Support Us

ކަލަކު ވޮޑިގެންވޭހެއްޔެވެ؟ އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލައިގެ މައްޗަށް މަތިމަތިން ބަލައިލުމެއް- 2

މި ލިޔުމުގެ ފުރަތަމަ ބައިގައި ބަލާލެވުނީ ކަލަކު ވޮޑިގެން ނުވާކަން ދެއްކުމުގެ ގޮތުން، ލާއިލާހިއްޔަތުގެ މީހުން ދައްކާ ބައެއް އަގުލީ ދަލީލުތަކާއި އެކަމަށް އިލާހިއްޔަތުގެ މީހުންދޭ ރައްދުގެ މައްޗަށެވެ. މި ބައިގައި ބަލާލަން ބޭނުންވަނީ، ސައިންސުގެ އެންމެ ފަހުގެ ހޯދުންތައް، އިލާހިއްޔަތުގެ މީހުން މާނަކޮށް، އެކަންކަން ކަލަކު ވޮޑިގެންވާކަމަށް ދައްކާ ގޮތުގެ މައްޗަށެވެ.

މި ވާހަކަތައް ފެށުމުގެ ކުރިން ހަދާންކޮށްލަން ޖެހެނީ، މި މައްސަލައާ ގުޅޭ އެންމެ އިހުގެ ވެސް ވާހަކައެކެވެ. އެއީ ކައުނާއި ކައުނުގައިވާހާ އެއްޗެއް ވުޖޫދުގައި ވުން އިލާހަކުވާކަން އިހުގައި ގަބޫލުކުރެވިފައި އޮތް ކަމެވެ. ނަމަވެސް، ނަވާރަ ވަނަ ގަރުނުގެ މެދެއްހާ ހިސާބުން ފެށިގެން، ދިރި ހުރި ކާއިނާތުތައް ވުޖޫދައް އައި ގޮތުގެ ބަދީލެއްގެ (އޯލްޓަނެޓިވް އެއްގެ) ވާހަކަތައް، އިލްމުގެ، ސައިންސުގެ، ނަމުގައި ގެނެވުނެވެ. އާދެ، ޑާވިންގެ ތަތުވީރުގެ (އެވޮލޫޝަންގެ) ނަޒަރިއްޔާގެ އަލީގައެވެ.

ކުރިން އިޝާރަތް ކުރެވުނު ފަދައިން، ޑާވީންގެ ތަތުވީރުގެ ނަޒަރިއްޔާ ހަޔާތް، ދިރުން ލިބިގެންވީ ކާއިނެއް އެންމެ ފުރަތަމަ ވުޖޫދަށް އައިގޮތެއް ބަޔާން ކޮށެއްނުދެއެވެ. ޑާވީންގެ ނަޒަރިއްޔާ ބަޔާންކޮށްދޭން މަސައްކަތް ކުރަނީ އެއް އަސްލަކުން، އެ އަސްލު ވުޖޫދަށް އައުމަށް ފަހު، ދިރުން ލިބިގެންވާ އެހެން ބާވަތްތައް ވުޖޫދަށް އައި ގޮތެވެ. މިކަން ބަޔާންކޮށްދިނުމުގައި ވެސް، އެކަށީގެންވާ އިލްމީ ހެކި ނެތްކަން ޚުދް ޑާވިން ވެސް އެއްބަސްވެއެވެ. ބާވަތްތަކުގެ ފޮސިލް ރެކޯޑު ދައްކަނީ އެ ބާވަތްތައް ފުރިހަމަވެފައިވާ ތަނެވެ. އެ ބާވަތްތައް އެހެން ބާވަތްތަކުން އުފެދިގެން އައީ ކިހިނެއްކަން އަނގައިދޭ ފޮސިލް ރެކޯޑް، އެކަށީގެންވާ ގާތަށް ވެސް ނެތްކަން، އޭނާ ގަބޫލުކުރިއެވެ. އަދި، މިހާތަނަށް އެ ރެކޯޑު ފެނިފައެއް ނުވެއެވެ. އެހެންވެ، ޑާވިންގެ ތަތުވީރުގެ ނަޒަރިއްޔާއަކީ ކާއިނާތުތައް އުފެދެން މެދުވެރިވި ގޮތް ފުރިހަމަ ގޮތުގައި ބަޔާންކޮށްދޭ ނަޒަރިއްޔާއެއް ނޫންކަން، ސްޓީވަން މާޔަރ އޭނާގެ ޑާވިންސް ޑައުޓު ގައްޔާއި ޖޮނަތަން ޥެލްސް އޭނާގެ އައިކަންސް އޮފް އެވޮލޫޝަން ގައްޔާއި އަދި މައިކަލް ބެހޭ އޭނާގެ ޑާވިންސް ބްލެކް ބޮކްސްގައްޔާއި އަދި މިނޫން ވެސް އިލްމުވެރިން ބަޔާންކޮށްފައި ވެއެވެ. މިތާނގައި އަނެއްކާ ވެސް ހަނދާން ކޮށްލަން ޖެހެނީ، ލާއިލާހިއްޔަތުގެ މީހުން މިކަން ބަލައިނުގަންނަކަމެވެ. ހެކި ނެތީމައެއް ނޫނެވެ. އެމީހުންގެ ހަޔާތުގެ ނަޒަރިއްޔާއާ އެކަން ފުށުއަރާތީއެވެ.

މީގެ އިތުރުން ކައުނުގެ އުފެދުން ވެސް، އިލާހިއްޔަތުގެ މީހުން ގުޅުވާލަނީ މާތްﷲއާއެވެ. ނަމަވެސް، ލާއިލާހިއްޔަތުގެ މީހުން އެކަން ބަލައެއް ނުގަނެއެވެ. ނަމަވެސް، އަދި މިހާތަނަށް، އެންމެން ބަލައިގަންނަ، މިކަމުގެ ބަދީލެއް، އާދެ، ކައުނު އުފެދުނީ ކިހިނެއްކަން އޮޅުންފިލުވައިދޭ ދިނުމެއް، ލާއިލާހިއްޔަތުގެ މީހުންނަށް ހުށަހަޅާލެވިފައެއް ނުވެއެވެ. މިކަމާ ގުޅޭ ނަޒަރީ ވާހަކަތަކެއް ނުދެކެވޭ ވާހަކައެއް ނޫނެވެ. އަމިއްލައަށް ކައުނު އުފެދުމުގެ ގާބިލުކަން އެއަށް ލިބިގެންވާކަން، ލޯރަންސް ކުރައުސްއާއި ޕީޓަރ އެޓްކިންސް ފަދަ ލާއިލާހިއްޔަތުގެ، ބައެއް އިލުމުވެރިން ބުނެއެވެ. އަދި މީގެ އިތުރުން، ޖާޒުބިއްޔަތުގެ ބާރުގައި ކައުނު އުފެދިދާނެކަން، ސްޓެފަން ހޯކިން ފަދަ އިލްމުވެރިން ބުނެއެވެ.

ދެން، އިލާހިއްޔަތުގެ މީހުންގެ ނަޒަރުގައި ސައިންސުގެ އަދުގެ ހޯދުންތައް، ކަލަކު ވޮޑިގެންވާކަން އަންގައިދެނީ ކިހިނެއް ކަމުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ އެކަން ގުޅެނީ ތިން ކަމަކާއެވެ. ފުރަތަމަ ކަމަކީ ކައުނަކީ އުފެދިގެންވާ އެއްޗެއްކަން ސައިންސުގެ އަލީގައި ސާބިތުވުމެވެ. ދެވަނަ ކަމަކީ ކައުނުގެ ހުރިހާ ކަމެއް ވަރަށް ވެސް މަތީ ދަރަޖައަކަށް ތަރުތީބުކުރެވި، ތަސްމީމު (ރާވައި ޑިޒައިން) ކުރެވިފައިވާ ކަމެވެ. ތިންވަނަ ކަން ގުޅެނީ ސެލްގެ މަސައްކަތްކުރުމާއެވެ. ދެން، މިތިން ކަމުގެ މައްޗަށް، އިތުރަށް، ބަލައިލަމާ ހެއްޔެވެ؟

ކުރީބައިގައި ނަންގަނެވި ދިޔަ ފަދައިން، ވިހި ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް އައުމަށް ދާންދެން، ތަޖުރީބީ އިލުމުގެ އަލީގައި، ކައުނަކީ ފެށުމެއް އޮތް އެއްޗެއް ކަމުގައި ސާބިތުކޮށްދީފައި ނުވެއެވެ. އެހެންވެ، އާންމު ސިފައެއްގައި، އެ ހިސާބަށް އަންނަންދެން، 'އިލްމީ ގޮތް' ކަމުގައި ބެލެވިފައި އޮތީ ކައުނަކީ އަޒަލީ އެއްޗެއް ކަމުގައެވެ. އެއަށް ފެށުމެއް ނުވާ އެއްޗެއް ކަމުގައެވެ. ނަމަވެސް 1920ގެ ތެރޭގައި މިކަން ބަދަލުވެގެން ދިޔައެވެ. އިލްމީ ސިފައެއްގައި ކައުނަކީ ފެށުމެއްވާ އެއްޗެއް ކަން ސާބިތު ކުރެވުމުންނެވެ.

މައިގަނޑު ގޮތެއްގައި، މި ހޯދުން ގުޅުވާލެވިފައި ވަނީ އެމެރިކާގެ އިލްމުވެރިއެއް ކަމަށްވާ އެޑްވިން ހަބްލް އާއެވެ. މި މައްސަލަ– ކައުނުގެ ފެށުމެއް ވާކަން– ގުޅެނީ، އިލްމީ ތަޖުރީބީ އަލީގައި، އޭނާ ފާހަގަކުރި ފާހަގަ ކުރުމަކާއެވެ. އޭނާ ފާހަގަކުރި ގޮތުގައި ކައުނަކީ ފުޅާވަމުން، ބޮޑުވަމުން އަންނަ އެއްޗެކެވެ. މިކަން އޭނާ ދެނެގަތީ ދުރުގައިވާ ތަރިތަކުން ފެންނަ އަލީގެ ހުދުކުލަ ރަތްކުލައަށް ބަދަލުވެގެން ދާތަން، (އިލްމީ ބަހުރުވައިގައި ކިޔާ 'ރެޑް ޝިފްޓް’، އަލީގެ ހުދު ކުލަ ރަތަށް ފުރޮޅި، ބަދަލުވެގެންދާ ދިޔުން) ބާރުގަދަ ދުރުމީއެއްގެ އެހީގައި ފެނުމުންނެވެ. އާދެ، ތަރީގެ އަލި ރަތް ކުލައަށް ބަދަލުވާ ބަދަލުވުމުގެ މާނައަކީ ތަރިތައް ހިމެނޭ ގެލެކްސީތައް ދުރަށް ގޮސް ކައުނު ފުޅާވެ ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ. މީގެ މިސާލެއް ހިތަށް ގެނައުމުގެ ގޮތުން ފުއްޕާހަމެއް ގެނެސް އޭގައި ވަށް ބުރުތަކެއް ފަދަ އެއްޗެއް ތަތްކޮށް، އެއަށް ވައިއަޅައި ފުއްޕާ މަންޒަރު ހިތަށް ގެންނާށެވެ. މިތަނުގައި ފުއްޕާހަން ރަމްޒުކޮށްދެނީ ކައުނެވެ. ވަށްބުރުތައް ކައުނުގައިވާ ފަޒާއީ ޖިސްމުތަކެވެ. މިކަން އިދިކޮޅަށް ބަދަލުކޮށްލައި މާޒީގެ ތެރެއަށް އެނބުރި ދިޔުމުން، ކައުނު ކުޑަވެގެންދާނެކަން ހިތަށް ގެނެވޭނެއެވެ. އަދި، މާޒީގެ ވަކި ހިސާބަކަށް ދިޔުމުން، ކައުނު ކުޑަވަމުން ކުޑަވަމުން ގޮސް ނެތިދާ ވަގުތެއް އަންނާނެކަން ވެސް އޭނާ ފާހަގަކުރިއެވެ. މި ހޯދުމުގެ އާޚިރު ނަތީޖާއަކީ ކައުނަކީ، ކުރިން ބެލެވުނު އިލްމީ ގޮތް ކަމުގައިވި، އަޒަލީ ސިފައެއް ލިބިފައިވި އެއްޗެއް ނޫންކަން އެނގި ޔަގީވުމެވެ. އަދި ކިއެއް ހެއްޔެވެ؟ ކައުނަކީ އެއަށް ފެށުމެއް އޮތް އެއްޗެއް ކަންވެސް ކަށަވަރުވުމެވެ. ހަމަ މި ހޯދުން، އައިންސްޓައިން ވެސް އޭނާގެ އިލްމީ ނަޒަރިއްޔާގެ އަލީގައި ހޯދިއެވެ. މި ކަމަކާ، ފުރަތަމަ ކޮޅުގައި އޭނާ އެއްބަސްވާން ބޭނުން ނުވިކަމުގައި ވިޔަސް، ހަބްލްގެ ތަޖުރިބާ އޭނައަށް ދެއްކުމުން، އެކަމާ އޭނާ ވެސް އެއްބަސްވިއެވެ.

މި ހޯދުމުގެ އަލީގައި، އިލާހިއްޔަތުގެ އަގީދާގެ މީހުން ބުނަނީ ކީކޭ ހެއްޔެވެ؟ އުފެދުމެއް އޮތް އެއްޗަކަށް އެ އުފެއްދި ފަރާތެއް ވާނޭ ކަމެވެ. އާދެ، ކައުނަކީ އެއަށް އުފެދުމެއް ލިބިގެންވީ އެއްޗަކަށްވީ ހިނދު، އެ އުފެއްދެވި ފަރާތެއް އޮތުން ލާޒިމުކުރާ ކަމެވެ. އަދި، އެ އުފެއްދެވި ފަރާތަކީ، އިލާހިއްޔަތުގެ މީހުން ދެކޭ ގޮތުގައި މާތްﷲއެވެ.

ސައިންސުގެ އަލީގައި ކައުނަކީ އުފެދުމެއްވާ އެއްޗެއްކަން ސާބިތުކުރެވުމުން، ސްޓީވަން މާޔާ، އޭނާގެ ގޯޑް ހައިޕޯތިސިސް އާއި ސިގްނޭޗަރ އިން ދަ ސެލް ފަދަ ފޮތްތަކާއި އަދި އޭނާގެ ދަ ރޮކް އޮފް އޭޖަސް އެންޑް ދަ އޭޖް އޮފް ރޮކްސް ފަދަ ބައެއް މުހާޟަރާތްތަކުގައި ފާހަގަކޮށްފައިވާ ފަދައިން، ކަލަކު ވޮޑިގެންވާކަމުގެ އިހުގެ އަގުލީ ދަލީލެއް ކަމުގައިވާ 'ކަލާމް ކޮސްމޮލޮގިކަން އާގިޔުމެންޓް' އަށް ވެސް އިތުރު ބާރެއް ލިބެއެވެ. މި ހުއްޖަތަކީ، އޭގެ އަސްލު، މުސްލިމު އިލްމުވެރިއެއް ކަމުގައިވާ އިމާމު އަލްޣަޒާލީ (އަވަހާރަވީ 1111މ.ގައި) އަށް ނިސްބަތް ކުރެވޭ ހުއްޖަތެވެ. ފަހުން، މިޒަމާނުގައި، އިލާހިއްޔަތުގެ އަގީދާގެ އިލްމުވެރިއެއް ކަމަށްވާ ވިލިޔަމް ލޭން ކްރޭގް މާތްﷲ ވޮޑިގެންވާކަމުގެ ދަލީލެއްގެ ގޮތުގައި މި ހުއްޖަތް އިތުރަށް ތަރައްގީކޮށް، އޭނާގެ ދަ ކަލާމް ކޮސްމޮލޮގޖިކަލް އާގިއުމެންޓު، މިފޮތުގައި ބަޔާން ކޮށްފައިވެއެވެ. މި ހުއްޖަތުގެ ޚުލާސައަކީ އުފެދުމެއްވާ ކޮންމެ އެއްޗަކަށް ވެސް، އެއަށް އުފެދުމެއް ނުވާ އެކަމުގެ ފުރަތަމަ ސަބަބު އޮންނަން ޖެހޭނޭ ކަމެވެ. އެ ފަރާތަކީ، ސަބަބަކީ، މާތްﷲއެވެ.

އަނެއްކާ ވެސް ތަކުރާރުކޮށްލައި މިތާ ހަނދާންކޮށްލަން ޖެހޭ ކަމަކީ، ކައުނަށް އުފެދުމެއް އޮތް ކަމުގައި ވިޔަސް، މަތީގައި ނަންގަނެވުނު ފަދައިން، ލާއިލާހިއްޔަތުގެ މީހުން އެކަން، އިލާހުވަންތަ ފަރާތަކަށް ނިސްބަތެއް ނުކުރާ ކަމެވެ. ކައުނަށް އުފެދުމެއް އޮތް ކަމުގައި، ތަޖުރީބީ އިލްމުގެ އަލީގައި، ސާބިތުވުމުން، އިލާހެއްގެ ވާހަކަ ނުގެނެސް، ކައުނު އުފެދުނު ގޮތް، އެހެން ގޮތް ގޮތަށް އޮޅުންފިލުވައިދޭން ލާއިލާހިއްޔަތުގެ ޕީޓަރ އެޓްކިންސް (އޭނާގެ ކޮންޖަރިން ދަ ޔުނިވާރސް) އާއި ސްޓެފަން ހޯންކިންއާއި ލިއޮނާޑް މްލާޑިނޯވް (ދަ ގުރޭންޑް ޑިސައިން) އާއި ލޯރަންސް ކުރައުސް (އަ ޔުނިވާސް ފްރޮމް ނަތިންގ) ފަދަ އިލްމުވެރިން މަސައްކަތް ކޮށްފައި ވެއެވެ. މިސާލަކަށް، ކުރިން ވެސް، ބުނެވިދިޔަ ފަދައިން، ސްޓެފަން ހޯކިން ފަދަ ލާއިލާހިއްޔަތުގެ ބައެއް އިލްމުވެރިން މިކަން ގުޅުވާލަނީ ޖާޒުބިއްޔަތުގެ ގާނޫނާއެވެ. މިކަންކަމުގެ ތަފްސީލަށް ނުގޮސް، މިތާނގައި ބުނެލަން ޖެހެނީ، ޖޯން ލެނޮކްސް ފާހަގަކުރާ ފަދައިން، މިއިން އެއްވެސް ވާހަކައަކީ އިލްމީ ތަޖުރީބީ އަލީގައި ބުނެވޭ ވާހަކަތަކެއް ނޫންކަމެވެ. މި ވާހަކަތަކަކީ ފަލްސަފީ ނަޒަރިއްޔާތަކާ ގުޅޭ ވާހަކަތަކެއް ކަމެވެ. ކަލެއްގެ ވާހަކަ ނުގެނެސް، ތިމާގެ އަމިއްލަ ޚިޔާލާއި ފިކުރު ބޭނުންކޮށްގެން، ތިމާގެ ދުނިޔަވީ ނަޒަރިއްޔާއަށް ފެތޭ ގޮތަށް ބުނާ ބުނުންތަކެކެވެ.

އިލާހިއްޔަތުގެ އަގީދާ ގަބޫލުކުރާ މީހުންގެ ނަޒަރުގައި ކަލަކު ވޮޑިގެންވާކަން އަންގައިދޭ ދެވަނަ އިލްމީ ހޯދުން ގުޅެނީ ކައުނުގައިވާ ޖިސްމުތައް (އިރާއި ޕުލެނެޓުތަކާއި ހަނދުތަކާއި ތަރިތައް ފަދަ ފަޒާއީ ޖިސްމުތައް)، ޖާޒުބިއްޔަތުގެ ގާނޫނުގެ ބާރުގެ ދަށުން، ތަރުތީބު ކުރެވި ތަސްމީމުކުރެވިފައިވާ ކުރުމާއެވެ. އާދެ، މިހުރިހާ އެއްޗެއް ބަރާބަރު ވަކި އޮލަނބަކަށް ގެނެސް، (ފައިން ޓިޔުން ކޮށް) ވަރަށް ވެސް ނާޒުކު ގޮތެއްގައި ބެހެއްޓިގެން، ކޮންމެ ޖިސްމެއްމެ، އޭގެ މަގާމުގައި ދައުރުވެ، ދައުރުވެ، އޮންނަ އޮތުމާއެވެ. އާދެ، އެ ޖިސްމުތައް މިނަންގަތް ގޮތުމުގެ މަތިން އޮލަނބު (ފައިން ޓިއުން) ކުރެވިފައި އޮންނަ އޮތުމާއެވެ. މިކަމުގެ ތަސައްވުރެއް ހިތަށް ގެނައުމަށްޓަކައި ދެ ދަގަތްފާނު ބުރިއާއި އޭގެ ބަރާބަރު ދެމެދުގައި ދަނގަޑު ގަނޑެއް އޮންނަ މަންޒަރު ހިތަށް ގެންނާށެވެ. އެއް ދަގަނޑުބުރިއާ ދަގަތްފާނުގަނޑު ކައިރި ވެއްޖެ ނަމަ، އެއާ ދިމާއަށް ދަނގަނޑު ބުރި ގެންދެއެވެ. ދަގަނޑު ބުރި އެއްވެސް ކޮޅަކަށް ދަމައި ނުގަނެ އޮންނާނީ ދެ ދަގަތްފާނުގަނޑުގެ މެދުގައި އޮންނަ ވަކި ނުކުތާއެއްގައި ދަނގަނޑު ބުރި ބޭއްވުމުންނެވެ. ހަމަ އެހެންމެ، ކައުނުގައި ހިމެނޭ ޖިސްމުތައް ލެއްވިފައިވަނި ޖާޒުބިއްޔަތުގެ ބާރުގައި އެއް ޖިސްމެއް އަނެއް ޖިސްމާ ދިމާއަށް ދަމައި ނުގަންނާނޭ ފަދަ ވަކި ދުރުމިނެއްގައެވެ. އެ ދުރުމިނަށް ޒައްރެއްގެ ފަރަގު އަޔަސް، މުޅި ކައުނުގެ ނިޒާމު ހަލާކުވާނޭ ކަމަށް މިކަމާ ބެހޭ ދިރާސާތުތައް ހެދި، ސްޓީފަން މާޔަރ (ދަ ރިޓާން އޮފް ދަ ގޯޑް ހައިޕޮތިސިސް) ފަދަ އިލާހިއްޔާތުގެ މީހުން ބަޔާންކޮށް ދީފައިވެއެވެ. އަދި، މިކަން، 1944ގައި، އެބްރަހަމް ކުރެސީ މޮރިސަން، އޭނާގެ މޭން ޑަސް ނޮޓް ސްޓޭންޑް އެލޯން، މިފޮތުގައި ވެސްަ ބަޔާން ކޮށްފައި ވެއެވެ. (މި ފޮތަކީ އަރަބި ބަހަށް 'އަލް އިލްމު ޔަދްއޫ އިލާ އަލް އީމާން، [އިލްމުވެރިކަން ގޮވާލަނީ އީމާން ވުމަށެވެ] މި މައިގަނޑު ނަމުގައި ތަރުޖަމާކުރެވި އަރަބި ދުނިޔޭގައި މަގުބޫލުކަން ލިބިުނު ފޮތެކެވެ.)

މިފަދައިން ބަރާބަރަށް ކައުނުގެ ޖިސްމުތައް ތަރުތީބުވެ ތަސްމީމުކުރެވިފައި އޮތް އޮތުމުގެ ތެރޭގައި، ކައުނު ފުޅާވެ ބޮޑުވަމުންދާ އިސްޕީޑު ވަކި މިނެއްގައި ހިފެހެއްޓިފައި އޮތުމާއި ތަބީއީ އިލްމުގެ ސަވާބިތުތައް (ފިޒިކްސްގެ ބަދަލެއް ނުވާ ގާނޫނުތައް)، އެ ގޮތުގައި އޮތުމާއި މާއްދާ (މެޓަރ) އުފެދުނު އެ އޮތް ހާލަތުގައި ލެއްވިފައި އޮތުމާއި އަލީގެ އިސްޕީޑު ވަކި މިނެއްގައި އޮތުން ފަދަ ކަންކަން ހިމެނެއެވެ. ކައުނު، ތަރުތީބުކުރެވި ވަކި ގޮތަކަށް ތަސްމީމުކޮށް ބަރާބަރަށް އޮލަނބު ކުރެވިފައި އޮންނަ އޮތުން 'ގޯލްޑިލޮކްސް ގެ ކައުނޭ' (މެދުމިނުގެ ކައުނޭ) ބުނެ އިބާރަތްކުރެވެއެވެ. މީގެ މާނައަކީ ކައުނުގެ ހިނގުން މާ ބާރު ނުވުމާއި ނޫނީ މާ ލަސް ނުވުމުގެ ދެމެދުގެ މިނެއްގައި ވުމެވެ. މާ ހޫނު ނުވުމާއި މާ ފިނި ނުވުމުގެ ދެމެދުގެ މިނެއްގައި ވުމެވެ. ކައުނުގެ ބާރުތައް (މިސާލަކަށް ޖާޒުބިއްޔަތުގެ ބާރު) މާ ވަރުގަދަ ނުވުމާއި މާ ބަލިކަށި ނުވުމުގެ މެދު މިނެއްގައި ވުމެވެ. ކައުނުގެ މި ހުރިހާ ކަމެއް ބަރާބަރު ވަކި މިނެއްގައި ހަމަ ޖެހިފައި އޮތުމެވެ. ކާއިނާތުތަކަށް ދިރި ދެމި ތިބުމުގެ އެކަށޭނަކަން އޮންނަނީ މި ގޮތަށް ކައުނު ތަރުތީބުވެ، ތަސްމީމުކުރެވި އޮލަނބު ވެސް ކުރެވިފައި އޮތީމައެވެ.

އިލާހިއްޔަތުގެ އަގީދާގެ މީހުން ދެކޭ ގޮތުގައި، ފަޒާއީ ޖިސްމުތައް ބަރާބަރަށް އޮލަނބު ކުރެވި، ކައުނާއި ކައުނުގައި ލެއްވިފައިވާ އެއްޗެއް ތަބީއީ ވަކި ގާނޫނުތަކެއްގެ މަތިން ހިނގުން ހަމަޖެހިފައި އޮތް އޮތުމަކީ އެފަދަ ބަރާބަރު އޮލަނބުކުރެއްވުމަކާއި ގާނޫނުތަކެއް ލެއްވި ފަރާތަކަށް އިޝާރަތް ކުރާ ކަންކަމެވެ. ލާއިލާހިއްޔަތުގެ އަގީދާ މީހުން ބުނާ ގޮތަށް، ޗާންސުގެ ސަބަބުން މިކަންކަން ހަމަޖެހިފައި އޮތުމަކީ، އިލާހިއްޔާތުގެ މީހުންގެ ނަޒަރުގައި މުސްތަހީލު ކަމެވެ. މިފަދައިން އަމިއްލައަށް ޗާންސަކުން، މިކަން ހަމަޖެހިފައި އޮތުމަކީ ހަމަ ބުއްދި ގަބޫލުކުރާނޭ ކަމެއް ނޫންކަމެވެ.

މިކަން ތަސައްވުރު ކޮށްލުމުގެ ގޮތުން، ކަރުދާސް ކޮޅުތަކެއްގައި 1 ކުން 10 އަކަށް އަދަދު ޖަހައިފައި އެ ކަރުދާސްކޮޅުތައް ޖީބަށްލައިފައި ތަރުތީބުން ނަގަން މަސައްކަތް ކޮށްލާށެވެ. ތަރުތީބުން އެ ކަރުދާސްކޮޅުތައް ފުރަތަމަ ފަހަރުން ނެގުމުގެ ފުރުސަތު ކުޑައެވެ. އެއީ ސަތޭކައަކުން އެއް ފުރުސަތެވެ. މިއަދަދުތައް އިތުރުކޮށްލާފައި 1އިން 100އަށް ނޫނީ އަށް 1000 ޖަހާފައި، އެ އަދަދުތައް ތަރުތީބުން ނަގަން އުޅޭ ނަމަ، އެކަން ކުރުމުގެ ޗާންސު އިތުރަށް ކުޑަވެގެން ދެއެވެ. އަދި، މިއަދަދުތައް އިތުރު ކުރިވަރަކަށް އެ އަދަދުތައް ތަރުތީބުން ނެގުމުގެ ޗާންސު ކުޑަވެ، އެކަން އެއީ މުޅިން މުސްތަހީލުކަމަށް ވެއެވެ. އެހެން ކަމަކަށްވާ އިރު، އެތައް މިލިޔަނުން މިލަޔަނުން ގުނާލެވޭ ކައުނުގައިވާ ހުރިހާ ފަޒާއީ ހުރިހާ ޖިސްމުތައް އެ އޮންނަ މަގާމަށް، އައުމާއި މަތީގައި ނަންގެނެވިދިޔަ ތަބީއަތުގެ ގާނޫނުތަކާއި މިހުރިހާ ކަމެއް، އެކަންކަން ހަމަޖެހިފައި އޮތް ގޮތަށް ޗާންސެއްގެ ސަބަބުން އައިސް ހަމަޖެހިފައި އޮތުމަކީ، ކުރިން ވެސް ބުނިފަދައިން، ސްޓީވަން މާޔާ އާއި ޖޯން ޕޮލްކިންހޯން ފަދަ އިލާހިއްޔަތުގެ އަގީދާގެ މީހުން ދެކޭ ގޮތުގައި، މުޅިން މުސްތަހީލުކަމަކަށް ވަނީއެވެ.

އިލާހިއްޔަތުގެ އަގީދާ ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި، ކަލަކު ވޮޑިގެންވާ ކަން އަންގައިދޭ ތިން ވަނަ އިލްމީ ހޯދުން ގުޅެނީ ބައޮލޮޖީއާއެވެ. ދިރޭތަކެތީގެ ދިރާސާތުތަކާ ބެހޭ އިލްމާއެވެ. މި މައްސަލަ ވިސްނައި ފަހުމްކޮށް ގަތުމަށްޓަކައި އިންސާނާ އެކުލެވި އުފެދިގެން ވަނީ ކިހިނެއް ކަން، ވަރަށް ސާދާ ގޮތެއްގައި ނަމަވެސް، ހިތުގައި ބަހައްޓަން ޖެހެއެވެ.

އިންސާނާ އެކުލެވިފައިވާ މާއްދީ އެކުލެވުމުގެ އަސްލަކީ އެޓަމްއެވެ. ޒައްރާއެވެ. މި އެޓަމްތަކުން ހަށިގަނޑު އޭގެ މައްޗަށް ބިނާވެގެންވާ އުންސުރުތައް އުފެދެއެވެ. އޮކްސިޖަންއާއި ކާބަންއާއި ހައިޑްރިޖަން އާއި ނައިޓްރިޖަން ފަދަ އުންސުރުތަކެވެ. މި އުންސުރުތައް އޭގެ މައްޗަށް އެކުލެވޭ އެޓަމްތައް، އޭގައި އެހެން އެޓަމްތަކާ ގުޅި ލާމެހުމުގެ އެކަށޭނަކަން ހުރި ނަމަ، އެކަތި އަނެއްކެއްޗާ ގުޅި ލާމެހިގެން ހަޔާތުގެ އަސާސު ކަމުގައިވާ މޮލިކިޔުލްތައް އުފެދެއެވެ. އެ މޮލިކިޔުލްތަކަކީ ޕްރޮޓީންއާއި ނިޔުކްލެއިކް އެސިޑްއާއި ލިޕިޑްސްއާއި ކާބޯހައިޑްރޭޓެސްއެވެ. މި މޮލިކިޔުލްތަކަށް ހަޔާތުގެ މޮލިކިޔުލްތަކޭ ކިޔެނީ ހަށިގަނޑަށް ބޭނުންވާ ތަފާތު ކަންތައްތައް އެ މޮލިކިޔުލްތައް ފުއްދައިދޭތީއެވެ. ހަށިގަނޑުގެ ޓިޝިއުތައް މަރާމާތު ކުރުމާއި، އެންޒައިމްއާއި ހޯމޯން އުފެއްދުމާއި ޖީންއާއި ބެހޭ މައުލޫމާތުތައް ރައްކާކޮށް ވާރުތައްކޮށްދިނުމާއި އެ ހިމެނިގެން ސެލްތަކުގައި ބައިތައް ބިނާކުރުމާއި ހަކަތަ ރައްކާކުރުން ފަދަ ވަޒީފާތައް މި ނަންގަތް މޮލިކިޔުލްތައް އަދާކުރެއެވެ.

މި ނަންގަތް އެޓަމްތަކާއި މޮލިކިޔުލް ޓުރިލިޔަނުން ޓުރިލިޔަނުން އެއްވެ، ހަޔާތުގެ އަސާސުކަމުގައިވާ ސެލް އުފެދެއެވެ. އެންމެ ސާދާ ދިރޭ ކާއިނެއް އެންމެ ސެލްއެއް މައްޗަށް އެކުލެވި، އުފެދިގެން ވާއިރު (ބައިލޮޖީ ކިޔެވި ކުދިން ހަނދާން ހުންނާނޭ ފަދައިން، އެ މާއްދާ އަލަށް ކިޔަވަން ފަށައިގަންނަނީ އެންމެ ސެލްއެއްގެ މައްޗަށް އެކުލެވޭ އެމީބާގެ ވާހަކައިންނެވެ!) އިންސާނާގެ ހަށިގަނޑު އެކުލެވިގެން ވަނީ ސަތޭކަ ޓުރިލިޔަން ސެލްގެ މައްޗަށެވެ. މިހިސާބުން، އަޅުގަނޑުމެންގެ މައުޟޫއައިގެން ކުރިއަށް ދެވޭނޭ ނުކުތާއާ ހަމައަށް އާދެވުނީއެވެ. އާދެ، ސެލްގެ ވާހަކައާއި ސެލްގެ މަސައްކަތްކުރާ ގޮތް އިލާހަކު ވޮޑިގެންވާ ކަމާ ގުޅޭ ގޮތާ ހަމައަށެވެ.

ކާއިނަކަށް ދިރި ހުރެވޭނީ ސެލްއެއް އޮވެގެންނެވެ. ކުރިން ބުނެވިދިޔަހެން، އެންމެ ސާދާ ކާއިނަކީ އެމީބާ ފަދަ އެންމެ ސެލްއެއްގެ ވެރި ކާއިނެކެވެ. އިންސާނާ ފަދަ މުއައްގަދު ކާއިނަކަށް މަތީގައި ނަންގަނެވުނު ފަދައިން ސަތޭކަ ޓުރިލިޔަން ސެލް ލިބިގެން ވެއެވެ. އިންސާނާ މުއައްގަދު ކާއިނަކަށް ވަނީ އިންސާނާ އޭގެ މައްޗަށް އެކުލެވޭ ހައިކަލީ ނިޒާމުތައް ގިނަވުމުންނެވެ. ކުރިން އިޝާރަތް ކުރެވުނު އެޓަމްއާއި އުންސުރުތަކާއި މޮލިކިޔުލްތަކާއި ސެލްތަކުގެ ނިޒާމެވެ. މީގެ އިތުރުން، އެކި ވައްތަރުގެ ޓިޝިއުތަކުގެ ނިޒާމާއި ހަޖަމުކުރުމާއި ނޭވާލުމާއި ދަރިމައިވުމާއި ނާރުތަކާއި ހައިކަލީ ކަށިތަކުގެ ނިޒާމުތަކެވެ.

ކޮންމެއަކަސް، އިންސާނާގެ މި ހުރިހާ ކަމެއް ބަރާބަރަށް ހިނގުމަށް އެންމެ މުހިއްމީ އޭނާގެ ސެލްތަކެވެ. 1950ހުގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި ސެލްގައި ހިމެނޭ ޑީ.އެން.އޭ. މޮލިކިޔް ބިނާވެފައިވާ ގޮތް ހޯދައި އެއާ ވިދިގެން އެކަމާ ބެހޭ އިތުރު ހޯދުންތައް ކުރިއަށް ގެންދެވުނެވެ. އެ ހޯދުންތަކުގެ ތެރޭގައި، ސެލް މަސައްކަތް ކުރާ ގޮތް ވެސް ހޯދުނެވެ. ޑީ.އެން.އޭ. މޮލިކިޔުލްގެ ސޫރައަށް ބަލާލުމުން ފެންނަނީ ހެލިކްސް އެއްގެ ސިފައިގައިވާ އެއްޗެކެވެ. މިސާލަކަށް، ފޮތީގެ ހަރުގަނޑެއް ހިތަށް ގެނެސް އެއަށް ދަމާލައި އޭގެ ދެކޮޅުގައި ހިފަހައްޓައި އެ ދެކޮޅު އިދިކޮޅަށް ވާގޮތަށް އަނބުރާލުމުން އަންނަ ސޫރައެވެ. އޭގެ ހަރުތަކުގައި ކޯޑެއް ލިޔެވިފައިވެއެވެ. މި ކޯޑު އޭގެ މައްޗަށް އެކުލެވޭ 3.5 ބިލިޔަން އަކުރު، އޭގެ މަސައްކަތް ކުރުމަށްޓަކައި، ކޮންމެ އަކުރެއްމެ އެ އޮންނަން ޖެހޭ މަގާމުގައި ވެއެވެ. 3.5 ބިލިޔަން އަކުރުގެ މައްޗަށް އެކުލެވޭ ފޮތެއްގެ އަކުރުތައް ހަމަ ހުރެފައި އުކާލުމުން، އޭގައި މާނައެއް އެކުލެވޭ ގޮތަށް އެ ފޮތް އުފެދިދާނެތޯ ސުއާލުކޮށްލާށެވެ! އަދި، މިކަން ޑީ.އެން.އޭ.ގައި ހިމެނޭ އަކުރުތައް އެ އޮންނަންވީ މަގާމަށް އައިސް އޮތް އޮތުމުގެ މައްޗަށް ގިޔާސްކޮށްލާށެވެ.

ސެލް ބިނާވެފައިވާ މި ގޮތް ހޯދުމުގެ އަހައްމިއްޔަތަކީ ކޮބައި ހެއްޔެވެ؟ ސެލް މަސައްކަތް ކުރާ ގޮތުގެ ހަގީގަތް ފިޒިކްސް ނޫނީ ކެމިސްޓްރީގެ އެހީގައި ނުހޯދޭނޭ ކަމެވެ. މާނައަކީ ސެލް އެކުލެވިގެންވާ މާއްދާ ތަހުލީލުކޮށްގެން އެކަން ދެނެނުގަނެވޭނޭ ވާހަކައެވެ. ސަބަބަކީ އެކަން ގުޅެނީ ބަހާއި މައުލޫމާތާ ކަމަށްވާތީއެވެ.

ކަމެއްގެ ހަގީގަތް ބަހާއި މައުލޫމާތާ ގުޅިފައި އޮންނަ އޮތުމުގެ މާނައަކީ ކޮބާ ހެއްޔެވެ؟ މިކަން ދެނެގަތުމަށްޓަކައި ފޮތެއްގެ މައްޗަށް ބަލާލަމާ ހެއްޔެވެ. ފޮތުގެ ބޭރުގަނޑާއި އެތެރޭގެ ކަރުދާސްތައް، އޭގެ އެންމެ ފަހުގެ ހަގީގަތް ހޯދުމަށްޓަކައި އޭގެ ކަރުދާސް އެކުލެވިގެންވާ ކީމިޔާއީ މާއްދާ ހޯދައި ދެނެގަނެވި ދާނެއެވެ. ހަމަ އެހެންމެ، ފޮތުގައި ލިޔުމަށް ބޭނުން ކުރެވިފައިވާ ދެލި ވެސް ތަހުލީލުކޮށް އޭގެ ކީމިޔާއީ ހަގީގަތް ހޯދައި ދެނެގަނެވިދާނެއެވެ. ނަމަވެސް، ފޮތުގައި ލިޔެވިފައިވާ އެއްޗެއްގެ މާނަ، މިފަދަ ތަހުލީލަކުން ހޯދޭނޭ ގޮތެއް ނެތެވެ. އެއީ މުސްތަހީލު ކަމެކެވެ. ސަބަބަކީ އެކަން، އާދެ، 'މާނަ’، ގުޅެނީ ސިކުނޑިއާ ކަމަށްވާތީއެވެ.

މިތާނގައި، ސިކުނޑި މި ބޭނުން ކުރަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި އޮންނަ ހިއްސީ މަސްކޮޅުގެ މާނައިގައެއް ނޫނެވެ. ސިކުނޑި މިތާ ބޭނުން މިކުރަނީ އަގުލު، ބުއްދި ނުވަތަ 'މައިންޑު’ގެ މާނައިގައެވެ. އާދެ، މީހާއަށް ހޭވެރިކަންދޭ ބާރުގެ މާނައިގައެވެ. މީހާ އަނބުރައި ގަނެގެން ވެއްޓުމުން އޭނާގެ ހޭވެރިކަމެއް ނުހުރެއެވެ. ނަމަވެސް، އޭނާގެ ސިކުނޑި ކުރިއެކޭ ވެސް އޮތް ގޮތަށް އޮވެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އަގުލޭ ނުވަތަ ބުއްދިއޭ ނުވަތަ މައިންޑޭ މި ކިޔަނީ އެ ފިލައި ދިއުމުން، މީހާގެ ހޭވެރިކަން ދާ އެއްޗަކަށެވެ. އަދި، އެ ހުރުމުން، ވިސްނާ ފިކުރުކޮށް، ހަނދާނުގައި ކަންކަން ބަހައްޓައި، އެކަންކަން ބޭނުންވާ ވަގުތުތަކުގައި ހަނދާނަށް ގެނެސް، މާނަ އެކުލެވިގެންވާ ގޮތަށް ބަސް ބުނުމުގެ ނުވަތަ ލިޔުމުގެ ކުޅަދާނަކަން ލިބިދޭ ބާރަށެވެ.

ސެލްގެ ޑީ.އެން.އޭ. މޮލިކުލްގައި ކޯޑެއް – ކޮމްޕިޔުޓަރުގެ ބަސް ފަދަ ކޯޑެއް – އެކުލެވިގެންވާ ކަން އަންގައިދެނީ، މިކަމުގެ އަސްލު އާދަޔާ ޚިލާފު ސިނކުނޑިއަކާ ގުޅިފައި އޮތް ކަމެވެ. އިލާހިއްޔަތުގެ އަގިދާގެ މީހުން ދެކޭ ގޮތުގައި އާދަޔާ ޚިލާފު މި ސިކުނޑި އިޝާރަތްކުރަނީ މާތްﷲއަށެވެ. އެކަލާނގެ ކުޅަދުންވަންތަ ވެރިކަމަށެވެ. ކީރިތި ޤުރުއާނުގެ އިބާރާތެއް ބޭނުން ކުރާ ނަމަ، އެކަލާނގެ ޚާއްސަވެފައި އޮންނަ ޚަލްގުކުރެއްވުމާއި، މަޚުލޫގުތައް މަސައްކަތްކުރާނޭ ގޮތް، ގާނޫނު، އެއްޗެހީގައި ލެއްވިފައިވާކަން އިޝާރަތް ކުރާ ألا له الخلق والأمر މި އާޔަތަށެވެ.

އާދެ، އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ މައްސަލަ ޚުލާސާކޮށް ހުށަހަޅާލަން ބޭނުންވި ލިޔުން، ވަރަށް ވެސް ދިގުވެއްޖެއެވެ. އެހެންވިޔަސް، ކިޔުންތެރިންގެ ކިބައުން މާފުއެދެމުން، މަތީގައި ހުށަހަޅާލެވުނު ވާހަކަތައް ޚުލާސާކޮށްލައި ތިރީގައި ލިޔެލައި ލިޔުން ނިންމާލާނަމެވެ.

މި މިއްސަލަ ހުށަހަޅާލުމުގެ ގޮތުން އެންމެ ފުރަތަމަ، ފާހަގަކޮށްލީ ކަލަކު ވޮޑިގެންވާ ކަމާއި ނުވާކަމުގެ ވާހަކަތައް ގުޅެނީ ހެއްކަކާ ނޫންކަމެވެ. އެކަން ގުޅެނީ ކޮންމެ މީހަކުގެ ހަޔާތުގެ ނަޒަރިއްޔާއާކަމެވެ. އެހެންވެ، ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ މީހަކު، އޭނާގެ ކުރި މައްޗަށް ކަލަކު ވޮޑިގެންވާ ކަމުގެ ކިތައްމެ ހެއްކެއް ހުށަހަޅާލެވުނު ކަމުގައި ވިޔަސް، އޭނަގެ ހަޔާތުގެ ނަޒަރިއްޔާއާ ގުޅޭ ގޮތަށް އެކަންކަން މާނަކުރެއެވެ.

ދެން، ބަލާލެވުނީ، ކަލަކު ވޮޑިގެންވާ ކަމުގެ މުހިއްމު ބައެއް އަގުލީ ދަލީލުތަކަށެވެ. އޭގެ ތެރޭގައި އަޚުލާގިއްޔަތަށް މާނައެއް ލިބުން އޮތީ ކަލަކުވޮޑިގެން ވުމުން ކަން ފާހަގަކުރެވުނެވެ. ހެވާއި ނުބައި ކަނޑައަޅާލެވެނީ ކަލަކު ވޮޑިގެންވާ ނަމައެވެ. އެހެން ނޫން ނަމަ، ހެވާ ނުބައި އެބަޔަކު ބޭނުން ގޮތަކަށް ކަނޑައަޅައި މީހުން މެރުންވެސް ތަބުރީރުކުރެވިދާނެއެވެ.

މިއަށްފަހު، އިލްމީ މުހިއްމު ބައެއް ހެކިތަކުގެ ތެރޭގައި ތިން ކަމެއް ހުށަހަޅާލެވުނެވެ. ފުރަތަމަ ކަމަކީ ކައުނަށް އުފެދުމެއް ލިބިގެންވާކަން އިލްމީ ގޮތުން ސާބިތު ކުރެވުމެވެ. މިއިން ދޭހަވަނީ އުފެދުމެއްވާ އެއްޗަކަށް އެ އެއްޗެއް އުފެއްދެވި ފަރާތެއް ވާން ޖެހޭނޭ ކަމެވެ. އާދެ، ކައުނު އުފެދިގެން ވުޖޫދަށް އައުމުގެ މާނައަކީ ކައުނު އުފެއްދެވި ފަރާތެއް އޮންނަން ޖެހުމެވެ. އެ ފަރާތަކީ އިލާހިއްޔަތުގެ އަގީދާގެ މީހުން ދެކޭ ގޮތުގައި މާތްﷲއެވެ. ދެވަނަ ކަމަކީ ކައުނު ތަރުތީބުކުރެވި، ތަސްމީމުކުރެވި، ވަކި ޚާއްސަ އޮލަނބަކަށް ލެއްވިފައި ވުމެވެ. މިކަމަށް ކުޑަ ބަދަލެއް އައި ނަމަވެސް، ކައުނު ހަލާކުވެގެން ދާނެކަމެވެ. އަދި އެހެންވެއްޖެ ނަމަ، އެއްވެސް ދިރުމެއް ކައުނުގައި ވުމަކީ އެއްގޮތަކަށް ވެސް އެކަށޭނަ ކަމަކަށް ނުވާނެއެވެ. ތިން ވަނަ ކަމަކީ ސެލްގެ މަސައްކަތް ކުރުން، ބަސް މެދުވެރިކޮށް ދެވޭ އިރުޝާދުތަކަކާއި ގުޅިފައިވާ ކަމެވެ. އަދި، މިކަން، އާދަޔާ ޚިލާފު ވަރުގަދަ ސިކުނޑިއަކާ ގުޅާލެވޭ ވެސް ކަމެވެ. އިލާހިއްޔަތުގެ މީހުން ގަބޫލުކުރާ ގޮތުގައި މި 'ސކުނޑިއަކީ' މާތްﷲއެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމެވެ.

މި ލިޔުން ނިންމާލުމުގެ ގޮތުން، ފަހު ބަހެއްގެ ގޮތުގައި އިތުރު ދެ ވާހަކައެއް ބުނެލަން ގަސްދުކުރަމެވެ. ފުރަތަމަ ވާހަކައަކީ މި ކަމަށް ޝައުގުވެރިކަން އުފެދި، މި މައްސަލައިގެ ތެރެއަށް ވަދެ، މިކަން ރަނގަޅަށް ދިރާސާ ކުރާނޭ ބަޔަކު، އަޅުގަނޑުމެންގެ ތެރެއިން އުފެދެން ވެއްޖެކަމެވެ. ފަލްސަފީ ގޮތުން ނޫނީ އިލްމީ ގޮތުން ވެސް، މާތްﷲ ވޮޑިގެންވުމާއި ދީނަކީ ބާތިލު ކަމެއްކަން ދައްކުވައިދޭނޭ އެއްވެސް ހެއްކެއް ނެތް ކަން ދެނެގަނެ، މިކަމާ ބެހޭ ވާހަކަތައް އާންމުކޮށް، މީހުން، އިތުރަށް، ހޭލުންތެރިކުރުވުމަށެވެ. އަޅުގަނޑުމެންގެ ދީން ރައްކާތެރި ކުރުމަށް މިއަށްވުރެ ވަކިން މޮޅު އިތުރުވެގެންވާ އެހެން ގޮތެއް އޮތް ކަމަކަށް ނުދެކެވެ.

ދެވަނަ ވާހަކައަކީ، މާތްﷲ ވޮޑިގެންވާކަމާއި އަދި ދީނަކީ ހައްގު އެއްޗެއްކަން ސާބިތުކޮށް ދިނުމަށް ފަހު، މި މަސައްކަތް ނިންމާލެވިގެން ނުވާނެއެވެ. މީގެ އިތުރުން، ދީނުގެ ޖައުހަރީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގެ ކަންކަން ވެސް ހަމަޖައްސަން ޖެހެއެވެ. ހަމަހަމަކަމާއި އަދުލުވެރި ކަމުގެ މައްޗަށް އެކުލެވޭ އަޚުލާގިއްޔަތުގެ މުޖުތަމައެއް އުފެއްދުމުގެ މަސައްކަތް ކުރަން ޖެހެއެވެ. ފަގީރުކަމާއި މުހުތާދުކަން ނެތް، އެންމެނަށް ވެސް، އެމީހުންގެ އަސާސީ ބޭނުންތައް ފަސޭހައިން ފުއްދާލެވޭނޭ ފަދަ ނިޒާމެއް އޮތް މުޖުތަމައެއް އުފައްދަން ޖެހެއެވެ. އެހެނީ، އިލާހިއްޔަތުގެ އަގީދާ ގަބޫލުކުރާ ވަކިވަކި ފަރުދުންތަކެއް ތިއްބަސް، އެމީހުންގެ އަގީދާއާއި ރޫހާނިއްޔަތަށް ވެސް އިތުރު ކުރިއެރުން ލިބެން އޮތީ އެމީހުންގެ މުޖުތަމައުގެ ނިޒާމު، އިލާހިއްޔަތުގެ މި ނަންގަތް މުޖުތަމައީ ނިޒާމާ ފުށުނާރާ ގޮތަކަށް އޮތުމުން ކަމަށްވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *