...

Support Us

ކޮލަމް ކޯދު: ތާރީޚުން ފިލާވަޅެއް- ރާއްޖެއިން ބުދު ދީން ނެތި ދިޔުމާއި އެކަމުން ލިބެން އޮތް އިބުރަތް

މިއަދު، ބަލާލަން ގަސްދުކުރަނީ، އަޅުގަނޑުމެންގެ އެވޭލާ ތާރީޚުގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއްގެ މައްޗަށެވެ. އެ ހާދިސާގެ މައްޗަށް ބަލައިލައި އެ ހާދިސާއިން ލިބެން އޮތް ފިލާވަޅެއް ފާހަގަކޮށްލުމުގެ ގޮތުންނެވެ. މިއަދު އެ ހާދިސާއެއްގެ މައްޗަށް ބަލައިލަން ގަސްދުކުރާ ހާދިސާއަކީ ރާއްޖެ އިސްލާންވި ހާދިސާއެވެ. އެ ހާދިސާއާ ގުޅިފައި އޮންނަ ރަންނަމާރީގެ ވާހަކައިގެ މައްޗަށެވެ. އަދި އެކަމުން ލިބިގަނެވިދާނޭ އިބުރަތެއްގެ މައްޗަށެވެ.

ރަންނަމާރީގެ ވާހަކައިގެ މައްޗަށް ބަލާލައި، ފާހަގަކޮށްލަން ބޭނުންވަނީ ރަންނަމާރީގެ ހަގީގަތުގެ މައްޗަކަށް ނޫނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ކަނޑުން އެރި ފުރޭތައެއްތޯ ނޫނީ އެއީ ބޮޑުންގެ ބައިގަޑެއް ހިންގި ކަމެއްތޯގެ މައްޗަކަށް ނޫނެވެ. މިއީ އެކަމާ މެދު، ޚިޔާލު ތަފާތުވެފައި އޮންނަ މައްސަލައެކެވެ.

ނަމަވެސް، ރަންނަމާރީގެ ވާހަކަދައްކާއިރު، އެ ހާދިސާއާ ގުޅިފައި އޮންނަ، ޚިޔާލު ތަފާތުނުވާ ވާހަކަތަކެއް ވެސް އޮވެއެވެ. ރަންނަމާރި، އެއީ ކަނޑު ފުރޭތައެއް ކަމުގައި ވިޔަސް، ނޫނީ އެއީ ބޮޑުންގެ ބަޔަކު ހިންގި އަމަލަކާ ގުޅޭ ކަމަކަށް ވިޔަސް، އެންމެން އެއްބަސްވާ ކަމަކީ ބިކުރުވެރި އަންހެން ކުއްޖެއްގެ އިއްފަތް ފޭރިގަންނަކަމެވެ. އަދި އެއަށް ފަހު، އެކުއްޖާ މަރާލެވޭ ކަމެވެ. މީގެ އިތުރުން، މި ކަމެއް ކުރެވެނީ ބުދު ފައްޅިއެއްގައި ކަމަށް ވެސް އެންމެން ވެސް އެއްބަސްވެއެވެ. މިކަމަކަށް ޚާއްސަކުރެވޭ ބުދުފައްޅިއެއްގައި ކަމެވެ.

މިކަމުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލާއިރު ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތެވެ. ދީނުގެ އެންމެ މުގައްދަސު ތަނުގައި، އާދެ، އަޅުކަމަށް ޚާއްސަކުރެވޭ ގޭގައި، އަންހެން ކުއްޖެއްގެ އިއްފަތް ނަގާލައި، އެކުއްޖާ މަރާލާއިރު، ދީނުގެ ބޮޑުންނަށް މިފަދަ ކަމެއް ނުހުއްޓުވުނު ކަމެވެ. އަދި އެކަން ހުއްޓުވަން މަސައްކަތެއް ކުރެވިފައި ވެސް އޮތްކަން އެނގޭން ނެތް ކަމެވެ. އަނެއްކާ، ދީނުގެ މީހުންގެ ބައިވެރިވުން، މިކަމުގައި، އޮތީ ބާވައޭ ވެސް ހިތަށް އެރުން މެދުވެރިކުރުވާ ކަމެކެވެ. ދީނުގެ މީހުން މިކަމުގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސް، އެނގި ޔަގީންވާ ކަމަކީ ދީނުގެ މީހުންގެ ކިބައިގައި 'ރަންނަމާރި' ހުއްޓުވޭނޭ ފަދަ ބާރެއް ނެތްކަމެވެ. އަދި، މިފަދަ މުޑުދާރު އަމަލެއް ހިންގުމަށް އެމީހުންނަށް، އެމީހުންގެ ފައްޅިވެސް ދޭން ޖެހުނު ކަމެވެ.

މިފަދަ ގޮތެއްގައި ކަންތައްވުން،- ބުދު ފައްޅީގައި، ބިކުރުވެރި، ކުޑަ އަންހެން ކުއްޖެއްގެ އިއްފަތް ފޭރިގަނެ، އެކުއްޖާ މަރާލައި ހަދާއިރު، ދީނީ ބޮޑުންގެ ކިބައިގައި އެ އަމަލު ހުއްޓުވުމުގެ އެކަށޭނަކަން ނެތި، ސީދާ ފައްޅީގައި އެކަން ކުރުން ވެސް ނުހުއްޓުވި އޮތް އޮތުން- އަންގައިދެނީ، އެ ދުވަސްވަރު ރާއްޖޭގައި ބުދު ދީނުގެ ރޫހާނިއްޔަތުގެ ތައުސީރު ދަށްވެފައިވާ މިންވަރެވެ. ދީނެއްގެ އެންމެ މުހިއްމު ވަޒީފާ ކަމުގައިވާ މީހުންގެ ރޫހާނިއްޔަތު ދިރުވައި ކުރިއެރުވުމުގެ ބާރުކަމުގައި ބެލެވޭ ދީނީ ބާރު ކުޑަވެފައި އޮތް ދަރަޖައެވެ.

އެހެންވެފައި އޮތުމުން، މިކަން އެހެން ކަމަކަށް ވެސް އިޝާރަތްކުރެއެވެ. އެ ދުވަސްވަރު، ބުދު ދީނުގެ ބޭނުންތެރިކަމާ މެދު، އާންމުންގެ ގިނަ ބަޔެއްގެ ހިތުގައި ސުއާލު އުފެދިފައި އޮވެދާނޭ ކަމެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް، ބުދު ދީނުގެ އަސްލު ތައުލީމާތުތަކުގައި މީހުންގެ ރޫހާނިއްޔަތު ކުރިއަރުވައި މާތް އަޚުލާގީ ސިފަތައް އުނގަންނައިދޭ އުނގަންނައިދިނުންތަކެއް ނެތް ވާހަކައެއް ނޫނެވެ. ނަމަވެސް، މިކަންކަން، އާންމުންނަށް، ފެނިގެންދާނީ ފޮތް ފޮތުގައި ލިޔެވިފައި ހުންނަ އެއްޗަކުން ނޫނެވެ. މީހުންގެ އަމަލުތަކުންނެވެ. ޚާއްސަ ގޮތެއްގައި، ދީން ތަމްސީލުކޮށް، ދީނުގެ ތައުލީމާތުތައް އެމީހުންގެ އަމަލަތަކުން ދައްކުވަައިދޭން ތިބޭ ކަމަށް ބުނާ ދީނުގެ ބޮޑުން ކަމުގައި ބެލެވޭ މީހުންގެ އަމަލުތަކުންނެވެ.

ބުދު ދީނުގެ ބޭނުންތެރިކަން، މިފަދަ ހާލަތަކަށް ގޮސްފައި އޮތުމުން، އެ ދުވަސްވަރު، މީސްތަކުން ތިބޭނީ ބުދު ދީނާ މެދު ހިތްހަމަނުޖެހިފައި ކަމަށް ބުނެވިދާނެއެވެ. އަދި، އެހެން ދީނެއް ހޯދައި، އެ ދީން ބަލައިގަތުމުގެ އިންތިޒާރުގައި ކަމަށް ވެސް ބުނެވިދާނެއެވެ. އެހެންވެ، އަބުލް ބަރަކާތުގެފާނު ނުވަތަ ތަބްރޭޒީގެފާނު، އިސްލާމް ދީނަށް ދައުވަތު ދިނުމުން، ރަސްގެފާނު އެކަން ގަބޫލުފުޅުކުރައްވައި އަދި އިސްލާމް ދީން ގަބޫލުކުރުމަށް މީސްތަކުންނަަށް ގޮވާލެއްވުމުން، ގިނަ ބަޔަކު އެކަން ގަބޫލުކުރީ ކަމުގައި ބެލެވިދާނެއެވެ.

މި މަގާމުގައި އަދި އެއް ވާހަކަ ނަންގަނެލަން ޖެހެއެވެ. 'ރަންނަމާރިގެ' އަމަލަކީ 'ގަނޑުވަރު ތެރޭގެ މަދު ބައަކު، އާދެ، ވެރިކަމާ ގުޅިފައިވި ބޮޑުންގެ މަދު ބައަކު، އަދި މީގެ އިތުރުން ފައްޅީގެ ވެސް ބައެއް މީހުން ބައިވެރިވެގެން، ހިންގި އަމަލެއް ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. މި އަމަލު ހިންގީ ގަނޑުވަރު ތެރޭ ބައެއް ކަމަށް ހީކޮށްލަމާ ހެއްޔެވެ؟ މިކަން ހިނގީ މިގޮތަށް ކަމުގައި ބެލި ނަމަވެސް، މިކަމުގައި ރަސްގެފާނު ބައިވެރިވެވަޑައިގަތުން ދުރުކަމަށް ލަފާކުރެވެއެވެ. ރަސްގެފާނު އެކަން ކުރައްވަން ބޭނުންފުޅު ނަމަ، ގަނޑުވަރު ތެރޭގައި ވެސް އެކަން ކުރެއްވިދާނެތާއެވެ. އެހެން ނަމަވެސް، ބޮޑުންގެ ބަޔަކު މިކަން ކުރިކަމަށް ވާނަމަ، އަދި، ރަސްގެފާނު އެކަމުގައި ބައިވެރިވެވަޑައިނުގެންނެވި ކަމުގައިވިޔަސް، ރަސްގެފާނަށް މިކަން ސިއްރުވެފައިި އޮތުމަކީ ވަރަށް ވެސް ދުރުކަމެވެ. އެހެން ކަމަށް ވިޔަސް، ބޮޑުންގެ ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމުން، ރަސްގެފާނަށް އެކަން ނުހުއްޓުވިފައި އޮވެދާނެއެވެ. އަދި، ބަރުބަރީގެފާނު ނުވަތަ ތަބްރޭޒީގެފާނުގެ ދައުވަތު ވާނީ މިކަން ހުއްޓުވަން ރަސްގެފާނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ. އެހެންވެ، އެ ދައުވަތު އަވަހަށް ގަބޫލުފުޅު ކުރައްވައި، މީސްތަކުންނަށް ވެސް އިސްލާމް ދީން ގަބޫލުކުރުމަށް އެންގެވީއެވެ. ކޮންމެއަކަސް މިކަން މިގޮތަށް ސާބިތުކުރުމަށް ބޭނުންވާ ހެކި ލިބުމަކީ ވަރަށް ވެސް ދަތިކަމެވެ. ބުނެވޭނެހާ ވެސް ވާހަކައަކީ މިކަން މި ގޮތަށް ހިނގައިދިޔުމުގެ އިހުތިމާލު އޮތް ކަމެވެ. ޔަގީން ކަމާއެކު ކަން ހިނގީ ސީދާ މިހެއްނޭ ބުނެވެން ނެތް ކަމެކެވެ.

ދެން އޮތީ ވަރަށް ވެސް މުހިއްމު ނުކުތާއެކެވެ. މިކަމުން ލިބެން އޮތް ފިލާވަޅެވެ. އެ ފިލާވަޅު ފާހަގަކޮށްލުމުގެ ގޮތުން އަދި އެއްފަހަރު، މި ނުކުތާ މަތިން ހަނދާންކޮށްލާށެވެ. މީސްތަކުން، ހަމަ ތިބެފައި އެމީހުންގެ ދީން ދޫކޮށްލާނޭހެނެއް ހިޔެއް ނުވެއެވެ. އެމީހުންގެ ދީން ދޫކޮށްލާނީ އެކަން ކުރުމަށް މެދުވަރިކުރުވާ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮވެގެންނެވެ. އެހެންވެ، ރާއްޖެއިން ބުދު ދީން ނެތިގެން ދިޔުމަށް ވެސް، ބުއްދި ގަބޫލުކުރާނޭ ސަބަބެއް އޮންނަން ޖެހެއެވެ. ދީނުގެ ބޮޑުންގެ އަމަލުތައް ހުރި ގޮތުން، ދީނުގެ ބޭނުންތެރިކަން އާންމުންގެ ކުރިމަތީ ނެތި ދިޔުން މިއީ ސަބަބެއް ކަމުގައި ވެދާނެއެވެ. ކޮންމެ ދީނަކާ މެދު ވެސް، މިފަދަ ގޮތެއްގައި އާންމުންނަށް ބެލެވިއްޖެ ނަމަ، އެމީހުންގެ ތެރެއިން އެ ދީނެއް ނެތި ދިޔުން އޮންނާނީ ކައިރިވެފައެވެ.

އަޅުގަނޑުމެންގެ މުސްލިމުންގެ އަދުގެ ހާލަތަށް ބަލާލާއިރު، މި މަންޒަރު، ކޮންމެ ވެސް ވަރަކަށް ނަމަވެސް، މުސްލިމު މުޖުތަމާތަކުން ފެނިގެން ދެއެވެ. ދީނުގެ ތައުލީމާތުތަކަކީ ހަމައެކަނި ބޭރުފުށުގެ ކަމެއް ކަމަށް ބާރު އެޅޭއެޅުމުގެ ސަބަބުން، ދީނުގެ ބޭނުންތެރިކަމާ މެދު، އާންމުންގެ ހިތްތަކުގައި ސުއާލު އުފެދޭ ތަނެވެ. މީހުންގެ ދީންވެރިކަމާއި ތަގުވާވެރިކަން، އާޚިރަތުގަައި އޭނާއަށް ސަލާމަތާއި ނަޖާތު ލިބުން، މިކަންކަން ބިނާވަނީ، އޭނާ ލާ ހެދުމާއި އެ ހެދުމުގެ ކުލައާއި އޭނާގެ މޫނުމަތީގެ އިސްތަށީގެ ދިގުމިނާއި ބޯމިނުގެ މައްޗަށްކަން ދައްކުވައިދިނުމުގެ ސަބަބުންނެވެ. ހަރާމުގެ ދާއިރާއަކީ އަސްލު ދީނީ ތައުލީމާތުތަކުގައި ވަރަށް ވެސް ހަނި ދާއިރާއެއް ކަމުގައި ވިޔަސް، އެ ދާއިރާ ފުޅާކުރެވި، ކޮންމެ ކަމެއްހެން ހަރާންކުރެވި ސިކުނޑީގެ އިބްދާއީ، އުފެއްދުމުގެ، (ކްރިއޭޓީވް) މަސައްކަތްތަކަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. މީގެ ހިތި ނަތީޖާއަކީ މުސްލިމުން ވެސް، މިއަދު، އިސްލާމް ދީން ދޫކޮށްލާތަން ފެނުމެވެ.

މީގެ މާނައަކީ، ފަހަރެއްގައިވެސް، އިސްލާމް ދީނުގެ އަސްލު ތައުލީމާތުތަކުގައި ހެޔޮ އުނގަންނައިދިނުންތަކެއް ނެތް ވާހަކައެއް ނޫނެވެ. ޝައްކެއްނެތެވެ! އިންސާނާގެ ރޫހާނިއްޔަތު ކުރިއަރުވައި، މާތް އަޚުލާގެއްގެ ވެރި މީހަކަށް އޭނާ ހަދައި، އަދި، މިގޮތުގައި އޭނާގެ އިބްދާއީ ބާރުތައް (ކްރިއޭޓިވް ފޯސަސް) ބޭނުންކޮށް ފަރުދީ އާ އުފެއްދުންތައް އުފައްދައި، ހަމަހަމަކަމާއި އިންސާފުގެ މައްޗަށް ބިނާވާ ހަރުދަނާ މުޖުތަމައީ ނިޒާމެއް އުފެއްދުމުގެ އެކަށޭނަކަން އޮތް ހަމައެކަނި ދީނާކީ އިސްލާމް ދީނޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް، މުސްލިމުންގެ ތެރޭގައި އިސްލާމް ދީން ތަމްސީލުކުރަން ތިބި ގިނަ މީހުންގެ އަމަލަތަކުން ފެންނަނީ މިކަން ހަގީގަތަކަށް ހަދާލެވޭނީ ކިހިނެއްކަން ބުނެދިނުމެއް ނޫނެވެ. ނަމަވެސް، ކުރިން ވެސް ނަންގަތް ފަދައިން، އެމީހުންގެ ދުލުންނާއި ގަލުމުން، އަދި، އެމީހުންގެ އަމަލުތަކުން ވެސް، ފެންނަނީ، ހަމައެކަނި، ބޭރު ފުށުގެ ކަންކަމަށް އިސްކަންދީ، ބިރުދައްކައިގެން، ގަދަކަމުން، ދީނީ ކަންކަން ކުރުވަން އުޅުމުގެ މަންޒަރުތަކެވެ. މިފަދަ ގޮތަކަށް ދީނުގެ ކަންތައްތައް އާންމުންގެ ކުރިމައްޗަށް ހުށަހަޅާލުމުން، ދީނުގެ ބޭނުންތެރިކަން، ދީނުގެ އަސްލު ތައުލީމާތުތަކުގައި އެކަން އޮތް ކަމުގައި ވިޔަސް، ނެތިގެންދަނީއެވެ. އެހެންވެ، މުސްލިމުން، ޖަމާއީ ސިފައެއްގައި ވެސް، އިސްލާމް ދީން ދޫކޮށްލާތަން މިހާރު ފެންނަމުން ދަނީއެވެ.

މިކަން ހުއްޓުވައި، އިސްލާން ދީން ރައްކާކުރަން އަޅުގަނޑުމެން ބޭނުން ނަމަ، ދީނުގެ މި މައްސަލައާ މެދު ފުންކޮށް ވިސްނަން ޖެހެއެވެ. އިންސާނާ ގަބޫލުކުރާ ގަބޫލުކުރުންތަކަކީ ގާނޫނުތަކަކުން ރައްކާތެރިކުރެވޭނޭ ކަންކަމެއް ނޫނެވެ. ދީން ރައްކާތެރި ކުރެވޭނީ ދީނަކީ ބޭނުންތެރި އެއްޗެއްކަން އަޅުގަނޑުމެންގެ އަމަލުތަކުން ދައްކާލެވިގެންނެވެ. ދީނުގެ ޖައުހަރާއި ބޭރުފުށާ އެއްފަދަ ކުރުމާ ދުރުވެވިގެންނެވެ. ޣާޔަތާއި މަގުސަދު، މަންޒިލާއި އެ މަންޒިލަށް ވާސިލުވާން އޮންނަ ވަސީލަތް، ދަތުރުކުރަން އޮންނަ މަގު، އެއީ އެކައްޗަކަށް ހަދާލުމުން ދުރުވެގެންނެވެ. ހަރާމުގެ ދާއިރާ، ފުޅާ ނުކުރުމަށް ދީނުގައި އިރުޝާދު ދެވިފައި އޮތް އިރުވެސް، އެދާއިރާ ފުޅާކޮށް، އެކަމުގެ ސަބަބުން، އިންސާނީ އިބްދާއީ ބާރުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ހުރަސް އެޅުމާ ދުރުވެވިގެންނެވެ.

އާދެ، މި މައްސަލަތައް އިތުރަށް ތަފްސީލުކޮށްލަން ޖެހެއެވެ. މި ޚުތޫރަތްތެރި މައްސަލައާ މެދު، އިސްލާމް ދީން ހިމާޔަތްކުރުމުގެ މައްސަލައާ މެދު، ފުންކޮށް ވިސްނުމަށްޓަކައެވެ. މި މަސައްކަތް ނުކޮށްފި ނަމަ، އިހުގައި އަޅުގަނޑުމެންގެ ތެރޭގައި ބުދު ދީނުގެ ބޭނުންތެރިކަން ނެތިދިޔަ ފަދައިން، އާންމުންގެ ކުރިމަތީގައި އިސްލާމް ދީނުގެ ބޭނުންތެރިކަން ވެސް ނެތި، އިސްލާމް ދީން އަޅުގަނޑުމެންގެ ތެރެއިން އުވިގެން ދިޔުމުގެ ބިރު އެބަ އޮތެވެ. މިހާރު މި އޮތީ ބަރަކާތްތެރި ރޯދަމަހެވެ. އިސްލާމް ދީން އެ މައްސަރެއްގައި އުފަންވި މަހެވެ. މި މައްސަލައާ މެދު ފުންކޮށް ވިސްނައި ބަހުސްކުރުމަށް ވަރަށް ވެސް މުނާސިބު މައްސަރެކެވެ. އިރާދަކުރެއްވިއްޔާ، ރޯދަ މަހު، މިކަމުގެ ތަފްސީލީ ވާހަކަތަކެއް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. އިސްލާމީ ތަޖުދީދުގެ މައުޟޫއުގެ ދަށުންނެވެ.

މަތީގައި އެވަނީ އިސްލާމީ އުއްމަތުގެ ހާލަތު ރަމްޒުކޮށްދޭ ތަސްވީރެކެވެ. އިސްލާމީ މުޖުތަމައުތައް އަދުވެފައި އޮތީ ތަޅާ ފޮޅުމާއި ހަނގުރާމައިގެ މުޖުތަމައުތަކެއްގެ ގޮތުގައެވެ. މުގައްދަސު ތަންތަނުގެ މުގައްދަސުކަން ވެސް ކެނޑިފައެވެ. ސިޔާސީ ހަމަޖެހުމެއް ނެތެވެ. އިޖުތަމާއި ފޭރާން އޮތީ ވީދިފައެވެ. ތައުލީމީ މައިދާނުގައި އެންމެ ފުލުގައި އޮތީ އިސްލާމީ މުޖުތަމައުތަކެވެ. މިފަދަ ހާލަތެއްގައި ކަންތައް އޮތުމުން، އެއްބަޔަކު މިހުރިހާ ކަމެއް ގުޅުވާލަނީ އިސްލާމް ދީނާއެވެ. ދީނުގެ މީހުންނަށް މިކަންކަން ހައްލުކުރާނީ ކިހިނެއް ކަމުގެ، އެކަށޭނަ، މަގެއް އަދި ބުނެއެއް ނުދެވެއެވެ! އެހެންވެ، މީހުންގެ ހިތްތަކުން އިސްލާމް ދީން ފޮހެވި، ނެތިދަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ރާއްޖޭގަ ބުދުދީން އަލުން ފަށަން އިންޑިއާ މީހުން ބާރުއަޅާފާނެ. އޭގެ ކުރިން ހަވިއްތަތައް ނައްތާލާ މުޅިން ފުހެލަންޖެހޭ. ތަރިކައިގެ ނަމުގައި ބާތިލް ތަކެތި ހިމާޔަތެއް ނުކުރެވޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.