...

Support Us

ދުނިޔޭގައިވާ ހުރިހާ ރަން ރިއްސާއި ޖަވާހިރާ އަޅާކިރިޔަސް…

އާނއެކެވެ. އޭނާ އަކީ ދެކުނުގެ ބިންބޮޑު ރަށަކަށް އުފަން، ދިވެހި އަންހެން ދަރިއެކެވެ. އެކަމަކު އޭނާގެ މައިންބަފައިންނަކީ ރަށުގެ ކަމުވޮށިގެންވާ އަދި މުއްސަނދި، ތައުލީމީ، ނަސަބާއި ހަސަބުން އަރާ ތިބި ބައެއް ނުމެނޫންމެއެވެ. އޭނާއަކީ ވަރަށް އާދައިގެ އާއިލާކަށް އުފަން، ވަރަށް ނިކަމެތި ކުއްޖެކެވެ.

ނަމަވެސް އަހަރެންގެ ލޮލަށް އޭނާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުން އޭނާއަށް ހާއްސަ މަޤާމެއް ދެވުނެވެ. ވާހަކަދައްކަން ކުރި މަސައްކަތުން މައިންބަފައިންނަށް އޭނާ ކިޔަމަންވާ މިންވަރާއި ކުރާ އިހުތިރާމާއި ޤަދަރު ފެނި އިހުސާސް ކުރެވުނެވެ.

އާނއެކެވެ. އަހަރެންގެ ނަޒަރުގައި އޭނާއަށް ވުރެ ވަކިން ރީތި އަދި މުއްސަންޖަކު މި އުޑުދަށުގައި ވާނެ ކަމަކަށް ނުދެކެމެވެ.

ސެލޫނަށް ގޮސް މޭކަޕްކޮށް މޫނުގައި ޖައްސާލާނެ ކުލަ އާއި ހާކާލާނެ އެކި ސައިޒުގެ ފިހި އޭނާގެ އަތުގައި ނުހުރެދާނެއެވެ. ދުއްވާނެ ކާރާއި އަޅާނެ ގަހަނާއާއި ދިރިއުޅޭނެ ގަނޑުވަރެއް ނުހުރެދާނެއެވެ. ދެއިރު ދެ ދަޅައަށް ލާނެ ތަފާތު އަންނައުނު ނުހުރެދާނެއެވެ. ޓިކްޓޮކް ލައްވަމުން ހިނގާލަން އަރާނެ އެކި ބްރޭންޑުގެ ފައިވާން ނުހުރެދާނެއެވެ. ބޮލުން މީރު ވަސް ދުއްވާލައި، އިސްތަށިގަނޑު އޮފްކޮށްލަން ލާނޭ ޝޭމްޕޫ އާއި މީރުވަސް ދުއްވާލަން ލާނޭ އެކި ވައްތަރުގެ ސެންޓު ނުހުރެދާނެއެވެ.

ނަމަވެސް، މި ދުނިޔޭގައިވާ ހުރިހާ ރަން ރިއްސާއި ޖަވާހިރާ އަޅާކިރިޔަސް އޭނާގެ މުއްސަނދިކަން މާބޮޑެވެ. އޭނާ އަށް ލިބިފައިވާ ހިތުގެ މުއްސަނދިކަމެވެ. ދީލަތިކަމެވެ. ހިތްހެޔޮކަމެވެ. އަނެކުންނަށް ދިއްކޮށްލާ އެހީތެރިކަމުގެ އަތެވެ. އަނެކުންނަށް ކުރާ ޤަދަރާއި އިހުތިރާމެވެ. މިއީ އޭނާގެ މުއްސަނދިކަމުގެ ހަޒާނާއިން ބަޔެކެވެ.

އޭނާގެ ރީތިކަމަކީ އޭނާގެ އަޚުލާގެވެ. ތަޤުވާވެރިކަމެވެ. އޭނާ ހެއްދެވި މަތިވެރި އިލާހަށް ކިޔަމަންވާ މިންވަރެވެ. އޭނާގެ ގާތްތިމާގެ އަދި ރައްޓެހިންނަށް ދޭ ނަސޭހަތެވެ. އަހަންނަށާއި ދަރިންނަށް ދައްކުވާދޭ ނަމޫނާއެވެ. ސާބިތުކަމެވެ. ކެތްތެރިކަމެވެ. އޭނާ ހެއްދެވި ފަރާތަށް ކިޔަމަންވެ ކުއްތަންވާ މިންވަރެވެ. މަޑުމައިތިރިކަމެވެ. މިއީ އޭނާގެ ރީތިކަމުން ބަޔެކެވެ.

މިއަދު އޭނާ މި ދުނިޔޭގައި ނެތެއް ކަމަކު އޭނާގެ ރީތިކަން ސާދަވިލޭރޭގެ ހަނދު ފަދައިން މި ހިތަށް އަލި ކޮށްލާފައިވެއެވެ. އޭނާގެ މުއްސަނދިކަމުގެ ހަޒާނާއިން މިހިތް ފުރާލަދީފައިވެއެވެ.

އެއީ އަހަރެންގެ ދެލޯ ފަދަ ލޯބިވާއެވެ. އެއީ ހަމަ ބެސްޓެވެ. މި ހިތުގައި ރަނިކަންކުރާ ރަނިކަމަނާއެވެ. އެއީ އަހަރެންގެ ސީކްރެޓް ކްރަޝްއެވެ. ލަވްލީ ގާލް ފުރެންޑެވެ. އަދި ބިލަވްޑް ވައިފެއެވެ.

އަހަރެންގެ ދުޢާ އަކީ މާތް ﷲ އޭނާއަށް އެކަލާނގެ ތަނަވަސް ރަހުމަތުން ހެޔޮ ރަހުމަތްލައްވާ، އޭނާގެ ކުށްތައް އެކަލާނގެ ދީލަތި ބެއްލެވުމަކުން ބައްލަވައި އަފޫ ކުރައްވައި، ނަރަކައިގެ ގަދަފަދަ އަލިފާނުން ރައްކައުތެރިކުރައްވައި، ސުވަރުގޭގެ ނިމުމެއް ނުވާ ނިއުމަތްތައް އޭނާ އަށް މިންވަރުކުރައްވައި، މި ކުޑަކުޑަ އާއިލާ އޭނާއާ އެކު އިންޝާﷲ ޖަންނަތުލް ފިރުދައުސްގައި ލެއްވުމެވެ. ވަރަށް ލޯބިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.