ހުކުރު ދުވަހަކީ މަންމައިންނަށް ނުވަތަ އަނބިމީހާއަށް ބޮލިރަވަ ތަޅުވަންޖެހޭ ދުވަހޭ ބުނެވިދާނެއެވެ. "ވަލަޒިކުރުﷲ އަކުބަރަށް ނޫންގޮތަކަށް މިސްކިތަށް އަރާބަލާށެވެ. އެއޮއް ހުތުބާ ފެށީއެވެ." މިވަރަށް ކިޔާ އިރުވެސް ގުޑާލަނީއެއް ނޫނެވެ. ހުތުބާ ފެށުމުން ނޫނީ ގެއިން ނުކުންނާނެ އެއްވެސް ގޮތެއްނެތެވެ.
ގޭތެރޭގެ ތަރުބިއްޔަތުންނާއި ކުއްޖާގެ 10 އަހަރު ދުވަހުގެ ތައުލީމީ ޙަޔާތުންވެސް ހުކުރު ދުވަހުގެ މާތްކަމާއި ހުކުރު ނަމާދުގެ މުހިއްމުކަން ބައެއް ކުދިންނަށް ދަސްވެފައެއްނެތެވެ.
ދަރިން ތުއްތުއިރު އަމަލުން ދެއްކެނީ އަތުގައި ހިފައިގެން ގޮސް ވަލިޒިކުރުﷲ އަކުބަރަށް މިސްކިތަށް އަރާނެ ގޮތެވެ. ނުވަތަ ބުނެދެވެނީ ޙުތުބާ ނިމެންދެން މިސްކިތު ބޭރުގައި ރަޙްމަތްތެރިޔަކާ ވާހަކަ ދައްކަން ހުންނާށެވެ. މަންމަ އަވަސްކުރާށޭ ހުކުރުދުވަހޭ ކިޔާކިޔާ އަނގަޔަށް ތަދުވާއިރުވެސް ބައެއް ބަފައިން އެނދުން ހިއްލާނުލައި ވަގުތު ފާއިތުވަންދެން އޮންނަ މަންޒަރެވެ.
ފެއިލްވެފައިވާ ތަރުބިއްޔަތަކާއި އިސްލާމީ ޢިލްމު ބުނެދެވެނީ ހަމައެކަނި ލިޔުމުންކަން ހެކިދޭ އެއް ހެއްކަކީ ހުކުރު ދުވަހު މިސްކިތްތަކުން ފެންނަ ވަލަޒިކުރުﷲ އަކުބަރަށް ހުކުރަށް އެރުމަށްދާ ފިރިހެންވެރިންނެވެ.
މުޖްތަމަޢުގެ މެޖޯރިޓީގެ ޙާލަކީ މީކަމަށް ވީނަމަވެސް 12 ޖެހުމުގެ ކުރިން ތުއްތު ދަރިފުޅު އަތުގައި ހިފައިގެން މިސްކިތަށް އަރާ ހެޔޮލަފާ ފިރިން، ޒުވާނުން އަދި ބަފައިންވެސް މަދުން ނަމަވެސް ފެނެއެވެ.
ޙާލަތު ބަދަލުވާނީ އެތަނެއްގެ އާދަތަކާއި އުސޫލުތަކުންނޭ ބުނާ ބީދައިން ހަރުދަނާކުރަންވީ ތުއްތު އިރުން ފެށިގެން ދެވޭ ތަރުބިއްޔަތެވެ. ގޭގައި ބައްޕަ ނެތުމަކީ ފިރިހެން ދަރިފުޅު ތުއްތު އިރުއްސުރެ މިސްކިތަށް ނުގެންދެވެންވީ ސަބަބެއް ނޫން ކަމާއި ޕްރީސްކޫލުން ފެށިގެން ހުކުރުނަމާދުގެ މުހިއްމުކަން ތުއްތު ފިރިހެން ދަރިފުޅަށް އުނގަންނައިދޭންވީއެވެ.
ނުުވަދިހައިގެ އަހަރުތަކުގައި ފިރިހެން މުދައްރިއްސުން ދަރިވަރުން ގޮވައިގެން ސަފު ހަދައި މިސްކިތަށް އަރުވައި ނަމާދުގެ މުހިއްމުކަން ބުނެދޭ އުސޫލުން އަދުގެ މުދައްރިސުންނަކީވެސް ނަމޫނާ ދެއްކޭ އެދުރުންނަށް ވާންވީއެވެ.



advertisment