Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ނިގޫ ބުރިވި ހިޔަޅެއްގެ ވާހަކަ

ޖަންގަލީ ތެރޭގައި ޝިކާރައަށް ނިކުމެ އުޅުނު ހިޔަޅެއް ދައްޗެއްގައި ޖެހުނެވެ. ދެން، ވަރަށް ގަދައަށް މަސައްކަތް ކޮށްގެން ދަތިން ވީއްލި ސަލާމަތްވިއެވެ. ނަމަވެސް، ހިޔަޅުގެ ނިގޫ ގުރުބާންކޮށްލަން ޖެހުނެވެ. ދަތީގައި ނިގޫ ތާށިވެފައި އޮތްލެއް ބާރުކަމުން، ދަތިން ވީއްލެން މަސައްކަތް ކުރުމުގައި ނިގޫ ބުރިވީއެވެ.

ހިޔަޅުގެ ނިގޫ ގެއްލުމުން، އޭތީގެ ކުޑަކަން އިހުސާސުވެ ދެރަވެ، ލަދުވެސްގަތެެވެ. އެހެން ހިޔަޅުތައް އޭނާގެ ނިގޫ ނެތްކަމުގެ ވާހަކަ ދައްކައި އޭނާއަށް ހަޖޫ ކިޔައި މަލާމަތްކޮށް ވެސް ހަދާނެތީއެވެ. ދެން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އަމިއްލައަށް މަރުވާންވީއޭ ވެސް އޭތި ހިތަށް އެރިއެވެ. ނަމަވެސް، އެއީ ފިނޑި ގޮތެއް ކަމުގައި ދެކި، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ހިޔަޅު ނިންމިއެވެ. އަދި، ހިޔަޅަށް މި ދިމާވި ހިތާމަވެރި ކަންތަކުން އަރައިގަންނާނީ ކިހިނެއް ކަމާ މެދު ވިސްނާލައި ފިކުރު ހިންގާލިއެވެ.

ހިޔަޅުގެ ނިގުލުގެ މައްސަލަ ހައްލުކުރާނޭ ގޮތުގެ މައްޗަށް ފިކުރު ކުރަމުން ދަނިކޮށް ހިޔަޅުގެ ހިތަށް މޮޅު ޚިޔާލެއް އައެވެ. ޖަންގަލީގެ ހުރިހާ ހިޔަޅުގެ ނިގޫ ވެސް ބުރިކުރުމުގެ ޚިޔާލެވެ. ހުރިހާ ހިޔަޅެއް ވެސް އޭގެ ނިގޫ އަމިއްލައަށް ބުރިކުރަން ގޮވާލައި އެވާހަކަ ދައްކުމުގެ ޚިޔާލެވެ.

ދެން، ޖެހިގެން އައި ދުވަހު، ނީގޫ ނެތް ހިޔަޅު، ޖަންގަލީގެ ހުރިހާ ހިޔަޅެއް އެއްކުރިއެވެ. އަދި، ހިޔަޅުތަކާ މުޚާތަބުކޮށް ބުންޏެވެ. "އެކުވެރިންނޭވެ! ވަރަށް މުހިއްމު ކަމެއްގެ ވާހަކަ އަހަރެން ދައްކަން ޖެހިއްޖެއެވެ. އަަހަރުމެންގެ ހަށިގަނޑު ރީތިކުރުމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ. އިހުގައި ކަންތައް އޮތް ގޮތަށް ދޫކޮށްލައިގެން ތިބެ، އަހަރުމެންގެ ރީތިކަން ދެމެހެއްޓޭނޭ ގޮތެއް މިހާރަކު ނެތެވެ. ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ނިޔާކުރާ ގޮތުން، އަހަރުމެންގެ ހަށިގަނޑަށް ވެސް ބަދަލު ގެނެސް، އަހަރުމެންގެ ހަށިތައް އެކާވީސް ގަރުނުގެ ތަރައްގީއާއި ރީތިކަމާ ހަމަކުރަން ޖެހެއެވެ. މިކަމާ މެދު އަހަރެން ވަރަށް ބޮޑަށް ވިސްނައި ފިކުރު ކޮށްފީމެވެ. އަދި އެކަމުގެ ނަތީޖާއަކަށް ފެނުނީ، އަހަރުމެން އެންމެންގެ ނިގޫ ބުރިކުރުމަށެވެ. އަހަރުމެންގެ ނިގުލާ މެދު ވިސްނާލުމުން، އެއީ މުޅިން ބޭކާރު އެއްޗެއްކަން ކަލޭމެން ވެސް ވިސްނޭނެއެވެ. ބައެއް ފަހަރު، މިނިވަންކަމަކީ ވެސް ބޭކާރު އެއްޗަކަށް ވޭ ނޫން ހެއްޔެވެ؟ އަދި، އަމިއްލަ މިނިވަންކަން، އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ވެސް ބުއްދިވެރި ކަމެއް ނޫން ހެއްޔެވެ؟ އެ ގޮތުގެ މަތިން، އަހަންނަށް ވިސްނުނީ އަހަރުމެންގެ ނިގުލާ އަހަރުމެން ވަކިވުމަށެވެ. އެ ނިގޫ ކިހާ ހުތުރު ހެއްޔެވެ؟ އަދި، ބަރުވެފައި، އުފުލައި ގެންގުޅެން ކިހާ އުނދަގޫ ހެއްޔެވެ؟ އަހަރުމެން ޝިކާރަކުރުމުގައި އެ ނިގޫ ހުރަސްއަޅައި އަހަރުމެން ކިހާ އަވަހަކަށް ލޮޑުކޮށްލާ ހެއްޔެވެ؟ މިހުރިހާ ސަބަބަކަށްޓަކައި އަހަންނަށް ފެންނަނީ އަހަރުމެންގެ ނިގޫ ބުރިކޮށްލައި އެކާވީސް ވަނަ ގަރުނުގެ ރީތިކަމުގެ ތެރެއަށް މުޅިން އާ ސޫރައެއްގައި އަހަރުމެން ވަނުމަށެވެ!"

ދެން، ހިޔަޅުންގެ ޖަމާއަތުގެ ތެރޭގައި ނިގޫ ނެތް ހިޔަޅުގެ ވާހަކަތަކުގެ ބަހުސް ފެށުނެވެ. އަދި، ތިމާމެންގެ އަމިއްލަ އެދުމުގެ އަނދިރިކަމުގެ ތެރޭގައި އެއްޗެހީގެ ލޯތަކާއި ކަންފަތްތައް ބީރުވެފައި ތިބި ބައެއް ހިޔަޅު، ނިގޫ ނެތް ހިޔަޅުގެ ވާހަކަތަކަކީ ވެސް ހަމަ ރަނގަޅު ވާހަކަތަކެއް ކަމުގައި ދުށްޓެވެ. ނަމަވެސް، ހަށިގަނޑުން ބައެއް ބުރިކޮށްލަން ޖެހޭތީ އެކަމާ ކުޑަކޮށް ޖެހިލުންވެ، ބުނާނެ ވަކި އެއްޗެއް ނޭނގިފައި ތިއްބެވެ.

ހިޔަޅުތައް މިހެން ތިއްބައި، އޭގެ ތެރޭގައި އިން ތަންކޮޅެއް ލާނެއް ފާޑެއްގެ ހިޔަޅެއް ތެދުވެފައި، ނިގޫ ނެތް ހިޔަޅާ މުޚާތަބުކޮށްފައި ބުންޏެވެ. މާތް މަނިކުފާނެވެ! އަޅުގަނޑުމެން މިތިބީ ހަމަ މަނިކުފާނު ވިދާޅުވި ކޮންމެ އެއްޗެއް، އެއީ ދޮގެއް ވިޔަސް ނޫނީ ތެދެއް ވިޔަސް، އެކަމަށް ބެލުމެއް ނެތި، ގަބޫލުކުރާށެވެ! ނަމަވެސް، މަނިކުފާނުގެ ނިގޫ ނެތްކަން އަޅުގަނޑުމެންނަށް ފެނިއްޖެއެވެ. މަނިކުފާނަށް ތި ދަތުރު ނުޖެހުނު ނަމަ، މަނިކުފާނުގެ ނިގޫ ނެތް ނަމަ، ހަމަ ތިގޮތަށް ވާހަކަ ދައްކަވައި، އަޅުގަނޑުމެން އެންމެންގެ ނިގޫ ބުރިކުރަން ގޮވާލެއްވީމުސްތޯއެވެ؟

މި ހިސާބުން ހުރިހާ ހިޔަޅެއް ވެސް ފުން ނިންޖަކުން ހޭލުވުނު ކަހަލައެވެ. ނިގޫ ނެތް ހިޔަޅުގެ ވާހަކައަކީ ހިޔަޅުގެ މަކަރުވެރި ވާހަކަތަކުގެ ތެރެއިން ވެސް އަރާހުރި ވާހަކައެއްކަން ފާހަގަވިއެވެ. އެހެންވެ، ތިމާމެންގެ ހަށިގަނޑުން ބައެއް ދޫކޮށްލުމަކީ ތިމާމެން ރީތިވާނޭ ކަމެއްކަމަށް ގަބޫލު ނުކުރެވުނެވެ. އެހެންވެ، ނިގޫ ނެތް ހިޔަޅުގެ ވާހަކަ އަޑުނާހައި، ހިޔަޅުތަކުގެ ނިގޫ ސަލާމަތުން ބާއްވަން ނިންމިއެވެ.

މި ދުވަސްވަރަކީ އަހަރުމެންގެ ތެރޭގައި ވެސް ނިގޫ ބުރިވެގެން އުޅޭ ހިޔަޅުހިޔަޅު ފެންނަ ދުވަސްވަރެކެވެ. އެފަދަ ހިޔަޅުތައް ހިންގާލަން ބޭނުންވި ކަންތައް ކޮންމެވެސް ވަރަކަށް ހިންގާލެވުނު ކަމުގައި ވިޔަސް، އެ ހިޔަޅުންގެ ހަގީގަތް ދެނެގަންނަން ބޭނުންވި ބަޔަކަށް އެނގުމުން، އެ މީހުންގެ މަގުބޫލުކަމުގައި ކަމުގައި ބޮޑު ރެނދެއް އެޅި، އެންމެފަހުން ނިގޫ ބުރިވީއެވެ. ދެން، އެކަން ފޫބައްދައި އަލުން 'ނިގޫ އެޅުވުމުގެ ގޮތުން’، ނިގޫ ބުރިވި ހިޔަޅު ދެއްކި ކަހަލަ 'މޮޅު ވާހަކަ’، – އަދުލުއިންސާފު ހިންގާލައި ހައްގުތައް ހޯދުމުގެ ނިޔަތުގައި ގަދައަށް މަސައްކަތްކުރާ ވާހަކަ، ބޮޑުންގެ ތާއީދު ހޯދުމުގެ ގޮތުން ޚުޝާމަދު ކުރުން، ފޫނުބެއްދޭ ކަންކަން ފޫބައްދަން އުޅުމުގެ ވާހަކަ- މިފަދަ ވާހަކަތައް ދައްކަމުންދާ އަޑުއިވޭ ދުވަސްވަރެކެވެ. ސުއާލަކީ އަހަރުމެންގެ ތެރޭގައި ނިގޫ ބުރިވެގެން އުޅޭ ހިޔަޅުންގެ ނިގޫ ނެތްކަން ބުނެދޭނޭ ލާނެއް، ކެރޭ، ހިޔަޅެއް އަހަރުމެންގެ ތެރެއިން ފެނިދާނެ ބާވައެވެ؟ އަދި، އެފަދަ ހިޔަޅެއް، އަހަރުމެންގެ ތެރޭގައި އުޅޭ ނިގޫ ބުރިވި ހިޔަޅުތަކުގެ ނިގޫ ނެތްކަން ދައްކައިފި ނަމަ، އެތަން ފެންނާނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ؟