Support Us

ރޯދަމަހުގެ ވާހަކަ- ނަޞްރު ސޫރަތުގެ މައްޗަށް އަވަސް ކަޅިއެއް

އަދަބީ ނައްސެއްގެ މައްޗަށް ބަލައިލައި އެއްޗެއް ބުނުމުގެ ކުރިން ފާހަގަކޮށްލަންޖެހޭ ނުކުތާއެއް އޮވެއެވެ. އެ ނައްސުގެ ސިޔާގީ ފަހަތުގައި (ކޮންޓެކްސްޗުއަލް ބެކްގުރައުންޑުގައި) އޮތީ ކޮން ވާހަކަތަކެއްތޯ، ކޮންކޮން ކަމެއްތޯ ބަލާލުމެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ، ނައްސެއްގެ ސިޔާގީ ޚަލްފިއްޔާއަކީ އެ ނައްސަކާ ބެހޭ ހުރިހާ ވާހަކަތަކެވެ. ސޫރަތެއްގެ މައްޗަށް ބަލާލާ ނަމަ، އެކަން ގުޅެނީ އެ ސޫރަތް ބާވާލެއްވުމަށް މެދުވެރިވި ސަބަބުތަކެވެ. އެ ނައްސު ވުޖޫދަށް އައުމަށް މެދުވެރިވި ހާލަތެވެ. އިހުގެ ތަފްސީރުގެ އިސްތިލާހުގެ އިބާރާތުން ބުނާ ނަމަ، 'އަސްބާބުއް ނުޒޫލި' އާދެ، ސޫރަތް ބާވާލައްވަން މެދުވެރިވި ސަބަބުތަކެވެ. އެހެންވެ، ނަސްރު ސޫރަތުގެ މައްޗަށް ބަލާލާއިރު، އެ ސޫރަތް ބާވާލައްވަން މެދުވެރިވި ސަބަބުގެ މައްޗަށް, އާދެ، އޭގެ ސިޔާގީ ފަހަތަށް، ބަލާލަން ޖެހެއެވެ. ސޫރަތުގެ މާނަ ރަނގަޅަށް ވިސްނި، ފަހުމުވެ ދިޔުމަށްޓަކައެވެ.

ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތައް ބާވާލަައްވަން މެދުވެރިވި ސަބަބުތައް އެނގެނީ ކިހިނެއް ހެއްޔެވެ؟ ހަދީސާއި ތަފްސީރު ފޮތްތަކުންނެވެ. ސިޔަރަތާއި ތާރީޚީ އެކިއެކި ރިވާޔަތްތަކުންނެވެ. އަދި، މި ބާވަތުގެ ވާހަކަތަކަށް ޚާއްސަކުރެވިގެން ތައުލީފުކުރެވި ލިޔެވިފައިވާ 'އަސްބާބުއް ނުޒޫލު’ގެ ފޮތްތަކުން ވެސް މެއެވެ. ތަފްސީރު ފޮތްތަކަށް ބަލާލާއިރު، އެއް ފޮތަކުން މިފަދަ ވާހަކަތައް ލިބެން އޮތް އެންމެ މުހިއްމު އެއް ފޮތަކީ ސުޔޫތީގެ އައްދުއްރު އަލްމަންޘޫރު، މި ފޮތެވެ. ތަބަރީގެ ޖާމިއުއާއި އިބްނު ކަޘީރުގެ ތަފްސީރާއި އަދި ފަހުގެ މުއުތަބަރު ތަފްސީރުތަކުގެ ތެރޭގައި ހިމެނޭ ޝައުކާނީގެ ފަތުހުލް ގަދީރު ފަދަ ފޮތްތަކުން ވެސް ސޫރަތްތަކާއި އާޔަތްތައް ބާވާލައްވަން މެދުވެރިވި ސަބަބުތައް އެނގެން އޮވެއެވެ. ހަދީސް ފޮތްތަކަށް ބަލާލާއިރު އެ ފޮތްތަކުގެ ތަފްސީރާ ބެހޭ ބާބުތަކުގައި މި ވާހަކަތައް ވާރިދުވެފައި އޮވެއެވެ. ސިޔަރަތުގެ ފޮތްތަކަށް ބަލާލާއިރު އެންމެ މުހިއްމު ފޮތެއްގެ ގޮތުގައި ބެލެވެނީ އިބްނު ހިޝާމުގެ ސިޔަރަތެވެ. ތާރީޚީ ފޮތްތަކުގެ ތެެރޭގައި ތަބަރީގެ ތާރޚިުގެ ތެރެއިން ސިޔަރަތާ ބެހޭ ބައި ވަރަށް ވެސް މުހިއްމެވެ. އަސްބާބުއް ނުޒޫލުގެ މުހިއްމު ފޮތްތަކުގެ ތެރޭގައި ވާހިދީ މި ރޮނގުން އެކުލަވާލެއްވި ފޮތް ހިމެނެއެވެ.

ނަސްރު ސޫރަތް ބާވާލައްވަން މެދުވެރިވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އެކަމާ ގުޅޭ ހާލަތަކީ ކޮބައި ހެއްޔެވެ؟ އެކަން ގުޅެނީ އިތުރު އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަވުމާއެވެ. އެކަލޭގެފާނުންގެ ދައުވަތުގެ މަސައްކަތަށް ނިމުން އައުމާއެވެ. މިކަމާ ގުޅުވައި، ނަަސްރު ސޫރަތުގެ ބާވާލެއްވުން ދެ ތާރީޚަކާ ގުޅުވާލެވެއެވެ. ފުރަތަމަ ތާރީޚަކީ ހިޖުރައިން އައްވަނަ އަަހަރުގެ މައްކާ ފަތަހަވުމާއެވެ. ނަސްރު ސޫރަތުގައި ނަންގަނެވިފައިވާ ފަތަހައަކީ މައްކާ ފަތަހަވުން ކަމަށްވާތީއެވެ. މައްކާ ފަތަަހަވުމާ ވިދިގެން، އަރަބިކަރައިގައި އޮތް މުސްލިމުންނާ އިދިކޮޅުވެގަތުމުގެ ބާރު ނެތި، އަރަބީންގެ އެންމެންހެން އިސްލާމް ވެސް ވުމުންނެވެ. ދެވަނަ ތާރީޚަކީ ހިޖުރައިން 10ވަނައަހަރެވެ. ކީރިތި ރަސޫލާގެ ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށް ފަހުގައެވެ. އާދެ، މި ދެ ތާރީޚުވެސް ގުޅެނީ ކީރިތި ރަސޫލާގެ ރިސާލަތުގެ ފުރިހަމަވުމާއެވެ. މި ސޫރަތާ ބެހޭ ގޮތުން އިބްނު އައްބާސް ވިދާޅުވެފައިވެއެވެ. މި ސޫރަތް އިޝާރަތް ކުރަނީ އިތުރު އެކަލޭގެފާނުންގެ ރިސާލަތު ފުރިހަމަ ކުރައްވައި، އެކަލޭގެފާނު އަވާހާރަވުމުގެ ވަގުތު ކައިރިވެއްޖެ ކަމެވެ.

ސޫރަތުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ إذا جاء نصر الله މާތްރަސްކަލާނގެ އެހީތެރިކަން ކަލޭގެފާނަށް [އެބަހީ، މުހައްމަދުގެފާނަށް] ލިބިވަޑައިގަނެ، والفتح (އަދި މައްކާ) ފަތަހަވެ، ورأيت الناس يدخلون في دين الله أفواجا ބައިބަޔަށް، ޖަމާއަތް ޖަމާއަތަށް، މާތްރަސްކަލާނގެ ދީނަށް މީސްތަކުން ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގަތުމުން فسبح بحمد ربك ފަހެ، ގިނަގިނައިން، ތަސްބީހައެއް ކިޔާހެން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް، ޝުކުރު ދަންނަވައި، واستغفره އަދި އެކަލާނގެ ހަޒުރަތުގައި ފާފަފުއްސެވުމަށް އެދި ވެސް ދަންނަވާށެވެ. إنه كان توابا. އެހެނީ އެކަލާނގެއީ (އަޅުތަކުން) ތައުބާ ގިނަގިނައިން ބަލައިގަންނަވައި ގަބޫލުފުޅު ކުރައްވާ ރަސްކަލާނގެއެެވެ.

ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވަނީ މައްކާ ފަތަހަވުމާއި އެފަތަހައިގެ ސަބަބުން، ކީރިތި ރަސޫލާގެ ރިސާލަތު ފުރިހަމަވެ، ކާމިޔާބީ ލިބިވަޑައިގެން ވާހަކައެވެ. މި ފަތަހައިން 'މައްކާ' ފަތަހެވެ، ، އާދެ، އޭރުގެ އަރަބި ދުނިޔެ ފަތަހަވެ، ވަރުގަދަ ކާމީޔާބީއެއް ލިބިވަޑައިތުގެ އެންމެ ފުރަތަމަ ސަބަބަކީ، މާތްރަސްކަލާނގެ އެކަމުގެ މަގުތައް ފަހިކޮށްދެއްވީމައެވެ. ހެޔޮ ވިސްނުންފުޅެވެ. ރިސާލަތުގެ މަސައްކަތް ކުރެއްވުމުގެ ހިއްވަރެއް ދެއްވައި، އަދި އެކަމަށް ވާގީދޭނޭ އިޚުލާސްތެރި، އަމިއްލަ އެދުމެއް ނެތް ބަޔަކު ވެސް ތިބެން، މެދުވެރިކޮށް ދެއްވުމުންނެވެ. ކީރިތި ރަސޫލާއަށް މިފަދަ ވާގިވެރިކަމަކާއި އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ އެކަލޭގެފާނުންގެ އަނބިކަނބަލުން ޚަދީޖަތުގެފާނެވެ. އެކަލޭގެފާނުންގެ މާލީ އަދި މައުނަވީ ސަނަދެވެ. ދެން، އެކަލޭގެފާނުންގެ ވަފާތެރި މިތުރު އަބޫބަކުރުގެފާނެވެ. އައްސިއްދީގުއެވެ. އެކަލާގެފާނަށް ފުރިހަމަ އިތުބާރުކުރައްވައި، އެންމެންހެން އެކަލޭގެފާނުންގެ ވާހަކަފުޅުތައް ދޮގުކޮށް، އެކަލޭގެފާނަށް ފުރަގަސް ދިންއިރު ވެސް، އަބޫބަކުރުގެފާނުން ހުންނެވީ އެކަލޭގެފާނުންގެ ބަސްފުޅުތައް ތެދުކުރައްވައި އެކަލޭގެފާނަށް އީމާންވެ، ވަފާތެރިކަން މަތީގައެވެ.

މާތްރަސްކަލާނގެ ދެއްވި ނަސްރާއި މަދަދާއި އެހީތެރިކަމާ އެކު، މައްކާ ފަތަހަކުރައްވައި އެކަލާގެފާނުންގެ ރިސާލަތު ފުރިހަމަ ކުރެއްވިއެވެ. މައްކާގެ އެންމެން އިސާލާންވެ، މުޅި އަރަބިކަރައިގައި އިސްލާމް ދީން ފެތުރެން މެދުވެރިވިއެވެ. އާދެ، ނަސްރު ސޫރަތުގައި ބަޔާންވެފައި އޮތް ފަދައިން، ޖަމާއާތް ޖަމާއަތަށް އަރަބި ކަރަިއިގެ އެންމެން އިސްލާންވިއެވެ. ދެން، އެތަނުން، ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމީ ތައުލީމާތުތަކުގެ ނޫރު ފޯރައިދިޔުމުގެ މަގު ފަހިވެގެން ދިޔައެވެ.

މި މަތިވެރި ކާމީޔާބީ ހާސިލުވުމުން ދެން، ކަންތައް ކުރައްވަންވީ ގޮތުގެ އިރުޝާދު ނަސްރު ސޫރަތުގައި ދެވިފައި ވެއެވެ. އެކަމަށްޓަކައި ގިނަ ގިނައިން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކުރަންވީއެވެ. އަދި، ވެވި ގޮއްސައި ވެދާނޭ ކުށަކަށް މާފަށް އެދި އެކަލާނގެއަށް ދަންނަވަން ވެސްވީއެވެ. ކާމިޔާބުގެ ވަގުތުގައި ބޮޑާކަމާއި ފަޚުރުވެރިވުމުގެ ސިފަތަކުން އެއްކިބާވެ، ހިތްތިރިވެ ދިޔުމަށްޓަކައެވެ.

މި ސޫރަތުން މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކަމެއް ކުރަން ނިންމައިފި ނަމަ، އެކަމާ ކެރިގެން ކުރިމަތިލައި، ހިއްވަރު އެލުވާ ނުލައި، ކާމިޔާބުގެ އައްސޭރިއާ ހަމައަށް ދިޔުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމެވެ. މި ގޮތުގައި މަސައްކަތްކުރުމަށް، ކީރިތި ރަސޫލާގެ ސިޔަރަތުން އިލްހާމު ލިބިގަންނަންވީއެވެ. ކާމިޔާބީގެ އައްސޭރިއަށް ދަތުރުކުރަމުން ދާއިރު، ކޮޅިގަނޑުތަކާ ކުރިމަތިވާނޭ ކަމާއި އަދި ކަށިން ފުރިގެންވާ މަގުމަގުގައި ހިނގަން ޖެހޭނޭކަންވެސް ހަނދާންކުރަމަށެވެ.

މިފަދަ ގޮންޖެހުންތަކަކީ އަމިއްލަ ނަފްސު އިމްތިހާނުކޮށްލެވޭ ކަމެއްގެ ގޮތުގަައި ބަލައި، ތިމާގެ އަޒުމަށް ހީނަރުކަމެއް އަޔަނުދީ މަސައްކަތްކޮށްފި މީހަކަށް، މާތްރަސްކަލާނގެ މަދަދާއި އެހީތެރިކަން ލިބޭނޭ ކަމުގެ ބިޝާރަތު، އުފާވެރި ޚަބަރު، މި ސޫރަތުގައި ދެވިފައިވާކަން ހަނދާންކުރަމުންނެވެ. އަދި، މި ކަމަކީ، މާތްﷲގެ މަދަދާއި އެހީތެރިކަން، ސަލާމާއި ސަލަވާތް ލެއްވި އިތުރު ރަސޫލާއަށް ވެސް ކާމިޔާބު ލިބިވަޑައިގަތުން މެދުވެރިވި ސަބަބަށްވީ ފަދައިން، ތިމާއަށް ވެސް ކާމިޔަބު ލިބޭނޭ ސަބަބު ކަމުގައި ވާނޭކަން ހިތުގެ އަޑިން ގަބޫލުކުރަމުންނެވެ. ނަސްރު ސޫރަތް އެކަމަށް އިޝާރަތް ކުރާ ފަދައިންނެވެ. ދެން، ގަދައަޅައި މަސައްކަތްކޮށް، ކާމިޔާބުގެ އައްސޭރިއަށް ދެވުމުން، ތިމާގެ ހިތް މަޑުމޮޅިކޮށް، ބޮޑާކަމާއި ކިބުރުވެރިކަމުން ދުރުވެ، މާތްރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރުކުރަންވީއެވެ. އަދި، އެކަމުގައި އެހީވި އެންމެނަށް ވެސް ޝުކުރު އަދާކުރަންވީއެވެ. އަދި ކާމިޔާބީއާ ހަމައަށް ވާސިލުވުމުގެ މަސައްކަތުގައި އުޅުނު އިރު، ކުށެއްކުރެވިދިޔަ ނަމަ އެކަމުން ތައުބާވެ ފާފަފުއްސެވުމަށް އެދި މާތްރަސްކަލާނގެ ހަޒުރަތުގައި ދަންނަވަން ވެސް ވީއެވެ. އާދެ، ނަސްރު ސޫރަތުން މުއުމިނުންނަށް މިއަދުވެސް، ލިބިދޭ ފިލާވަޅުތަކުގެ ތެރެއިން މިކަންކަން ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *