Support Us

އިސްރާއީލާއި ހުޅަނގު އައްސޭރި ވަކިކުރާ ފާރު

އިސްރާއިލަކީ ނަސްލީ އިމްތިޔާޒުގެ ދައުލަތެއް: އެމެރިކާގެ ޔަހޫދީން

އެމެރިކާގައި އެންމެ ފަހުން ނެގުނު ފެންނަ ނުފެންނަ ވޯޓެއް ބުނާގޮތުގައި އެމެރިކާގެ ޔަހޫދީންގެ 25% މީހުން ދެކޭގޮތުގައި އިސްރާއީލަކީ "ނަސްލީ އިމްތިޔާޒުގެ ދައުލަތެކެވެ." މި ކަމުގެ ސަބަބުން ފަލަސްޠީނު– އިސްރާއީލު އަރާރުން އެމެރިކާގެ މުހިއްމު ޤަޟިއްޔާތަކުގެ ތެރޭގައި މިހާރަކު ނުހިމެނެއެވެ. އެހެނަސް އިސްރާއީލާ ޙަމާސް ޖަމާޢަތާ ދެމެދުގައި ހަތިޔާރުއެޅި ކުރިމަތިލުންތަކެއް ހިނގާއިރަށް އިސްރާއީލާ އެއްކޮޅަށް އެމެރިކާ ތެދުވެ އިސްރާއީލަށް ތާއީދުކޮށް ވާގިވެރިވެއެވެ. މި ތާއީދު އޮތަސް އިސްރާއީލާ ދެކޮޅަށް ކިޔޭ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.

މަތީގައި އެ ވަނީ ފަރަންސޭސިވިލާތުގެ އޮރިއޭން 21 އަށް ޔަހޫދީ ފިކުރާ ބެހޭ މަޖައްލާ (Jewish Currents) ގެ ޑިރެކްޓަރު ޕީޓަރ ބެނާރޓް ދެއްވި ބަސްދީގަތުމެއްގެ ޚުލާޞާއެވެ. އޭނާގެ މި ބަސްދީގަތުން އަމާޒުކުރައްވައިފައި ވަނީ އެމެރިކާ މީހުންނާއި އެމެރިކާގައި ދިރިއުޅޭ ޔަހޫދީ އާބާދީތައް އިސްރާއީލާމެދު ދެކޭގޮތަށް އަންނަމުންދާ ބަދަލުތަކަށެވެ.

ބެނާރޓް (ފޮޓޯ) ގެ ބަސްދީގަތުން ފެށިފައި ވަނީ އެމެރިކާގެ ރަސްމީ ޔަހޫދީ ލޮބީ (AIPAC) ން އެމެރިކާގެ ކޮންގްރެސްގެ މި އަހަރުގެ ނޮވެންބަރުގެ އިންތިޚާބަށް ހޭދަކޮށްފައިވާ ގޮތާ ބެހޭ އިޢުލާނުންނެވެ. މި އެހީ އެމެރިކާގެ ޖުމްހޫރީ ޕާޓީގެ 40 ސިޔާސީއަކަށް ލިބިވަޑައިގެންފައި ވެއެވެ. މި ބޭފުޅުންނަކީ ރައީސް ޓްރަމްޕަށް ތާއީދުކުރާ މީހުން 2021ގެ ޖަނަވަރީގައި ކެޕިޓަލް ޢިމާރާތަށް ވަދެގަންވަދެގަތުމަށް ތާއީދު ކުރައްވާ ޙައްދުފަހަނަޅައިފައިވާ ބޭފުޅުންތަކެކެވެ. މި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގައި އެންމެ ފަހުން ބޭއްވުނު އިންތިޚާބަކީ ޖޯ ބައިޑްން ވަގަށް ނަންގަވައިފައިވާ އިންތިޚާބެކެވެ. އޭނާއަށް މި އިންތިޚާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. މި ބޭފުޅުންނަށް މާލީ އެހީ އަރުވާފައިވާތީ އެމެރިކާގެ ބައެއް ޔަހޫދީންވެސް ކަންބޮޑުވުން ހާމަކޮށްފައި ވެއެވެ.

ކޮންގްރެސްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުޤައްރިރު ރިޗަރޑް ހޭސް މިކަމާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "ދީމުޤްރާޠީ ނިޒާމު ރޫޅައިލަން މަސައްކަތްކުރާ ބަޔަކަށް އައިޕެކުން އެހީވުމުން އެނގެނީ މި ލޮބީގެ އަޚްލާޤިއްޔަތު ބަގުރޫޓުވެފައިވާ ކަމެވެ." އެމެރިކާގައި ސާމިއްޔަތު ދިފާޢުކުރާ އެންމެ ބޮޑު ޖަމްޢިއްޔާގެ ރައީސް އާބޭ ފޮކްސްމަން ވިދާޅުވިއެވެ. "އައިޕެކުން މި ވަނީ ހިތާމަކުރާން ޖެހޭ ފަދަ ބޮޑު ކުށަކަށް އަރައިގެންފައެވެ."

އައިޕެކުން ދެ ޕާޓީއާއެކު ގުޅުން ބާއްވާ

ބެނާރޓް ވިދާޅުވާ ގޮތުގައި އެމެރިކާއަކީ ޅަފަތުގައި އޮތް ދީމުޤްރާޠިއްޔަތެކެވެ. ހިޖްރަކުރުމުގެ ޤާނޫނުގެ ސަބަބުން ޔޫރަޕްގެ ނަސްލުނޫން ނަސްލުތަކުން އެމެރިކާއަށް އައިސް ވަޒަންވެރިވުމަށް ދޮރު ހުޅުވުނަސް އަދިވެސް އެމެރިކާގައި އޮތީ މާޒީގެ އާދަކަދައާއި ޢުރްފެވެ. ދެހާސް އަށެއްގައި ބަރަކް އޮބާމާއާށް ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުނީ މިހެންވެގެންނެވެ. އެމެރިކާގެ ދޮން މީހުން ދެކޭގޮތުގައި ދީމުޤްރާޠިއްޔަތަކީ މިއީ ކަމުގައިވާނަމަ އެމީހުން މި ފަދަ ނިޒާމެއް ބޭނުމެއް ނޫނެވެ. ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ހޮވިވަޑައިގަތީ މިހެންވެގެންނެވެ.

ބެނާރޓް ވިދާޅުވާ ގޮތުގައި ތާރީޚި ގޮތުން ބަލާއިރު އައޕެކަކީ އިސްރާއީލަށް ބޭނުންވާ ތާއީދު ހޯދުމަށް ޓަކައި ދެ ޕާޓީއާ އެކުގައި ގުޅުން ދަމަހައްޓަމުންދާ ޖަމްޢިއްޔާއެކެވެ. އެހެނަސް އެމެރިކާގެ ޖައްވަށް ބަލާއިރު ޖުމްހޫރީންނަކީ އިސްރާއީލުގެ ޙައްދުފަހަނަޅައިފައިވާ ކަނާތުފިޔައަށް ތާއީދު ކުރާ ބައެކެވެ. ޑިމޮކްރެޓުންނަކީ ހިފައިފައިވާ ބިންތަކުގައި ޔަހޫދީން ރަސްމީ ސިފައެއްގައި ވަޒަންވެރިކުރުވުމާ ދެކޮޅުހަދާ ބައެކެވެ.

