Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ކުއްތާއެއް ބުނެދޭ ބުނެދިނުމެއް

ފޮޓޯއިން ތި ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ މީހަކު އޭނާގެ ކުއްތާއާއެކު ހިނގާފައި ދާތަނެވެ. އެ މީހާގެ ފައި ހަލާކުވެފައި ވުމުން، އޭނާއަށް ހިނގެނީ ކުޑަކޮށް ކޮރުޖަހަމުން، ދެ ދަނޑިގަނޑުގެ ވެސް އެހީގައެވެ. ކުއްތާ ވެސް، އޭނާ ހިނގާ ގޮތަށް ފައި އުފުލައި ކޮރު ޖަހަމުން ހިނގަމުން ދެއެވެ.

ކޮރުޖަހަމުން ކުއްތާ ހިނގާތަން ފެނުމުން، ކުއްތާގެ ސާހިބާ ހީވީ ކުއްތާގެ ފައި ވެސް ހަލާކުވީ ކަމަށެވެ. ދެން، ހައިވާނީ ޑޮކްޓަރަކަށް ދެއްކުމުން އެނގުނީ ކުއްތާގެ ފައިގައި އެއްވެސް މައްސަލައެއް ނެތްކަމެވެ. އަދި ކުއްތާ ކޮރުޖަަހަމުން ހިނގަމުން ދިޔައީ އޭތީގެ ސާހިބާއަށް ހަމްދަރުދީވެ، ސާހިބާގެ ވޭނުގައި ބައިވެރިވުމުގެ ގޮތުން ކަމެވެ.

މި ތަސްވީރު ބުނެދެނީ ކޮން ވާހަކައެއްހެއްޔެވެ؟

* ކުއްތާގެ ރަހުމަތްތެރިކަމުގެ ވާހަކައެވެ. އެއީ ދުރުވުމެއް ނެތިދިޔުން ނެތް، ގާތް ގުޅުމެއްގެ ރަހުމަތްތެރިކަމެއް ކަމެވެ.

* ކުއްތާގެ ހިތުގެ އޯގާތެރިކަމެވެ. އިހުސާސު ކެނޑިފައިވާ ހިލަ ހިތެއްގެ ވެެރިއެއް ނޫން ކަމެވެ. އަނެކާއަށް ހަސަދަލައި ޝަމާތަތާއި (އެހެން މީހުންނަށް ދެރައެއް ލިބުމުން އުފާކުރުމުގެ ސިފަ) ހެޔޮ ނޭދޭ ކަމުގެ ސިފަ ނެތްކަމެވެ. އަދި ކިއެއްހެއްޔެވެ؟ އަނެކުންނަށް ދެރައާއި ވޭން ތަހައްމުލު ކުރަން ޖެހުމުން، އެކަން ދެނެގަނެވޭ ފަދަ، ރަހުމުން ފުރިގެންވާ، އޯގާތެރި، ހަމްދަރުދީވުމުގެ ހިތެއް އެއަށް ލިބިފައިވާ ކަމެވެ.

* ކުއްތާގެ ރަހުމަތްތެރިޔާއާ އެކުގައި އަބަދުމެވާ ކަމެވެ. ބަދަލުވަމުންދާ އޭނާގެ ހާލަތްތަކަށް ބެލުމެއް ނެތިއެވެ. ރަނގަޅު ހާލަތްތަކުގައްޔާއި ނުރަނގަޅު ހާލަތް ތަކުގައި ވެސް މެއެވެ.

* ކުއްތާގެ ވަފާތެރިކަމެވެ. އެއީ ވަކި ހާލަތްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫން ކަމެވެ. ހާލަތު ބަދަލުވުމުން، އެ ވަފާތެރިކަމަކީ ޚިޔާނަތްތެރިކަމާއި ބޭވަފާތެރިކަމަށް ބަދަލުވެގެންދާނޭ ވަގުތީ ވަފާތެރިކަމެއް ނޫން ކަމެވެ.

އާދެ، ކުއްތާއެއްގެ ކިބައިން ވެސް އުނގެނި ލިބިގަނެވޭނޭ ފިލާވަޅުތައް ގިނަގުނައެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ކުއްތާ މިހާ ރަނގަޅުއިރުގަ ރާއްޖޭގައި ކުއްތާ ނުގެންގުޅެންވީ ސަބަބެއް ނުވިސްނޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *