަމަވެސް އެހެން ގޮވާންޖެހޭ އެތައް ބައިވަރު ޖާއިޒު ސަބަބުތަކެއް ހުރި ވާހަކަ އަޅުގަނޑު އިސްވެ ދަންނަވައިލައިފައި އެވަނީއެވެ. އަޅުގަނޑު ދަންނަވާނީ އެއީ ހަމައެކަނި ޖާއިޒު ސަބަބުތަކެއް ވެސް ނޫނޭއެވެ. އެއީ ލާޒިމު ސަބަބުތަކެކޭއެވެ. އެހެންވީމާ އެއީ ޤަރާރުގައި ހައްދަވައިފައިވާ އިތުރުފުޅެކެވެ. (ދޮގެކެވެ.)

ދަމޯލްޑިވްސްޖާރނަލް (themaldivesjournal.com) ކިޔާ އޮންލައިން ނޫހެއްގައި ވާ ގޮތުން އެ ޤަރާރު ނެރުއްވާން ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ "ހަގީގީ ވެރިޔާ" (އިންޑިއާގެ ސަފީރު)ގެ އެންގެވުމަށެވެ. އިންޑިއާއައުޓް ޖަހައިފައިވާ ހުރިހާ ބެނާރުތަކެއް ނައްތައިލައްވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙަށް ވެރިޔާ ދެއްވީ އެންމެ 12 ގަޑިއިރު ކަމަށް އެ ނޫހުގައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެރިޔާ އަމުރުކުރެއްވުމުން އެކަން ކުރެއްވޭނީ ޤާނޫނީ ގޮތުން ހުރި ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެރިޔާއަށް ދެންނެވި ކަމަށް ވެއެވެ. ނަމަވެސް ވެރިޔާ ބޭއަދަބީކޮށް އެންގެވިކަމަށް ނޫހުގައި ބުނެފައިވަނީ ކޮންމެ ފިޔަވަޅެއް އަޅުއްވައިގެން ނަމަވެސް އޭނާ އެންގެވި ގޮތަށް 12 ގަޑިއިރުގެ ތެރޭގައި އެކަން ކުރައްވައި ނިންމަވާންޖެހޭނެ ކަމަށެވެ. ނަން ހާމަކުރާން ބޭނުންނުވާ އޮފިޝަލަކާ ޙަވާލާދީ އެ ނޫހުގައި ވާގޮތުން އެކަން ކަށަވަރުކުރުމަށް ޓަކައި ރައީސް އޮފީހުގެ ތަރުޖަމާނާ ސުވާލުކުރެއްވުމުން އެ ވާހަކަތަކަށް އިންކާރުކުރެއްވުމެއް ނެތި ވިދާޅުވީ އެ ކަމަށް ކޮމެންޓް ކުރައްވާން ބޭނުންފުޅުނުވާ ކަމަށެވެ. އެހެންކަމުން ދަމޯލްޑިވްސްޖާރނަލްގައި ރިޕޯޓްކޮށްފައިވާ ވަހަކައަކީ ތެދެއްކަމަށް ބަލާނެ ފުރުޞަތު އެބަ އޮތެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރޭގައި "ވެރިޔާ" އުޅުއްވާ ގޮތުން އެއީ ތެދުކަމަށް ދަލީލު ލިބެއެވެ.

އިންޑިއާގެ އަސްކަރީން މި ތަނުން ބޭރުކުރާން ސަރުކާރަށް ގޮވާ ގޮވުންތައް (India Out) ގޮވާންޖެހޭ ޖާއިޒު ސަބަބުތައް (އަޅުގަނޑު ދަންނަވާނީ ލާޒިމު ސަބަބުތަކޭއެވެ.) ހުރިކަން ތަންކޮޅެއް ތިލަކޮށް ދައްނަވައިލިއްޔާ އަޅުގަނޑު މި ދައްކާ ވާހަކަ ފަހުމުކުރައްވާން ފަސޭހަފުޅުވެދާނެއެވެ.

ދާދިފަހުން ޕޮލިސް އެކެޑަމީއެއް ނުވަތަ ޕޮލިސް ކޮލެޖެއްގެ ނަމުގައި އައްޑުގައި ހުޅުވި އިންޑިއާގެ އަސްކަރީ ބޭހުގެ ވާހަކަ ދައްކައިލަމާތޯއެވެ؟ ކޮންމެ ނަމެއް ކިޔައި އޮޅުވައިލެވޭތޯ މަސައްކަތް ކުރެއްވިޔަސް އެ ތާނގެ މައްޗަށް ދިވެހި ފުލުހުން އަދި ދިވެހި ސަރުކާރުގެ ބަހެއް ވެސް ނުވިކޭކަން، އެ ތާނގައި ލައިފައިވާ ކުލައިން ވެސް ފުރަތަމަ ސާފުވާނެއެވެ. ދިވެހި ފުލުހުންގެ ކުލައަކީ ނޫކުލަ ކަމަށް ވިޔަސް އެ ބޮޑު އިމާރާތުގައި ނޫކުލަ ލުމުގެ އިޚުތިޔާރެއް ދިވެހި ސަރުކާރަކަށް ނެތެވެ. ދެން އަނެއް ކަމަކީ އެ ޢިމާރާތް ދުވަހަކު ވެސް މުޠުލަޤަށް ދިވެހި ސަރުކާރަކާ ޙަވާލެއް ނުކުރާނެއެވެ. ހަވާލެއް ނުވެސް ވެވޭނެއެވެ. އެ ތާނގައި އެތައް ސަތޭކަ ޢާއިލާއަކަށް ދިރިއުޅެވޭ ގޮތަށް ބިނާކޮށްފައިވާ އެޕާޓްމަންޓްތަކުގައި ދިރިއުޅޭނީ އިންޑިއާގެ ޢާއިލާތަކެވެ. އަދި އެ ބޮޑު ކިއްލާގެ ހުރިހާ ތާކަށް ވަދެ އުޅުމުގެ އިޚުތިޔާރެއް ދިވެހި ފުލުހުންނަކަށް ނޯންނާނެއެވެ. އަދި ދިވެހި ފުލުސް އެކެޑަމީއަކަށް އެ ވަރުގެ ބޮޑު ކިއްލާއެއް ބޭނުމެއް ވެސް ނުވާނެއެވެ. ވީމާ، އޮޅުވައިލާން ކޮންމެ ފަދަ ނަންބޯޑެއް ހަރުކުރިޔަސް އެއީ ދިވެހި ސަރުކާރަށް ބާރު ހިންގޭނެ ތަނެއް ނޫނެވެ. އެ ތަނުން އިންޑިއާ މީހުން ހުހެއް ނުކުރެވޭނެއެވެ.

އިންޑިއާ ސަރުކާރުން ދިން ހަދިޔާއެއް ކަމަށް ބުނެ މި ރާއްޖޭގައި ޖާސޫސުކުރާ ހެލިކޮޕްޓަރުތަކާއި ޑޯނިއާރ މަތީންދާ ބޯޑަކީ ވެސް އޮޅުވައިލުމެކެވެ. އެއީ މި ރާއްޖެއަށް ދީފައިވާ ހަދިޔާއެއް ނޫނެވެ. ހަދިޔާއަކީ އެކުވެރިކަމުގެ ގޮތުން، ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހަމަހިލޭސާބަހަށް ދޭ ތަކެއްޗަށް ކިޔާ ނަމެކެވެ. ހަދިޔާއެއް ދީފައި އެ ހަދިޔާއަށް ހަދިޔާ ދެވުނު މީހުން ހަދާ ގޮތެއް ބަލާކަށް އެ ހަދިޔާ ހިފަހައްޓައިގެން ހަދިޔާ ދިން މީހާއެއް ނުހުންނާނެއެވެ. ނަމަވެސް މި ދެންނެވި ހެލިކޮޕްޓަރާއި މަތީންދާބޯޓަކީ ދިން ހަދިޔާއެއް ކަމަށް ބުނާއިރު، އެ ތަކެތި ގެންގުޅެނީ އެ ދިންކަމަށް ބުނާ މީހުންނެވެ. އެ މީހުންނަށް ކާންބޯން ދޭން ޖެހެނީ "ހަދިޔާ" ދެވުނު މީހުންނެވެ. މިއީ ވެސް ވަރަށް ބޮޑު މަކަރާއި ޙީލަތެއް ކަމުގައި ނުވޭތޯއެވެ!

އިންޑިއާ އިން ރާއްޖެއަށް "ހަދިޔާކުރި" ޑޯނިއަރ ފްލައިޓު ހަނިމާދޫ އެއަރޕޯޓުގައި – އަދިވެސް ފޮޓޯ:

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ބޮޑުކުރާންވާ ވަރާއި އެ ކަމަށް ދާނެ ޚަރަދު އެނގެނީ އިންޑިއާއަށެވެ. އެ ތަން ހަދާން ވީ ގޮތާއި ޚަރަދުކުރާނޭ ފައިސާ ދަރަންޏަށް ނަގާނެ ތަނަކާއި، ދަރަނީގެ ސޫދަށް އިތުރުކުރާ މިންވަރު އެނގެނީ އިންޑިއާއަށެވެ. އެހެންކަމުން އެ ތަން "ހަދާން" ނުވަތަ "ތަރައްގީކުރާން" އަގެއް ކަމަށް ކަނޑައެޅީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރާ އަގާ ގާތްގަނޑަކަށް އެއް އަގެކެވެ. މަސައްކަތް ކުރާނެ މީހުން ކަނޑައަޅައި މަސައްކަތް ޙަވާލުކުރަނީ އިންޑިއާއިން އިންޑިއާ މީހުންނާއެވެ. އަދި އެތަން ނިމުނީމާ ބޭނުންކުރާނީ ވެސް އިންޑިއާއިންނެވެ. ނަމަވެސް ދަރަނި ދައްކާންޖެހެނީ ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިންނެވެ.

ދެން އޮތީ އުތުރު ތިލަފަޅެވެ. އިންޑިއާގެ މަޞްދަރުތަކާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ފަޚުރުވެރިކަމާއެކު އިޢުލާންކޮށްފައިވާ ގޮތުގައި އުތުރު ތިލަފަޅަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭހެކެވެ. (މަރުކަޒެކެވެ.) މިހާތަނަށް އާންމުވެފައިވާ އެއްބަސްވުންތަކުން ވެސް ސާބިތު ވެފައިވަނީ އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވަނީ ހަގީގަތް ކަމަށެވެ. އަދި މިއީ ތެދެއްކަން ސައްތައިންސައްތަ ސާބިތު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކާ ނުލައި ޤާނޫނުއަސާސީއާ ޚިލާފަށް ސޮއިކޮށްފައިވާ މި އެއްބަސްވުން(ތައް) ރައްޔިތުންނަށް، ނުވަތަ ނޫސްވެރީންނަށް ނުވަތަ ރައްޔިތުންގެ މަޖިލީހަށް، ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާމަކުރާން ވެސް ސަރުކާރުން ދެކޮޅު ހަދާތީއެވެ.

ދެން އޮތީ ތިލަމާލޭ ބްރިޖެވެ. އެއީ މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީން ހިލޭސާބަހަށް ބަޔަކު ދިރާސާކޮށްފައިވާ މަސައްކަތެއް ކަމަށް ވިޔަސް އެ ތަން ދިރާސާކުރުމުގެ ނަމުގައި ވެސް އެ ތައް މިލިއަން ޑޮލަރަކާއި މަސައްކަތް އަވަސްކުރުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަނީއެވެ. ނަމަވެސް އެންމެ ކުޑަމިނުން މި ބުރިޖު އެޅުމާ ބެހޭ އެއްބަސްވުން ވެސް ދިވެހިރާއްޖޭގެ ރައްޔިތަކަށް އެ ރައްޔިތުން ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހަކަށް ހާމަކުރައްވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. މިއީ މަދަނީ އެއްބަސްވުމަކަށް ވިދާޅުވާ އިރު ވެސް އެ އެއްބަސްވުން ވެސް ހާމަކުރައްވާން ދެކޮޅުހައްދަވަނީއެވެ.

އެހެންވީމާ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި އިންޑިއާ މީހަކު މިރާއްޖޭގައި ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް މި ރާއްޖޭގައި އެ މައްސަލައެއް ބެލޭން ނޯތުމާއި، އިންޑިއާ ބަޔަކު ރާއްޖޭގެ ކަނޑުތަކުން މަސްކޮޅު ކަހައިލިޔަސް އެކަން ހުއްޓުވޭނެ ބާރެއް ދިވެހި ސަރުކާރަށް ނެތުމާއި ދިވެހިރާއްޖޭގެ ކަނޑާއި ކަނޑުއަޑީގެ ވަސީލަތްތަކުގެ ޗާޓުކުރަހައި އިޤުތިޞާދީ އެތައް މަޢުލޫމާތެއް ހިމަނައިގެން ދިވެހިރާއްޖެ ބޭރު ދުނިޔޭގައި ނީލަންކިޔައި ލިބޭ މަދު ފައިސާކޮޅެއް ބަޔެއްގެ ޖީބަށް ލުމަކީ ދިވެހީން ނިހާޔަތަށް ކަންބޮޑުވެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަކަށް ވާތީ، އަދި އިންޑިއާއާއެކީ އެތައް ސަތޭކަ ސިއްރު އެއްބަސްވުންތަކެއް ހަދައި ގާނޫނާޚިލާފަށް އެ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރުކޮށްފައިވާތީ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެފައިވާތީ، އިންޑިއާ ސިފައިން މި ޤައުމުން ބޭރުކުރާން (އިންޑިއާ އައުޓް) ގޮވުން ޖާއިޒު ނުވާންވީ އެއްވެސް ގޮތެއް ނެތެވެ. އެއީ ހަމަ އެކަނި ޖާއިޒު ކަމެއް ވެސް ނޫނެވެ. އެއީ ޤައުމީ ސިޔާދަތަށް ލޯބިކުރާ ކޮންމެ މީހަކަށް ލާޒިމު ކަމެކެވެ.

އިންޑިއާއައުޓް ޙަރަކާތަކީ، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ ޙަރަކާތެއްކަމަށް ދޭހަވާ ގޮތަށް ބަޔާންކުރައްވައި، މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ޤަރާރުގައި ބަޔާންކުރައްވައިފައި ވިޔަސް އިންޑިއާއައުޓް ޙަރަކާތަކީ، އިންޑިއާއާ ދެކޮޅަށް ހިންގޭ ޙަރަކާތެއް ނޫންކަމާއި އެއީ އިންޑިއާގައި މިއަދު އޮތް، މުސްލިމުންގެ ދުޝްމިނު ސަރުކާރާއި މިއަދުގެ ދިވެހިސަރުކާރާ ގުޅިގެން ދިވެހި ޤައުމީ ސަލާމަތަށް ނުރައްކާ ވާ ފަދަ ގޮތަކަށް، ދީބުލަމާސީ އިންތިޔާޒުތަކާއެކު ދިވެހިރާއްޖޭގައި ފުރިހަމަ ހަތިޔާރާއެކު ޤާއިމުކުރުވައިފައިވާ އިންޑިއާ ސިފައިން މި ޤައުމުން ބޭރުކުރާން ދިވެހި ސަރުކާރަށް ގޮވާ ގޮވުމެއްކަމަށް އެ ޙަރަކާތުން ސާފުކޮށް ބަޔާންކުރަމުން ގެންދާއިރު، އެއީ ވަކި ޤައުމުތަކަކާ ދެކޮޅަށް ހިންގޭ ޙަރަކާތެއް ނޫންކަން ސާފުކޮށް އެނގެއެވެ. އަދި މި ޙަރަކާތް ހިންގަނީ ޖާއިޒު އެތައް ބައިވަރު ސަބަބުތަކަކަށް ޓަކައި ކަމަށް ވީއިރު، މި ޙަރަކާތް ހިންގުމަކީ ޤާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެކެވެ.

އަނެއްކޮޅުން، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވާން ޖެހޭނެ ޙަރަކާތެއް ކަމަށް ކަނޑައަޅުއްވައިފައި ވީއިރު، "އިންޑިއާ މިލިޓަރީ އައުޓް" ޙަރަކާތަކީ ޖާއިޒު ސަބަބުތަކެއް ހުރެގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ޙައްޤުގައި ހިންގޭ ޙަކާތެއް ކަމަށް ވާއިރު، ފުލުހުން ލައްވައި އެކަން މަނާކުރައްވާން "ޤަރާރު" ނެރުއްވިއިރު، އެއްވެސް ޖާއިޒު ސަބަބެއް ނެތި ސީނުކަރައާ މެދު ނަފުރަތު އުފެއްދުމަށް ޓަކައި ދައުލަތުގެ ބާރެއްގެ ވެރިޔަކު އެތައް ދޮގުތަކެއް ހަދަމުން ގެންދިޔައިރު އަދި ގެންދާއިރު، އެކަން ހުއްޓުވާން ޤާރާރު ނުނެރުއްވީ ކީއްވެގެންތޯ ސުވާލުކޮށްލާން ބޭނުންވެއެވެ. އަދި ދިވެހި ބަޔަކު އިސްލާމް ދީނާ ދެކޮޅަށް ނެރުނު ރިޕޯޓްތަކާ ދެކޮޅަށް ޤަރާރު ނުނެރުއްވީ ކީއްވެތޯއެވެ!

ފާހަގަކޮށްލާންޖެހޭ އަނެއް ނުކުތާއަކީ އިންޑިއާ ސިފައިން ބޭރުކުރާން ގޮވާ ބަޔަކު ގޮވަނީ ސިޔާސީ ބޭނުމެއްކަމަށް ވިދާޅުވެފައިވާ ވިދާޅުވުމެވެ. އެއީ ވެސް ހަގީގަތާ ޚިލާފު ވާހަކަފުޅެކެވެ. އެހެނީ އަޅުގަނޑު ވެސް މި ކިޔަނީ އެހެންނެވެ. މި ރާއްޖޭގައި ބޭރުގައުމެއްގެ ސިފައިން ގާއިމުވެ ތިބޭން އަޅުގަނޑު ވެސް ހަމަ މުޠުލަޤަށް ދެކޮޅެވެ. އަޅުގަނޑަކީ ސިޔާސީ މަޤުޞަދެއް އޮތް އަދި ސިޔާސީ ޕާޓީއެއްގައި ނުވަތަ ސިޔާސީ ޙަރަކާތެއްގައި އުޅޭ މީހެއް ނޫނެވެ. އަޅުގަނޑު ތާއީދުކުރަނީ ވަކި މީހަކަށް ވަކި ޕާޓީއަކަށް ވަކި ޖަމާޢަތަކަށް ނޫނެވެ. އަޅުގަނޑު ތާއީދުކުރަނީ އަޅުގަނޑު ގަބޫލުކުރާ ފިކުރަކަށެވެ. އެއީ ކޮންޒަރވޭޓިވް ފިކުރެވެ. ވަޠަނީ ފިކުރެވެ. ޤައުމިއްޔަތުގެ ފިކުރެވެ. ތައުޙީދުގެ ފިކުރެވެ. އިސްލާމީ ފިކުރެވެ. މި ފިކުރަށް ސަރުކާރުން ނުވަތަ ޖަމުޢިއްޔާއަކުން ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ވަކި ފަރުދަކު ތާއީދުކުރިޔަސް އެ ތަނަކަށް، އެ މީހަކަށް އެ ޖަމާޢަތަކަށް އެ ޕާޓީއަކަށް އެ ސަރުކާރަކަށް އަޅުގަނޑު ތާއީދުކުރާނަމެވެ. އަދި މި ފިކުރަށް ތާއީދުކުރާ އެކަކު މި ރާއްޖޭގައި ނެތަސް އަޅުގަނޑުގެ ފިކުރު ބަދަލެއް ވެސް ނުކުރާނަމެވެ. އެހެންވީމާ، ހަމަ ގައިމު ވެސް އަޅުގަނޑު، ބޭރު ޤައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު މިހަދަނީކީ ސިޔާސީ ބޭނުމެއްގައެއް ނޫނެވެ. ހަމައެކަނި ވަޠަނީ ލޯބީގައެވެ. ދިވެހި ޤައުމުގެ ސިޔާދަތު ޙިމާޔަތްކުރައްވާން ދިވެހި ކާބަފައިން ކުރި އަގުހުރި ޖިހާދަށް އިޙުތިރާމްކުރާތީއެވެ. ވީމާ، އިންޑިއާ ސިފައިން ބޭރުކުރާން ގޮވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަފުޅެކެވެ.

"އިންޑިއާ އައުޓް" ޙަރަކާތް ހުއްޓުވާން ޤަރާރަކުން ލާޒިމުކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން ކަމަށް ވިދާޅުވެފައި ވިޔަސް، އެ މާއްދާއިން އެ ބާރެއް ލިބިދީފައެއް ނެތެވެ. އަދި އެ ޤަރާރާއި އެ ޤަރާރުގެ ދަށުން ފުލުހުން ލައްވައި ހިންގުވި ޚުދުމުޚުތާރު ޢަމަލުތަކަކީ އެ ޙަވާލާދެއްވި މާއްދާއާ ޚިލާފަށް ހިންގަވައިފައިވާ ޢަމަލެއްކަން ސާފުކޮށް އެނގެއެވެ. އެހެނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ)ގައި އޮންނަނީ "ޤާނޫނީ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުން" މިހެންނެވެ. އެހެންވީއިރު، ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި، ގޯތި ގެދޮރުގެ ޙުރުމަތްތެރިކަމަށް ޖާއިޒު އެއްވެސް ސަބަބެއް ނެތި ފުލުހުންލައްވައި އަރައިގަތުމަކީ ޙަވާލާދެއްވައިފައިވާ މާއްދާގެ އެ އަކުރާ ޚިލާފު ކަމެކެވެ. އަދި އެ މާއްދާގެ (ރ) ގައި އޮންނަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙުތިރާމްކުރުން އިތުރުކުރުވުން" މިހެންނެވެ. އެހެންކަމުން، ފުލުހުންލައްވައި އެ ހިންގުވި ޚުދުމުޚުތާރު ޢަމަލުތަކަކީ މި މާއްދާގެ މި އަކުރާ ވެސް ޚިލާފަށް ހިންގުވި ޢަމަލެކެވެ. އެހެނީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި ބޭރު ގައުމެއްގެ އުނގައްވެއްޓުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙުތިރާމްކުރުން އިތުރުވާނެ ކަމެއް ނޫނެވެ.

ފާހަގަކޮށްލާންޖެހޭ އަނެއް ކަމަކީ، "ވަކި ޤައުމަކާ ދެކޮޅަށް ހިނގާ ކެންޕޭނުތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާ އޮތްކަމެއް"ކަމަށް ބަޔާންކުރައްވައި އިންޑިއާއައުޓް ޖަހައިފައި ހުރިއްޔާ ހުރި ބެނާރުތައް ނެންގުވި އިރު، ޗައިނާއާ ދެކޮޅަށް އެތައް ދޮގު ވާހަކަތަކެއް ދައްކައިގެން ހިންގާ ކެންޕޭކާ ދިވެހި ސަރުކާރުން ދެކޮޅު ނަހަދާކަމެވެ. އެކަމަށް ތާއީދުކޮށްލައިގެން ސަރުކާރު ހިމޭނުން އޮންނަނީއެވެ. ޤައުމީ ސަލާމަތަށް ނުރައްކާ އޮތްކަމެއްކަމަށް ބަޔާންކުރައްވައި ނޫސްބަޔާނެއްހާ ހިސާބު ވެސް ނުނެރުއްވައެވެ. އަނެއްކޮޅުން އިންޑިއާ ސިފައިން މި ޤައުމުން ބޭރުކުރާން ގޮވާ (IndiaOut#) ޙަރަކާތަކީ އެއީ އެއްވެސް ޤައުމަކާ ދެކޮޅަށް ހިންގޭ ޙަރަކާތެއް ނޫންކަން ފާހަގަކޮށްލާން ޖެހެއެވެ. އަދި އެއީ އިންޑިއާ ދެކޮޅަށް ހިންގާ ޙަރަކާތެއް ވެސް ނޫނެވެ. އެއީ ދިވެހި ޤައުމުގެ ޙިމާޔަތުގައި ދިވެހި ސަރުކާރަށް ކުރާ އިލްތިމާސެކެވެ. އެ އިލްމާސްކުރަނީ އިންޑިއާ ސަރުކާރަކަށް ވެސް ނޫނެވެ. ދިވެހިރާއްޖެއަކީ ދިވެހި ރައްޔިތުންގެ ޙައްގެކެވެ. އެ ތަނަށް ގެއްލުން ދޭނަމަ އެ ފަސްގަނޑު ޙިމާޔަތްކުރާން ގޮވުމަކީ ދިވެހިރައްޔިތުންނަށް އޮންނާނެ އޮތް އަދި އޮންނާން ވާނެ ޙައްގެކެވެ. އެހެންކަމުން، ރާއްޖޭގައި ތިބި ނަމަ ތިބިހާ ބޭރު ގައުމުތަކުގެ ހުރިހާ ސިފައިން މިހާރުން މިހާރަށް މި ގައުމުން ބޭރުކޮށް ދިވެހި ޤައުމަށް އިޚުލާޞްތެރިވެވަޑައިގަތުމަށް އަޅުގަނޑުގެ އަޑަށް ލެވެން އޮތްހާ ބާރެއްލައިފައި ދިވެހި ސަރުކާރަށް އިލްތިމާސްކުރަމެވެ. އަދި އަމިއްލަ ފަރުދީ އަދި ޝަޚުޞީ ނުވަތަ ޒާތީ ފައިދާއަށް ޓަކައި ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ޤުރުބާން ނުކުރެއްވުން އެދި އާދޭސް ދަންނަވަމެވެ. ދިވެހީންގެ އަމިއްލަވަންތަކަށް ދިވެހި ކާބަފައިން ދިފާޢުކުރެއްވީ ކޮންފަދަ ޤުރުބާނީއަކުންކަން ހަނދުމަފުޅުކުރައްވައި ކާބަފައިންގެ އަގުހުރި ޖިހާދަށް އިޙުތިރާމްކުރައްވާން ނަޞޭޙަތްއަރުވަމެވެ. އަދި މި ދިވެހި ފަސްގަނޑަކީ ސަރުކާރުގެ ތަނެއް ނޫންކަމާއި މިއީ ދިވެހި ރައްޔިތުންގެ ތަނެއްކަން ހަނދުމަފުޅުކޮށްއަރުވަމެވެ.

އަނެއްކޮޅުން "އިންޑިއާ މިލިޓަރީ އައުޓް" ޙަރަކާތަކީ، އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބުރޫއަރައިފައިވާތީ، އަދި ފެންނާން ހުރި އެތައް ކަންތައްތަކުން ދިވެހިރާއްޖޭގެ އިސްތިޤުލާލާއި ސިޔާދަތު އިންޑިއާގެ މުށުތެރޭގައިވެ، ދިވެހި ސަރުކާރަށް މުޠުލަޤު އެއްވެސް ބާރެއް ނެތްކަން ދޭހަވާ އެތައް ކަންތައްތަކެއް ފެންނާން ފެށުމުން ޤައުމު ދެކެ ލޯބިވާ ބަޔަކު ހިންގާ ޤައުމީ ޖިހާދެކެވެ.

ދެން ފާހަގަކޮށްލާން ބޭނުންވާ އަނެއް ނުކުތާއަކީ ފުލުހުންނާއި ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އަމުރު ހިންގުމުން ދޭހަވާ އަނެއް ކަމަކީ ޤާނޫނީ ޙުކޫމަތު މި ރާއްޖޭގައި ނުހިނގާ ކަމެވެ. އެހެނީ މުއައްސާތަކުން ޢަމަލު ކުރާންވީ ގޮތް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކިޔައިދީފައިވާ އިރު، އޭގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަމުރުކުރާން ފެށުމުން، ދިވެހިރާއްޖޭގެ ހުރިހާ ބާރެއް އެއްވެ، ދީމިޤްރާޠިއްޔަތުގައި ރެނދުއަޅައި ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް މިސްރާބު ހިފައިފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި މިކަން ކުރެއްވީ ބޭރު ސަފީރަކު އަމުރު ހިންގައި މަޖުބޫރުކޮށްގެން ކަމަށް ވާނަމަ، މި ކަމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ރާއްޖެއަކީ ތިއަރީގައި މިނިވަން ދީމިޤުރާޠީ ޤައުމެކޭ ތާކު ލިޔެފައި އޮތަސް، ޤާނޫނުގެ މައްޗަށް ނެރެވޭ ޤަރާރުތަކުން ދައްކައިދެނީ ދިވެހިރާއްޖެއަކީ މިހާރު ޢަމަލީ ގޮތުން ޚުދުމުތާރު އަދި އަޅުވެތި ގައުމެއްކަމެވެ.

މި ކަންކަމުން އަޅުގަނޑު ކަންބޮޑުވާ އެހެން ކަމެއް ވެސް އެބަ އޮތެވެ. ބަޔެއްގެ އަމިއްލަ ފައިދާއަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޚިޔާނާތްތެރިވެ، ޤާނޫނާ ޚިލާފު ލިޔުންތަކުންގައި ބަޔަކު ހަމަ ގަސްތުގައި އެ މަނިކުފާނުލައްވައި ސޮއިކުރުއްވަނީއޭ ހިތަށް އަރަނީއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ލަފާދެއްވާން އިޚުލާޞްތެރި ބަޔަކު ތިބި ނަމަ، މި ފަދަ ޣައިރު ދުސްތޫރީ ލިޔުމެއްގައި ރައީސުލްޖުމްހޫރިއްޔާ ލައްވައި ސޮޔެއް ނުކުރުއްވީހެވެ.

ކޮންމެއަކަސް، ގޯތި ގެދޮރުގެ ޙުރުމަތަށް އަރައިގަނެ، ޤާނޫނުއަސާސީއިން ލިބި ދީފައިވާ ޙައްޤުގެ ދަށުން މީހެއްގެ ގޭގައި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުން، ފާޅުކޮށް އެލުވައިފައި ހުރި ލިޔުމެއް ފުލުހުން ނެގި ނެގުމަކީ، ފުލުހުންނަށް ފުލުހުންގެ ޤާނޫނުން ލިބިފައިވާ ޤާނޫނީ ބާރަކުން ކުރެއްވި ޤާނޫނީ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ހަތިޔާރާއި މާއްދީ ބާރާއި ގަދަބާރުން ނުޙައްޤުން ތަންފީޒުކުރި ނާތަހުޒީބު މުޑުދާރު ޢަމަލެކެވެ.

ޑިމޮކްރެސީއާއި ބީރައްޓެހި މި ފަދަ ޚުދުމުޚުތާރު އަމުރުތައް ތަންފީޒުކުރެވި މީހުންގެ ޒާތީ އަދި މަދަނީ ޙައްޤުތަކަށް އަރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ކުރީން ހަޅޭއްފަޅޭއް ލެވި ގިނަ މީހުން މިއަދު ތިބީ މަދު ފައިސާކޮޅަކަށް ހެއްލި ޣައްދާރުންނާއި ޚާއިނުންގެ ޖީބުގައެވެ. މި ވާހަކަ ދައްކާއިރު ކުއްލިއަކަށް ހަނދާނަށް އައީ ޢަރަބި ލިޔުންކޮޅެއް ދިވެހި ކޮށްލައްވަމުން ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ލިޔުއްވައިފައިވާ ވާހަކަކޮޅެކެވެ. އޭނާ ލިޔުއްވައިފައިވެއެވެ. "ފާސިދުވެރިކަމެއްގެ ފަރާތުން ރައްޔިތުންނާ މެދު ހިތުހުރި ގޮތަކަށް ކަންތައްކޮށް، ރައްޔިތުންނަށް ދޮގުހަދައި އޮޅުވައިލައި ބޭރުގެ ބާރުގެ އަޅުވެތިކަމުގެ ތެރެއަށް ގައުމު ވައްޓައިލައި، ރައްޔިތުންގެ ބޮލަށް ކުޑަކަމުދިޔުމުން، އެއީ އުޑުން ވެހޭ (ބަރަކާތުގެ) ވާރޭކަން، އެ ފާސިދު ވެރިކަމުގެ ފަރާތުން ގަނެފައިވާ ޚަބަރުފަތުރާ ވަސީލަތްތަކުގެ ކުލީ ގަލަންތައް، ރައްޔިތުން ގާތު ބުނެ ކަށަވަރުކޮށްދޭން މަސައްކަތްކުރެއެވެ.

އާދޭހެވެ! ފާސިދު ވެރިކަމެއްގެ ފަރާތުން، ރައްޔިތުންނަށް ކަންކަން އޮޅުވައިލައި ވާހަކަތައް ދައްކާއިރު، އެއީ ތެދުކަމާއި ހައްތާ ވެސް (އެ ކުރަނީ) ގައުމަށް ފައިދާހުރި ކަންކަންކަމުގައި އެ ފާސިދުވެރިކަމުގެ ސަންގުތަކާއި ކުލީ ގަލަންތަކުން ރައްޔިތުން ގާތު ބުނެ އެ ކަން ޔަގީންކޮށްދޭން މަސައްކަތްކުރެއެވެ!" މިއަދު ދިވެހި ޤައުމުން މި ހަގީގަތް ވަރަށް ރީތިކޮށް އެބަ ފެނެއެވެ.

ކޮންމެއަކަސް މި ދިޔަ ބުރާސްފަތި ދުވަހު އެ ނެރުއްވި ޤަރާރަކީ ދީމިޤުރާޠިއްޔަތާ ދުރަށް އެޅުނު ޚުދުމުޚުތާރު ފިޔަވަޅެކެވެ. އެ ފިޔަވަޅާމެދު ފަޚުރުވެރިވެވަޑައިގަންވާ ފަދަ މޭރުމަކުން ރައީސް އޮފީހުގެ މުވައްޒަފުންގެ ވެރިޔާ ޢަލީޒާހިރު ވިދާޅުވެފައިވަނީ "އިންޑިއާއައުޓް" ޙަރަކާތް ހުއްޓުވިއްޖެ ކަމަށެވެ. އަދި މި ކަމަށް އެއްވެސް ދުލެއް ނުދެއްވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ވާހަކަ ފަޚުރުވެރިކަމާއެކު ވިދާޅުވިޔަސް އެ ވާހަކައިން ދޭހަވަނީ، އިންޑިއާގެ މައްޗަށް މި ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަމާއި މި ރާއްޖޭގެ ސިޔާދަތީ ބާރު އެކީއެކަށް ނެތިފައިވާ ކަމެވެ. އަދި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ޙައްޤަށްވުރެ ތިމަތިމާމެންގެ އަމިއްލަ އެދުމަށް ޓަކައި އެ މީހުންނަށް މުހިންމީ އިންޑިއާގެ މިއަދުގެ ސަރުކާރުގެ މަސްލަޙަތާއި އިންޑިއާ ރުއްސުންކަމެވެ. އަދި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ޤުރުބާންކޮށްގެން ނަމަވެސް އަލީ ޒާހިރު މެންނަށް މުހިންމީ އަމިއްލަ ވަގުތީ ފައިދާއާއި ޒާތީ މަޞްލަޙަތާއި އަމިއްލަ އަންބޮޑި ބޮޑުކުރުންކަމެވެ. މި ނޫން ކަމެއް އެ ވާހަކަތަކަކުން ތަރުޖަމާއެއް ނުކުރެވެއެވެ. ތިމާތިމާމެން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން ބޮޑެތި މަޤާމުތަކުގައި ނަމުގައި ތިއްބެވިއެއް ކަމަކު، ބޭރު ގައުމަކުން ފޮނުވައިފައި ހުންނަ ސަފީރަކަށްވުރެ ތިމާތިމާމެންގެ ބާރު ކުޑަކަމާއި އަގު ދަށްކަމެވެ.

ތަންތާނގައި ފާޅުކޮށްފައި ހުންނަ ޝުޢޫރުތައް ގަދަބާރުން ޚުދުމުޚުތާރުކަމާއެކު ނެންގެވިދާނެއެވެ. ނަމަވެސް މި ޒަމާނުގައި މީހުން ފާޅުކުރާ ޝުޢޫރުތަކެއް ނުހުއްޓުވޭނެއެވެ. ސަރުކާރުން ބޭނުންވެއްޖެ ނަމަ ރަޖިސްޓަރީ ކޮށްފައި ހުންނަ ނޫސްތަކާއި ޓީވީތަކާއި ރޭޑިއޯތައް ވެސް ގަދަބާރުން ހުއްޓުވިދާނެއެވެ. އަދި ޖޭއެސްސީ ކޮންޓްރޯލްކުރާ ފަނޑިޔާރުގެއާއި ސަރުކާރުން ކޮންޓްރޯލްކުރާ ފުލުހުންނާއި ސިފައިން މެދުވެރިކޮށްގެން އެ ފަދަ ޝުޢޫރު ފާޅުކުރާ މީހުންނަށް އަނިޔާ ވެސް ދެވިދާނެއެވެ. ޖަލަށް ވެސް ލެވިދާނެއެވެ. ނަމަވެސް މީސްމީޑިއާ ހުއްޓުވާނީ ކިހިނެއްތޯއެވެ! މީހުންގެ ހިތުގައި އުފެދޭ ޝުޢޫރުތައް ބިރު ދައްކައިގެން ގަދަބާރުން ހުއްޓުވޭނެތޯއެވެ!

ކޮންމެއަކަސް ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުން ނެރުނު ޤަރާރާއި ފުލުހުން ލައްވައި ހިންގި ޢަމަލަކީ ޤާނޫނީ އެއްވެސް ބާރެއް ލިބިގެންވާ ދުސްތޫރީ ކަންތައްތަކެއް ނޫނެވެ. އެއީ މާއްދީ ބިރުދެއްކުމާއި ގޮށްމުށުގެ ބާރުން ހިންގި ޚުދުމުޚުތާރު އަނިޔާވެރިކަމެކެވެ. އެއީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވިފައިވާކަމަށް ދަލީލުކޮށްދިން ހިތާމަވެރި ޢަމަލެކެވެ. ކޮންމެއަކަސް ދީމިޤުރާޠީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރައްޔިތުންގެ ޙައްގުތައް އެއްވެސް ޙާލެއްގައި (ގާނޫނީ ގޮތުން) ހަންޏެއް ނުކުރެއްވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. ވަރަށް ޢިލްމީ ލިޔުމެއް. ނަމަވެސް ތަންކޮޅެއް ދިގީ. ފައިސާއަށް ނުވިކޭ ތިޔަ ފަދަ ޤައުމީ ގަލަންތައް މި ޤާއުމުގައި ގިނަވާނެ ނަމައޭ ހިތަށް އަރާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *