އެއް ދުވަހު އަޅުގަނޑުގެ ރަޙުމަތްތެރި އުނބުށޭމާ ދިމާވެގެން ބުނެއްޕެވެ. މިކަމާ ކަންބޮޑުވާ މީހަކު މި އޮތް ބޮޑު ޤައުމުގައި ވެސް ހަމަ ނެތީހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ކިހިނެއް ވީ ހެއްޔެވެ؟
ނިތްމަތިން ދާ ފޮހެލާފައި އޭނާ ބުންޏެވެ. މި ޤައުމުގެ ބޮޑެތިބޮޑެތި ބޭފުޅުން ހޫނުފެނަށް މި ވެއްޓެނީ ހާދަހާވާ ގިނައިންނެވެ. ދޭތެރެދޭތެރެއިން ކޮންމެ ވެސް ބޭފުޅަކު ހޫނުފެނަށް ވެއްޓޭ ވާހަކަ ކޮންމެ ވެސް ނޫހެއްގައި އޮވެއެވެ. މިއީ ޤައުމީ އެންމެ ބޮޑު މައްސަލައަށް ނުވޭހެއްޔެވެ؟ މިކަމާމެދު އެ ބޭފުޅުން ހޭލުންތެރިކުރަން އެބަޖެހެއެވެ. ނޫސްވެރިން ވެސް ވަރަށް ފައްކަލެވެ. އެ ބޭފުޅުން ހޫނުފެނަށް ވެއްޓޭ ޚަބަރު ލިޔެފައި ދެން އެ ބޭފުޅުންނަށް ވާގޮތެއް ނުލިޔެއެވެ. އެ ބޭފުޅުން ގެންދާ ހޮސްޕިޓަލެއްގެ ވާހަކައެއް ވެސް ނުލިޔެއެވެ. ނަސީބަކުން އެއިން ބޭފުޅަކު އެކަމުގައި އަވަހާރަވީ ޚަބަރެއް އަދި ނުލިބެއެވެ. ބޮޑެތިބޮޑެތި ބޭފުޅުން ހޫނުފެނަށް ވެއްޓުނީމާ ފިހިގެން ފޮޅެއްހާ މިންވަރު ވެސް ނުނަގަނީ ހެއްޔެވެ؟ އަނެއްކާ! ބޮޑެތި ބޭފުޅުން ވީމާ އެހެރަ ކެކިކެކި ހުންނަ ހޫނު ފެންވެސް ފިނިވަނީ ތޯއްޗެކެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment