ޚަލީލު ބިން ޖުބްރާނަކީ އަރަބި ދަރިފަސްކޮޅަކުން އައި އެމެރިކާގެ ފަލްސަފާވެރި ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. އަދި ކުރެހުންތެެރިއެއް ވެސް މެއެވެ. އޭނާ މި ދުނިޔެ ދޫކުރީ އޭނާގެ އުމުރުން 48 އަހަރުގައި 1931 ވަަނަ އަހަރުގައި ނިޔު ޔޯކުގައެވެ. ނަމަވެސް އޭނާ ފަސްދާނުލީ، އޭނާގެ އެދުމުގެ މަތިން، އޭނާގެ އުފަން އަވަށުގައި ލުބްނާނުގައެވެ. އޭނާގެ ގިނަ ލިޔުންތައް ލިޔެފައިވަނީ އަރަބި ބަހުންނެވެ.
ތިރީގައި އެވަނީ ޚަލީލު ބިން ޖުބްރާނުގެ ހިކުމަތުގެ ބަގީޗާއިން ހޮވައި އެއްކޮލެވިފައިވާ ބާގާއެކެވެ.
- ތަންތަނަށް ދަތުރުކުރާށެވެ! ނަމަވެސް، އެކެއް ގާތު ވެސް އެވާހަކަ ނުދައްކާށެވެ! ލޯބީގެ ރީތި ވާހަކައެއް ފަދައިން ދިރިއުޅެ ހަޔާތް ވޭތުކުރާށެވެ! ނަމަވެސް އެކެއް ގާތު ވެސް އެވާހަކަ ނުކިޔާށެވެ! ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެމުންދާށެވެ! ނަމަވެސް، އެކެއް ގާތު ވެސް އެވާހަކަ ނުދައްކާށެވެ! އެހެނީ މީސްތަކުންގެ ތެރެއިން ގިނަ މީހުންނަކީ ރީތި އެއްޗެހި ހުތުރުކޮށްލައި ހަލާކުކޮށްލާ ބައެކެވެ.
- ކޮންމެވެސް ދުވަހަކުން އަހަރެން ކުރެން ކަލާ އަހާފާނެއެވެ؟ "ކަލާއަށް މުހިއްމީ އަހަރެންގެ ހަޔާތް ހެއްޔެވެ؟ ނޫނީ ކަލާގެ ހަޔާތް ހެއްޔެވެ؟" އެއްވެސް ޝައްކެއް ނެތް ގޮތުގައި އަހަރެން ބުނާނީ އަހަންނަށް މުހިއްމީ އަހަރެންގެ ހަޔާތް ކަމެވެ. ދެން ކަލާ ނުރުހި އެނބުރި ހިނގައިދާނެއެވެ. އަހަންނަށް، އަހަރެންގެ ހަޔާތަކީ ކަލާގެ ހަޔާތްކަން ނޭނގި ހުރެއެވެ.
- މީހަކު ދެކެ ކަލާއަށް ލޯބިވެވިއްޖެ ނަމަ، ކަލާ ދޫކޮށްލާފައި އެމީހަކު ދިޔަ ދޭށެވެ! އޭނާ އެނބުރި އައި ނަމަ، އަބަދުވެސް އޭނާއަކީ ހަމަ ކަލާގެ މީހެކެވެ. އޭނާ އެނބުރި ނައިނަމަ، ދުވަހެއްގައި ވެސް ކަލާގެ މީހެއް ކަމުގައި އޭނާ ނުވެއެވެ.
- ލޯތްބެއްގެ ހަގީގީ ފުންމިން، އެ ލޯތްބާ ވަކިވެ ދާންޖެހޭ ވަގުތު ޖެހެންދެން، ދުވަހެއްގައި ވެސް އެނގިފައިވޭ ހެއްޔެވެ؟
- އިނބަ ކުރާ މަސައްކަތެއް ކުރާ ހިތުން ލޯބިން ނުކޮށް، ނުރުހި ހުރެ ގަދަކަމުން ކުރަންޖެހޭ ނަމަ، ރަނގަޅު ގޮތަކީ އެ މަސައްކަތާ ދުރަށް ދިޔުމެވެ.
- ކަލާގެ ހިތަކީ އޭގައި އަލިފާން ރޯވެފައިވާ އަލިފާން ފަރުބަދައަކަށްވާއިރު، އެ ފަދަ ހިތެއްގައި މާމެލާމެއްޔަށް ފޮޅެން އެދެވޭނީ ކިހިނެއް ހެއްޔެވެ؟
- އިއްޔެ އަހަރުމެން އިސްޖަހައި ކުރުނީސްކޮށް ކިޔަމަންތެރިކަން އަދާކުރީ ރަސްރަސްކަލުންނަށެވެ. ނަމަވެސް، މިއަދު އަހަރުމެން އިސްޖަހައި ކުޑަކަކޫ ޖަހަނީ ހައްގުގެ ކުރިމަތީގައެވެ. ތަބާވަނީ ރީތިކަމުގެ ގޮތްތަކަށެވެ. ކިޔަމަންތެރިވަނީ ލޯބީގެ ކުރިމަތީގައެވެ.
- ލޯތްބާ ނުލައި ވޭތުކޮށްލަން ޖެހޭ ހަޔާތަކީ އޭގައި މާމެލާމެލި ނާޅާ ނުވަތަ މޭވާ ނުގަންނަ ގަހެއް ފަދަ އެއްޗެކެވެ.
- އިއްޔެއަކީ މިއަދުގެ ހަނދާނެކެވެ. މާދަމާއަކީ މިއަދުގެ ހުވަފެނެވެ.
- އިނބަގެ ރަހުމަތްތެރިއަކީ އެ ދަނޑެއްގައި ލޯތްބާއެކު އިނބަ ގޮވާންކޮށް، ޝުކުރުވެރިކަމާއެކު އެ ދަނޑު ކަނޑާ ދަނޑެވެ.
- ކަލާއަށް ލޯބިވެވިއްޖެ ނަމަ، އެ ލޯބީގެ މަގު އިނބައަށް ކަނޑައަޅާލެވިދާނޭ ކަމަށް ހީނުކުރާށެވެ. ކަލާއަށް އެ ލޯބި ހައްގު ނަމަ، ކަލާއަށްޓަކައި އެ ލޯބީ އޭގެ މަގު ކަނޑައަޅައިދޭނެއެވެ.
- މޫސުމުގެ އެހީއަކާ ނުލައި ހެދި ފޮޅޭ ހަމައެކަނި މަލަކީ ލޯބީގެ މަލެވެ.
- ލޯބި، އެ ހަގީގަތަކަށް ހަދާލުން ފިޔަވައި، އޭގެ އެހެން އެއްވެސް ބޭނުމެއް ނޯވެއެވެ.
- ރުއިން އެކުނުލެވޭ ހިކުމަތުންނާއި ހިނިތުންވުން މެދުވެރި ނުކުރުވާ ފަލްސަފާތަކުންނާއި ކުޑަކުދިންގެ ކުރިމަތީގައި ބޯލަނބަން ނުޖެހޭ މަތިވެރިކަމުން އަހަރެން ދުރަށްލާށެވެ!
- ކަލޭމެންގެ ކުދިންނަކީ ކަލޭމެންގެ މިލްކުވެރި ބައެއް ނޫނެވެ. އެ ކުދިންނަކީ ހަޔާތަކަށް އެދިއެދި ތިބި އާ ހަޔާތެއް ލިބިފައި އޮތް އެ ހަޔާތުގެ ދަރިންނެވެ. އެކުދިން އުފަންވީ ކަލޭމެން މެދުވެރިކޮށް ކަމުގައި ވިޔަސް، އެ ކުދިންނަކީ ކަލޭމެންގެ ކޮޕީއެއް ނޫނެވެ. އަދި، މިވަގުތު އެކުދިން ތިބީ ކަލޭމެންނާއެކުގައި ވިޔަސް، އެ ކުދިންނަކީ ކަލޭމެންގެ އަމިއްލަ މިލްކެއް ނޫނެވެ.
- ކަލޭމެންނަކީ ދިރިތިބި ދުނިތަކެއްހެން އެއިން ކަލޭމެންގެ ދަރިން ފޮނުވާލެވޭ ދުނިދަނޑިތަކެކެވެ.
- ކަލޭ ވާހަކަ ދައްކަން ފަށަނީ ކަލޭގެ ފިކުރާ ޚިޔާލާތުތަކާ ކަލެއާ ދެމެދު ސުލްހަވެރި ނުވެވުމުންނެވެ.
- ވަރުގަދަ ނަފްސުތައް އުފެދެނީ ވޭނާއި ހިތާމަތައް ތަހައްމުލުކޮށް ބަރުދާސްތުކުރުމުގެ ތެރެއިންނެވެ. ވަރުގަދަ ޝަޚުސިއްޔަތުތައް އުފަންކޮށް، ބޮޑުކުރެވެނީ ޒަޚަމްތަކާއި ފާރުތަކުގެ ލައްތައްޖެހި ދިޔުމަށް ފަހުއެވެ.
- ހަގީގީ ރީތިކަމަކީ މޫނުމައްޗާ ގުޅިފައި އޮންނަ ކަމެއް ނޫނެވެ. ހަގީގީ ރީތިކަމަކީ ހިތުގައި ދިއްލިފައި ހުންނަ ބައްތިއެއްގެ އަލީގައި (ހިތުގެ ތެރެއިން ފެންނަ ކަމެކެވެ.)
- ހަނުހުންނަން އަހަރެން ދަސްކުރީ އަޑުގަދަކޮށް އަބަދު ވާހަކަދައްކާ މީހުންގެ ކިބައިންނެވެ. ކަންކަން ތަހައްމުލުކުރަށް ދަސްކުރީ ކަންކަން ތަހައްމުލު ނުކުރާ މީހުންގެ ކިބައިންނެވެ. ހެޔޮވެ، އޯގާތެރިވާން ދަސްކުރީ ހިތްހަރު މީހުންނާ އަޅާނުލާ މީހުންގެ ކިބައިންނެވެ. ނަމަވެސް، އަޖައިބަކީ އަހަރެންގެ މި އެދުރުންނަށް އަހަރެން ޝުކުރުވެރި ނުވާކަމެވެ.
- ހެޔޮކަމާއި މަޑުމައިތިރިކަމާއެކު މުއާމަލާތްކުރުމަކީ ބަލިކަށިކަމާއި އެއްވެސް ގޮތެއްނެތް ކަމުގެ އަލާމާތެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެއީ ބާރާއި ގޮތް ކަނޑައަޅައި ނިންމުމުގެ އެކަށޭނަކަން ހުރިކަން ދައްކުވައިދޭ ކަންކަމެވެ.
- އަހަރުމެން އެންމެންނަކީ ވެސް ހަނދުފަދަ އަލިކަން ލިބިގެންވީ ބައެކެވެ. ނަމަވެސް ހަނދުފަދައިން އަހަރުމެންގެ ވެސް އަނދިރި ފަރާތެއް ވެއެވެ.
- އެންމެ މިނެއްޓެއްގެ ހިނދުކޮޅަކުން ވެސް މީހަކަށް ހިތްކިޔާފާނެއެވެ. އަދި، ގަޑިއެއްހާ އިރުތެރޭގައި މީހަކާ ގަޔާވެ، ހިތާވެވިދާނެއެވެ. އަދި ދުވަހެއްހާ މުއްދަތެއްގެ ތެރޭގައި ލޯބިވެވިވެސް ދާނެއެވެ. ނަމަވެސް، މީހެއްގެ މަތިން ހަނދާން ނައްތާލަން ހަޔާތެއްގެ ދިގު މުއްދަތެއް ބޭނުން ވެއެވެ.
- އިނބަގެ ހުރިހާ މުދަލެއް ދިނުމުން ވެސް އެ ދެވެނީ ވަރަށް ވެސް ކުޑަ މިންވަރެކެވެ. ނަމަވެސް، އިނބަގެ ނަފްސުގެ އެދުންތައް ދޫކޮށްލެވިއްޖެ ނަމަ، ހަގީގަތުގައި ވެސް، އޭރުން އެއްޗެއް ދެވުނީ ކަމުގައި ބެލެވިދާނެއެވެ.
- ދީލަތިވުމަކީ ދެވެން އޮންނަ ވަރަށް ވުރެ ވެސް އިތުރަށް ދިނުމެވެ. އަބުރުވެރިވުމަކީ ބޭނުންވާ ވަރަށް ވުރެ މަދުން ލިބިގަތުމެވެ.
- އެހެން މީހުން ދެރަކޮށްލެވޭނީ އިނބއަކީ ދެރަ މީހަކަށް ވެގެންނެވެ.
- އެކަންކަން ތަޖުރިބާކުރުމުގެ މާކުރިން، އަހަރުމެންގެ އުފާތަކާއި ހިތާމަތައް އަހަރުމެން ހޮވައި ނަގަމެވެ.
- ހިތާމަތަކުގެ ތެރެއަށް ގެނބުމުންނާއި ދަތިތަކާ ކުރިމަތިވުމުން، އަހަރުމެން ދުއާކޮށް ހަދަމުއެވެ. ހަމަ އެފަދައިން، އަހަރުމެންގެ އަތްމަތި ތަނަވެސްވެ، އުފާވެރިކަން ލިބޭ ވަގުތުތަކުގައި ވެސް ދުއާކޮށް އަހަރުމެންނަށް ޝުކުރުވެރިވެވޭ ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟
- ކުރެވޭ ކިތަންމެ ކުޑަ ހެޔޮ ކަމެއްގެ އަގު ވެސް، ކުރަން ގަސްދުކުރާ ކިތަންމެ ބޮޑު ހެޔޮ ކަމެއްގެ އަގަށް ވުރެވެސް ބޮޑެވެ.
- އެމީހަކާ އެކު ހުނުނު މީހާގެ މަތިން އިނބަ ހަނދާން ނެތިދާނެއެވެ. ނަމަވެސް، އެމީހަކާއެކު ގިސްލާ ރުއި މީހާ މަތިން ދުވަހެއްގައިވެސް އިނބަ ހަނދާންނެއް ނުނެތޭނެއެވެ.
- ތިމާ ހިތުގައި ކުރަހާލެވިފައިވާ ހުވަފެންތަކަށް ފުރިހަމައަށް އިތުބާރު ކުރާށެވެ. އެހެނީ ދިގު ދެމިގެންދާނޭ އުފަލުގެ ފޮރުވިފައިވާ ދޮރޯއްޓާ ހަަމައަށް ގެންގޮސްދެނީ އެ ހުވަފެންތަކެވެ.
