Support Us

ރޯދަމަހުގެ ވާހަކަ: ޔަތީމު ކުދިންނަށް އަޅާލައި ބެލެހެއްޓުމާ ބެހޭ ނަބަވީ އިރުޝާދުގެ ވާހަކަކޮޅެއް

  1. ޔަތީމުންގެ ކަންތައްތައް ބެލެހެއްޓެވުމަށް ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. މިހެން ކަންތައް ކުރެއްވުމަށް މެދުވެރިވީ ދެތިން ސަބަބު ފާހަގަކޮށްލެވިދާނެއެވެ. ފުރަތަމަ ސަބަބަކީ އެކަލޭގެފާނަކީ އެކަލޭގެފާނުންގެ ތަބީއަތުގައި ވެސް މީހުންނަށް އޯގާތެރި ބޭފުޅެކެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ އިސްލާމީ ދައުވަތުގެ އެއް މަގުސަދަކަށް ވެފައި އޮތީ އެކަކު އަނެކަކަށް އަޅާލައި އުޅޭ މުޖުތަމައެއް އުފެއްދުމެވެ.

އެކަލޭގެފާނުން ޔަތީމުންނަށް އަޅާލައްވައި އެކުދިންގެ ކަންތައް ބެއްލެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން މެދުވެރިކުރުވި ދެވަނަ ސަބަބަކީ އެކަލޭގެފާނުންގެ އަމިއްލަފުޅު ހާލަތެވެ. ޔަތީމު ހާލަތެއްގައި އުފަންވެ ވަޑައިގަތުމެވެ. ވަރަށް ތުއްޕުޅު އިރުގައި މަންމާފުޅު އަވަހާރަވުމެވެ. އެހެންވެ، މައިބަފައިކަލުންގެ ލޯބިން މަހުރޫމުވެ، ދަތި ހާލަތުގައި އުޅުއްވަން ޖެހިވަޑައިގަތެވެ. ޟުޙާ ސޫރަތުގައި އިޝާރަތް ކުރެވިފައިވާ ފަދައިން، ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައިގެން އެކަލޭގެފާނަށް މާލީ ފުދުންތެރިކަން ލިބިވަޑައިގަތުމުން، އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅު އަބޫ ތާލިބުގެފާނަށް ލުއިކޮށްދެއްވުމުގެ ގޮތުން، އަލީގެފާނު ގެންނަވައި ބެއްލެވިއެވެ.

ޔަތީމު ކުދިންނަށް އެހީވުމަށް އެކަލޭގަފާނުންގެ ކިބައިގައި ޝައުގުވެރިކަން އިތުރުވެގެންދިޔަ އަނެއް ސަބަބަކީ އެކަމަށް ކީރިތި ގުރުއާނުގައި އެކަލޭގެފާނަށާއި އަދި، އެކަލޭގެފާނަށް ތަބާވީ މީހުންނަށް، އާދެ، މުސްލިމުންނަށް ގޮވާލައި އިރުޝާދު ދީފައިވާތީއެވެ. ޟުހާ ސޫރަތުގައްޔާއި އަދި މާޢޫނު ސޫރަތުގައި ޔަތީމުންނަށްގެ ކަންތައްތައް ބެލެހެއްޓުމަށް ގޮވާލައި ބާރުއެޅިފައި ވެއެވެ. އެކަން ކުރުމަކީ މާތްﷲ އެމީހަކަށް ދެއްވި ނިއުމަތަށް ޝުކުރުވެރި ކުރާ ކަމެއްގެ ގޮތުގައި ޟުޙާ ސޫރަތުގައި ސިފަކުރެވިފައިވެއެވެ. އަދި، އެފަދައިން ކަންތައް ކުރާނީ އާޚިރަތް ދުވަހަށް އީމާންވާ މީހުން ކަމުގައި މާޢޫނު ސޫރަތުގައި އިޝާރަތްކުރެވިފައިވެއެވެ.

  1. ޔަތީމުންނަށް އޯގާތެރިވެ އެކުދިންގެ ކަންތައްތައް ބެލެހެއްޓުމަށް ބާރުއަޅުއްވައި ގޮވާލައްވަމުން ސަލާމާއި ސަލަވާތް ލެއްވި އިތުރު ރަސޫލާ ހަދީސްފޅު ކުރައްވާފައި ވެއެވެ.

ބުޚާރީގެ ހަދީސް ފޮތް، ޖާމިއުގައި ވާރިދުވެފައި ވެއެވެ. ޔަތީމު ކުދިން ބަލަހައްޓާ މީހާއާއި ތިމަން ކަލޭގެފާނުން، އާޚިރަތް ދުވަހުން ވާނީ މިހާ ވެސް ކައިރީގައެވެ. މިހެން ވިދާޅުވެ، އެކަން ސާފުކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނުންގެ ދެ އިނގިލިފުޅު ކައިރިކުރެއްވިއެވެ. މިއިން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟ ކީރިތި ރަސޫލާއަށް ލޯބިކޮށް، އެކަލޭގެފާނުންގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނެން ބޭނުން ނަމަ، ޔަތީމުންނަށް އަޅާލައި އެކުދިން ބަލަހައްޓާށެވެ.

އަދިވެސް ބުޚާރީގެ ޖާމިއު، މި ފޮތުގައި ވާރިދުވެފައި އޮވެއެވެ. ގެތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ގެއަކީ އެ ގެއެއްގައި ޔަތީމުންނަށް އެންމެ ރަނގަޅަށް ކަންތައް ކުރެވޭ ގެއެކެވެ. ގެތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ގެއަކީ އެ ގެއެއްގައި ޔަތީމު ކުދިންނަށް ނުބައިކޮށް ހިތޭ ގެއެކެވެ.

ކީރިތި ގުރުއާނުގެ ޙުޖުރާތު ސޫރަތުގައި އެނެމެހައި އިންސާނުންނަކީ ހަމަހަމަ ބައެއް ކަމާއި އަދި މީހެއްގެ މޮޅު އިތުރުކަން ބިނާވަނީ ހެޔޮކަންތައް ކުރުމުގެ މައްޗަށް ކަން ބަޔާން ކުރެވިފައި ވެއެވެ. ޔަތީމު ކުދިންނާ ދޭތެރޭ ހެޔޮކޮށް ހިތުމަކީ، މަތީގައި ބަޔާންވެ ދިޔަ އާޔަތްތަކާއި ހަދީސްތަކުން އެނގޭ ގޮތުގައި ބޮޑުވެގެންވާ ހެޔޮ ކަމެކެވެ. އަދި، ހަމަ ކަށަވަރުން އެކަންވާނީ މާތްﷲގެ ޙަޟުރަތުގައި އެކަން ކުރާ މީހާގެ ގަދަރު އުފުލި، އޭނާއަކީ މޮޅު އިތުރު މިހެއް ކަމުގައި ބެލެވޭނޭ ސަބަބަކަށެވެ.

މުސްލިމުގެ ސަހީހުއޭ ކިޔުނު ހަދީސް ފޮތުގައި ވާރިދުވެފައިވާ ހަދީސެއްގެ މާނައިގައި އެކުލެވިގެން ވެއެވެ. ޔަތީމު ކުދިންނަށް ޚަރަދުކޮށް، އެކުދިން ބަލަހައްޓާ މީހާގެ ފައިސާއާއި މުދަލުގައި ބަރަކާތް ލެއްވިގެން ވެއެވެ. އާދެ، ޔަތީމު ކުދިންނަށް ޚަރަދުކުރާ މީހެއްގެ މުދާ އެކަމުގެ ސަބަބުން އުނިވެގެން ނުދާނެއެވެ. އޭގެ ބަދަލު އެ ފަދަ މީހަކަށް ލިބި ލިބި ހުންނާނެއެވެ.

މި ނަންގަނެވިދިޔަ ވާހަކަތަކުގެ ޚުލާސާއަކީ ކޮބައިހެއްޔެވެ؟ ޔަތީމު ކުދިންނަށް އަޅާލައި އެކުދިން ބެލެހެއްޓުމަށް އެޅެން އޮތް ބާރެއް ލާފައި އެވާހަކަ ބުނުމެވެ. ޔަތީމު ކުދިންނަކީ އަޅާލާނެ އެއްވެސް ބައެއް ނެތް، އެކުދިންގެ ކަންތަތައް އަމިއްލައަށް ހަމަޖެއްސުމުގެ އެއްވެސް ކުޅަދާނަ ކަމެއް ނެތް ކުދިބައެކެވެ. މުޖުތަމައުގެ އޯގާތެރިކަން ނުވަތަ އަނިޔާވެރިކަމުގެ ތެރެއަށް ދޫކޮށްލެވިފައިވާ ކުދިންނަށްވާތީއެވެ. އެކުދިންނަށް ރިވެތި ގޮތުގައި، އެއްވެސް އަމިއްލަ އެދުމެއް ނެތި، ހަމައެކަނި އިލާހީ ދަރުމަ އެދިގެން އަޅާލާ މީހާ ވާނީ، ހަމަ ކަށަވަރުން، ހިތްތިރި، ބޮޑާކަން ނެތް، ވަރަށް ވެސް ޚުލުގު ހެޔޮ މާތް އިންސާނެކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެފަދަ މީހަކަށްވުމުގެ ތައުފީގު ދެއްވުމަށް އެދި މާތްﷲގެ ހަޟުރަތުގައި އިލްތިޖާއުވެ، ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *