Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އޭޕްރީލް 30ގެ އިރުކޭތަ ރާއްޖެއަށް ފެންނާނެތަ؟

އިރާއި ހަނދު ދައުރުވާ ދައުރުވުމުގައި ކޮންމެ ހަނދުމަހެއް ނިމުމުގައި އެއްއުއިވާ ވަގުތު ދުނިޔެއާއި އިރާ ދެމެދުން ހަނދު، އިރު ހުރަސްކުރާ ކުރުމުގައި އިރުކޭތަ ހިފުމަކީ ޢާންމު ކަމެކެވެ. އެކަމަކު، އެހެން ހިފާ ކޭތައެއް ހިފުންކަމުގައި ފަލަކީ ގޮތުން ބަލަނީ، ހަނދާއި އިރު ފުށުއަރާފައި ހުންނަ ވަގުތު ދުނިޔޭގެ ކޮންމެވެސް ދިމާޔަކަށް އެ ފުށުއެރުން ފެންނަ ނަމައެވެ.

އެގޮތުން މި ރޯދަމަހު 29 ވަނަ ދުވަހުގެރޭ ނުވަތަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެރޭ އިރުހުރި ނަކަތް ކަމުގައިވާ ބުރުނު ނަކަތުގެ ތެރެއިން ހަނދު، އިރު ހުރަސްކުރާ ވަގުތު އިރުކޭތައެއް ހިފައެވެ. މި ކޭތަ ފެންނާނީ އެންޓާޓިކާގެ އެންމެ ހުޅަނގު އުތުރަށާއި ދެކުނު އެމެރިކާ ބައްރުގެ އެންމެ ދެކުނު ސަރަޙައްދަށެވެ.

މިކޭތަ ހިފާންފަށާނީ 30 އޭޕްރީލްގަައި މާލޭ ގަޑިން 23:45.19 ގައެވެ. ކޭތަ ފުރިހަމަވާނީ 01 މޭގެ 01:41.37 ގައެވެ. ކޭތަ ވީއްލާނީ 03:37.56 ގައެވެ.

މި ކޭތަ ހިފާން ފަށަނީވެސް، ފުރިހަމަ ވަނީވެސް އަދި ވީއްލާނީވެސް މާލެއަށް ރޭގަނޑުގެ ވަގުތެއްގައި ކަމުން، މި ކޭތަ ދިވެހިރާއްޖެއަށް އަދި ކިއެއްތަ އިންޑިއަން އޯޝަންގެ ސަރަޙައްދަށްވެސް ނުފެންނާނެއެވެ.

ރާއްޖެއަށް މިއަހަރު ފެންނާނީ 25 އޮކްޓޯބަރުގައި ހިފާ އިރުކޭތައާއި ނޮވެމްބަރު މަހުގެ 7 ގައި ހިފާ ހަނދު ކޭތައެވެ.

އޮކްޓޯބަރ 25ގެ އިރުކޭތަ ފެންނާނީ ބާއަތޮޅުގެ ދެކުނުފަޅިއާއި ކާށިދޫން ފެށިގެން އުތުރު އަތޮޅުތަކަށެވެ. އެންމެ އުތުރަށްވެސް ފެންނާނީ 2 އިންސައްތައިގެ މިންވަރަށެވެ. ކާށިދޫއާއި ބާއަތޮޅުގެ ދެކުނު ފަޅިއަކަށް ނުފެންނާނެއެވެ.

އެހެންކަމުން ބަލާނީ ރާއްޖެއަށް ފެންނަ ކޭތައެއް މި އަހަރު ނުހިފާ ކަމަށެވެ.