Support Us

މީހެއްގެ އަނތްބަކަށްވެ އިނދެ، އެހެން ލޯބިވެރިން ގެންގުޅުން ގިނަވެފައި…

އަންހެނަކު ކައިވެނިކޮށްގެން ހުރެ، އަދި އެހެން މީހެއްގެ ފިރިއެއްކަން އެނގި ހުރެ، އެ މީހަކަށް މެސެޖުކޮށް ހާލަތު ކިޔައިދީ ތިމާ ލޯބިވާ ކަމަށް ބުނާނީ ކުޑަ ވެސް ލަދު ހަޔާތެއް ނުހުންނާތީއެވެ. އަދި ސެލްފީ އާއި އެހެނިހެން ޒާތްޒާތުގެ ފޮޓޯތަކާއި މެސެޖްތައް ފޮނުވައި، ހަމްދަރުދީ ހޯދައި، ލޯބީގެ ގުޅުން އުފެދޭ ޒާތުގެ މަސައްކަތް ކުރާނީ ހެއްދެވި ފަރާތަށް ވެސް ގޮންޖަހާތީއެވެ. އަދި ފިރިއަކަށް ވެ ހުރެ އެހެން މީހެއްގެ އަނތްބަކަށް ޖަވާބުދޭނީވެސް އެ ފިރިހެނާގެ ގޮތެއްފޮތެއް ވެސް އެއްގޮތަކަށް ވެސް ނެތީމައެވެ.

ބައެއް ފިރިންގެ ގޮތަކީ އަންހެނަކު ހަމަ މެސެޖެއް ކޮށްލާއިރަށް، ސަމްސަލަށް އެރީ ކަމަށް ހިތައި އަވަހަށް ބޯލަން މަސައްކަތް ފަށަނީއެވެ. އެއީ މީހެއްގެ އަނތްބެއްތޯ، ކިތައް ކުދިންގެ މައެއްތޯވެސް ނުބަލައެވެ. އަދި ތިމާ ވެސް ވަރަށް ލޯބިވާ ކަމަށް ހެދި، އެ އަންހެނެއްގެ ފޮޓޯތައް ފޮނުވަން ބުނަނީއެވެ. އަދި ފިރިމީހާ ގޭގައި ނޫޅޭ ވަގުތު ބައްދަލުކުރަން ވެސް ދަނީއެވެ.

މީހެއްގެ އަނތްބެއް ކަމަކު، މީސްމީހުންގެ ފިރިންނަށާއި އަދި ހިލޭ ފިރިހެނުންނަށް ވެސް މެސެޖްކޮށް، ފޮޓޯ ފޮނުވައި، އެ މީހާ ބައްދަލުވެސް ކުރަނީއެވެ. މި ކަހަލަ ނަހަލާލު ބައްދަލުވުންތައް ފަޅާއަރައި، ޒަވާޖީ ހަޔާތް ރޫޅިފައިވާ އާއިލާތައް ވެސް މަދެއް ނޫނެވެ. ވަރަށް ބައިވަރެވެ. މިހެން ވަނީ ހަޔާތުގެ ބައިވެރިޔާއަށް ޓަކައި ވަފާތެރިކަމުގެ މާތް ސިފައިގެ ކުލުނެއް ވެސް ނެތުމުންނެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ ކިބައިން ހޯދަންޖެހޭ ލޯތްބާއި އަޅާލުން އެހެން މީހުންގެ ކިބައިން ހޯދަން އުޅޭ އެންމެނަށް ވެސް ޖެހިފައިވަނީ މި ދަތުރެވެ.

ހަގީގަތަށް ބުނާ ނަމަ، މީހެއްގެ އަނތްބަކަށްވެ އިނދެ، އެހެން ލޯބިވެރިން ގެންގުޅޭ އަންހެނުން މި ރާއްޖޭގައި ވަރަށް ގިނައެވެ. އަދި ހަމަ ހަލާލު އަނބިމީހާ ގޭގައި ބައިންދައިފައި، އެހެން މާބުރުތަކުން ފޮނިބޮމުންދުވާ ފިރިހެނުންވެސް ވަރަށް ގިނައެވެ. އަދި ގިނަ ފިރިހެނުން ފޮނިބޮނީކީ އެންމެ މަލަކުން ވެސް ނޫނެވެ. އަތުޖެހުނުހާ ހުރިހައި މަލަކުންނެވެ. މިއީ އިސްލާމީ އުސޫލުތަކާވެސް މުޅިން ޚިލާފު، ހަރާމް ކަންކަމެވެ.

ތިމާ ކިތަންމެ ބޭނުންވިޔަސް ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމާއަށް އެކަން މިންވަރު ނުކުރެއްވުމަކީ ހަޔާތުގެ ބައިވެރިޔާއަށް މަކަރު ހަދައި އޮޅުވާލަން އޮތް އުޒުރެއް ނޫނެވެ.

ދިރިއުޅުން ތަގުދީރު ކުރެއްވީ ﷲސުބްޙާނާހޫ ވަތަޢާލާ އެވެ. ލޯތްބޭ ކިޔައިގެން ހަރާމް ފާޙިޝް ކަންތައްތަކަށް އަރައިގަތުމަކީ ޙަރާމްކަމެވެ.

ވީމާ ﷲގެ މިންވަރުފުޅަށް ރުހި ގަބޫލުވެ ހަލާލު ގޮތުގައި ދިރިއުޅުން ބިނާކުރާށެވެ. ތިބާއަށް ޙާސިލްނުވެ އޮތްކަމެއްގެ ފަހަތުގައި ވަނީ ﷲގެ ހަޒްރަތުން ލިބިގެންވާ ރައްކާތެރިކަމެވެ.

ލޯބިވާންވީ ﷲއަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
33
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *