Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޖުހާގެ ހުއްޖަތް

މަނިކުބޭ: އެންމެ ރަނގަޅެވެ! ޖުހާ ތިބުނަނީ އާޚިރަތް ދުވަހެއް އޮންނާނެ ކަމުގެ ވާހަކައެވެ. އެކަމުގެ ބުއްދީގެ ހުއްޖަތެއް އަޅެ އަހަރެން ގާތު ބުނެދީފާނު ހެއްޔެވެ؟

ޖުހާ: އާޚިރަތް ދުވަހެއް އޮންނާނެ ކަމާމެދު، ބުއްދީގެ ހުއްޖަތެއް ހޯދަން މާ ދުރަކަށް ދާކަށް ނުޖެހެއެވެ. މިއުޅޭ ސިޔާސީ މީހުންގެ ވާހަކައިންނާއި އަމަލުން އެކަނި އެ ހުއްޖަތް މަށަށް ލިބެއެވެ!

މަނިކުބޭ: އަޅެ އަހަންނަށް ތި ހުއްޖަތުގެ ވާހަކަ ކިޔައިދީ ބަލާށެވެ!

ޖުހާ: އެއްކޮޅުން ސިޔާސީވެރިންގެ މަދު ބަޔަކު ނަމަވެސް، ފައިވިއްދާފައި އެ ތިބީ މުޅި ގައުމުގައި ބޭރު ބައެއްގެ ވަކިތައް ހިއްޕާލުމަށް އެހީވެދޭށެވެ! އެކަމާ ދެކޮޅަށް ޗުއްޕު ވެސް ބުނެފި ނަމަ، އެއީ ގޯހެއް ކަމަށް ކަނޑައަޅައި، އެ ގޮތް އެންމެންގެ މައްޗަށް ހިންގާލާށެވެ! ފިރުއަނުގެ ޑިމޮކުރަސީގެ އުސޫލުންނެވެ. އެ އުސޫލު އެނގޭ ހެއްޔެވެ؟ އެ އުސޫލު ބަޔާންކުރެވިފައިވަނީ ما أريكم إلا ما أرى وما أهديكم إلا سيبل الرشاد މި އާޔަތުގައެވެ. މާނައަކީ: 'ތިމަންނައަށް ފެންނަ (މޮޅު ގޮތް ނޫން އެހެން ގޮތެއް) ތިމަންނަ ކަލޭމެންނަކަށް ދެއްކުމެއް ނެތެވެ. ބުއްދިވެރި (އެންމެ މޮޅު، ރަނގަޅު) ގޮތް ނޫން އެހެން ގޮތެއް އަހަރެން (ފިރުއަނު) ކަލޭމެންނަކަށް ނުދައްކަމެވެ'. ފިރުއައުނު ޑިމޮކުރަސީގައި ކަންތައް އޮންނަނީ މި ހަމައިންނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނީ ފިރުއައުނު ފަދަ ބާރުވެރިންގެ ޚިޔާލާ ފުށުނާރާނަމައެވެ!

ދެން، ދޮގާއި މަކަރާއި އޮޅުވާލުމާއި ފާޑުފާޑުގެ ބަހަނާތައް ދައްކަައި، މިހުރިހާ ކަމެއް ކޮށްގެން، ތަނުގެ މިނިވަންކަން ނަގާލައި ތަން ފަސާދަކޮށް ހަދާފައި ކަލޭމެން ތިބުނަނީ އެކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނޭ ދުވަހެއް ނޯންނާނޭ ކަމަށެވެ!

މަނިކުބޭ: އަހަރެން ތިހެންނެއް ނުބުނަމެވެ!

ޖުހާ: ކަލޭމެން ކޮންމެ މީހެއްގެ ދުލުން އެހެން ނުބުނެފާނެއެވެ. ނަމަވެސް، ކަލޭމެންގެ އަމަލުތައް ބުނަނީ އެހެންނެވެ! މި ހުރިހާ ފާސިދު އަމަލުތައް ކޮށް، ނަހީ ކުރެވިގެންވާ ހުރިހާ ބޮޑެތި ކަންކަމަށް އަރައިގެންފައި ތިޔަ ބުނަނީ އެއީ ހަމަ އެންމެ ރަނގަޅު ގޮތޭ ނޫން ހެއްޔެވެ؟

މަނިކުބޭ: އަހަރެން ތިހެން ނުބުނަމެވެ.

ޖުހާ: އެންމެ ރަނގަޅެވެ. އެކަކު ވެސް އެހެން ނުބުނާ ކަމަށް ބަލާށެވެ! ނަމަވެސް، ހަމަ ގައިމުވެސް، ތަނުގެ މިނިވަންކަމަށް، ކުޑަކޮށް ވެސް ބުރޫއަރާ ގޮތަކަށް ކަންތައް ކުރުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެއެވެ. ޚުދް އެކަން ކުރާ މީހުން ވެސް މިކަމާ އެއްބަސްވާނެއެވެ. އެމީހުން ބުނާނީ އެފަދަ ކަމެއް އެމީހުން ނުކުރާ ކަމެވެ. ފިރުއައުނު ވެސް ބުނިފަދައިންނެވެ. "އަހަރެން މި ކުރާ ކަމެއް މި ކުރަނީ ކަލޭމެންގެ ހެވަށްޓަކައެވެ!" ދެން، މިކަމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ އެއީ ފިރުއަނީ ޑިމޮކުރަސީ ހިންގާ މީހުން ބުނާ ގޮތަށް ހަމަ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ނޫނީ އެހެން މީހުން ބުނާ ގޮތަށް ތަނުގެ މިނިވަންކަން ގެއްލި، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ގޮތުންނާއި އަދި ޚުދް އެމީހުންގެ އަމަލުތަކުން، އެމީހުންނަކީ ތަނުގެ ދީނީ ސަގާފަތާ އެންމެ ހަތުރުވެރި މީހުން ކަމުގައި ބެލެވޭ މީހުންގެ އަތްމައްޗަށް ތަން ގެންދިޔުން ކަމަކު ނުދާނީ ހެއްޔެވެ؟ މި ތަނުން ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟

ދެބައިމީހުން ވެސް އެމީހުންގެ ގޮތަކީ ރަނގަޅު ގޮތް ކަމުގައި ދެކޭ ނޫން ހެއްޔެވެ؟ އެހެންވީމާ މިކަމުގެ ރަނގަޅު ފައިސާލާއެއްކޮށް ހަގީގަތް އެނގެން ޖެހޭނޭ ދުވަހެއް އޮންނާނެކަން ގަބޫލުކުރަން، އަހަރެންގެ ބުއްދި އަހަންނަށް މަޖުބޫރު ކުރުވައެވެ. ހިތު ހުރި ދޮގެއް ހަދައި، އޮޅުވާލާއި މަކަރު ހަދައި، މިކަމުގެ ހައްގު ޖަޒާ ލިބުން ނޯންނާކަމަށް ގަބޫލުކުރުމަކީ އަހަރެން ދެކޭ ގޮތުގައި ކިރިޔާ ވެސް ބުއްދިވާ މީހަކު ދެކޭނޭ ގޮތެއް ނޫނެވެ!

މަނިކުބޭ: އެންމެ ރަނގަޅެވެ! ތިބުނާ އެއްޗެއް ވެސް އިވިއްޖެއެވެ. ތިބުނާ ވާހަކައަކީ ހަގީގަތް ކަމަށްވާ އިރު، މީސްތަކުން އެކަން ގަބޫލުނުކުރަނީ ކީއްވެ ހެއްޔެވެ؟

ޖުހާ: ތި ސުއާލުގެ ޖަވާބު ކީރިތި ގުރުއާނުގައި އެބަ އޮތެއް ނޫން ހެއްޔެވެ؟ إن الذين كفروا سواء عليهم أ أنذرتهم أم لم تنذرهم لا يؤمنون. ختم الله على قلوبهم وعلى سمعهم وعلى أبصارهم غشاوة ولهم عذاب عظيم. (ހައްގަށް އިންކާރުކޮށް، އެކަމަށް) ކާފިރުވެގަތް މީސްތަކުންނަށް، ކަލޭގެފާނު އިންޒާރު ކުރެއްވުމާއި ނުކުރެއްވުން ހަމަހަމަވެގެން ވެއެވެ. އެމީހުން އިމާނެއް ނުވާނެއެވެ، (ހައްގު ބަސް ގަބޫލުކުރަން ބޭނުން ނުވެ، އެމީހުން ދުރަށް ދިޔުމުން)، މާތްﷲ އެމީހުންގެ ހިތްތަކުގައްޔާއި ކަންފަތްތަކުގައި ސިއްކަޖައްސަވައި ބަންދުކުރެއްވިއެވެ. އަދި އެމީހުންނަށް (ހައްގު ފެނުމަށް ހުރަސް އަޅާ) ފަރުދާއެއް އެމީހުންގެ ލޯތައް މަތީ ވެއެވެ. ގަދަފަދަ ވެގެންވާ އަޒާބު އެމީހުންނަށް (އާޚިރަގުގައި ވެއެވެ.)

މި އާޔަތުގައި ބަޔާން ކުރެވިފައިވަނީކީ ހަމައެކަނި އާންމު ގޮތެއްގައި މީހުން ދެކޭ 'ކާފިރުންގެ' ވާހަކައެއް ނޫނެވެ. ކާފިރުގެ އަސްލު މާނައަކީ ވަޅުލައި ފޮރުވާލުމެވެ. މި އާޔަތުގައި އިޝާރަތްކުރަނީ އެނގި ތިބެ ހައްގު ފޮރުވާލުމެވެ. އެފަދަ ގޮތެއްގައި ކަންތައް ކުރާ ކޮންމެ މީހެއްގެ މައްޗަށް ވެސް މިއާޔަތް ފެތެއެވެ. ހައްގު ފޮރުވުމުން، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ފަދަ މީހުންގެ ހިތްތަކަށް ހައްގު ވާސިލުވެވޭނޭ ގޮތެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެ ނޫން ހެއްޔެވެ؟ އެހެނީ އެމީހުން ބޭނުންވާ ކުފުރުގެ ގޮތް، ހައްގު ފޮރުވާލާ ގޮތް، އެ އޮތީ ވެފައެވެ. ދެން، އެ ގޮތް ދޫކޮށްލާފައި ހައްގުގެ ގޮތް ޚިޔާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

މަނިކުބޭ: ހައްގުގެ ގޮތް ފޮރުވަނީ ކީއްވެ ހެއްޔެވެ؟ މިކަމާ މެދު އެއްޗެއް ބުނެބަލާށެވެ!

ޖުހާ: އެވާހަކަ ވެސް ކީރިތި ގުރުއާނުގައި އޮވެއެވެ. في قلوبهم مرض (އެ މީހުންގެ ހިތްތަކުގައި [ނިފާގުގެ] ބަލިމަޑުކަމެއް ވެއެވެ.) މި އާޔަތުގައި އެކަން އެ އޮތީ ބަޔާން ކޮށްދީފައެވެ. ތިމާމެންގެ އަމިއްލަ އެދުން، ހައްގު ދުށުމަށް ހުރަސް އެޅީއެވެ. އެކަމުގެ ސަބަބުން މުނާފިގު ކަމުގެ ބަލި އެމީހުންނަށް ޖެހުނީއެވެ. ދެން ޖެހޭނީ ބޭރު ފުށުން ތިމާމެން ވަރުގެ 'ޑިމޮކުރަސީގެ ބަޔަކު ނެތް ކަމަށް ދައްކައި' ތިމާމެން މިއުޅެނީ ހަމަ އެންމެނަށް ހެޔޮ އެދިގެންކަން، މަތީގައި ފިރުއަނު ބުނިފަދައިން ބުނާށެވެ! މީގައި ހިތާމަވެރި ކަމަކީ މިފަދަ މުނާފިގުންގެ ނިފާގުކަން މެންދުރުގެ އިރު ފެންނަ ފަދައިން ފެންނަން އޮތް އިރުވެސް، މަދު ބަޔަކަށް ނޫނީ އެކަން ނުފެެންނާތީއެވެ!

މަނިކުބޭ: ލައްކަ ވާހަކަ ޖުހާ ކިޔައިފީމުތާއެވެ! ކުރުކޮށް އަހަރެން ކުރި ސުވާލުގެ ޖަވާބު އަދި އެއްފަހަރު ދީ ބަލާށެވެ! އާޚިރަތް ދުވަހެއް އޮތް ކަމުގެ ބުއްދީގެ ހެއްކެއް ބުނެދީބަލާށެވެ!

ޖުހާ: މިއުޅޭ ސިޔާސީ ވެރިން، އޮޅުވާލައި މަކަރު ހަދައި ދޮގު ހެދުމެވެ. ޚުދް އެމީހުންނަށް ވެސް އެކަން އެނގެއެވެ. އެފަދަ ދޮގުތަކެއް ހަދައި، މުޅި ގައުމު ގުރުބާންކޮށް އެމީހުންގެ އަމިއްލަ އެދުންތަކެއް ފުއްދާފައި، އެކަމުން ރެކިގަނެވިދާނެ ހެއްޔެވެ؟ ދުނިޔެމަތީ އެކަމުން ރެކެގަނެވިދާނެކަން ނޭނގެއެވެ. ނަމަވެސް، އެކަމުގެ އެއްވެސް މަސްއޫލިއްޔަތެއް އުފުލަން ނުޖެހި، އެފަދަ ބޮޑެތި ޚިޔާނާތްތަކާ މެދު ސުއާލު ނުކުރެވި ހިނގައިދާނޭ ކަމަށް ބުއްދިއެއް ގަބޫލެއް ނުކުރެއެވެ. އެކަމުގެ މައްޗަށް ޝަރީއަތް ހިންގޭނޭ ދުވަހެއް އޮންނަން ޖެހޭނޭކަން ގަބޫލުކުރުމަށް ބުއްދި މަޖުބޫރު ކުރުވައެވެ. އަދި، އެ އޮޅުވާލި އޮޅުވާލުމާއި ހެދި ދޮގުތަކުގެ ހައްގު ޖަޒާ ވެސް ލިބެން ޖެހޭނޭކަން ގަބޫލުކުރުމަށް ވެސް ބުއްދި މަޖުބޫރު ކުރުވައެވެ. އާޚިރަތް ދުވަހެއް އޮންނަން ޖެހޭކަމުގެ އެންމެ ވަރުގަދަ ބުއްދީގެ ދަލީލަކީ އަހަރެން ދެކޭ ގޮތުގައި މިއެވެ! އެހެން ނޫންނަމަ، ހުރިހާ ކަމެއް ވެސް ހުއްދަވީ ނޫން ހެއްޔެވެ؟ ދޮގު ހެދުމާއި މަކަރު ހެދުމާއި އަނިޔާކުރުމާއި މީހުން މެރުން ވެސް މެއެވެ! އާޚިރަތެއް އޮންނަން ޖެހެނީ މިކަންކަމީ ރަނގަޅު ނޫން ކަަންކަމަށް އެހެން ނޫނީ ބެލެން ނެތީމައެވެ!