Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައި އެވަނީ އެމެރިކާގެ ކުރެހުންތެރިއެއް އަދި ނައްހާތެއް، ބިންވަޅުނަގައި ކުރަހާ މީހެއް، ކަމުގައިވާ ކެތުލިން ކޮނޯލީގެ ކުރެހުމެކެވެ. 'އަހަރުމެން އެންމެންނަކީ ވެސް އާދަމުގެފާނާއި ހައްވާގެފާނުގެ ދަރީންނެވެ' މި މައިގަނޑު ނަމުގެ ދަށުގައި އޭނާ ކުރަހާފައިވާ ކުރެހުމެކެވެ.

މި ކުރެހުން ބުނެދޭ ވާހަކައަކީ ކޮބާ ހެއްޔެވެ؟ ކުރެހުންތެރިޔާއަކީ ދީނީ އަގީދާއެއްގެ ވެރި މީހަކަށް ވުމުން، އޭނާ ގަބޫލުކުރާ އަގީދާގެ މައްޗަށްބުރަވެ ހުރެ އޭނާ ބުނަނީ، ހުރިހާ އިންސާނުންގެ އަސްލަކީ އެކައްޗެއް ކަމެވެ. އެހެން ކަމަށްވާ އިރު، ކުރެހުން ދައްކުވައިދޭ ފަދައިން، މީހާގެ ކުލައާއި ބޭރުގެ ސިފައަށް ބަލައި އެކަކު އަނެކަކުގެ މައްޗަށް ފަޚުރުވެރިވެ، ބޮޑާވެގަތުމުގެ އެއްވެސް ސަބަބެއް ނެތެވެ.

މި ހަގީގަތް ކީރިތި ގުރުއާނުގެ ހުޖުރާތު ސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ. އިންސާނުން އުފެދިގެން ދިޔައީ އެއް އަސްލަކުން ކަމަށާއި އެމީހުންގެ މޮޅު ދެރަ ކަނޑައަޅާލެވެނީ އެމީހުންގެ ކިބައިގައި ހުންނަ މާތް އަޚުލާގީ ސިފަތަކުގެ މައްޗަށް ކަމަށާއި އަދި އެކަން ކަނޑައަޅާލުމުގެ ހައްގު ލިބިވޮޑިގެންވަނީ ހަމަ އެކަނި މާތްރަސްކަލާނގެ އަށް ކަމަށް ބަޔާން ކުރެވިފައި ވެއެވެ. އާދެ، މި އާޔަތުގެ މާނަ، މި ތަސްވީރުން ތަޖުސީދުވެގެން، އެއަށް ހަށިގަނޑެއް ލިބިގެން ދެއެވެ.