ވަކިވެގެން ދިޔަޔަސް މަލުގެ އަސަރެއް ތަނޑުން ނުފިލާނެޔޭ
ވަކިނުވާ އިރު ދިން ޝަޒާ ލިބިލިބި ހުރުން އެދެވޭނެޔޭ
އުދަރެހުން ނެގި ކަޅު ވިލާތައް ގިނަވަމުން ގޮސް ބޯވުމުން
އުދަވެފައި ހުރި ޒުހުރަތާ ތަރިތައް މުޅިން ފަރުދާވިޔޭ
ތަރިތަކާ ހަނދުވަރުގެ ނަލަކަން އުޑުމަތީން ދިޔަޔަސް ފިލައި
ފަރިކަމާ ފުރިހަމަ ކަމުގެ ރޭތައް ހަނދާނަށް ވެރިވެޔޭ
ކުރިމަގުން ކަންކަން ބަދަލުވީ މިންވަރުން ތަޤުދީރުވީ
ކުރި ސަމާސާ ހުވަފެނުގެ ތަޢުބީރުތައް މޮޅި ކުރުވިޔޭ
ވިސްނެޔޭ އެހެނަސް އެއީކަން ކަންހިނގާ ގޮތަކީ މިތާ
ވިސްނުނަސް ބާރެއް ނުވާކަމަކަށް ގޮތެއް ނޯންނާނެޔޭ
ސިއްރުކުރިހައި ސިއްރަކާ އަދި ހާމަވީހައި ސިއްރުތައް
ޙިއްސުތަކުގައި ފޮރުވަނީ ދެލޮލުން މި އޮހޮރޭ ކަރުނަޔޭ
ކުރިއަކުން އިޙުސާސް ނުކުރެވޭ ލޯބި ދޭ ގަދަ ވޭންތަކެއް
ހުރި އެއީ، ގަދަ ވޭނެކޭ ހިތުގައި ލެޔާ ގުޅިފައިވެޔޭ
ބޭހުގައި ތާސީރު ނެރެ ފަރުވާ ދެވުނު ނެތް ޑަކްޓަރެއް
ދޭހުގައި ވާރިދުވެފައި ހުރިހައި ދުޢާ ކުރެވިއްޖެޔޭ
ކަންހުރީ އެހެނަސް އެހެންކަން ހެކިދެޔޭ ގިނަ ޝާޢިރުން
ކަންތަކަށް މިކަހަލަ "ތަރާނާ" ޅެންތަކުން ލިޔެފައިވެޔޭ
ފަނޑުނުވޭ "ލައިލާ ވަ މަޖްނޫނު"ގެ ރިވެތި ވާހަކަ އިވޭ
އަޑުއަހާ ދޮންހިޔަލަޔާ އަލިފުޅުގެ ވާހަކަ އެފަދަޔޭ
އެކުވެގެން މިލިގެންވި ދުހުގައި ލިބުުނުހައި ލައްޒަތު ތަކުން
އެކުލަވައި ލިޔެލީ ޅެމެއް ލޯތްބެއް ހަނދާން ނުނެތޭނެޔޭ
