ބަލިވުމުން އަތުން ދޫކޮށްލައި ބިކަކޮށްލާފައި ދާ އަނބިންނާއި ފިރިން މި މުޖްތަމަޢުގައިވެސް ވަރަށް ގިނައެވެ. ނަމަވެސް ބަލިޙާލަތު ޖެހުމުން އަނބިމީހާ ނުވަތަ ފިރިމީހާ ހަޔާތުގައި ބަހައްޓައިގެން ކޮންމެ ދުވަހަކު އޭނާގެ ވިހަ ބަސްތަކާއި އަމަލުތަކުން ދިރިހުއްޓައި މަރާލައެވެ.
މީ ތިމަންނައަށް ޖެހިފައި ހުރި މުސީބާތެކޭ ލިބޭހާ ލާރި ހަރަދުކުރަން މިޖެހެނީ ހަމައެކަނި ތިކަމަށޭ ބުނެފާނެއެވެ.
"އަބަދު ބައްޔޭ ކިޔައިގެން ކަމެއް ކުރެވޭ ކަމަކަށް ނުހަދައޭ މިވަރުން އުޅޭނީ ކިހިނެއްހެއްޔޭ؟"ފަދަ ވިހަގަދަ ޖުމްލަތަކުން ހިތްކުދިކުދިކޮށް ލަފާނެއެވެ.
"މިނޫން ދުވަހެއް ނުފެނެޔޭ ގެއަށް ވަންނަ ހިތްވެސް ނުވެޔޭ ވަންނަ އިރަށް ތަސްބީޙައެއްހެން ބައްޔޭ ބައްޔޭ ނޫނީ ނުކިޔައެވެ."
ކިތަންމެ ބަލިވެ އޮތަސް އަޅާވެސް ނުލައި އަހާވެސް ނުލައި ހިނގައިދާނެއެވެ.
ތިމާގެ އަނބިމީހާ ނުވަތަ ފިރމީހާގެ ޙާލަތު އެނގި ހުރެމެ ވިހަބަސްތަކާއި ހިތްދަތި އަމަލުތަކުން ގަތުލުކުރާއިރު އެއީ ތިމަންނައަށްވެސް ﷲ މިންވަރުކުރެއްވި އިމްތިޙާނެއްކަން ހަނދުމައެއްނެތެވެ. ޒުވާން އުމުރު ތިމާގެ ހަޔާތަށް ގެންނައިރު ހުންނަ ޖިސްމާނީ ދުޅަހެޔޮކަން އަނބިންނަށް ދަރިން ލިބުމުން އުނިވާކަން ފިރިން ގަބޫލުކުރަން ބޭނުން ނުވެއެވެ. ތިމަންނަގެ ފިރިމީހާއަކީ ވެސް އިންސާނެއް ކަމާއި ބަލިޙާލަތެއް ޖެހިދާނެކަން އަނބިންވެސް ބަލައެއްނުގަނެއެވެ.
އަތުންދޫކޮށްލާފައި އުމުރު ދުވަހު ވަކިކޮށްލުުމުން ކޮންމެ ވެސް ގޮތަކަށް ދިރިއުޅޭނެއެވެ. އެކަމަކު ހަޔާތުގައި ބަހައްޓައިގެން ދަރިން ކުރިމަތީ ކޮންމެ ދުވަހަކު ވިހަ ބަސްތަކުން މަރާލީމާ ޒަހަމްވާނީ ޖިސްމާއި ނަފްސެވެ.
ބަލިޙާލަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލަ އންސާނާއަށް ކުރިމަތިކުރުވާ ޢިމްތިޙާނެއްކަން އެމީހުންނަށް އެނގޭ ކަމަކަށް ނުހަދައެވެ. ބަލިވުމުން އޮތީ އެކަމުން މިންޖުވާން މަސައްކަތް ކުރުމާއި ﷲއަށް ދެންވުންކަންވެސް އެނގެއެވެ.
ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ބަލިވުން އެ ޒިންމާއަކީ ތިމަންނާއަށް ކުރިމަތި ކުރެއްވި އިމްތިޙާނެއްކަން ދަންނަ މީހާ ފޫހިވެ އަތްފޮޅާލާ ބަލިވުމުން ބިކައެއް ނުކުރާނެކަން ޔަގީނެވެ.
ހަޔާތުގައި ހުރެގެން ބާކީކޮށްލައި، އަޅާނުލައި ހިތްދަތި ބަސްތަކުން ޒަހަމްކުރުވައި ފުސްމޫނު ދެއްކުމަށްވުރެ ވަކިން ބޮޑު ބަލިމަޑުކަމެއް އިންސާނަކަށް ތަޙައްމަލުކުރަން ޖެހޭނެހެއްޔެވެ؟ ޑޮކްޓަރީ ބޭހުން ތަދު ކެނޑަސް ހިތުގެ ތަދު ދުވަހަކުވެސް ނުފިލާނެއެވެ. ވިހަގަދަ ބަސްތަކާއި ފަރުވާކުޑަކޮށް ދައްކާ ޢަމަލު ތޫނު ކަނޑިޔަކުން މެޔަށް ޙެރުމުން ލިބޭ ޒަހަމަށްވުރެ ބޮޑުވާނެއެވެ.



advertisment