ބައްޕަ ބިޒީއެވެ. ލާރި ހޯދަންޖެހެއެވެ. ރަށުގައި ވަޒީފާއެއްނެތެވެ. ބޭނުންތައް ފުއްދޭނީ ދަރިފުޅާ ދުރުގައި ހުރެގެންނެވެ. މިއީ ބައެއް ބަފައިންގެ ވާހަކަ ހުންނަ ގޮތެވެ.
އެކަމަކު، އަތުގައި އޮންނަނީ އެންމެ ފަހުގެ އައިފޯނެވެ. ހަގީގަތަކީ ކޮބައިހެއްޔެވެ؟ ރަހްމަތްތެރިންނާ ގުޅައިގެން އެތައް އިރަކު ވާހަކަދެއްކެއެވެ. ހަނދާން ނުހުންނަނީ ރަށުގައި ހުރި ތުއްތު ދަރިފުޅަށް ގުޅާލައި ދުވަސް ދިޔަ ގޮތް އަހާލާށެވެ.
ސްނެޕާއި އިންސްޓަގްރާމާއި ވައިބަރާއި ފޭސްބުކާއި ޓިކް ޓޮކު ވީޑިޔޯތައް ބަލަން ވަގުތު ލިބެއެވެ. ވަގުތު ނުވަނީ ތުއްތު ދަރިފުޅަށް ގުޅާލާފައި ނަމާދު ކުރަން ބުނެލާށެވެ. ނޫނީ ދަރިފުޅަށް ވީޑިޔޯ ކޯލެއް ކޮށް އެ ދަރިފުޅު ގުރުޢާން ކިޔަވާ މަންޒަރު ބަލާލާށެވެ.
ފިލްމު ބަލަން ހިތްހަމަޖައްސާލަން ދެ ގަޑިއިރު ލިބެއެވެ. ފޯނަށް ކަޅިޖަހައިނުލައި ބަލަން އިންނަން ފޫއްސެއްނުވެއެވެ. އެކަމަކު އެދަރިފުޅުގެ މަންޒަރުތައް އަޑުއަހާލަން ވީޑިޔޯ ކޯލް ކޮށްލަން ވީމާ ބައްޕަ ވަރުބަލިވެއެވެ. ޑިޔުޓީ ވަރަށް ބިޒީއެވެ. އެކަމަކު ޕަބްޖީގަނޑެއް ޖަހާލެވެއެވެ. ރައްޓެހިންނާއެކު ކޮފީއަށް އަރައި އެތައް ގަޑިއިރެއް ހޭދަކުރެވެއެވެ.
އިރެއްގައި ދުރުގައި ހުރުން ނުވަތަ ތަރުބިއްޔަތުގައި ބައިވެރިނުވެވުން އެއީ އުޒުރެކެވެ. އެކަމަކު މިއަދު އެހެން ބުނެވޭކަށް ނެތެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިމާ ބޭނުންވާ ހުރިހާ ކަމެއް ކުރެވެއެވެ. ވީއިރު ދަރިފުޅު ފިލާވަޅުތައް ހަދާލަން ގުޅާލައި، ގުރުއާން ކިޔަވާ އަޑު އަހާލައި، ދަރިފުޅުގެ ދުވަސް ހޭދަކުރި ގޮތް އަހާލައި ދަރިފުޅާ އެކު ވަގުތު ހޭދަކޮށްނުލެވޭނެހެއްޔެވެ؟
އަބަދު ބިޒީ ބައްޕަ ޗުއްޓީއަށް ގޮސްފައި ދަރިފުޅު ގޮވައިގެން އުޅެން ތުއްތު ދަރިފުޅުގެ މިޒާޖާއި އުމުރު އެއްގޮތަކަށް ހުންނާނެހެއްޔެވެ؟ ޒިންމާއަކީ އަތުން ކާންދީފައި އުރާލައިގެން ނިންދެވުމެއް ނޫނެވެ. ފްރީވީމާ ގުޅާލާފައި ބިޒީއޭ، ވަރުބައްޔޭވެސް ބުނުމެއް ވެސް ނޫނެއެވެ. ޓިކްޓޮކް ބަލަން ހޭދަކުރާ ވަގުތު ދަރިފުޅަށް ނުދެވެންވީ ސަބަބެއްނެތެވެ.
ދުރުގައި ހުންނަންޖެހުމަކީ ހާލަތެވެ. އެކަމަކު ޗުއްޓީ ދުވަސްތަކުގައި އެކަނި ޒިންމާ އަދާކުރަން އޮތް ހުއްޖަތެއްވެސް ނޫނެވެ. އަމިއްލަ ބޭނުންތައް އިސްކުރާ ފަދައިން ދަރިންގެ ތަރުބިއްޔަތުގައި ތިމާގެ ދައުރެއް ވާކަންވެސް ހަނދާންކުރާށެވެ.



advertisment
One Response
މީގަ މިހިރަ ކަންކަމަކީ ކުދިންނާ ކައިރީގަ ބައްޕަ ހުންނަ އިރުވެސް ބައެއް ބައްޕައިން ކުރާ ކަންކަން ނުވަތަ އުޅޭގޮތް. މިއަކުން މިވާނުވާ ސާފެއް ނުވި.