Support Us

ކޮލަމް ކޯދު: އިމާމު ހަސަން އަލްބަސްރީ އަށް ނިސްބަތް ކުރެވޭ ވާހަކަ ކޮޅެއް

އިމާމު ހަސަން އަލްބަސްރީއަކީ ހިޖުރީ ގޮތުން ފުރަތަމަ ގަރުނުގައި އުޅުއްވި ޒުހުދުވެރި ދީނީ އިލްމުވެރި އިމާމުވެރި ވާއިޒެކެވެ. އޭނާ ގުނާލެވެނީ އިސްލާމީ މުޖައްދިދުންގެ ތެރޭގައެވެ. ދީން ދިރުއްވި އިމާމުންގެ ތެރޭގައެވެ. ތިރީގައި އެވަނީ އޭނާއަށް ނިސްބަތް ކުރެވޭ ބަސްކޮޅެކެވެ.

  1. ދުނިޔަވީ ހަޔާތް އެކުލެވިގެން ވަނީ ތިން ދުވަހުގެ މައްޗަށެވެ. ފުރަތަމަ ދުވަހަކީ އިއްޔެވެ. އެމީހަކު ކުރި ކަމަކައިގެން އިއްޔެ ފާއިތުވެ ހިނގައްޖެއެވެ. ތިން ދުވަހުގެ ތެރެއިން މާދަމާއަކީ އެ ދުވަހާ ހަމައަށް ވާސިލުވެވޭނޭ ކަމުގެ ޔަގީންކަން އޮތް ދުވަހެއް ނޫނެވެ. ދެން އޮތީ މިއަދެވެ. އިންސާނާއަށް ހަމައެކަނި ލިބިފައި އޮތް ދުވަހެވެ. އެހެންވެ، ކޮންމެ މީހަކު ވެސް ކުރަން ބޭނުން ކަމެއް މިއަދު ކޮށް ނިންމޭތޯ މަސައްކަތްކުރާށެވެ.
  2. މުޅި ދުނިޔެ އަހަންނަށް ލިބި، ދެން، މާތްﷲގެ މަގުގައި އެ ދުނިޔެ އެއްކޮށް ސަދަގާތަށް ދިނުމަށް ވުރެ ވެސް، އިލްމީ އެންމެ މައުޟޫއެއް ވެސް ރަނގަޅަށް އުނގެނި، އެހެން މުސްލިމަކަށް އެ މައުޟޫއު އުނގަންނައިދިނުން، އަހަރެން ކައިރީގައި މޮޅު އިތުރުވެފައި ލޮބުވެތިކަން ބޮޑުވެގެން ވެއެވެ.
  3. މުއުމިނާއަށް ލިބިދާނެ އެންމެ މަތިވެރި ރިވެތި އަޚުލާގީ ސިފައަކީ މާފުކުރުމުގެ ސިފައެވެ.
  4. ގިޔާމަތް ދުވަހުން، އެންމެ ހެޔޮ ގޮތުގައި އޭނާގެ ހިސާބު ބެއްލެވޭނޭ މީހަކީ، މާތްﷲ އަށްޓަކައި، މި ދުނިޔޭގައި އޭނާ އަމިއްލައަށް އޭނާގެ ހިސާބު ބަލައި (އިސްލާހުވެ، ހެޔޮ ގޮތުގައި ހިފަހައްޓައިގެން އުޅޭ) މީހާއެވެ.
  5. ބުއްދިވެރި ވިސްނުންތެރިޔާގެ ދޫ އޮންނަނީ އޭނާގެ ހިތުގެ ފުރަގަހުގައެވެ. އޭނާ އެއްޗެއް ބުނަން ބޭނުންވެއްޖެ ނަމަ، އެންމެ ފުރަތަމަ އޭނަ ވިސްނައެވެ. އޭނާ ބުނަން ބޭނުންވާ އެއްޗަކީ އޭނާގެ ހެޔޮ ކަމުގެ މީޒާނުގައި ބުރަދަން ހުރި އެއްޗަކަށް ވާނަމަ، އޭނާ އެ ވާހަކައެއް ބުނެއެވެ. ނަމަވެސް، އޭނާ ބުނަން އުޅޭ އެއްޗަކީ އޭނާގެ ހެޔޮކަމުގެ މީޒާން އުނި ކުރާނޭ އެއްޗެއް ނަމަ، އެ ވާހަކައެއް އޭނާ ނުބުނެއެވެ.

ޖާހިލު، މޮޔަ މީހާގެ ހިތް އޮންނަނީ އޭނާގެ ދުލުގެ ފުރަގަހުގައެވެ. އޭނާ އެއްޗެއް ބުނަން ހިތަށް އެރުމުން އެ އެއްޗެއް ބުނެއެވެ. އޭނާ ބުނާ އެއްޗަކީ އޭނާގެ ހެޔޮ ކަމުގެ މީޒާން ބަރުކޮށްދޭ އެއްޗަކަށް ނޫނީ ލުއިކޮށް އުނިކޮށްދޭ އެއްޗަކަށް ވިޔަސް ވެހެވެ.

  1. އާޚިރަތަށްޓަކައި މި ދުނިޔެ ވިއްކާލާށެވެ. އޭރުން ކަލެއަށް ދެ ދެދުނިޔެ ވެސް ލިބޭނެއެވެ. ނަމަވެސް، މި ދުނިޔެއަށްޓަކައި ކަލޭގެ އާޚިރަތް ވިއްކާލައިފި ނަމަ، ދެ ދުނިޔެވެސް ކަލެއަށް ގެއްލުނީއެވެ.
  2. ގިނަގިނައިން އަޅުކަން ކުރެވޭތީ އެކަމާ ބޮޑާވެގަނެ ފަޚުރުވެރި ނުވާށެވެ. އިބިލީސް އެތައް ދުވަހު އަޅުކަން ކުރުމަށް ފަހު، ބޮޑާވެ، ފަޚުރުވެރި ވުމުން، އޭނައަށް ވީ ގޮތުގެ މަތިން ހަނދާން ކުރާށެވެ!
  3. ދުނިޔޭގެ ހަގީގަތް- [އެއީ ދާއިމީ ސިފައެއް ލިބިގެން ނުވާ ތަނެއްކަން]- މަރު އައިސް ފާޅުކޮށް ހާމަކޮށްދެއެވެ. އެހެންވެ، ދުނިޔެ ލިބުމުން، އެކަމާ މެދު މާ ބޮޑަަށް އުފާފާޅުކޮށް އިހުތިފާލު ކުރުމުގެ މާނައެއް ބުއްދިވެރިއަކަށް ނުވިސްނެއެވެ.
  4. އޭ ޒުވާނާއެވެ! އާޚިރަތް ލިބޭތޯ މަސައްކަތް ކުރާށެވެ! އެހެނީ އާޚިރަތް ހޯދަން އުޅޭ މީހުންނަށް ދުނިޔެ ވެސް ލިބޭތަން ފެނެއެވެ. ނަމަވެސް، ހަމައެކަނި ދުނިޔެ ހޯދަން އުޅޭ މީހުންނަށް އާޚިރަތް ލިބޭ ތަނެއް ނުފެނެއެވެ.
  5. ހަސަން އަލްބަސަރީއާ ސުވާލު ކުރެވުނެވެ. "އާޚިރަތް ދުވަހުން [ގަދަ އަޒާބުގެ ވޭނުގައި] އެންމެ ބާރަށް ރޮއި ހަޅޭލަވާނީ ކާކުތޯއެވެ؟ ދެން، ހަސަން އަލްބަސަރީ ވިދާޅުވިއެވެ. "އެއީ މާތް ﷲ އޭނާއަށް މަތިވެރި މަގާމެއް ލިބޭ ގޮތް މެދުވެރި ކުރެއްވުމުން، މީސްތަކުންނަށް އަނިޔާކުރުމަށްޓަކައި އެ މަގާމުގެ ބޭނުންކުރި މީހާއެވެ."

(ތަރުޖަމާއެއް)