މަތީގައިވާ ފޮޓޯއާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ކުރީގައި، އެކަމާ ގުޅުން ހުރި ކަމަށް ފެންނަ އެހެން ވާހަކައެއް ބުނެލާނަމެވެ. އޮކްސްފޯޑު ޔުނިވަރސިޓީގެ ހިސާބު އިލްމުގެ އުސްތާޒެއް ކަމުގައިވާ ޕރ. ޖޯން ލެނޮކްސްގެ ވާހަކަ ކޮޅެކެވެ.
ޕރ. ލެނޮކްސްއަކީ، ހިސާބު އިލްމުވެރިޔެއްގެ އިތުރުން، އިލާހިއްޔަތުގެ (ތީއިޒަމްގެ) އަގީދާ، ކަލަކު ވޮޑިގެންވާކަން ގަބޫލުކުރުން، މިއީ ހަގީގަތެއްކަން، އިލްމީ ސިފައެއްގައި، ވަކާލާތުކޮށް ލިޔެ، ވާހަކަ ދައްކާ މިއަދުގެ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނޭ އިލްމުވެރިޔެކެވެ.
ސާނަވީ މަދްރަސީ ކުދިންކޮޅަކާ މުޚާތަބުކޮށް އޭނާ ދެއްކި ވާހަކައެއްގައި ބުނެފައި ވެއެވެ. "ސައިންސުވެރިން ދައްކާ ކޮންމެ ވާހަކައަކީ ސައިންސުގެ ވާހަކައެއް ނޫނެވެ. ބައެއް ފަހަރު، އެމީހުން ބުނާ އެއްޗަކީ އެމީހުންގެ ޝަޚްސީ އަމިއްލަ ރައުޔުގެ މައްޗަށް ބިނާކޮށް ބުނާ ވާހަކައެކެވެ. މިފަދަ ރައުޔަކީ، އަބަދުމެ، އިލްމީ ހެއްކެއްގެ މައްޗަށް ބިނާވެފައި އޮންނަ ރައުޔަކަށް ނުވެއެވެ." މި ބުނާ ތަގުރީރުގައި މި ވާހަކަކޮޅު ނިސްބަތް ކުރަނީ މިދިޔަ ގަރުނުގައި އުފެދުނު ފިޒިކްސްގެ އިލްމުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނޭ ސްޓެފަން ހޯކިންއާއެވެ. (މި ލިޔުމުގެ ތިރީގައިވާ ވީޑިއޯ ލިންކުން މި ވާހަކަކޮޅު ހިމެނޭ ތަގުރީރު، ދިވެހި ތަރުޖަމާއާއެކު، ފެންނަން އޮންނާނެއެވެ. މި ވާހަކަތަކުގެ އިތުރު ތަފްސީލު ވެސް، ދިވެހިން ކިޔާލަން ބޭނުން ނަމަަ، ލިބިދާނެއެވެ.)
ޕރ. ލެނޮކްސް ބުނާ ވާހަކައަކީ، މީހަކު ވަކި ދާއިރާއެއްގައި މޮޅުވެ، އެ ދާއިރާގެ މާހިރުންގެ ތެރޭގައި ހިމެނިގެން ދިޔުމަކީ، ހުރިހާ ދާއިރާއެއްގެ މާހިރަކަށް އޭނާ ވުމެއް ނޫނެވެ. އޭނާގެ ދާއިރާއިން ބޭރުވުމުން، ނުވަތަ އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނުމުން، އެއީ، ކޮންމެހެން، އިލްމީ ހަގީގަތެއްގެ މައްޗަށް ބުރަވެ ހުރެ، ބުނާ އެއްޗެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. މީގެ މާނައަކީ އޭނާގެ ދާއިރާގެ ކަންތަައްތައް އޭނާއަށް ނޭނގޭ ވާހަކައެއް ނޫނެވެ. ނަމަވެސް، އޭނާގެ ދާއިރާއިން ބޭރުވެ ހުރެ، ނުވަތަ އިލްމީ ހެއްކެއްގެ މައްޗަށް ބިނާނުކޮށް، ބުނާ އެއްޗެހި ގަބޫލުކޮށް، އޭގެ އަސަރުގައި ނުޖެހުމެވެ.

ދެން ތަސްވީރަށް ބަލާލަމާހެއްޔެވެ؟ އަޅުގަނޑު ހިތުން ތަސްވީރުން ފެންނަ ތިން ޝަޚްސިއްޔަތަކީ ވެސް އެންމެނަށްހެން އެނގޭނޭ ތިން ޝަޚްސިއްޔަތެކެވެ. ޚާއްސަކޮށް ކުޅިވަރަށް ޝައުގުވެރިވާ މީހުންނަށެވެ. ފޮޓޯގެ މެދުގައި އެ ހުރީ އިތުރު ތައާރުފަކަށް ބޭނުންނުޖެހޭ ޕެލޭއެވެ. މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައި ގިނަ ބައަކު ދެކޭ މިހާއެވެ. ކަނާތްފަރާތުގައި ފަރަންސޭސި ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ކުރި މިޝޭލް ޕްލެޓީނީއެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޔޫރަޕުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހާސިލުކުރި ކުޅުންތެރިޔާއެވެ. ދެން، ކަނާތްފަރާތުގައި އެ ހުރީ ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދި ބޮޑު އެންމެން ދަންނަ މެރަޑޯނާއެވެ. މިހާތަނަށް ދުނިޔެ ދުށް، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމާ ޕެލޭއާ ވާދަކުރާ ކުޅުންތެރިޔާއެވެ. ބައެއް މީހުން، ޕެލޭގެ ބަދަލުގައި، އެ މަގާމު އެ މީހަކަށް ދޭ މެރަޑޯނާއެވެ.
މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ޑްރަގްސް އާއި ކޮރަޕްޝަނާ ދެކޮޅަށް 1986ގައި ކުޅުނު މެޗެއް ފެށުމުގެ ކުރިން ނަގައިފައިވާ މި ފޮޓޯގައި ޕްލެޓީނީއާއި މެރަޑޯނާގެ ޖާޒީގައި ލިޔެވިފައިވާ ލިޔުންކޮޅުގެ މައްޗަށެވެ. ޕްލެޓިނީގެ ޖާޒީގައި ލިޔެފައި އޮތް ކަމަށް ބުނަނީ "ފަސާދައަށް ނޫނެކޭއެވެ!" މެރަޑޯނާގެ ޖާޒީގައި ލިޔެފައި އޮތީ "ޑުރަގްސްއަށް، ހިކިމަސްތުވާ ތަކެއްޗަށް، ނޫނެކެވެ."
ޕްލެޓީނީ އާއި މެރަޑޯނާއާއި ދެމީހުންގެ ޖާޒީގައި ލިޔެވިފައިވާ ލިޔުން ކޮޅަކީ، ފަހުން، މި ދެ މީހުންނަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން، ހަޖޫކިޔުމުގެ ގޮތުން، ފަހުން އިތުރު ކުރެވިފައިވާ ލިޔުން ކޮޅެކޭ ވެސް ބުނެއެވެ. ޕްލެޓިނީ ފަސާދައިގެ އަމަލުތަކުގައި ބައިވެރިވުމުގެ ކުށުގައި ފީފާގެ އިސް މަގާމަކުން ވަކިކުރެވި، އެއްވެސް އެފަދަ ދައުރެއް، 2023 ނިޔަލަށް އޭނައަށް އަދާނުކުރެވޭ ގޮތް ހެދުނެވެ. ހަމަ އެހެންމެ، ފަހުން މެރަޑޯނާ އެއްބަސްވެ އިއުތިރާފުވީ އޭނާއަކީ ކުރިއްސުރެ ވެސް، ޑުރަގްސް ބޭނުންކުރި މީހެއް ކަމުގައެވެ. މަތީގައިވާ އޭނާގެ ފޮޓޯއަށް ބަދަލުގެނެވި "ޑުރަގްސްއަށް ނޫނެކޭ' ލިޔެފައި އޮތަސް، އޭނާ އިސްޕޭންގައި ފުޓުބޯޅަ ކުޅެން އުޅުނު ދުވަސްވަރު، ޑުރަގްސްއާ ދެކޮޅު އިޝްތިހާރުތައް އޭނާ ކުޅެ، އެ އިޝްތިހާރުތައް ޓީ.ވީން ވެސް ފޮނުވުނެވެ.
އެމީހުންގެ ޖާޒީގައި ކޮންމެ އެއްޗެއް ލިޔެފައި އޮތަސް ނޫނީ ނެތަސް، އަދި އެ މީހުންގެ އަމިއްލަ ދިރުއުޅުމުން، އެ ލިޔެފައި އޮތް އެއްޗަކާ ޚިލާފު ކަމެއް ފެނުނަސް، އެމީހުންގެ ދާއިރާގައި އެމީހުންނަކީ މަދުން ނޫނީ ދުނިޔެ ނުދެކޭ ފަދަ މޮޅެތި މީހުންނެވެ. އެހެންވެ، މިކަމާ ބެހޭ ގޮތުން، އާދެ، ފުޓުބޯޅަ ކުޅުމާ ބެހޭ ގޮތުން، އެމީހުން ބުނާ އެއްޗިއްސަކީ ބުރަދަން ހުންނާނެ އެއްޗިއްސެވެ. މީގެ އިތުރުން، މިކަމުން، ފުޓުބޯޅައިގެ ދާއިރާއިން، އެމީހުންގެ ކިބައިން ފިލާވަޅު ވެސް ހޯދައި ލިބިގަނެވިދާނެއެވެ. މީގެ މާނައަކީ އެމީހުން ބުނާ ކޮންމެ އެއްޗެއް، ނުވަތަ ކުރާ ކޮންމެ ކަމެއް، ރަނގަޅު ވުމެއް ނޫނެވެ. ފުޓުބޯޅަ މޮޅަށް ކުޅޭ މީހަކު، ފަސާދައަށް ނޫނެކޭ ބުނެފައި، ފަސާދައިގެ އަމަލުތަކުގައި ބައިވެރިވުމުން، ފަސާދައިގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކަކަށް ނުވެއެވެ. ހަމަ އެހެންމެ، ފުޓުބޯޅަ މޮޅަށް ކުޅޭ މީހަކު ޑުރަގްސްއަށް ނޫނެކޭ ބުނެފައި ޑުރަގްސްގެ ތެރެއަށް ވެއްޓި ގެނބިގެން ދިޔުމަކީ ޑުރަގްސް ބޭނުން ކުރުން ރަނގަޅުވުމެއް ނޫނެވެ.
މި ތަސްވީރު ދަސްކޮށްދޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އާދެ، ޕރ. ލެނޮކްސް އިޝާރަތް ކުރި ފަދައިން، މީހެއްގެ ހުނަރާއި އެކަމާ ނުބެހޭ އޭނާގެ ބުނުންތަކާއި އަމަލުތައް ވަކިކުރަން ދަންނަން ޖެހޭނޭ ކަމެވެ. އޭނާއަށް ލިބިފައި އޮތް ހުނަރަކީ، އޭނާގެ ޚާއްސަ މޮޅުކަމަކީ، އެކަމާ ނުބެހޭ އޭނާގެ ބުނުންތަކާއި އަމަލުތައް ކިރައި މިނެ ހަދާ މިންގަނޑަކަށް ވެގެން ނުވާނެއެވެ.
