މި މުޖްތަމަޢުގައި އަންހެނުން ފިރިމީހާ ގެއަށް ދިޔުމަށްފަހު އުޅެން ނޭނގޭ އަންހެނެއްގެ ލަގަބު ލިބުމަކީ ޢާއްމު ކަމެކެވެ. ހަމައެކަނި އުޅެން ނޭނގުން މި ޖުމްލައާ ހެދި އެތައް އަންހެނެއްގެ ދިރިއުޅުން ރޫޅިފައިވެސް ވެއެވެ.
ފުރަތަމަ ގެއަށް އަންހެނަކު ވަންނަ ދުވަހުން ފެށިގެން މައިދައިތަޔާއި ބަފައިބެއާއި ގޭތެރޭގެ ދެން ދިރިއުޅޭ އެންމެންގެ މީޒާނަށް އަންހެނާ ލެވެއެވެ. އެންމެންނާ ވާހަކަ ދައްކައި ގޭތެރޭގެ މަސައްކަތްތައް ކުރުމުގައިވެސް ފެތެންޖެހެނީ އެ އާއިލާގެ މިންގަނޑަށެވެ. ހަރަދުބަރަދު ކުރުމުގައި ވެސް އެ އަންހެނާގެ ހަރަދުތައް އެއީ ގޭތެރޭގެ ޕްރައިސްޓެގް އެޅުވޭ ހަރަދުތަކަކަށްވެއެވެ.
ބަލިވެ އުޅޭނަމަ ފިނޑި އަންހެނެއް، ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރާނަމަ ފޮނި އަންހެނެއް، އާދަތައް ތަފާތުނަމަ ކަންތައް ބޮޑު އަންހެނެއް، އެމީހުންގެ އުުސޫލުތަކާ އެއްގޮތަށް ބަސް ނުބުނި ނަމަ މީހުންނާ ނުގުޅޭ އަންހެނެކޭ ބުނެވެއެވެ.
އެއްވެސް މީހަކު ގަބޫލުކުރަން ބޭނުންނުވަނީ ގެއަށް އަންނަ އަންހެނާއަކީ ތަފާތު ތަރުބިއްޔަތެއްގެ ތަފާތު މިޒާޖެއްގެ ވެރިއެއްކަމެވެ. ފެނަށް ދިރެން ވަގުތުނަގާނެ ކަމާއި ތިމަންނާމެންނަށް އޭނާ އެއީ އާއިލާގެ މެންބަރެއް ކަމަށް ނުހެދޭނަމަ އޭނާއަށްވެސް އެކަން ނުވާނެ ކަމެވެ. ބޮޑު ތަރުތީބުގެ ވާހަކަހެން ގެއަށް ގެންނަ އަންހެނާގެ އުނި ލިސްޓް ކިޔާ އެކަމަށް ޖަޖްކުރީމާ އަނެކާއަށްވެސް އެތަނެއްގައި ދިރިއުޅެން އުނދަގޫވާނެކަމެވެ. ފެންނަ އިރަށް ވާހަކަ ހުއްޓާލައި ފަސްދީ ދިޔުމުން މަލާމާތުގެ ހިނިގަނޑު ޖަހާލައި ވަށްބަހުންޖެހޭނަމަ އެ މާޙައުލަކުން ނަފްސާނީ ގޮތުން އަނެކާއަށް އަސަރުކުރާނެކަމެވެ.
އަދުވެސް މި މުޖްތަމައުގައި ގެއަށް ގެނެވޭ އަންހެނާ ފުރަތަމަވެސް ލަނީ ތިލަފަތަށެވެ. ފުރަތަމަ ދުވަހު ފަތިހު ހޭލާ ގަޑިން ފެށިގެން ކުދިން ލިބި ތޭރަ ސާދަ އަހަރުވާއިރުވެސް އެ އަންހެނާގެ އާދަތައް ގޭތެރޭގެ ދިރިއުޅޭ އެހެން މީހުންގެ ކައްޓާއިން ކިރާލާކަމީ ހަގީގަތެކެވެ. އެއް އަތްތެޅިއަސް އަޑެއް ނުކިޔާނޭ ބުނާ އުސޫލުން ތިމަންނާގެ ގެއަށް ގެނެވުނު އަންހެނާއަކީވެސް މި އާއިލާގެ މެންބަރަކަށް ނުހެދޭހާ ހިނދަކު އެތަ ނެއްގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ވެސް ދިރިއުޅެން އެ އަންހެނަކަށް އުނދަގުވާނެއެވެ.
ތިމަންނާގެ ހަސަނު އިން އައިސްތުގެ އާދަތަކުގެ ވާހަކަ ހޮޅުއަށީގައި ދައްކާ ޖޯލިފަތިން ވައިބަރ ގުރޫޕުތަކުން ގާތްތިމާގެ އެންމެންގެ ކައިރީ ބޮޑު ސޭލްގައި ވިއްކައި، ވާހަކަ ފޮތުގެ ވާހަކައެއްހެން ކިޔައި ދިނީމަ އެ އަންހެނާއަށް އެކަން ރަނަގަޅުކުރެވޭނެހެއްޔެވެ؟ ދިވެހި މުޖްތަމައުގައި ފިރިންނަށް އަނބިންގެ މިވާހަކަތައް އަޑުއިވޭނީ ޝަކުވާގެ ގޮތުގައެވެ.
ހައްލެއް ނެތް މި ބަހުޘްގައި ބުނެވެން އޮތީ ތަނަކުން މަލެއް ގެނެސް އެމާ އެތަނުގައި އާލާކުރަން، ރޯކުރަން، ކުރިފަޅުވަން އެނގެންޖެހެނީ އެ ގަނެގެން ގެނައި މީހާއަށްކަމެވެ. ރޮލާ ކެޔަސް ކައްކައިގެން މަސް ކެޔަސް މީޒާނަށް ލައިގެން އަންހެނާ ކިރާ އާއިލާއެއްގެ ތެރޭގައި ދުރުން އަންނަ އަންހެނަކަށް ދިރިއުޅުން އެއީ ނުވާނެކަމެކެވެ.



advertisment
One Response
ތިކަމާ މުޅިއަކުން އެއްބަހެއްނޫނެވެ. ތިވެސް ވާގޮތެކެވެ. ހަތަރު ފަސް އަހަރުވާއިރުވެސް ތިޔަބުނާ ފެނަށް ފެނަށް ދިރޭތަން ނާންނަނަމަ މާނައަކީ ކޮބައިބާވައެވެ. ދުވާލުދާ ހަތަރުދަމު ދެފައިދަމާ ނިދާފައި، ނުވިތާކަށް "ހޮރުން" ނުނުކުމެ އަބަދު ހޮރުގައި އުޅެއުޅެފައި ކާގަޑިޖެހުނީމާ ނުކުމެ އެހެންމީހުން ކެއްކީމަ ކާލައިގެން ނޫނީ ކޮންމެވެސް ރެސްޓޯރަންޓަކުން ގެނެސްގެން ކައިގެން ނުވަތަ ކާންވީމާ ބޭރަށްގޮސްކައިގެން އައިސް އަނެއްކާވެސް ހޮރަށްވަދެ އޮންނަންޏާ ދެންކިޔަންވީ އަދިވެސް ފެނަށް ނުދިރެނީ ހެއްޔޭ ހެއްޔެވެ؟ ނޫނީ ދޭނެ ނަމެއް ލިޔުންތެރިޔާ ބުނެބަލަހަރެވެ.