Support Us

ކޮލަމް ކަލާވެހި: ލަދުގެ ވާހަކަ

ޞުލްޙަ މަޞްލަހަތާއި ޢަދުލު އިންޞާފާއި އަމަން އަމާންކަމުގައި ދެމިއޮވެ، އަދި ދެމިއޮންނަން ބޭނުންވާ، މިހައިތަނަށް ޞައްޙަސަލަމާތުން އޮތުމާއެކު މުސްތަޤުބަލުގައިވެސް ކަން އޮންނާނީ ހަމަ އެގޮތަށް ކަމަށް އުންމީދުކުރާ މުޖުތަމަޢެއްގައި ލަދަކީ ކިހައިވަރެއްގެ އެއްޗެއްތޯ މީހަކު އަޅުގަނޑުގާތު އަހައިފި ތާކު އެމީހަކަށް އަޅުގަނޑު ދޭނޭ ޖަވާބު އައްސަވާށެވެ!

އެންމެ ފުރަތަމަ، ’ލަދު‘ މިލަފުޒުގެ މާނަ ހަމަ އަޅުގަނޑުމެންގެ ބަހުގައި އޮތް ގޮތަށް ބަލައިލަމާތޯއެވެ. ’ލަދު‘ މިލަފުޒު އަޅުގަނޑުމެންގެ ދިވެހިބަހުގެ ރަދީފުގައި އޮތީ ކިހިނެއްތޯ ބަލައިލިއިރު އެ ލަފުޒުގެ މާނަ ދެގޮތަކަށް ލިޔެފައި އޮއްވައި އަޅުގަނޑަށް ފެނުނެވެ. ރަދީފުގައި އޮތް ދެ ގޮތް މިތާނގައި އަޅުގަނޑު ނަކަލުކުރަމެވެ:-

1. ތިމާއަށް ހުތުރުނަމެއް ބަދުނާމެއް ލިބިދާނެތީ މީހުންނަށް އެނގެން ބޭނުންވާ ކަންތަކާމެދު އިޙްސާސްވާ އިޙްސާސްވުން.

2. ސިފައާއި ޙަރަކާތްތައް ނުދަންނަ މީހަކަށް ފާހަގަކުރެވިދާނެޔަތީ ފަސްޖެހޭ ފަސްޖެހުން.‘ (އޮންލައިން ކޮށް، radheef.mv އިން).

މިދެންނެވި ދެ މާނަޔޭ ދޭތެރޭ ވިސްނައިލާއިރު އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ، ތިމާއަށް ހުތުރުނަމެއް ނުވަތަ ބަދުނާމެއް ލިބިދާނެތީ އިޙްސާސެއް ކުރެވޭ ވާހަކައެވެ. ދެން ފާހަގަކުރެވުނީ ފަސްޖެހުމެއްގެ ވާހަކައެވެ. އަޅުގަނޑުގެ ހިތުގެ އިސްކިރީނުގައި އެހައި ހިސާބުން ސިފަވެގެން، ތަޞްވީރު ކުރެހިގެން އައީ ބަދުނާމެއް ލިބިދާނޭތީ ކަމެއް ކުރާން ސިހޭ މީހެކެވެ. އަދި މީހުންނަށް  ތިމާ ފާހަގަކުރެވިދާނޭތީ ފަސްޖެހިފައި ހުރި، ލަދުވެތި މީހެކެވެ. މި ދެގޮތަށް ވިސްނާއިރުވެސް، މީހުންގެ ކުރިމަތީގައި  މީހާ މާބޮޑަށް ފާހަގަވުމާއި، އަދި އެޔަށްވުރެވެސް ބޮޑަށް، ކުރެވޭ ކަމަކާ ގުޅިގެން މީހާ ފަޟީޙަތްވެ ބަދުނާމުވެދާނޭތީ ވިސްނައިލާ ވިސްނައިލުން އެއީ މުހިންމު ކަންކަމަށް ވެގެން ނޫނީ ’ލަދު‘ މިލަފުޒަކަށް ޢަމަލީ މައިދާނެއްގައި ކުޑަވެސް ޖާގަޔެއް ނޯންނާނެއެވެ.

މުޖުތަމަޢެއްގައި ލަދު އޭގެ ޒާތުގައި އަދާކުރާ ވަޒީފާޔަކީ އެހައި މުހިންމު ވަޒީފާޔަކަށް ނުވެއްޖެ ނަމަ، ކުރެވޭ ކަމަކާ ގުޅިގެން މީހާ ފަޟީޙަތްވެ ބަދުނާމުވެދާނޭތީ ސިހޭ ބަޔަކު ނެތް ނަމަ، އެ މުޖުތަމަޢަކަށް ވާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑަށް ފެންނަ ގޮތުގައި އެފަދަ މުޖުތަމަޢެއްގައި އެމީހަކަށް ފެންނަ ގޮތަކަށް، ލަދެއް، ބިރެއް، ސިހުމެއް، ނުކެރުމެއް ނެތި އުޅޭ މީހުން ގިނަވަމުން ދިޔުން އޮންނާނީ ގާތުގައެވެ. އަދި އެޔާ ވިދިގެން މުޖުތަމަޢުގައި ހަމަނުޖެހުމާއި، ތަޅައިފޮޅުމާއި، މާރާމާރީޔާއި، ދެންވެސް ހެއްދެވިހައި ނުބަޔެއް ދާނީ ހަމަ ގިނަވަމުންހެންވެސް އަޅުގަނޑަށް ހީވެއެވެ.

މުޖުތަމަޢެއްގެ ތެރޭގައި މީހަކު ކިތަންމެ ރަނގަޅަކަށް އުޅުނަސް، ނުވަތަ ކިތަންމެ ނުސިޔާނުކޮށް އުޅުނަސް، އެމީހަކު އެ މުޖުތަމަޢެއްގައި ތަޞްވީރުކުރެވިގެން ދަނީ ބާރުވެރި ކޮންމެވެސް ބަޔަކު އެމީހެއްގެ ފޮޓޯ މުޖުތަމަޢަށް ދައްކަން ބޭނުންވާ ގޮތަކަށް ކަމަށްވަންޏާ، ދެން ވާނީ ކިހިނަކުންތޯއެވެ؟ އެންމެ ޞާލިޙު، ޒާހިދު މީހާވެސް، ބާރުވެރި، ފައިސާވެރި، ނުފޫޒުގަދަ މީހަކާ ދެކޮޅުވެއްޖެތަ، އެމީހާ ވަރުގެ ނުބައި، ނުލަފާ، ޖައްބާރު މީހަކު މި ދުނިޔޭގައިވެސް ނެތް ކަމަށް މީޑިޔާގެ އެކި ދިމަދިމާއިން ދައްކަން ފަށައިފާނެއެވެ. ކަމަކާ ނުބެހި، ތޫނު ނަޒަރުތަކުން ދުރުގައި ބޮނދައިގެން އުޅޭ މީހާވެސް، މަހުޖަނެއް، ނުވަތަ ސިޔާސީގޮތުން ބާރުހުރި މީހަކު އޭނާ ގާތު ކުރާން އެދުނު ކަމެއް ނުކޮށްފިނަމަ، ނުވަތަ މަޖުބޫރުންނަމަވެސް ކުރުވަން އުޅޭ ކަމެއް ނުކޮށްފިތަ، އެފަކީރުވެސް އެއީ ވަގުންގެ ބޮޑަކަށް، ރޭޕިސްޓުންގެ ލީޑަރަކަށް، ނުވަތަ ކުޑަމިނުން ޕާޓޭންގެ އުސްތާޒަކަށް ނުހަދައެއް ނުދާނެއެވެ. މުޖުތަމަޢެއްގައި މި ބީދައިން ކަން ހިނގާން ފަށައިފިތަ، އެ މުޖުތަމަޢެއްގައި ޞާލިހުންނާއި ޒާހިދުން ދާނީ މަދުވަމުންހެން އަޅުގަނޑަށް ހީވެއެވެ.

ތިމާޔަކީ އެއް ޕާޓީގެ މީހެއް ކަމަށް ވަންޏާ، އަނެއް ޕާޓީގެ އާދައިގެ އަދި ޚާއްޞަ މެންބަރުންގެ ކުރިމަތީގައި ތިމާޔަކީ ޢަދުލު އިންޞާފުގެ މަގަށް ރިޝްވަތުގެ މައު އަޅައިގެން ސަލާމަތުން ހުންނަ ފުރޭތަޔަކަށް ވެފައި، ތިމާ އެ ޕާޓީއެއްގައި އުޅޭ ޕާޓީގެ އެންމެހައި މެންބަރުންގެ ކުރިމަތީގައި ތިމާޔަކީ އަދި މެޑެލި ނުޖަހައި ހުރި ޣާޒީއެއްކަމަށް ވެއްޖެ މުޖުތަމަޢެއްގައި އެއްވެސް މީހަކީ ކޮންމެވެސް އެއް ދިމާޔެއްގައި ބަދުނާމު ކުރެވޭނޭ މީހަކަށް ނުވެ ދާނެތޯއެވެ؟ އެހެން ކަމަށް ވަންޏާ، އެއްކަލަ ލަފުޒު، ޔަޢުނީ ’ލަދު‘، އެއީ ޙަޤީޤީ އެއްވެސް މާނަޔެއް އެޔަށް ލިބިގެންވާ ލަފުޒަކަށް ވާނެތޯއެވެ؟ މި ދެ ސުވާލުގެ ޖަވާބު ތިޔަބޭފުޅުން އަމިއްލަފުޅަށް ދެއްވާށެވެ.

’ލަދު‘ މިލަފުޒުގެ މާނަޔަކީ މިހައިރު ރަދީފުގައި އޮތް ދެ މާނަ ނޫން މުޅީން އެހެން މާނަތަކެއްގައި މުޖުތަމަޢެއްގައި ބޭނުންކުރެވޭން ފަށައިފި ލަފުޒެއް ކަމަށް ވެއްޖިއްޔާ…، ލަދަކީ އަމިއްލަޔަށް ގަންނަ އެއްޗަކަށް ޢަމުދުން ނުވެފައި، ލަދަކީ ބައެއްގެ އަތުގައި އޮންނަ ހަތިޔާރަކަށް ވެފައި، ހަމައެކަނި ގަންނުވަން އޮންނަ އެއްޗަކަށް ވެއްޖެ ތަނެއްގައި ޖާގަ އޮތީ ކޮންކަހަލަ ކަންތައްތަކަކަށްތޯ ތިޔަބޭފުޅުން ވިސްނާވަޑައިގަތުން މާ ރަނގަޅުވާނޭ ކަމަށް ފެންނާތީ، އަޅުގަނޑުގެ ވާހަކަ މި ހިސާބަށް ކުރުކުރާނަމެވެ.