އިސްރާއީލު ސިފައިން ރޭ ފަތިހު އަޤްޞާ މިސްކިތުގެ ގޯތި ތެރެއަށް ވަދެގަނެ މިސްކިތުގައި ނަމާދު ކުރާން ތިބި އެތައް ބަޔަކަށް ހަމަލާދީފިއެވެ. މި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވިއެވެ.
އަނެއްކޮޅުން ބަލާއިރު ޔަހޫދީންގެ ފަޞްޙު ޢީދުގެ އިޙްތިފާލުތަކުގެ ތެރޭގައި ގަޑުބަޑުތައް އިތުރުވެދާނެތީ އިސްރާއީލުން މިހާރު ވަނީ ތިން ދުވަހުގެ މުއްދަތަށް ހުޅަނގު އައްސޭރިއާއި ޣައްޒާ ތަޅުލައި ބަންދުކޮށްފައެވެ. ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ބައެއް ރަށްތަކަށް ޚާއްޞަކޮށް ޖަނީނު ފޭލިގެ އަވަށަށް އަރައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހަތް މީހަކު ވަނީ ޝަހީދުވެފައެވެ.
ފަލަސްޠީނުގެ ރެޑް ކްރެސެންޓު ބުނާގޮތުގައި ރޭ ފަތިހު އިސްރާއީލު ސިފައިން އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެ ދިން ޙަމަލާތަކުގައި 59 މީހަކު ވަނީ ޒަޚަމުވެފައެވެ. އިސްރާއީލު ސިފައިން އެ ސަރަޙައްދަށް އެންބިއުލެންސް ވަނުން މަނާކުރުމުގެ ސަބަބުން އެމީހުންނަށް ފަރުވާ ދިނީ މައިދާނީ ހަސްފަތާލެއް ޤާއިމުކޮށްގެންނެވެ.
އިސްރާއީލު ސިފައިން އަޤްޞާ މިސްކިތަށް އަރައި ނަމާދު ކުރާން ތިބި މީހުންނަށް ޙަމަލާދިނީ ކަރުނަ ގޭހުންނާއި ރަބަރު ވަޒަނުން ކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުންޏެވެ.
ފަލަސްޠީނު ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލު ސިފައިން އަޤްޞާ މިސްކިތަށް ވަދެވެން ހުރި ހުރިހާ ދޮރުކޮޅުތަކެއް ވަނީ ބަންދުކޮށްފައެވެ. ބަންދު ނުކޮށް ހުރީ "ޙިއްޠާ" ދޮރުކޮޅު އެކަންޏެވެ.
ޖަޒީރާ ބުނާގޮތުގައި އިސްރާއީލުން މި ފިޔަވަޅުތައް އެޅީ ޔަހޫދީ ޢީދުގެ އިޙްތިފާލުތަކުގެ ތެރޭގައި ގަޑުބަޑުތައް ހިނގައފާނެތީއެވެ. މި ޢީދުގެ އިޙްތިފާލުތައް ނިމޭނީ މިއަންނަ އާދީއްތަ ދުވަހުއެވެ.
އިސްރާއީލުން އަޤްޞާ މިސްކިތަށް އަރައި އިޢުތިކާފަށް ތިބި މީހުން މި މިސްކިތުން ބޭރަށްލުމަށް މަސައްކަތް ކުރިއެވެ. މިސްކިތުގައި ތިބި މީހުން މިހާރު ވަނީ އިސްރާއީލު ސިފައިންނާ ކުރިމަތިލުމަށް ޢަޒްމު ކަނޑައަޅައިގެން ކަމަށް ޖަޒީރާގެ ރިޕޯޓަރު ބުންޏެވެ.
އަޤްޞާ މިސްކިތަށް އިސްރާއީލު ސިފައިން އެރިއެރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އަޤްޞާގެ ޚަޠީބު އައްޝައިޚު ޢިކްރިމަތު ޞަބްރީ ވިދާޅުވިގޮތުގައި އިސްރާއީލުން ބޭނުން ކުރަމުންދަނީ "މަކަރާޙީލަތުގެ އުކުޅުތަކެވެ." އޭނާ ވިދާޅުވިގޮތުގައި ނަމާދުކުރާ މީހުންނަށް އިސްރާއީލު ސިފައިން ޙަމަލާދެމުން ދަނީ ހަނގުރާމަމަތީ ހަތިޔާރުންނެވެ.



advertisment