ބެނާރޓް ވިދާޅުވާގޮތުގައި ބައިޑްންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމެރިކާގެ ބައެއް މީހުން އެއީ "އިންޤިލާބެއް" ކަމަށް ސިފަކުރިއެވެ. ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރާމީހުންގެ ރައުޔުގައި އެއީ ވަގަށްނެގި ކާމިޔާބެކެވެ. ދެހާސް ވިހީގެ އިންތިޚާބު ވަގަށް ނަގައިފާވާ މީހުންނަށް ތާއީދު ކުރުމުގައި އައިޕެކް ކުރިއަށް ދިޔައެވެ. ޓްރަމްޕަށް ތާއީދުކޮށް ގަޑުބަޑު ހިންގި މީހުންނާ އެކަހެރިވުމާ އައިޕެކް ދެކޮޅު ހަދަނީ މިހެންވެގެންނެވެ.

ބެނާރޓް ވިދާޅުވާ ގޮތުގައި އައިޕެކުން ދެ ޕާޓީއަށް ތާއީދު ކުރާ ވާހަކައަކީ މިހާރު އޮތް ވާހަކައެއް ނޫނެވެ. އައިޕެކުން މިހާރު ތާއީދު ކުރަނީ އިސްރާއީލަށް ތާއީދުކޮށް ވާގިވެރިވާ ޕާޓީއަކަށެވެ. އެއީ ދީމުޤްރާޠީ ނިޒާމާ އެއްކޮޅު ނުވަތަ އިދިކޮޅު ބައެއްކަމުގައި ވިޔަސް އައިޕެކަށް މަސްއަލައެއް ނެތެވެ.

ބެނާރޓް ވިދާޅުވާ ގޮތުގައި އެމެރިކާގެ ޔަހޫދީން މިހާރުވަނީ ތަޑިތަކަށް ދަގަތްފާނުވެފައެވެ. ކުރީ ޒަމާނުގައި ޔަހޫދީ އާބާދީންގެ ތެރޭގައި "މެދުމިން" ބަޔަކު ތިއްބެވެ. އޭގެތެރޭގައި "އިޞްލާޙީން" ނާއި މުޙާފިޒުން( ކޮންޒަރވޭޓިވުން) ތިއްބެވެ. އެމީހުންނަކީ ޔަހޫދީ ދީނީ ޤަވާޢިދުތަކަށް ތަބާވާ ބައެއް ނޫނެވެ.

އޭނާ ވިދާޅުވާ ގޮތުގައި ޔަހޫދީންގެ ތެރެއިން ދީނީނޫން މީހުންނަކީ ވާތު ފިޔައިގެ މީހުންނެވެ. އެމީހުން ދުވަހެއް ދުވަހަކަށް ދަނީ އިސްރާއީލާ ފޭވަމުންނެވެ. އެމީހުންގެ އެމެރިކާވަންތަކަމުގައި ދަނީ އާރުލަމުންނެވެ. އެމީހުންގެ ޒުވާނުން ބުނާގޮތުގައި އެމީހުންނަކީ އެމެރިކާގެ ޔަހޫދީންނެވެ.އެއީ ޔަހޫދީ އެމެރިކާނުންނެއް ނޫނެވެ.އެމީހުންގެ އެމެރިކާވަންތަކަން ޔަހޫދީވަންތަކަމަށްވުރެ ބޮޑުވެގެން ވެއެވެ. އެމީހުން ޔަހޫދީންކަމުގައި ވިޔަސް އެމީހުން އިސްރާއީލާ ދެކޮޅަށް ފާޑުކިޔައެވެ.

ފާސްކުރާ ނުކުތާ ހުރަސްކުރުން

ބެނާރޓް އޭނާގެ މަޖައްލާގެ ކިޔުންތެރީންނަށް ހާމަކުރެއްވި ގޮތުގައި ޔަހޫދީންގެ ތެރޭގައި ވާތުފިޔައިގެ ރެޑިކަލުންގެ ސަފަށް ގެނބި ގިރިފައިވާ ޔަހޫދީން އެބަ ތިއްބެވެ. އެމީހުން ކަޅުމީހުންނާއި ފަލަސްޠީނު މީހުންނާއި މުހާޖިރުންގެ މަސްއަލަތަކަށް އިސްކަންދެއެވެ. އެމީހުންގެ ތެރޭގައި ޖޭ- ސްޓްރީޓް ޙަރަކާތް ފާހަގަ ކުރެވެއެވެ. މި ޙަރަކާތް ޔަހޫދީ އަގުތަކަށްވުރެ އިސްކަންދެނީ ނަސްލީ އިމްތިޔާޒާއި އިސްތިޢުމާރާ އިދިކޮޅު ބައިނަލްއަޤްވާމީ އަގުތަކަށެވެ. ބެނާރޓް ހާމަކުރައްވާ ގޮތުގައި އެމެރިކާގެ ތެރެއިން އިސްރާއީލަށް ތާއީދުކުރާ މީހުން ހޯދުމަށް އައިޕެކުން ވުނަކުރުން ހުއްޓައެއް ނުލައެވެ. އެކަމަށް ވަރަށް ދީލަތިކޮށް ހޭދަވެސް ކުރެއެވެ. އެމަސައްކަތުގައި އެ ޖަމާޢަތުން ވަނީ ކާމިޔާބުތައް ޙާޞިލްކޮށްފައެވެ. އެހެނަސް އެމެރިކާއިން އިސްރާއީލަށް ޒިޔާރަތް ކުރެއްވި ކޮންގްރެސްގެ ކަޅު މެންބަރުންނަށް އިސްރާއީލުން ފެނިވަޑައިގެންފައި ވަނީ ސިއްސައިގެންދާ ފަދަ މަންޒަރުތަކެކެވެ. މީގެ ދެތިން އަހަރު ކުރިން އިސްރާއީލަށް ޒިޔާރަތްކުރެއްވި ކޮންގްރެސްގެ ކަޅު މެންބަރުކޮޅެއް ފަލަސްޠީނު މީހުން ބަލައި ފާސްކުރާ ނުކުތާ ކައިރިއަށް ގެންދެވުނެވެ. އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ޝޮކާ ވިދިގެން "އަހުރެމެން އެކުގައި ފާސްކުރާ ނުކުތާ ހުރަސްކުރާނަން" މިހެން ވިދާޅުވެ ލަވައެއް ހެއްދެވިއެވެ. މި ލަވަ ވަނީ އެމެރިކާގައި އިސްރާއީލާ ދެކޮޅަށް އިޙްތިޖާޖު ކުރުމަށް ބޭނުންކުރެވޭ މަޝްހޫރު ލަވައަކަށްވެފައެވެ.

ބެނާރޓް ލަފާކުރައްވާ ގޮތުގައި ކޮންގްރެސްގެ ނޮވެންބަރު އިންތިޚާބުގައި ޖުމްހޫރީންނަށް އަޣްލަބިއްޔަތު ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެމެރިކާއަށް ބަލާއިރު ދީނީ މީހުންނަށް ކުރިމަގެއް ނެތެވެ. އެއީ އެމެރިކާގެ ޔަހޫދީންގެ މަޞްލަޙަތު ނިޔާކުރާ ކަމެއްނޫނެވެ.

ޔަހޫދީ މަޖައްލާގެ ޑިރެކްޓަރު ނިންމައިލައްވަމުން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ މީޑިޔާ ވެސް މިހާރު ދަނީ ބަދަލުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެންބީސީއާއި ނިވްޔޯރކް ޓައިމްސްއާއި ވޮޝިންގްޓަން ޕޯސްޓާއި ސްލޭޓް ފަދަ މަޝްހޫރު މީޑިޔާތަކުގައި ފަލަސްޠީނުގެ މަސްއަލަ ދެ ފަރާތް ހަމަހަމަ ގޮތަކަށް ތަވާޒުނުކޮށް ގެނެސްދޭން މިހާރު ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިސްރާއީލަކީ ދައުލަތެއް ނޫން ޓެރެރިސްޓް ޖަމާއަތެއް ބަޔެއްގެ ބިން ފޭރިގަނެގެން އުޅޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *