ކޮންމެ ގެއެއްގައިވެސް މައިންބަފައިން ނުވަތަ އާއިލާ މީހުންގެ ކަންކަމުގައި އެންމެ ފަހުބަސް ބުނާ އެންމެންވެސް ވަރަށް ލޯބިފާ ދަރިއަކު ހުރޭމެއެވެ. ބައެއް އާއިލާ ތަކުގައި ވަރަށް ޒިންމާދާރު ވަރަށް ރަނަގަޅު ދަރިއަކަށް ރަންދަރިފުޅު ވީނަމަވެސް ހަތުރަކަށްވަނީ ވެސް މަދެއްކޮށެއް ނޫނެއެވެ.
ބައެއް ފަހަރު އެހެން ކުދިން ސަކުވާކޮށްލި ނަމަވެސް ހިތްބުރަ ނުކުރައްޗެވެ. ނަމަވެސް އެދަރިފުޅުވެސް ވިސްނާލަންވީ ކަމެއް އެބައޮތެވެ. އާއިލާގެ އެހެން ކުދިންނަށްވެސް އެފުރުސަތު ދޭންޖެހޭ ކަމެވެ.
މަންމަ، ބައްޕަ ނުވަތަ އާއިލާ މީހުން ގަބޫލު ކުރަންޖެހެނީ ތިމަންނާގެ ބަސްކަމަށް ގަބޫލުކޮށް ތިމަންނަގެ ހިޔާލަކީ އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވެދާނެކަން ގަބޫލު ކުރާށެވެ. ރަންދަރިއެއްގެ ގޮތުގައި ދެމިހުންނަން ދޮގު ހަދާ، އޮޅުވާލާ، މަކަރު ނަހަދާށެވެ. ތިމަންނަ ކޮންމެ ވާހަކައެއް ދެއްކިޔަސް މައިންބަފައިން ގަބޫލު ކުރާނެތީވެ އޭގެ ފައިދާ ނުނަގާށެވެ.
ގޭގެ ކޮންމެ ކުއްޖަކީވެސް ތިމަންނާ ފަދައިން ރަންދަރިއެކެވެ. ތަފާތަކީ އެކުދިންގެ މިޒާޖެވެ. ކޮންމެ ކަމަކަށް ގޭގެ އެހެންކުދިން އާނއެކޭ ނުބުނުމަކީ ތި ދަރިފުޅު ރަންދަރިއަކަށްވާ ސަބަބު ކަމުގައި ވީނަމަވެސް ހިޔާލަކީ ތަފާތު އެއްޗެއްކަން ދެނެގަންނާށެވެ.
ހުރިހާ ކުދިންނަކީވެސް މައިންބަފައިންނާ އާއިލާ ވަރަށް ލޯބިވާ ކުދިންނެވެ. ނަމަވެސް ރަންތާޖު ބޮލުގައި އަޅަން އެހެން ކުދިންނަށް ފުރުސަތު ނުދީ ތިމަންނާއަކީ ގޭގެ ތަނބުކަމުގައި ނުވާށެވެ.
ޒިންމާވެސް ނަގާށެވެ. އެކަމަކު އެހެން ކުދިންގެ ހިޔާލާއި މަޝްވަރާއާ އެކުގައެވެ. އާއިލާއަށްވެސް ތިމަންނަ ނޫން އެހެން މީހަކު ކަންކަމުގައި އިސްކުރަން ފުރުސަތުދޭށެވެ.
ރަންދަރިފުޅަށް ވާންވީ ނަމޫނާ ދައްކާ ހަސަދަވެރިވުމެއް ނެތިއެވެ. އެހެންކުދިން މެދުގައި ހަސަދަވެރިކަމުގެ ހުޅު ރޯކުރާ ރަންކޮޅަކަށް ތިބާނުވާށެވެ.



advertisment