Support Us

މިސުރުގެ ޖާމިއުލް އަޒްހަރުގެ އިލްމީ ހަލަގާތައް ދައްކުވައިދޭ އަތު ކުރެހުމެއް. އިހުޒަމާނުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމާއި އުނގެނުމުގެ މަސައްކަތްތައް ކުރިއަށްގެންދެވުނީ މިފަދަ ހަލަގާ ތަކުގައި

ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަގެއް- 2

ދެން އައި ގަރުނުތަކުގައި ވެސް، ހުއްޓުމެއްނެތި، ކީރިތި ޤުރްއާނުގެ އާޔަތްތައް ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އަދި ކީރިތި ޤުރުއާނުގެ އާޔަތްތަކާ މެދު ތަފާތު ރޮނގުވަޅުތަކުން ބަލައި ބަހުސްތައް ކުރެވެމުންދިޔައެވެ. ބަހުގެ ޤަވާއިދާއި އަދި ބަހުގެ އަދަބިއްޔާތުގެ ރޮނގުވަޅުތަކުން ބަލައިގެންނެވެ. އައްޒަމަޚްޝަރީގެ (އަވަހާރަވީ 538ހ./1144މ. ގައި) 'އަލްކައްޝާފާއި' އަބޫ ހައްޔާނު އަލްޣަރްނާޠީގެ (އަވަހާރަވީ744ހ./1344މ.ގައި) 'އަލްބަހްރު އަލްމުޙީޠު' މި ދެ ތަފްސީރު ފޮތުން މިކަން ފެނިގެންދެއެވެ. ކީރިތި ޤުރުއާނުގައި އެކި ކަންކަމާބެހޭ ގޮތުން އައިސްފައިވާ ހުކުމްތައް ދެނެގަތުމުގެ މައްޗަށް ބުރަވެ، އެރޮނގުވަޅުން ބަލައިލެވިގެން ވެސް ތަފްސީރުތައް ލިޔެވުނެވެ. އަލްޤުރްތުބީގެ (އަވަހާރަވީ 671ހ./1273މ. ގައި) އަލްޖާމިއު ހިމެނިފައިވަނީ މިގޮތުން ލިޔެވިފައިވާ އެންމެ މަޝްހޫރު އެއް ތަފްސީރު ފޮތްކަމުގައެވެ. އިލްމީ އަދި ފަލްސަފީ ރޮނގުވަޅަކުން ބެލެވިގެންވެސް ތަފްސީރުތައް ލިޔެވުނެވެ. މިގޮތުން ލިޔެވުނު އެންމެ މަޝްހޫރު ތަފްސީރެއް ކަމުގައި ހިމެނިފައި އޮތީ ފަޚްރުއްދީން އައްރާޒީގެ (އަވަހާރަވީ 605ހ./1209މ.ގައި) 'މަފާތީހު އަލްޣައިބް’، ނުވަތަ، މަޝްހޫރު ނަމުން ނަމަ، 'އައްތަފްސީރު އަލްކަބީރު’، އާދެ، 'ބޮޑު ތަފްސީރު' މިފޮތެވެ. އައްރާޒީ ދެކިލެއްވި ގޮތުގައި، ކަމެއްގެ ހަގީގަތް ހޯދަން މަސައްކަތްކުރާ މީހަކަށް، ހަގީގަތާ ހަމައަށް ވާސިލުވެވޭނީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދިއާއި ސިކުނޑީގެ އަލީގައެވެ. އޭނާގެ ކިބައިގައިވާ އުނގެނުމާއި ވިސްނުމާއި އަދި ފިކުރުކުރުމުގެ ބާރާއި ގާބިލިއްޔަތު ބޭނުންކޮށްގެންނެވެ. އަދި، އެއަށްފަހު، ކިޔާ، އިވޭ، އެއްޗެއް ފަހުމުކޮށް، އެއާ މެދު ބިނާކުރަނިވި ފާޑުގެ ނަޒަރުން ބަލައި، އޭނާގެ އަމިއްލަ ޚިޔާލާއި ރައުޔު ފާޅުކޮށް ކަންކަމާ ދޭތެރޭ ގޮތް ކިޔައިގެންނެވެ. އޭނާގެ ތަފްސީރު ބިނާކުރެވިފައިވަނީ މި އުސޫލުގެ މައްޗަށެވެ. އަދި އެ ދުވަސްވަރުގެ ބައެއް އިލްމީ ވާހަކަތައް ވެސް، އާޔަތްތަކުގެ މާނަ ބަޔާންކޮށްދިނުމުގައި އޭނާގެ ތަފްސީރުގައި ގެނެވި، ހިމެނިފައި ވެއެވެ. އޭނާގެ ތަފްސީރު ފޮތް ބެލެވިފައިވަނީ، އަމިއްލަ ރައުޔާއި އިޖުތިހާދު ބޭނުންކޮށްގެން ލިޔެވުނު ތަފްސީރުތަކުގެ ތެރެއިން، އެންމެ މަގުބޫލު އެއް ތަފްސީރު ފޮތް ކަމުގައެވެ.

ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް މިޒަމާނުގައި ވެސް މުސްލިމުންގެ މެދުގައްޔާއި (އަދި ޣައިރު މުސްލިމުންގެ މެދުގައި ވެސް) ކުރެވެމުންދިޔައެވެ. މިމަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މި ޒަމާނުގައި ލިޔެވުނު އަދި މުސްލިމުންގެ މެދުގައި މަގްބޫލުކަން ލިބިފައިވާ ތަފްސީރުތަކުގެ ތެރެއިން އެއް ތަފްސީރެއްގެ ވާހަކައެވެ. ސައްޔިދު ޤުޠްބުގެ (އަވަހާރަވީ 1385ހ./1966މ. ގައި) ޡިލާލުގެ ވާހަކައެވެ. މިތަފްސީރުގެ ވާހަކަ ނަންގަނެލަން ބޭނުންވަނީ އެ ތަފްސީރު ލިޔުން ބިނާކުރެވިފައިވާ މަންހަޖާއި (މެތޮޑޮލޮޖީއާއި) ގުޅޭ މުހިއްމު ނުކުތާއެއް ފާހަގަކޮށްލުމުގެ ބޭނުމުގައެވެ. އިހުގެ ތަފްސީރުތަކާއި އަދި ފަހުގެ ތަފްސީރުތަކަށް ވެސް ބަލާލާއިރު، އާއްމު ގޮތެއްގައި ފެންނަނީ، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އާޔަތްތަކަށް ވަކި ވަކީން ބަލާލެވިގެން އެއާޔަތްތަކުގެ މާނަ ބަޔާން ކޮށްދެވިފައިވާ ތަނެވެ. ސައްޔިދު ޤުޠްބުގެ ޡިލާލަށް ބަލާލާއިރު، ފެންނަނީ ސޫރަތްތަކުގެ އާޔަތްތައް، އެއާޔަތްތަކުގެ މައިގަނޑު މައުޟޫއުގެ މައްޗަށް ރިއާޔަތްކޮށް، ބަހާލެވިފައިވާ ތަނެވެ. އެއަށްފަހު، އާޔަތްތަކުގެ މާނަ އެ އާޔަތްތަކާ ބެހޭ މައުޟޫއާ ގުޅުވައިގެން ބަޔާން ކުރެވިފައިވާ ތަނެވެ. މި ގޮތުން ބަލާއިރު، ސައްޔިދު ޤުޠްބުގެ ޡިލާލަކީ މައުޟޫޢީ ތަފްސީރެއްގެ ގޮތުގައި ކަނޑައަޅާލެވިދާނެއެވެ. ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމަށް، އެހެން ތަފްސީރުތައް ފަދައިން، މައުޟޫޢީ ތަފްސީރުގެ އެހީތެރިކަން ވެސް ވަރަށް މުހިއްމެވެ. ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި ގިނަފަހަރު ތަފާތު އެތައް ވާހަކަތައް ހިމެނެއެވެ. އެކިއެކި ކަންކަމާ ބެހޭ ހުކުމްތަކެވެ. އިއުތިގާދީ ވާހަކަތަކެވެ. ތާރީޚީ ވާހަކަތަކެވެ. މިތަފާތު ވާހަކަތައް އެއް ސޫރަތެއްގައި ހިމެނިފައިވަނީ ކީއްވެގެން ކަމާއި އެވާހަކަތަކާ ގުޅޭ މައިގަނޑު މައުޟޫއަކީ ކޮބައިކަން، މައުޟޫއީ ތަފްސީރުތަކުން ސާފުވެގެންދެއެވެ. އަދި، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ އާޔަތްތަކަކީ އެއްއާޔަތާއި އަނެއް އާޔަތް ގުޅި ލާމެހިފައިވާ ވަހުދާއެއްކަން، ޔުނިޓެއްކަން، ވެސް މައުޟޫއީ ތަފްސީރުތަކުން އެނގިގެންދެއެވެ.

ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމަށް، އިހާއި އަދި މިހާރުގެ މަސައްކަތްތަކަށް ކުރުގޮތަކަށް ނަމަވެސް އަލިއަޅުވާލުމުގެ ބޭނުމަކީ، އެފޮތަކީ، ކުރިންވެސް ނަންގެން ފަދައިން، ވިސްނައި ފަހުމްކޮށް ދެނެގަތުމަށް އޮތް ފޮތެއްކަން ފާހަގަކޮށްލުމަށްޓަކައެވެ. އަދި، ކީރިތި ޤުރުއާނަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަސައްކަތްކުރުމަށް ހިތްވަރު ދިނުމަށްޓަކައެވެ. އަޅުގަނޑުގެ މިމުގައްދިމާ ނިންމާލަން ގަސްދުކުރަނީ ދިވެހިންގެ ތެރޭގައިވެސް ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި ކުރެވިފައިވާ މަސައްކަތާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލައިފައެވެ.

ދިވެހިންގެ ތެރޭގައި، ކީރިތި ޤުރުއާން ފަހުމުކޮށް ދެނެގަތުމުގެ މަސައްކަތުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ހިތަށް އަންނަނީ، ރަސްމީ ސިފައެއް ލިބިގެން، ދިވެހި ބަހުން ލިޔެވި ދިވެހިންގެ ތެރޭގައި އާއްމުވި، ތަރުޖަމާގެ ވާހަކައެވެ. އެއީ 1971ވަނަ އަހަރު ތަރުޖަމާކުރެވި، 1975ގައި ޝާއިއުކުރަން ފެށުނު ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ވާހަކައެވެ. އެތަރުޖަމާ ކުރެވުނީ އެދުވަސްވަރުގެ ދިވެހި ސަރުކާރުން ކަނޑައަޅާލެވުނު އިލްމީ ފަސް ބޭފުޅެއްގެ މައްޗަށް އެކުލަވާލެވުނު ކޮމިޓީއަކުންނެވެ. ފޮތެއްގެ ސިފައިގައި ލިޔެވި ޝާއިއުކުރެވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއް ނެތި، ރާއްޖޭގެ ކަންކޮޅުތަކަށް، މިތަރުޖަމާ، އިއްވެމުން ދިޔައެވެ. ޝައްކެއްނެތް ގޮތުގައި މި ތަރުޖަމާއިން ކީރިތި ޤުރްއާނުގެ މާނަ ކޮންމެވެސް މިންވަރަކަށް ނަމަވެސް ދިވެހިންނަށް އެނގި ސާފުވުމުގެ މަގުފަހިވިއެވެ.

މަލިންގޭ ހުސައިންދީދީގެ ތަރުޖަމާއާއި ތަފްސީރު 1958ގައި އަލަށް ޗާޕުކުރި ފޮތުގެ ބޭރުގަނޑު އޮތް ގޮތް (ކ) އަދި ފަހުން ނޮވެލްޓީން ކުރި މިފޮތުގެ ޗާޕުގެ ފުރަތަމަބައިގެ އެއްވަނަ ޖިލްދުގެ ބޭރުގަނޑު. މި ޗާޕުގެ ދެބައިގައި ސަތާރަ ޖިިލްދު ހިމެނޭ.

މީގެ އިތުރުން ބައެއް އަމިއްލަ ބޭބޭފުޅުން ވެސް ދިވެހި ބަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވައިފައިވެއެވެ. މިގޮތުން ދެ ތަފްސީރެއްގެ ވާހަކަ ނަންގަނެލާނަމެވެ. އެންމެ ފުރަތަމަ އައްޝައިޚު އަލްމަރްހޫމް މަލިންގޭ ހުސައިންދީދީ (އަވަހާރަވީ 1399ހ./1979މ.ގައި) ލިޔުއްވި 'ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު’ގެ ވާހަކައެވެ. މި ތަފްސީރަކީ، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހި ބަހުން ލިޔެވުނު ފުރަތަމަ ތަރުޖަމާއާއި ތަފްސީރެވެ. މިތަރުޖަމާއާއި ތަފްސީރު ފުރަތަމަ ޗާޕުކުރެވި ޝާއިއު ކުރެވުނީ އިންޑިޔާގައި 1378ހ./1958މ. ވަނަ އަހަރުއެވެ. މިއީ މިހާތަނަށް ދިވެހިބަހުން އެންމެ ތަފްސީލުކޮށް ލިޔެވި، ފެންނަން އޮތް ތަރުޖަމާއާއި ތަފްސީރެވެ. މި ތަފްސީރު ދެބައަކަށް ބެހިނގެންވެއެވެ. ފުރަތަމަ ބައިގައި އަލްފާތިހާ (އަލްހަމްދު) ސޫރަތުން ފެށިގެން އައްނަޙްލު ސޫރާތާއި (ސޯޅަވަނަ ސޫރަތާއި) ހަމައަށް ތަރުޖަމާ ލިޔެވިފައިވެއެވެ. މިބައިގައި، ބައެއް ތަންތަނުގައި ތައުލީގު ހިމެނިފައި ވިޔަސް، މައިގަނޑު ގޮތެއްގައި، ހުށަހަޅާލެވިފައިވަނީ މި ސޫރަތްތަކުގެ ތަރުޖަމާއެވެ. ނޮވެލްޓީއިން ކުރެވުނު ޗާޕުގެ މިބައިގައި، ހަތަރު ޖިލްދު އެކުލެވިގެން ވެއެވެ. ދެވަނަ ބައިގައި އަލްއިސްރާއު ސޫރަތުން (ސަތާރަ ވަނަ ސޫރަތުން) ފެށިގެން އައްނާސު ސޫރަތާ (ސަތޭކަ ސާދަވަނަ ސޫރަތާއި) ހަމައަށް ތަރުޖަމާއާއި ތަފްސީރު ލިޔެވިފައިވެއެވެ. ނޮވެލްޓީއިން ޗާޕުކުރެވުނު މިބައިގައި ތޭރަ ޖިލްދު ހިމެނެއެވެ. އާދެ، މިފޮތް ކަރުދާހުގައި ލިޔެވި ޝާއިއުކޮށް އާއްމުންނަށް ލިބެން މިހާރު އެބައޮތެވެ. އަދި ހަމަ އެހެންމެ އިންޓަރނެޓް މެދުވެރިކޮށް ވެސް މިފޮތް ބަލައިލުމުގެ ފުރުސަތު އެބައޮތެވެ.

ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ ޅ. ހިންނަވަރު އައްޝައިޚު އަލްމަރްހޫމު އަބޫބަކުރު އިބްރާހިމް އަލީ، 2006 ވަނަ އަހަރު، ލިއުއްވި ތަރުޖަމާއާއި ތަފްސީރުގެ ވާހަކައެވެ. އަދި މިހާތަނަށް ކަރުދާހުގައި ލިޔެވި ޝާއިއުކުރެވިފައި ނެތަސް، އިންޓަރނެޓްގައި އޭނާގެ ތަފްސީރާއި ތަރުޖަމާ ޝާއިއު ކުރެވިފައި އެބައޮތެވެ. މިއީ ސާދާ ދިވެހި ބަހުން އެންމެ އާންމު މީހާއަށް ވެސް ދޭހަވާނޭ ފަދައިން ލިޔުއްވާފައިވާ ތަރުޖަމާއަކާއި ތަފްސީރެއް ކަމުގައި މުސައްނިފު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވެސް، ޝައިޚު އަބްދުﷲ ފަހުމީ ދީދީއާއި ޝައިޚު މުހައްމަދު ޖަމީލު ދީދީއާއި ޝައިޚު އާދަމް ސައީދާއި އަދި މިނޫން ބޭބޭފުޅުން ވެސް، އަމިއްލަފުޅު ގޮތުން، ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވުމުގެ މަސައްކަތްކުރައްވައި، ބައެއް ސޫރަތްތަކުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވައި ޝާއިއުކުރެއްވިއެވެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވެސް ރަސްމީ ސިފައިގައްޔާއި އަދި އަމިއްލަ މީސްމީހުން ވެސް ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހެކި ދެންމެ މި އިޝާރަތްކޮށްލި ވާހަކަތަކުން ލިބެއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރެވިފައިވެއެވެ. ޚާއްސަގޮތެއްގައި އައްޑުއަތޮޅުގައެވެ. ސ.ހިތަދޫ ޝައިޚު ހުސައިން ރަހާއާއި އޭނާގެ އިސްދަރިވަރުންގެ ތެރޭގައި ހިމެނުނު ޝައިޚު މޫސާ އަލްމުސްތަފާ އާއި ދެއިލްމުވެރިން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ލިޔުއްވި ކަމަށްވެއެވެ. އަދި، 70ގެ ކުރީކޮޅު ކީރިތި ޤުރުއާނުގެ ރަސްމީ ދިވެހި ތަރުޖަމާކުރުމުގެ މަސައްކަތް ފެށުނު އިރު، މި ތަރުޖަމާ ބެލެވުނު ކަމަށް ވެއެވެ. މިތަރުޖަމާގެ އިތުރުން ޖަލާލުއްދީން އަލްމަހައްލީއާއި (އަވަހާރަވީ 864ހ/1459މ.ގައި) އޭނާގެ ދަރިވަރު ޖަލާލުއްދީން އައްސުޔޫޠީގެ (އަވަހާރަވީ 911ހ./1505މ.ގައި) ތަފްސީރު ކަމުގައިވާ 'ތަފްސީރު އަލްޖަލާލައިން' ވެސް ހިތަދޫގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވުނު ކަމަށްވެއެވެ. މިއިން ފޮތެއް ބަލާލުމުގެ ނަސީބު އަޅުގަނޑަކަށް ލިބިފައެއް ނުވެއެވެ. އެހެން ކަމުގައި ވިޔަސް، މިއިން ވެސް، ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން މަސައްކަތްތަކެއް، ދިވެހިންގެ މެދުގައި، އިހުގައިވެސް، ކުރެވިފައިވާކަން އެނގިސާފުވެއެވެ.

ކީރިތި ޤުރްއާން ފަހުމްކޮށްގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަން، އެފޮތަށް ލޯބިކުރާ ކޮންމެ މީހަކުވެސް ދެކޭނޭ ކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. މާތްﷲގެ ކިބަފުޅުން، ތައުފީގުއަށް އެދި ދުއާކުރަމުން، 'ކީރިތ ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަގެއް’، މި ސިލްސިލާ ހުށަހަޅާލަނީ، ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތުގެ އާ އޮށެއް އިންދުމުގެ ގަސްދުގައެވެ. އެއޮށުގައި ކޯދުލައި އާނިރެއް ފަޅުވައިލެވޭތޯއެވެ. އަދި ކީރިތި ޤުރުއާން ދެނެގަނެ ފަހުމްކޮށް ގަތުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްލެވޭތޯއެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން އަތެއް ފޯރުކޮށް ދިނުމުގެ މަގުސަދުގައެވެ. ކިޔުންތެރިންގެ ކިބައިން އެދެނީ ފާޑުކިޔުމުގެ ނަޒަރަކުން ލިޔުންކިޔައި، ކުށެއްވާ ނަމަ، އެކަން ފާހަގަކޮށްލަދިނުމެވެ. އަދި އުފެދޭ ސުއާލުތަކާއި ލިޔުމުގައި ސާފުކޮށް ބުނެނުދެވި ހުރިކަންކަން ވެސް ފާހަގަކޮށްލަދިނުމެވެ. އެސުއާލުތަކުގެ ޖަވާބު ހޯދައި އަދި ސާފުނުވެ ހުރި ކަންކަން ސާފުކޮށްދެވޭތޯ މަސައްކަތް ކުރުމަށްޓަކައެވެ. ދެން އަންނަ ބައެއްގައި އަލްފާތިޙާ ސޫރަތުގެ، އާދެ، އަލްހަމްދު ސޫރަތުގެ، މާނައިގެ މައްޗަށް ބަލައިލަން ގަސްދުކުރަމުން، އަޅުގަނޑުގެ މުގައްދިމާ މި ހިސާބުން ނިންމާލަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އަލްހަމްދު ސޫރަތުގެ ތަފްސީރު މައްޗަށް ބަލައިލަން ގަސްދުކުރުން ރަނގަޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *