Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ބޭސްފަރުވާ ކުރުމުގެ ވިޔަފާރި

މިވެސް ބޭސް ފަރުވާކުރެވޭ ގޮތެއް ކަމަށް މީހުން ބުނެއުޅެއެވެ. ބޭސްފަރުވާ ކުރުމުގެ މައިގަނޑު މަގުސަދަކީ، އެކަމާ ބެހެން ނަން އިޝާރާތްކުރާ ފަދައިން، ބޭސްކޮށްގެން ބަލިމީހާގެ ބައްޔަށް ފަރުވާ ހޯދުމެއް ނޫނެވެ. އެއީ ސާނަވީ ކަމެކެވެ. އެކަމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިކުރުމެވެ. ބަލިމީހާ- ތަސްވީރުގައި ބުނާ މަރީޟު- ބޭނުންކޮށްގެން، އޭނާގެ ކިބައިން ލިބެން އޮންނަ އެންމެ ބޮޑު މާއްދީ ފައިދާއެއް ހޯދައިގެންނެވެ. މި ވިޔަފާރީގެ މަޝްރޫއުގައި ބަލި މީހާ ވަނީ އެ ވިޔަފާރިކުރާ މީހުންގެ 'ފޮށައެއް ފަދަ' ރައުސްމާލަށެވެ! އެ ފޮށާ ފެލުމުން އެއިން ނިކުންނަނީ ފައިސާގެ ދިޔައެވެ!

މި ވާހަކައިގައި ކޮންމެ ވެސް ވަރެއްގެ ތެދެއް އެކުލެވޭކަން ވެސް، ކަމާ ބެހޭ މިނިސްޓަރު ވެސް ވިދާޅުވެއްޖެއެވެ. އޭނާގެ ބަސްފުޅަކީ 'އެކަމުގައި ވައްކަން ހިމެނޭ ވާހަކައެވެ!' އެ ބަސްފުޅުން، ބޭސްފިހާރަތަކާއި ހޮސްޕިޓާތައް މި ވިޔަފާރީގެ މަޝްރޫއުގައި- އާދެ، ބޭސްފަރުވާ ދިނުމުގެ ވިޔަފާރީގެ މަޝްރޫއުގައި- ބައިވެރިވެއެވެ! އާދެ، ފަސާދައިގެ ވަބާ ފެތުރިފައިވާއިރު، މި ދާއިރާގެ ހަށިގަނޑުގެ ތެރެއަށް ވެސް އޭގެ ފަނި ވަނުމަކީ އަޖައިބުކުރުވަނި ކަމަކަށް ވާނެހެނެެއް ހިޔެއް ނުވެއެވެ. މިނިސްޓަރުގެ ބަސްފުޅުން އެކަމުގެ ހައްލު ވެސް އެ އޮތީ ހޯދިފައެވެ. ކަންކަމުގެ ހައްލު އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ ކަމެއް އޮތްކަން ބުނެ ފާހަގަކުރުމެވެ. ނޫނީ ކަމެއް ކުރަންޖެހޭ ވާހަކަ ބުނުމެވެ. އަނެެއް ގޮތަކީ މައްސަލަ މާޒީއާ ގުޅުވާލުމެވެ. އެއީ މާޒީގައި ވެސް އެކަން އޮތް ގޮތޭ، ކުރީގެ ކަމެކޭ ބުނުމެވެ!

ކޮންމެ އަކަސް، މިއީ ހިނގާ ކަމެއް ނަމަ ތަސްވީރު އެ ކަމަށް އެބަ އިޝާރަތްކޮށް އެކަމުގެ ވާހަކައެއް އެބަ ކިޔައިދޭހެން ހީވެއެވެ. ތަސްވީރު ބުނާ ހަމައެކަނި ވާހަކައަކީ ބަލި ފޮށާ ފެލައިގެން ފައިސާގެ ދިޔަތަކެއް ނިކުންނަ ކަމެވެ! މިކަމުގެ ތަފްސީލު، މިކަން ހިނގަނީ ކިހިނެއްކަން، ލިޔެ ކިޔައިދިނުން، ކިޔުންތެރިންގެ މައުލޫމާތާއި ޚިޔާލަށް ދޫކޮށްލަމެވެ!